Roadha Mihaaru
އާންމު ނޫން ސާޖަރީއެއް ށ. އަތޮޅު ހޮސްޕިޓަލުން ކޮށްފި

ރާއްޖޭގައި އާންމުކޮށް ނުކުރާ ސާޖަރީއެއް ށ. އަތޮޅު ހޮސްޕިޓަލުގައި ކޮށްފި

06 ނޮވެމްބަރ 2020

ވަރަށް މަދުން ނޫނީ ރާއްޖޭގައި ނުކުރާ ބޮޑު ސާޖަރީއެއް ށ. އަތޮޅު ހޮސްޕިޓަލުގައި މިއަދު ކޮށްފި އެވެ.

ޝުރުފާ މުހައްމަދު ޝުރުފާ މުހައްމަދު

ވަރަށް މަދުން ނޫނީ ރާއްޖޭގައި ނުކުރާ ބޮޑު ސާޖަރީއެއް ށ. އަތޮޅު ހޮސްޕިޓަލުގައި މިއަދު ކޮށްފި އެވެ.

އެ ހޮސްޕިޓަލުގައި ދެ އަހަރެއްހާ ދުވަހު މަސައްކަތްކޮށްފައިވާ މިސްރުގެ އޮޕަރޭޝަން ޑޮކްޓަރު އަސްލަމް އަހުމަދު ޒަކަރިއްޔާ މިއަދު ކުރެއްވީ ކަރުންމަތީގެ ހާއްސަ އޮޕަރޭޝަނެކެވެ.

ޑރ. އަސްލަމް "މިހާރު" އަށް ވިދާޅުވީ "ސަބް މެންޑިބިއުލާ ސަޔޯލޯއެންޑެކްޓޮމީ" ސާޖަރީ އަކީ އަނގައިން ކުޅު އުފައްދާ އެއް ގުނަވަން ކަމަށްވާ ސަލައިވަރީ ގްލޭންޑް ނެގުމަށް ކުރާ ސާޖަރީއެއް ކަމަށެވެ.

ށ. އަތޮޅު ހޮސްޕިޓަލުގައި މި އޮޕަރޭޝަން އުމުރުން 39 އަހަރުގެ ދިވެހި ފިރިހެނެއްގެ ކަމަށާއި ޑޮކްޓަރަށް ދެއްކީ ކަރުދަށް ދުޅަވެ ރިއްސާތީ ކަމަށެވެ. ޑޮކްޓަރު ވިދާޅުވީ އެ މީހާ އަށް ކެއިން ބުއިމުގައި ވެސް ދަތިތައް ހުރި ކަމަށެވެ. ޑޮކްޓަރު ވިދާޅުވީ އެ މީހާގެ ސަލައިވަރީ ގްލޭންޑްސް ދުޅަވެފައިވާކަން، ބެލި ބެލުންތަކުން އެނގުމުން ސާޖަރީ ހަދަން ނިންމީ ކަމަށެވެ.

"މީގެ ދެ ދުވަސް ކުރިން އެ މީހާގެ އަސްލު މައްސަލަ ދެނެގަނެވުނީ. ދެން އަވަސްވެގަތީ ސާޖަރީއަކަށް،" ޑޮކްޓަރު ވިދާޅުވި އެވެ.

ސާޖަރީކުރި ގޮތުގެ ބައެއް ތަފްސީލުތައް ހިއްސާކުރައްވަމުން ޑޮކްޓަރު ވިދާޅުވީ އެއީ ގާތްގަނޑަކަށް ދެ ގަޑި އިރެއްހާއިރުގެ ސާޖަރީއެއް ކަމަށެވެ. ކަރުދަށުން ބައެއް ކަފާލައި އޭނާގެ ސަލައިވަރީ ގްލޭންޑްސް ނެގީ ކަމަށް ބުންޏެވެ. އަދި އެކަމުގެ ސަބަބުން އެ މީހާ އަށް އެއްވެސް ގެއްލުމެއް ނުވާނެ ކަމަށާއި ކުޅު އުފެއްދުމުގައި ވެސް ދަތި ނުވާނެ ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިއަދުގެ ސާޖަރީ ވަރަށް ކާމިޔާބު ކަމަށާއި، ބަލިމީހާގެ ހާލު ވެސް ރަނގަޅު ކަމަށެވެ.

ފުނަދޫ ހޮސްޕިޓަލުގެ މެނޭޖަރު އަހުމަދު ޒުމްރަތު "މިހާރު" އަށް ވިދާޅުވީ މިއީ އެ ހޮސްޕިޓަލަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.

ހޮސްޕިޓަލްގެ މެނޭޖަރު ވިދާޅުވީ ކޮވިޑް-19 އާ ހެދި މާލެ އާއި ރާއްޖޭން ބޭރަށް ދަތުރުކުރުން ދަތިވެފައި ވުމުން ފުނަދޫ ހޮސްޕިޓަލަށް ވެސް ދައްކާ މީހުން ގިނަ ސާޖަރީ ހެދުން ވެސް ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ. މިދިޔަ ދެ އަހަރެއްހާ ދުވަހަށް ބަލާއިރު ހޮސްޕިޓަލުގެ ޑޮކްޓަރަށް ލިބެނީ މަހަކު ގާތްގަނޑަކަށް ހަތަރު ސާޖަރީ ކަމަށާއި މިހާރު މަހަކު 24 އަކަށް ސާޖަރީ ލިބޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"ބަލި މީހުން އަޔަސް ބޭނުންވާ އާލާތްތައް ނެތިގެން ދޫކޮށްލަން ޖެހެނީ. މިހާރު ގިނަ ސާޖަރީ މި ލިބެނީ ބޭނުންވާ އެއްޗެހި ހަމަވަމުން އަންނާތީ،" ޒުމްރަތު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެކި ރަށްރަށުން ވެސް މިހާރު އެ ހޮސްޕިޓަލަށް ސާޖަރީތަކަށް އަންނަ ކަމަށެވެ. އަދި ހޮސްޕިޓަގެ ފެންވަރު ވެސް ރަނގަޅުވަމުން އަންނަ ކަމަށް ވިދާުޅުވި އެވެ.