Roadha Mihaaru
ޔުނާންގެ ދެމަފިރިންނަށް ދިން ލޯބި ރުޅިވެރިކަމަށް!

ޔުނާންގެ ދެމަފިރިންނަށް ދިން ލޯބި ރުޅިވެރިކަމަށް!

03 ނޮވެމްބަރ 2020

ހަގު ދަރިފުޅު ޔޫންގެ ހިތުގެ އޮޕަރޭޝަނަކަށް އިންޑިއާވއަށް ގެންދަން އާސަންދައިން ޖާގަ ނުދީގެން ކަމަށް ބުނެ ފިލްމީ ތަރި މުހައްމަދު ޔުނާނާއި އޭނާގެ އަންހެނުން ފާތިމަތު ރިހުލާ މިދިޔަ ޖުލައި މަހުގެ ތެރޭގައި މުލިއާގެ ކުރިމަތީގައި މުޒާހަރާކުރުމުން އެއް ބަޔަކު ފެނުނީ ދަރިފުޅަށްޓަކައި މައިންބަފައިން ވި ގުރުބާނެވެ. އަނެއް ބަޔަކު ފާޑުކީ ސަރުކާރަށެވެ؛ ބޭސްފަރުވާ އަށް ސަލާންޖަހަން ޖެހޭ ކަމުގެ ހިތްހަމަނުޖެހުންތަކާ އެކުގަ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ހަގު ދަރިފުޅު ޔޫންގެ ހިތުގެ އޮޕަރޭޝަނަކަށް އިންޑިއާވއަށް ގެންދަން އާސަންދައިން ޖާގަ ނުދީގެން ކަމަށް ބުނެ ފިލްމީ ތަރި މުހައްމަދު ޔުނާނާއި އޭނާގެ އަންހެނުން ފާތިމަތު ރިހުލާ މިދިޔަ ޖުލައި މަހުގެ ތެރޭގައި މުލިއާގެ ކުރިމަތީގައި މުޒާހަރާކުރުމުން އެއް ބަޔަކު ފެނުނީ ދަރިފުޅަށްޓަކައި މައިންބަފައިން ވި ގުރުބާނެވެ. އަނެއް ބަޔަކު ފާޑުކީ ސަރުކާރަށެވެ؛ ބޭސްފަރުވާ އަށް ސަލާންޖަހަން ޖެހޭ ކަމުގެ ހިތްހަމަނުޖެހުންތަކާ އެކުގަ އެވެ.

އޭގެ ދުވަސްކޮޅެއް ފަހުން ދަރިފުޅުގެ އޮޕަރޭޝަން ނިންމުމަށް ފަހު ރާއްޖެ އައުމާ އެކު، އެ ދެމަފިރިންނަށް ބޮޑެތި ތުހުމަތުތަކެއް ކުރި އެވެ. އެންމެ ފުރަތަމަ ފުލުހަށް ވެސް ރިޕޯޓުކުރީ އުމުރުން 15 އަހަރުގެ ފިރިހެން ކުއްޖަކާ އެކު ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގި ކަމުގެ މައްސަލައެކެވެ. އެކަމަކު އެ މައްސަލަ ތަހުގީގުކޮށް، ދައުވާކުރަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން އިއްޔެ ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ފޮނުވީ، މިދިޔަ އަހަރާއި މި އަހަރުގެ ތެރޭގައި ކުޑަކުދިންނަތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގަ އެވެ.

ޔުނާންގެ މައްޗަށް ނުވަ ދައުވާ އަދި ރިހުލާ އަށް ފަސް ދައުވާއެއް ކުރެ އެވެ. އެ ދެ މީހުން ތިބީ 15 އަހަރުގެ ފިރިހެން ކުއްޖަކާ އެކު ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގި ކަމުގެ ތުހުމަތުގައި މިދިޔަ މަހުގެ ފަސް ވަނަ ދުވަހުން ފެށިގެން ހައްޔަރުގަ އެވެ. ކޯޓުން ވަނީ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން އަމުރުކޮށްފަ އެވެ.

ޔުނާނަށް ކުރާ ދައުވާތަކުގެ ތެރޭގައި، ކުޑަކުއްޖަކު އިތުބާރުކުރަން ޖެހޭ މަގާމެއްގައި ހުރި މީހަކު، ބަޔަކު ޖިންސީ އަމަލެއް ހިންގާ މަންޒަރު އެ ކުޑަކުއްޖާ އަށް ދެއްކުމާއި ކުޑަކުއްޖަކު އިތުބާރުކުރަން ޖެހޭ މަގާމެއްގައި ހުރި މީހަކު، އެ ކުޑަކުއްޖާގެ ހާޒިރުގައި، އެ ކުއްޖާ އަށް ދެއްކުމުގެ މަގުސަދުގައި ޖިންސީ އަމަލެއް ހިންގުމާއި އާއިލާގެ މެމްބަރަކު އެ އާއިލާގެ ކުޑަކުއްޖަކާ އެކު ޖިންސީ އަމަލެއް ހިންގުން ފަދަ ބޮޑެތި އަދަބުތައް ލިބޭ، ސީރިއަސް ދައުވާތައް ހިމެނެ އެވެ.

ރިހުލާގެ މައްޗަށް ކުރާ ދައުވާތަކުގެ ތެރޭގައި ވެސް ކުޑަކުއްޖަކު އިތުބާރުކުރަން ޖެހޭ މަގާމެއްގައި ހުރި މީީހަކު، އެ ކުޑަކުއްޖާއާ އެކު ޖިންސީ އަމަލެއް ހިންގުމާއި ކުޑަކުއްޖަކު އިތުބާރުކުރަން ޖެހޭ މަގާމެއްގައި ހުރި މީހަކު، އެ ކުޑަކުއްޖާގެ ހާޒިރުގައި، އެ ކުއްޖާ އަށް ދެއްކުމުގެ މަގުސަދުގައި ޖިންސީ އަމަލެއް ހިންގުން ހިމެނެ އެވެ.

