Roadha Mihaaru
ދިރާގު ރޯޑް ރޭސް ނޮވެމްބަރު 11 ގައި

ދިރާގު ރޯޑް ރޭސް ނޮވެމްބަރު 11 ގައި

13 އޮކްޓޯބަރ 2016

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ދުވުމުގެ ރޭސް ކަމަށްވާ ދިރާގު މޯލްޑިވްސް ރޯޑް ރޭސް ނޮވެމްބަރު 11 ގައި ހުޅުމާލޭގައި ބާއްވާ ގޮތަށް އެ ކުންފުނިން ހަމަޖައްސައިފި އެވެ.

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ދުވުމުގެ ރޭސް ކަމަށްވާ ދިރާގު މޯލްޑިވްސް ރޯޑް ރޭސް ނޮވެމްބަރު 11 ގައި ހުޅުމާލޭގައި ބާއްވާ ގޮތަށް އެ ކުންފުނިން ހަމަޖައްސައިފި އެވެ.

ބައިވެރިވާން އެދޭ ފަރާތްތަކަށް އޮންލައިން މެދުވެރިކޮށް ފޯމް ހުށަހެޅުމުގެ ފުރުމުގެ ފުރުސަތު ވެސް ދިރާގުން މިހާރު ވަނީ ހުޅުވާލައިފަ އެވެ. ބައިވެރިވުމުގެ ފުރުސަތު އޮންނާނީ ނޮވެމްބަރު 1 ވަނަ ދުވަހުގެ ނިޔަލަށެވެ.

Registration Form | Dhiraagu Maldives Road Race

ރޭހުގައި ބައިވެރިވާން ފޯމް ހުށަހަޅާ ލިންކް

ކުރިން މާލޭގައި ބާއްވަމުން އައި ރޭސް ހުޅުމާލެ އަށް ބަދަލުކުރީ މާލޭގެ މަގުތައް މިހާރު އޮތް ގޮތުން އެވަރުގެ ރޭހެއް ކުރިއަށް ގެންދަން އުނދަގޫވާނެތީ، އެ ހުއްދަ ދިރާގަށް ނުލިބުމުންނެވެ. ދިރާގުން ބުނީ މި ފަހަރުގެ ރޭސް ކުރިއަށްގެންދަނީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ވަރަށް ބޮޑު އެއްބާރުލުމަކާ އެކުގައި ކަމަށެވެ.

"އަޅުގަނޑުމެން ކޮންމެ އަހަރަކު ގޮތަށް ކުރިއަށްގެންދާ މި ހަރަކާތް މި ފަހަރު ހުޅުމާލޭގައި ބޭއްވޭއިރު އެޗްޑީސީގެ ވަރަށް ބޮޑު ބައިވެރިވުމެއް މިކަމުގައި އެބައޮތް. މިއީ މި ހަރަކާތް ބޭއްވޭ 10 ވަނަ އަހަރު. މުޅިން އަލަށް ހުޅުމާލޭގައި މި ބޭއްވެނީ. މި ވެސް މި ފަހަރުގެ ރޭސް ހާއްސަވާ ސަބަބެއް،" މިއަދު ދިރާގު ހެޑް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދިރާގުގެ މާކެޓިން ކޮމިއުނިކޭޝަން އެންޑް ޕީއާރް މެނޭޖަރު މުހައްމަދު މިރްޝާން ހަސަން ވިދާޅުވި އެވެ.

އެޗްޑީސީން ބުނީ ރާއްޖޭގައި ބޭއްވޭ ބޮޑު އިވެންޓުތައް ފަހަކަށް އައިސް ހުޅުމާލޭގައި ބާއްވަމުން އަންނަ ކަމަށާއި ދިރާގު ރޯޑް ރޭސް ހުޅުމާލޭގައި ބޭއްވުމަކީ ލިބޭ ފަހުރެއްގެ ގޮތުގައި ދެކޭ ކަމަށެވެ.

