Roadha Mihaaru
އިރާގު ސިފައިން މޫސަލް އަށް ވަދެއްޖެ

އިރާގު ސިފައިން މޫސަލް އަށް ވަދެއްޖެ

01 ނޮވެމްބަރ 2016

ބަޣުދާދު (ނޮވެމްބަރު 1) - އިރާގުގެ ޚާއްސަ ސިފައިން މޫސަލްގެ އިރުން އެ ސިޓީ އަށް ފުރަތަމަ ފަހަރަށް ވަދެފައިވާ ކަމަށް ބީބީސީން މިއަދު ބުނެފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ބަޣުދާދު (ނޮވެމްބަރު 1) - އިރާގުގެ ޚާއްސަ ސިފައިން މޫސަލްގެ އިރުން އެ ސިޓީ އަށް ފުރަތަމަ ފަހަރަށް ވަދެފައިވާ ކަމަށް ބީބީސީން މިއަދު ބުނެފި އެވެ.

އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ބާރުގެ ދަށުން މޫސަލް ހިފުމަށް ހަނގުރާމަ ކުރަމުންދާ ލަޝްކަރާ އެކު ދަތުރުކުރާ ބީބީސީގެ ރިޕޯޓަރު ބުނީ މޫސަލްގެ އިރުން އޮންނަ ކުކްޖާލީ އަށް ސިފައިން ވަންއިރު އައިއެސްގެ ރައްދު ހަމަލާތަކާ ކުރިމަތިލާން ޖެހުނު ކަމަށެވެ. އައިއެސް އިން ވަނީ އިރާގު ސިފައިންނަށް އަމާޒުކޮށް ރޮކެޓާއި މޯޓަރު އަދި މެޝިން ބަޑިން ހަމަލާތައް ދީފައި ކަމަށް ވެސް ރިޕޯޓަރު ބުންޏެވެ. ރައްދުގައި އިރާގުގެ ލަޝްކަރުން ވެސް ވަނީ އާރުޕީޖީ އާއި މެޝިން ބަޑިން ހަމަލާދީފައި ކަމަށް ބުންޏެވެ. އަދި ކޯލީޝަނުގެ ބޯޓުތަކުން ވަނީ ވައިގެ ހަމަލާތައް ވެސް ދީފަ އެވެ. މޫސަލްގެ އިރު ދެކުނުން އޮންނަ އަވަށަށް ވަނީ އިރާގު ސިފައިންގެ ނުވަ ވަނަ ޑިވިޝަނުންނެވެ.

އިރާގު ސިފައިން މޫސަލް އަށް ވަންނަ އިރު އައިއެސްގެ ހަނގުރާމަވެރިންގެ ފަރާތުން ވެސް ރައްދު ހަމަލާތައް ކުރިމަތިވި ކަމަށްވޭ. --ފޮޓޯ:ބީބީސީ

އިރާގު ސިފައިން މޫސަލް އަށް ވަންނަ އިރު އައިއެސްގެ ހަނގުރާމަވެރިންގެ ފަރާތުން ވެސް ރައްދު ހަމަލާތައް ކުރިމަތިވި ކަމަށްވޭ. --ފޮޓޯ:ބީބީސީ

މޫސަލް އަށް އިރާގު ސިފައިން ވަނުމުގެ ކުރިން ބޮޑު ވަޒީރު ހައިދަރު އަލް އަބާދީ ވަނީ އައިއެސް އަށް ވަރުގަދަ އިންޒާރެއް ވެސް ދެއްވައިފަ އެވެ. ކޮމްބެޓް ޔުނިފޯމް ލައްވައިގެން އިރާގުގެ ރަސްމީ ޓީވީ އަށް އަރުއްވާ އަބާދީ ވިދާޅުވީ އައިއެސް އަށް އިތުރު ގޮތެއް ނެތް ކަމަށެވެ. ހަމައެކަނި އޮތީ އެ މީހުން އަމާން ދިނުން ނޫނީ މަރުވެ ދިއުން ކަމަށެވެ. އަބާދީ އަކީ އިރާގު ސިފައިންގެ ކޮމާންޑަ-އިން-ޗީފް ވެސް މެ އެވެ.

އަބާދީ ވިދާޅުވީ ހުރިހާ ދިމާއަކުން ވެސް އައިއެސް ބައްދާލާނެ ކަމަށާއި މާތްﷲ ގެ އިރާދަފުޅާ އެކު "ހަރުފައިގެ ބޯ" މިފަހަރު ބުރިކޮށްލާނެ ކަމަށެވެ.

މޫސަލް ހިފަން މީގެ ދެ ހަފުތާ ކުރިން ފެށި ހަނގުރާމައިގައި އިރާގު ސިފައިންނާއި ކުރުދީ އަދި ޝިއައީންގެ 50،000 މީހުން ދަނީ ބައިވެރިވަމުންނެވެ. މޫސަލް ހިފުމުގެ ހަނގުރާމަ މިދިޔަ މަހު 17 ވަނަ ދުވަހު ފެށުމުގެ ކުރިން އެ ސިޓީގައި 3،000-5،000 އާ ދެމެދުގެ އަދަދަކަށް އައިއެސްގެ ހަނގުރާމަވެރިން ތިބި ކަމަށްވެ އެވެ. އަދި އެ ސިޓީގައި އާއްމުންގެ 1.5 މިލިއަން މީހުން ތިބި ކަމަށް ވެސް ވެ އެވެ. ހަނގުރާމަ ފެށި ފަހުން 17،700 މީހުން މޫސަލް ދޫކޮށް ގޮސްފައިވާ ކަމަށް އދ. އިން ވަނީ ބުނެފަ އެވެ.

އައިއެސްގެ ބާރުގެ ދަށަށް އިރާގުގެ ދެ ވަނަ އަށް އެންމެ ބޮޑު ސިޓީ ގެންދިޔައީ ޖޫން، 2014 ގަ އެވެ. އައިއެސްގެ ޚިލާފަތު އެ ޖަމާއަތުގެ ލީޑަރު އަބޫބަކުރު އަލް ބަޣުދާދީ އިއުލާންކުރީ ވެސް މޫސަލްގަ އެވެ.