ފިލްމް ޑައިރެކްޓަރު ފާތިމަތު ނަހުލާ 2017 ވަނަ އަހަރު ރިލީޒްކުރި "ބޮސް" އިން ބޮޑު ސްކްރީނަށް ތައާރަފުވުމުގެ ކުރިން، ޔުނާން ވަޒީފާ އަދާ ކުރާ އެމްޑަބްލިއެސްސީގެ އޮފީސް ޓެލެޑްރާމާތަކުގައި އޭނާގެ އެކްޓިން ހުނަރު ދައްކައިލި އެވެ. އެކަމަކު ގިނަ ބަޔަކަށް ޔުނާންގެ ހުނަރު ފެނިގެން ދިޔައީ ބޮސް އިންނެވެ.

ނަހުލާ ވެސް ބުނިގޮތުގައި ނަހުލާ ބުނަނީ ޔުނާނަކީ މި ދާއިރާގައި މިހާރު ތިބި އެކްޓަރުންނަށް ގޮންޖަހާލާ ވަރުގެ އެކްޓަރަކަށް ވާނެ ކަމަށެވެ. އޭނާގެ އެކްޓިން ފެނިފައި އަމިއްލަ އަށް ވެސް އަންތަރީސްވެފައިވާ ކަމަށް ނަހުލާ އޭރު ބުންޏެވެ. އޭގެ ފަހުން ބައިސްކޯފުން ދެއްކި "އެހެނަސް" ވެސް ޔުނާން ކުޅުނެވެ.

އެއްބަޔަކު ބުނާގޮތުގައި، ޔުނާނަށް ލިބުނީ "އެހެނަސް" ޑްރާމާއިން އޭނާ އަށް ލިބެންޖެހޭ އަދަބެވެ. ދެ ސީޒަން ދެއްކުމަށްފަހު މިހާރު ނިންމާލާފައިވާ ޑްރާމާގައި ޔުނާން ކުޅުނީ، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ އަދި ބައިސެކްޝުއަލް ގުޅުން ހިންގާ ރޯލެވެ. ޑްރާމާ ނިމެނީ، ޔުނާނަށް ވަކި އަދަބެއް ނުލިބި އެވެ.

"އެހެނަސް ކުޅެވިފައި ތި ހުރީ އަސްލަށް ވެސް. ލަދެއް ހަޔާތެއް ނުހުރޭ މި މީހުންގެ. ކޮބާތަ ރޭޕާ ދެކޮޅަށް ނުކުތް ސޯ ކޯލްޑް ތަރިން،" ޔުނާންގެ ދެމަދިރިންގެ މައްޗަށް ދައުވާކުރަން ފޮނުވި ހަބަރު "މިހާރު" ގައި ޖުހުމުން ކިޔުންތެރިއަކު ފޮނުވި ކޮމެންޓެއްގައި ބުންޏެވެ.

މިއީ މަޝްހޫރު ވާހަކަ ލިޔުންތެރިޔާ އަހުމަދު އިގުބާލް (އައިކިއު) "އެހެނަސް ހަމަ ލޯބިވެޔޭ" ގެ ނަމުގައި މީގެ 12 ވަރަކަށް އަހަރު ކުރިން ނެރުނު ވާހަކައިގެ މައްޗަށް ބިނާކޮށް، ބައިސްކޯފުން ޕްރޮޑިއުސްކުރި ސީރީޒެކެވެ.

ޔުނާނާއި ރިހުލާގެ މައްޗަށް، ދަރިފުޅުގެ ބޭސްފަރުވާއަށް ލިބުނު ފައިސާ ނަހަމަގޮތުގައި ބޭނުންކުރި ކަމުގެ ތުހުމަތު ވެސް ކުރެ އެވެ. އެޕާޓްމަންޓު ގަތުމާއި އަގުބޮޑު ބިއުޓީ ޓްރީޓްމަންޓް ނެގުން ފަދަ ތުހުމަތުތައް ކުރިއަސް އެކަން ރިހުލާ ދޮގުކުރެ އެވެ. ލައިފްސްޓައިލް މެގަޒިން "ދޯ" އަށް މިދިޔަ ސެޕްޓެމްބަރު މަހު ދިން އިންޓަވިއުގައި ރިހުލާ ބުނީ ދަރިފުޅުގެ ބޭސްފަރުވާ އާއި އޭނާ އަށް މީހުން ހަދިޔާކުރި އެހީ އާއި ފައިސާ އިތުރު އެހެން ކަންކަމަކަށް ހޭދަނުކުރާ ކަމަށެވެ.

ރިހުލާ ބުނީ ދަރިފުޅުގެ މެޑިކަލް ހަމަޖައްސަން އެހީ އަށް އެ ދުނީ އެވަރުގެ ތަނަވަސްކަން ނެތިގެން ކަމަށާއި އެހީގެ ގޮތުގައި ލިބުނު ފައިސާ ނަހަމަ ގޮތުގައި ބޭނުން ކޮށްފައިނުވާނެ ކަމަށެވެ. އެކަން ސާބިތުކޮށްދިނުމަށް އޭނާ ވަނީ ސޯޝަލް މީޑިއާގައި އާންމުންނަށް ފެންނަ ގޮތަށް ބޭންކް ޓްރާންސެކްޝަން ޑީޓެއިލްތައް ވެސް ހާމަކޮށްފަ އެވެ.