މި އަހަރުގެ ރޭހުގައި ބައިވެރިވާ ޖަމިއްޔާތަކަށް ޖުލައި މަހު ދިރާގުން ވަނީ ހުޅުވާލައިފަ އެވެ. އެކަމަކު ރޭސް ބާއްވާނެ ތާރީހެއް އޭރު ވެސް އިއުލާނެއް ނުކުރެ އެވެ.

ރޭހުގައި ދުވާ ދުވުންތެރިންނަށް ދިރާގުން ކަނޑައަޅާ ޖަމިއްޔާތަކުގެ ނަމުގައި ބައިވެރިވެވޭނެ އެވެ. ރޭހުގައި މި ފަހަރު ވެސް ބައިވެރިވެވޭނީ 3000 މީހުންނަށް ކަމަށް ދިރާގުން ވަނީ ބުނެފަ އެވެ.

ދިރާގު ރޯޑް ރޭސް މި ފަހަރު ވެސް އޮންނާނީ ދެ ކެޓަގަރީ އަކަަށެވެ. އެއީ ފަސް ކިލޯމީޓަރުގެ ބަޔާއި ދިހަ ކިލޯމީޓަރުގެ ބަޔެވެ. ކޮންމެ ކެޓަގަރީ އަކުން ވެސް އޯޕަން ބަޔާއި 45 އަހަރުން މަތީގެ ބަޔާއި ސްކޫލް ކުދިންގެ ބައި ވެސް ހިމެނެ އެވެ. އެހެން ނަމަވެސް ދެ ކަޓަގަރީގައި ވެސް ވަނީ ސްކޫލު ކުދިން ބައިވެރިކުރުމުގައި އުމުރުފުރާ ކަނޑައަޅައިފަ އެވެ. ފަސް ކިލޯމީޓަރުގެ ބައިގައި ބައިވެރިވެވޭނީ މި އަހަރުގެ ޖެނުއަރީ މަހުގެ 1 ވަނަ ދުވަހަށް ހަތް އަހަރު ފުރިފައިވާ ކުދިންނަށެވެ. އަދި ދިހަ ކިލޯމީޓަރުގެ ބައިގައި ބައިވެރިވެވޭނީ މި އަހަރުގެ ޖެނުއަރީ 1 ވަނަ ދުވަހަށް 16 އަހަރު ފުރިފައިވާ ކުދިންނަށެވެ.

ދިރާގުން އެންމެ ފުރަތަމަ މިރޭސް 2006 ގައި ފެށީ ދިރާގު ބްރޯޑް ބޭންޑް ރޯޑް ރޭސްގެ ނަމުގަ އެވެ. ދިރާގު މޯލްޑިވްސް ރޯޑް ރޭސްގެ ނަމަށް ބަދަލުކުރުމުގެ އިތުރުން މިހާރު މިއީ ރާއްޖޭގައި ބާއްވާ ބައިނަލްއަގުވާމީ ދުވުމުގެ ރޭހެއް ވެސް މެ އެވެ. ރޭސް ބޭއްވުމުގެ ކުރިން ދުވާ ސަރަހައްދުގެ މިން އަޅަނީ ވެސް ބައިނަލްއަގުވާމީ ސެޓްފިކެޓް އޮންނަ ތަޖުރިބާކާރުންނެވެ.

ދިރާގުން މި ރޭސް މިހާރު ބާއްވަމުން އަންނަނީ ކުޑަކުދިންނާ މެދު ކުރާ އަނިޔާއާ ދެކޮޅަށް ހިންގާ ކެމްޕޭނެއްގެ ގޮތުގަ އެވެ. ކުޑަކުދިންގެ ހައްގުގައި މަސައްކަތްކުރާ ޖަމިއްޔާތައް މެދުވެރިކޮށް ރޭހުގައި އެންމެ ގިނަ ދުވުންތެރިން ތަމްސީލްކުރާ ފަސް ޖަމިއްޔާ ހޮވާ އެއިން ކޮންމެ ޖަމިއްޔާއަކަށް 40،000ރ ދިރާގުން ދެ އެވެ.