Roadha Mihaaru
މާލޭ ރައްޔިތުންނަށް ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ފަށަނީ

މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަމުގެ ޚާއްސަ މަޝްރޫއުތަކެއް ފަށަނީ

11 ނޮވެމްބަރ 2020

މާލޭގެ ރައްޔިތުންނަށް ޚާއްސަކޮށްގެން ބޯހިޔާވަހިކަމުގެ މަޝްރޫއުތަކެއް ފެށުމަކީ އަންނަ އަހަރު މި ސަރުކާރުން އިސްކަންދީގެން ކުރާނެ އެއް މަސައްކަތް ކަމަށާއި އަމާޒަކީ އަންނަ މަހު 3،000 ފްލެޓުގެ ބިންގާ އެޅުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

މާލޭގެ ރައްޔިތުންނަށް ޚާއްސަކޮށްގެން ބޯހިޔާވަހިކަމުގެ މަޝްރޫއުތަކެއް ފެށުމަކީ އަންނަ އަހަރު މި ސަރުކާރުން އިސްކަންދީގެން ކުރާނެ އެއް މަސައްކަތް ކަމަށާއި އަމާޒަކީ އަންނަ މަހު 3،000 ފްލެޓުގެ ބިންގާ އެޅުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.

ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ރައްޔިތުންނާ މުޚާތަބްކުރައްވައި ވެރިކަމުގެ ތިން ވަނަ އަހަރުގެ އަމާޒުތައް ހިއްސާކޮށްދެއްވަމުން ވިދާޅުވީ ލާމަރުކަޒީ ނިޒާމުން ޚިދުމަތްތައް ބަހާލައި ރާއްޖެ ތަރައްގީކުރާއިރު އެ އަމާޒުން މާލެ ކައްސާލައިގެން ނުދާ ކަމަށެވެ. މިހެން ވިދާޅުވީ، ލާމަރުކަޒު ކުރުމުގެ ޕްލޭންގެ ދަށުން އަތޮޅުތަކުގައި ސިއްހީ ހިދުމަތާއި ތައުލީމާއި އެ ނޫން ވެސް ވައުދުތައް ހިއްސާކޮށްދެއްވުމަށް ފަހު އެވެ.

ރައީސް ވިދާޅުވި ގޮތުގައި ކުރިއަށް އޮތް އަހަރު ސަރުކާރުން ކުރާނެ އެންމެ މުހިއްމު މަސައްކަތަކީ މާލެ އަށް އުފަން، އަމިއްލަ ބޯހިޔާވަހިކަމެއް ނެތް ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމެވެ.

"ކުރިއަށް އޮތް އަހަރު ސަރުކާރުން ކުރާނެ އެންމެ މުހިންމު މަސައްކަތަކީ، އަމިއްލަ ބޯހިޔާވަހިކަމެއް ނެތް، މާލެއަށް އުފަން ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމުގެ ހާއްސަ މަޝްރޫއުތަކެއް މާލެ ސަރަޙައްދުގައި ފެށުން،" ރައީސް ވިދާޅުވި އެވެ.

މާލޭގެ ރައްޔިތުންގެ އެންމެ ބޮޑު ޝަކުވާއަކީ ބޯހިޔާވަހިކަން ނުލިބި އެތައް އާއިލާތައް ބިކަވެފައި ތިބުމެވެ. ހުރިހާ ސަރުކާރުތަކުން މަޝްރޫއުތައް ކުރިއަށް ގެންދާއިރު ވެސް މާލޭގެ ރައްޔިތުން ބާކީވާތީ، ޚާއްސަ މަޝްރޫއުތަކެއް ކުރިއަށް ގެންގޮސްދޭން އެދި އަޑުއުފުލާފައިވެ އެވެ. އެކަމަށް ހައްލު ހޯދައިދިނުމަކީ މި ސަރުކާރުގެ ވައުދެކެވެ.

ރާއްޖެ ޓީވީގެ "ފަށާއިރު" ޕްރޮގްރާމްގައި ވެސް ރައީސް ވިދާޅުވީ އެމަނިކުފާނުގެ ދެ އަހަރު، ރައްޔިތުން އެންމެ ބޭނުންވާ ސްޕީޑުގައި ނުގެންދެވުނު އެއްކަމަކީ ބޯހިޔާވަހިކަން ކަމަށާއި މާލޭގެ ރައްޔިތުން ތޮއްޖެހިގެން ދިރިއުޅޭ ހާލަކީ އުނދަގޫވެވަޑައިގަންނަވާ ކަމެއް ކަމަށެވެ. މި މަހާއި އަންނަ މަހުގެ ތެރޭގައި، 3،000 ފްލެޓުގެ ބިންގާ އަޅާން ނިންމާފައިވާ ކަމުގެ ޔަގީންކަން ދެއްވި އެވެ.