Roadha Mihaaru
މޫސަލް ހިފުން ދަނީ ޝެޑިއުލަށް ވުރެ ބާރަށް: ޕެންޓަގަން

އައިއެސް އަތުން މޫސަލް ހިފުން ދަނީ ޝެޑިއުލަށް ވުރެ ބާރަށް: ޕެންޓަގަން

18 އޮކްޓޯބަރ 2016

ވޮޝިންޓަން (އޮކްޓޯބަރު 18) - އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ބާރުގެ ދަށުން މޫސަލް ހިފުމަށް އިއްޔެ ފެށި އޮޕަރޭޝަން ކުރިއަށް ދަނީ ޝެޑިއުލަށް ވުރެ މާ ބާރަށް ކަމަށް ޕެންޓަގަނުން ބުނެފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ވޮޝިންޓަން (އޮކްޓޯބަރު 18) - އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ބާރުގެ ދަށުން މޫސަލް ހިފުމަށް އިއްޔެ ފެށި އޮޕަރޭޝަން ކުރިއަށް ދަނީ ޝެޑިއުލަށް ވުރެ މާ ބާރަށް ކަމަށް ޕެންޓަގަނުން ބުނެފި އެވެ.

ވޮޝިންޓަނުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޕެންޓަގަންގެ ތަރުޖަމާން ޕީޓާ ކުކް ވިދާޅުވީ "އައިއެސްގެ ހުރި ވަރެއް އެނގެން" އަދި ދުވަސްކޮޅެއް ނަގާނެ ކަމަށެވެ.

"އައިއެސް ބަލިކުރެވޭނެ ކަމުގެ ގާބިލްކަން އިރާގު ސިފައިންނަށް ލިބިގެންވާ ކަމާމެދު ޝައްކެއް ނުކުރަން. އިރާގުގެ ޕްލޭނުގައިވާ ގޮތުން ފުރަތަމަ ދުވަހު ވެސް އުޅެނީ ޝެޑިއުލަށް ވުރެ މާ ކުރީގައި. ކޯލީޝަނުން ދާނީ އިރާގު ސިފައިންނަށް އެހީވަމުން،" ކުކް ވިދާޅުވި އެވެ.

އިރާގު ސިފައިން ދަނީ ޝެޑިއުލަށް ވުރެ ބާރަށް އައިއެސްގެ މައްޗަށް ކާމިޔާބު ހޯދަމުން. --ފޮޓޯ:އޭއެފްޕީ

އިރާގު ސިފައިން ދަނީ ޝެޑިއުލަށް ވުރެ ބާރަށް އައިއެސްގެ މައްޗަށް ކާމިޔާބު ހޯދަމުން. --ފޮޓޯ:އޭއެފްޕީ

އެތައް މަހެއްގެ ރޭވުންތަކަށް ފަހު އިރާގުގައި އައިއެސްގެ ބާރުގެ ދަށުގައި އޮތް ހަމައެކަނި ސިޓީން އައިއެސް ފައްސާލުމުގެ އޮޕަރޭޝަން ފެށީ އިރާގާއި ކުރުދީންގެ ޕެޝްމާގާ ހަނގުރާމަވެރިންގެ 30،000 ސިފައިންނާ އެކު އެވެ. މޫސަލްގައި އައިއެސްގެ 4،000-8،000 ހަނގުރާމަވެރިން ތިބި ކަމަށް ބެލެވެ އެވެ. އިރާގު ސިފައިން ދަނީ މޫސަލްގެ ދެކުން ހަމަލާ ދެމުންނެވެ. ކުރުދީން ދަނީ އިރުމަތިން ހަމަލާ ދެމުންނެވެ.

އައިއެސްއާ ދެކޮޅަށް ފެށި އޮޕަރޭޝަނުގައި 24 ގަޑިއިރު ތެރޭ 200 ކިލޯ މީޓަރުގެ ސަރަހައްދެއް ކުރުދީ ހަނގުރާމަވެރިން ވަނީ ހިފައިފަ އެވެ. އޭގެ ތެރޭގައި ނުވަ އަވަށް ހިމެނެ އެވެ.

މޫސަލް ހިފުމަށް އިރާގު ސިފައިން އިއްޔެ ފެށި އޮޕަރޭޝަނުގައި ބަރު ހަތިޔާރުން ހަމަލާ ދެނީ. --ފޮޓޯ:އޭއެފްޕީ

މޫސަލް ހިފުމަށް އިރާގު ސިފައިން އިއްޔެ ފެށި އޮޕަރޭޝަނުގައި ބަރު ހަތިޔާރުން ހަމަލާ ދެނީ. --ފޮޓޯ:އޭއެފްޕީ

އައިއެސްއާ ދެކޮޅަށް ދޭ ހަމަލާތައް މޮސޫލްގެ މެދުތެރެއާ ހަމައަށް ފޯރާ އިރު އާއްމުންގެ ސަލާމަތާ މެދު އދ. އިން ވެސް ވަނީ ކަންބޮޑުވެފަ އެވެ. އިރާގު ސަރުކާރުން ދަނީ އާއްމުން ކަންކުރަންވީ ގޮތް ބަޔާންކޮށް ލީފްލެޓް އަޅަމުންނެވެ.

"ކުރިއަށް އޮތް 48 ގަޑިއިރު ތެރޭ ވެސް ހަތް މިލިއަން ލީފްލެޓް މޮސުލް އަށް އަޅާނެ ކަމަށް މައުލޫމާތު ލިބިފައި ވަނީ. އޭގެ ސަބަބުން މޮސޫލްގެ ރައްޔިތުން ރައްކާތެރިކަމުގެ ފިޔަވަޅު އަޅަން ފަސޭހަވާނެ،" ކުކް ވިދާޅުވި އެވެ.

މޫސަލްގެ ހަމަލާތަކުން ސަލާމަތްވުމަށް ދިޔަ މީހަކު ރެފިއުޖީ ކޭމްޕެއްގައި ކުޑަ ކުއްޖަކު ގޮވައިގެން. --ފޮޓޯ:އޭއެފްޕީ

މޫސަލްގެ ހަމަލާތަކުން ސަލާމަތްވުމަށް ދިޔަ މީހަކު ރެފިއުޖީ ކޭމްޕެއްގައި ކުޑަ ކުއްޖަކު ގޮވައިގެން. --ފޮޓޯ:އޭއެފްޕީ

އިރާގު ސިފައިންގެ އޮޕަރޭޝަނަށް ދަނީ އެމެރިކާގެ ސްޕެޝަލް އޮޕަރޭޝަނުގެ ސިފައިން ބިންމަތިން އެހީތެރިކަން ދެމުންނެވެ. އަދި އިރާގުގެ އެލީޓް ކައުންޓަޓެރަރިޒަމް ސިފައިން ވަރަށް އަވަހަށް އޮޕަރޭޝަނުގައި ބައިވެރިވާނެ ކަމަށްވެ އެވެ.

ނިނެވާހު ޕްރޮވިންސްގެ ވެރިރަށް އަދި އިރާގުގެ ދެ ވަނަ އަށް އެންމެ ބޮޑު ސިޓީ އައިއެސް އިން ހިފީ ޖޫން، 2014 ގަ އެވެ. އައިއެސްގެ ޚިލާފަތު އަބޫ ބަކުރު އަލް ބަޣުދާދީ އިއުލާންކުރީ ވެސް މޫސަލްގަ އެވެ.