Roadha Mihaaru
ޔޫޕީއާރް އަށް ސެކްޓާ ރިފޯމް އިންޓަވެންޝަން ހުށަހަޅައިފި

ޔުނިވާސަލް ޕީރިއޮޑިކް ރިވިއު އަށް، ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ އިންޓަވެންޝަން ހުށަހަޅައިފި

04 ނޮވެމްބަރ 2020

އިންސާނީ ހައްގުތައް ރައްކާތެރި ކުރުމަށް ރާއްޖެ އިން ކުރާ މަސައްކަތް މުރާޖައާ ކުރަން ބޭއްވި ޔުނިވާސަލް ޕީރިއޮޑިކް ރިވިއުގެ ތިންވަނަ ސައިކަލްގައި މިރޭ ކުރިއަށް ގެންދިޔަ ރިވިއު ސެޝަންގައި، އަދުލު އިންސާފުގެ ދާއިރާ އިސްލާހު ކުރުމާ ގުޅޭ އިންޓާވެންޝަނެއް އެޓާނީ ޖެނެރަލް އިބްރާހިމް ރިއްފަތު ހުށަހަޅުއްވައިފި އެވެ.

ޝުރުފާ މުހައްމަދު ޝުރުފާ މުހައްމަދު

އިންސާނީ ހައްގުތައް ރައްކާތެރި ކުރުމަށް ރާއްޖެ އިން ކުރާ މަސައްކަތް މުރާޖައާ ކުރަން ބޭއްވި ޔުނިވާސަލް ޕީރިއޮޑިކް ރިވިއުގެ ތިންވަނަ ސައިކަލްގައި މިރޭ ކުރިއަށް ގެންދިޔަ ރިވިއު ސެޝަންގައި، އަދުލު އިންސާފުގެ ދާއިރާ އިސްލާހު ކުރުމާ ގުޅޭ އިންޓާވެންޝަނެއް އެޓާނީ ޖެނެރަލް އިބްރާހިމް ރިއްފަތު ހުށަހަޅުއްވައިފި އެވެ.

އެ އިންޓަވެންޝަނުގައި، ރާއްޖޭގެ ގާނޫނު ބުނާގޮތުން ޝަރުއީ ދާއިރާ އަށް އިތުރު ބާރެއް ނުފޯރުވޭ ގޮތަށް އޮތް ނަމަވެސް މިދިޔަ އަހަރު ތަކުގެ ތެރޭގައި އެ ދާއިރާ އަށް ސިޔާސީ ނުފޫޒާއި ކޮރަޕްޝަން ވަދެ މިނިވަންކަމާއެކު މަސައްކަތް ކޮށްފައި ނުވާކަން ފާހަގަކޮށްފައި ވެ އެވެ.

އިންޓަވެންޝަނުގައި ބުނެފައިވާ ގޮތުން، ޖުޑިޝަރީ އިސްލާހު ކުރުމަކީ މި ސަރުކާރުގެ ވައުދެކެވެ. އެގޮތުން މިދިޔަ އަހަރު ޖުޑީޝަލް އިސްލާހު ކުރުމުގެ ޕްރޮޕޯސަލް އެކުލަވައިލާފައިވާއިރު، ޖުޑިޝަލް ރިފޯމް ޕްލޭން ބިނާވެފައިވާ މައިގަނޑު ތިން ދާއިރާ އަކީ ކޯޓުތަކުގެ އޮނިގަނޑާއި އިހްތިސާސް އާއި އިދާރީ ހިންގުން ހަރުދަނާ ކުރުމާއި ފަނޑިޔާރުން ޒިންމާދާރުކުރުވައި އެ މީހުންގެ ނަޒާހާތްތެރިކަން ދެމެހެއްޓުން ކަމަށް ބުނެފައިވެ އެވެ.

މި އިންޓަވެންޝަން ހުށަހަޅުއްވަމުން ބަންޑާރަ ނައިބު ރިއްފަތު ވިދާޅުވި ގޮތުގައި، ޖުޑީޝަރީ ޖަވާބުދާރީކޮށް، ޒިންމާދާރުކުރުވުމުގެ ބާރު އޮތީ ޖުޑީޝަލް ސާވިސް ކޮމިޝަންގަ އެވެ. އެއީ މިނިވަން މުއައްސަސާއަކަށް ވީ ނަމަވެސް ނުފޫޒުތަކުގެ ސަބަބުން ކޮމިޝަނުން އެންމެ ފުރިހަމައަށް މައްސޫލިއްޔަތު އަދާކޮށްފައިނުވާ ކަމަށް ވިދާޅުވި އެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަނަށް ގެއްލިފައިވާ އިތުބާރު ހޯދައި އެ ކޮމިޝަނުގެ މަސައްކަތްތައް ފުރިހަމައަށް ކުރުމަށް މި ސަރުކާރުން އެހީވެފައިވާކަން ފާހަގަކުރައްވައި ރިފްއަތު ވިދާޅުވީ ކޮމިޝަނަށް މިހާރު ހުށަހެޅެމުންދާ މައްސަލަތަކުގެ އަދަދަށް ބަލައި އެ މަސައްކަތް ކާމިޔާބު ކަން އެނގޭ ކަމަށެވެ.

ރާއްޖޭގެ ގާނޫނީ އޮނިގަނޑު ހަރުދަނާކުރުމަށްޓަކައި، ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގެ ދަށުން 200 އަށް ވުރެ ގިނަ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ނިންމާފައިވާކަމަށާއި އޭގެ ތެރެއިން 76 ބިލެއް ރައްޔިތުންގެ މަޖިލީހަށް މިހާތަނަށް ހުށަހެޅިފައިވާކަމަށް ވެސް އެޓާނީ ޖެނެރަލް ވިދާޅުވި އެވެ.