Roadha Mihaaru

މި އަހަރު ވެސް ދިރާގު ރޯޑް ރޭހުގެ ކޯޕަރޭޓް ޓީމު ކެޓަގަރީ

ކުރިއަށް އޮތް "ދިރާގު މޯލްޑިވްސް ރޯޑް ރޭސް 2025" ގެ ތައްޔާރީތަކުގެ ތެރެއިން، އެކި މުއައްސަސާތަކުގެ މުވައްޒަފުންގެ މެދުގައި ޖިސްމާނީ ދުޅަހެޔޮކަމަށް ބާރު އެޅުވުމުގެ ބޭނުމުގައި ހާއްސަ ބައްދަލުވުމެއް ބާއްވައިފި އެވެ.

ރޯޑް ރޭހުގެ ކޯޕަރޭޓް ޓީމު ކެޓަގަރީގެ ފުރުސަތު
އައިޝަތު ޖަޒްލީ
އައިޝަތު ޖަޒްލީ

22 އޯގަސްޓް 2025

ކުރިއަށް އޮތް "ދިރާގު މޯލްޑިވްސް ރޯޑް ރޭސް 2025" ގެ ތައްޔާރީތަކުގެ ތެރެއިން، އެކި މުއައްސަސާތަކުގެ މުވައްޒަފުންގެ މެދުގައި ޖިސްމާނީ ދުޅަހެޔޮކަމަށް ބާރު އެޅުވުމުގެ ބޭނުމުގައި ހާއްސަ ބައްދަލުވުމެއް ބާއްވައިފި އެވެ.

މިއީ ދިރާގު ރޯޑް ރޭހުގައި ރިސޯޓް/އޮފީސްތަކަށް ހާއްސަކޮށް، ކޯޕަރޭޓް ޓީމު ކެޓަގަރީގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައި ވާތީ ބޭއްވި ބައްދަލުވުމެއް ކަމަށް އެ ކުންފުނިން ބުންޏެވެ.

ދިރާގުން އޮފީސް/ރިސޯޓު ޓީމު ކެޓަގަރީއެއް ތައާރަފް ކުރީ މިދިޔަ އަހަރު އެވެ.

މި ކެޓަގަރީގައި އެކި މުއައްސަސާތަކުގެ މުވައްޒަފުންނަށް ހަތަރު މީހުންގެ ޓީމެއްގެ ގޮތުގައި ބައިވެރިވެވޭނެ އެވެ. ރިސޯޓު، ސަރުކާރުގެ އިދާރާ، ސަރުކާރުގެ ހިއްސާ އޮންނަ ކުންފުނިތައް އަދި ޕްރައިވެޓް ސެކްޓަރުގެ މުވައްޒަފުންނަށް ވެސް އެ ފަރާތެއް ނިސްބަތްވާ މުއައްސަސާ ތަމްސީލު ކުރުމަށްޓަކައި ޓީމުތައް އެކުލަވާލައި، ބައިވެރިވެވޭނެ އެވެ.

މި ކެޓަގަރީގައި ބައިވެރިވުމަށް ޓީމެއްގެ ގޮތުގައި ރަޖިސްޓަރީ ކުރާއިރު ކޮންމެ ޓީމަކުން ރަޖިސްޓްރޭޝަން ފީގެ ގޮތުގައި 1،000ރ. ދައްކަން ޖެހެ އެވެ. ދިރާގުޕޭ ބޭނުން ކޮށްގެން މި ފީ ދައްކާ ޓީމުތަކުން ދައްކަން ޖެހެނީ 800ރ. އެވެ.

ރަޖިސްޓްރޭޓްރޭޝަން ފީގެ ތެރޭގައި ދުވުންތެރިންނަށް ހާއްސަ ޓީޝާޓް، ވަގުުތު ބެލުމަށް ބޭނުންކުރާ ޗިޕް އެކުލެވޭ ބިބް އަދި މެޑަލް ހިމެނެ އެވެ. މީގެ އިތުރުން ކޮންމެ ބައިވެރިއެއްގެ ރަޖިސްޓްރޭޝަނުން 100ރ. ހަރަކާތުގައި ބައިވެރިވާ އެންޖީއޯތަކުގެ މެދުގައި ހަމަހަމައަށް ބަހާ ގޮތަށް ވަނީ ނިންމައިފަ އެވެ.

ކޯޕަރޭޓް ޓީމް ކެޓަގަރީން މޮޅުވާ ޓީމުތައް ހޮވާނީ ޓީމުގެ ހުރިހާ މެމްބަރުން ރޭސް ނިންމާ ޖުމްލަ ވަގުތަށް ބަލައިފަ އެވެ. ހުރިހާ މެމްބަރުން ވެސް 5ކޭ ރޭހުގެ ކަޓް-އޮފް ވަގުތު ކަމަށްވާ 45 މިނެޓުގެ ތެރޭގައި ރޭސް ނިންމަން ޖެހެ އެވެ. މި ކެޓަގަރީގެ ޗެމްޕިއަން ޓީމަށް ލިބޭނީ 10،000ރ. އެވެ. ރަނަރަޕް ޓީމަށް 8،000ރ. ދެވަނަ ރަނަރަޕް ޓީމަށް 6،000ރ. ދިރާގުން ދޭނެ އެވެ.

ދިރާގު މޯލްޑިވްސް ރޯޑް ރޭހަކީ ވޯލްޑް އެތުލެޓިކްސް ސަޓިފައިޑް ރޭސް ރޫޓަކާ އެކު، އެސޯސިއޭޝަން އޮފް އިންޓަނޭޝަނަލް މެރަތަންސް އެންޑް ޑިސްޓަންސް ރޭސަސް (އެއިމްސް) ވޯލްޑް ރަނިން ކަލަންޑަރުގައި ލިސްޓު ކޮށްގެން ރާއްޖޭގައި ބާއްވާ ހަމައެކަނި ބައިނަލްއަގްވާމީ ދުވުމެވެ. މި ދުވުން މި އަހަރު އޮންނާނީ އަންނަ އޮކްޓޫބަރު 24 ވަނަ ދުވަހު ހުޅުމާލެ ސެންޓްރަލް ޕާކުގަ އެވެ.

މި އަހަރުގެ މި ދުވުމަކީ ވެސް ދިރާގުގެ ސީއެސްއާރް ޕްރޮގްރާމްގެ މައިގަނޑު އެއް ދާއިރާ ކަމަށްވާ ކުޑަކުދިންގެ ރައްކާތެރިކަމަށް ހާއްސަ ކޮށްގެން ބާއްވާ ދުވުމެކެވެ. މި އިވެންޓުގައި ކުޑަކުދިންގެ ރައްކާތެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ޖަމިއްޔާތަކަށް އާންމުން ހޭލުންތެރި ކުރުވުމަށާއި ފަންޑްރެއިޒް ކުރުމުގެ ފުރުސަތު ލިބޭނެ ކަމަށް ދިރާގުން ބުންޏެވެ.

ދިރާގު ރޯޑް ރޭހުގެ ރަޖިސްޓްރޭޝަން މިހާރު ވަނީ ހުޅުވާލައިފަ އެވެ. ރަޖިސްޓްރޭޝަން ކުރިއަށް ގެންދާނީ 4،000 ބައިވެރިންގެ ލިމިޓް ހަމަވަންދެނެވެ.