Roadha Mihaaru
ރޭހަށް ހޫނު ތަރުހީބެއް، 3000 ޖާގަ ފުރިއްޖެ!

ދިރާގު ރޯޑް ރޭހަށް ހޫނު ތަރުހީބެއް، 3000 ޖާގަ ފުރިއްޖެ!

01 ނޮވެމްބަރ 2016

ރާއްޖޭގައި ބާއްވާ ދުވުމުގެ އެންމެ ބޮޑު ހަރަކާތް ކަމަށްވާ ދިރާގު މޯލްޑިވްސް ރޯޑް ރޭހަށް ބޮޑު ތަރުހީބެއް ލިބި، ބައިވެރިވުމުގެ މުއްދަތު ހަމަވުމުގެ ކުރިން 3000 ޖާގަ ފުރިއްޖެ އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

ރާއްޖޭގައި ބާއްވާ ދުވުމުގެ އެންމެ ބޮޑު ހަރަކާތް ކަމަށްވާ ދިރާގު މޯލްޑިވްސް ރޯޑް ރޭހަށް ބޮޑު ތަރުހީބެއް ލިބި، ބައިވެރިވުމުގެ މުއްދަތު ހަމަވުމުގެ ކުރިން 3000 ޖާގަ ފުރިއްޖެ އެވެ.

މިރޭގެ 23:59 ގެ ނިޔަލަށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައި އޮތް ނަމަވެސް ދިރާގުން ކަނޑައަޅާފައިވާ 3000 ޖާގަ ހަމަވުމާ އެކު އެ ކުންފުނިން ވަނީ މިއަދު މެންދުރު ބައިވެރިވުމުގެ ފުރުސަތު ބަންދުކޮށްފަ އެވެ. އެކަމަކު ޖާގަތަކެއް ހުސްވެއްޖެ ނަމަ އަންގާރަ ދުވަހު އަލުން ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށް ދިރާގުން ބުނެ އެވެ.

ދިގު ރާސްތާ ދުވުމަކަށް ރާއްޖޭގައި އޮތް އެންމެ ހިތްގައިމު އެއް މާހައުލު ކަމަށްވާ ހުޅުމާލޭގައި މިމަހު 11 ވަނަ ދުވަހު ބާއްވާ މި ރޭހަށް ލިބުނު ތަރުހީބާ މެދު ދިރާގުން ވަރަށް ބޮޑަށް ހިތްހަމަޖެހެ އެވެ.

ރޭހުގެ ބައިވެރިންނަށް ބިބާއި ޓީޝާޓް ދޫކުރުން އޮންނާނީ އަންނަ ހޮނިހިރު، އާދީއްތަ އަދި ހޯމަ ދުވަހު ދިރާގުގެ ހެޑް އޮފީހުގަ އެވެ. ބިބް ދޫކުރާ ގަޑި އާއި އެކަމާ ގުޅޭ އިތުރު މައުލޫމާތު، ރޭހުގެ އޮންލައިން މީޑިއާ ޕާޓްނަރު "މިހާރު" މެދުވެރިކޮށް ދިރާގުން ފޯރުކޮށްދޭނެ އެވެ.

ރާއްޖޭގެ އެންމެ ބޮޑު މުވާސަލާތީ ކުންފުނި ދިރާގުން ވަނީ ރޭހަށް ހާއްސަ މޯބައިލް ފޯން އެޕްލިކޭޝަނެއް ތައާރަފްކޮށްފަ އެވެ. މި އެޕްލިކޭޝަނުގެ އެންމެ ހާއްސަ ފީޗާއަކީ ލައިވް ޓްރެކިން އެވެ. އެގޮތުން ބައިވެރިން ދުވަމުން ދާ ރާސްތާ އާއި ޓައިމިން ވަގުތުން ބަލައިލެވޭ އިރު ރޭހުގެ ކުރީގައި އުޅޭ ދުވުންތެރިންގެ ތަފްސީލް ވެސް ބަލައިލެވޭނެ އެވެ. ދުވުންތެރިންގެ ބިބުގައި ހަރުކުރާ އިލެކްޓްރޯނިކް ޗިޕެއް މެދުވެރިކޮށް ޓައިމިން ބަލާއިރު މިއީ ރާއްޖޭގައި ބާއްވާ ރޭހެއްގައި ލައިވް ޓްރެކިން ފީޗާ ހިމެނޭ ފުރަތަމަ ފަހަރެވެ.

ޕްރޮފެޝަނަލް ދުވުންތެރިންގެ އިތުރުން ކަސްރަތަށް ދުވާ ފަރާތްތައް ވެސް ބައިވެރިވާ މި ރޭހުގައި ހިމެނޭ މައިގަނޑު ދެ ކެޓަގަރީ އަކީ ފަސް ކިލޯ މީޓަރު ރޭހާއި 10 ކިލޯ މީޓަރު ރޭހެވެ.

ކޮންމެ ކެޓަގަރީއަކުން ވެސް އޯޕަން ބަޔާއި 45 އަހަރުން މަތީގެ ބަޔާއި ސްކޫލް ކުދިންގެ ބައި ވެސް ހިމެނެ އެވެ. ނަމަވެސް ދެ ކަޓަގަރީގައި ވެސް ވަނީ ސްކޫލު ކުދިން ބައިވެރިކުރުމުގައި އުމުރުފުރާ ކަނޑައަޅައިފަ އެވެ. ފަސް ކިލޯމީޓަރުގެ ބައިގައި ބައިވެރިވެވޭނީ މި އަހަރުގެ ޖެނުއަރީ 1 ވަނަ ދުވަހަށް ހަތް އަހަރު ފުރިފައިވާ ކުދިންނަށެވެ. އަދި ދިހަ ކިލޯމީޓަރުގެ ބައިގައި ބައިވެރިވެވޭނީ މި އަހަރުގެ ޖެނުއަރީ 1 ވަނަ ދުވަހަށް 16 އަހަރު ފުރިފައިވާ ކުދިންނަށެވެ.

ކުރިން މާލޭގައި ބާއްވަމުން އައި ރޭސް ހުޅުމާލެ އަށް ބަދަލުކުރީ މާލޭގެ މަގުތައް މިހާރު އޮތް ގޮތުން އެވަރުގެ ރޭހެއް ކުރިއަށް ގެންދަން އުނދަގޫވާނެތީ، އެ ހުއްދަ ދިރާގަށް ނުލިބުމުންނެވެ. ދިރާގުން ބުނީ މި ފަހަރުގެ ރޭސް ކުރިއަށްގެންދަނީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ވަރަށް ބޮޑު އެއްބާރުލުމަކާ އެކުގައި ކަމަށެވެ.

ދިރާގުން އެންމެ ފުރަތަމަ މިރޭސް 2006 ގައި ފެށީ ދިރާގު ބްރޯޑް ބޭންޑް ރޯޑް ރޭސްގެ ނަމުގަ އެވެ. ދިރާގު މޯލްޑިވްސް ރޯޑް ރޭސްގެ ނަމަށް ބަދަލުކުރުމުގެ އިތުރުން މިހާރު މިއީ ރާއްޖޭގައި ބާއްވާ ބައިނަލްއަގުވާމީ ދުވުމުގެ ރޭހެއް ވެސް މެ އެވެ. ރޭސް ބޭއްވުމުގެ ކުރިން ދުވާ ސަރަހައްދުގެ މިން އަޅަނީ ވެސް ބައިނަލްއަގުވާމީ ސެޓްފިކެޓް އޮންނަ ތަޖުރިބާކާރުންނެވެ.