Roadha Mihaaru
މި އަހަރު 34 މީހުންނަށް އުރަމަތީ ކެންސަރު

މި އަހަރު 34 މީހުންނަށް އުރަމަތީގެ ކެންސަރު ޖެހިފައިވޭ

02 ނޮވެމްބަރ 2020

މި އަހަރުގެ ޖެނުއަރީން ސެޕްޓެމްބަރާ ހަމައަށް މުޅިން އަލަށް 34 މީހުންނަށް އުރަމަތީގެ ކެންސަރު ޖެހިފައިވާކަން ދެނެގަނެވިފައިވާ ކަމަށް އޮންކޯސާޖަން ޑރ. މުހައްމަދު ޝިފާން ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މި އަހަރުގެ ޖެނުއަރީން ސެޕްޓެމްބަރާ ހަމައަށް މުޅިން އަލަށް 34 މީހުންނަށް އުރަމަތީގެ ކެންސަރު ޖެހިފައިވާކަން ދެނެގަނެވިފައިވާ ކަމަށް އޮންކޯސާޖަން ޑރ. މުހައްމަދު ޝިފާން ވިދާޅުވެއްޖެ އެވެ.

ޝިފާން އޭނާގެ ބްލޮގުގައި، މިދިޔަ ހޯމަ ދުވަހު ލިޔުއްވި ލިޔުއްވުމުގައި ވިދާޅުވީ 2018 ވަނަ އަހަރު ދިވެހިންގެ ތެރޭގައި އަލަށް ދެނެގަނެވުނު ކެންސަރު ބަލި މީހުންގެ ތެރޭގައި އެންމެ ގިނައީ އުރަމަތީގެ ކެންސަރުގެ ބަލި މީހުން ކަމަށެވެ. އެއީ 73 މީހުންނެވެ. އެ އަދަދަކީ އެ އަހަރު އަލަށް ކެންސަރަށް ޑައިގްނޯސްވި މީހުންގެ 17 ޕަސެންޓެވެ.

މިިދިޔަ އަހަރު އައިޖީއެމްއެޗުގައި 52 މީހުން ވަނީ އުރަމަތީގެ ކެންސަރަށް އޮޕަރޭޝަންކޮށް އިތުރު ފަރުވާ ފަށައިފަ އެވެ. މިދިޔަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް 34 މީހުން އަލަށް ބައްޔަށް ޑައިގްނޯސްކުރެވި ފަރުވާ ފަށާފައިވާ ކަމަށް ވިދާޅުވި އެވެ.

ޑރ. ޝިފާން ވިދާޅުވީ އުރަމަތީގެ ކެންސަރުގެ އެންމެ އާއްމު އުމުރަކީ 40-60 އަހަރާ ދެމެދުގެ މީހުންނެވެ. އޭގެ ތެރެއިން 60 އަހަރުން މަތީގެ މީހުންގެ ތެރޭގައި އެންމެ ގިނައީ ފުރަތަމަ ޑައިގްނޯސް ކުރެވޭ އިރު ވެސް ބޮޑަށް ބަލި ފެތުރިފައި ތިބޭ ކަން ފާހަގަކުރެއްވި އެވެ.

އުރަމަތީގެ ކެންސަރުގެ އަލާމާތާއި ބަލި ދެނެގަންނާނެ ގޮތް

އުރަމަތީގެ ކެންސަރުގެ އެންމެ އާއްމު އަލާމާތަކީ އުރަމަތިން އަލަށް ފާހަގަކުރެވޭ ދުޅައެއް ނޫނީ ތަދުނުވާ ހަރު، ގަނޑުކޮޅެކެވެ. އެ ސަބަބަށްޓަކައި އުރަމަތިން އަލަށް ގަނޑުކޮޅެއް ފެނިއްޖެނަމަ ވީހާ ވެސް އަވަހަކަށް ޑޮކްޓަށް ދައްކައި ޗެކްކުރަންވާނެ އެވެ. އެ ބަލީގެ އިތުރު އަލާމާތްތަކުގެ ތެރޭގައި އުރަމަތި އެއްކޮށް ނޫނީ ބައެއް ދުޅަވެފައި ހުރުމާއި ހަށިގަނޑު ރޫޖެހި އެތެރެއަށް ވަދެފައި ހުރުމާއި އުރަމަތި ނޫނީ ވައްގަނޑުގައި ރިއްސުން ހިމެނެ އެވެ.

އުރަމަތީގެ ކެންސަރުގެ ވައްތަރުތައް

އުރަމަތީގެ ކެންސަރުގެ ތަފާތު ވައްތަރުތައް ހުރެ އެވެ. ބައެއް ފަހަރު ފަރުވާގައި ވެސް ތަފާތުތަކެއް ހުރެ އެވެ. މައިގަނޑު ގޮތެއްގައި އުރަމަތީގެ ކެންސަރު ބެހެނީ ދެ ބަޔަކަށެވެ.

ނުފެތުރޭ ވައްތަރުގެ ކެންސަރުގައި، ޑަކްޓަލް ކާސިނޯމާ އިންސިޓޫ، ލޮބިއުލާ ކާސިނޯމާ އިންސިޓޫ ހިމެނެ އެވެ. ފެތުރޭ ވައްތަރުގެ ތެރޭގައި އިންބޭސިން ޑަކްޓަލް ކާސިނޯމާ، އިންވޭސީވް ލޮބިއުލާ ކާސިނޯމާ، ޕޭޖެޓްސް ޑިޒީސް، އިންފްލެމޭންޓްރީ ބްރެސްޓް ކެންސަރު، ފައިލޮއިޑްސް ޓިއުމާ، ކައިރިއަށް ފެތުރިފައިވާ އުރަމަތީގެ ކެންސަރު އަދި ދުރަށް ފެތުރިފައިވާ އުރަމަތީގެ ކެންސަރު ހިމެނެ އެވެ.

ބަލި ޖެހުމަށް ދިމާވާ ސަބަބުތަކާއި ރައްކާތެރި ވާނެގޮތް

ޑރ. ޝިފާން ވިދާލުވީ ސީދާ އުރަމަތީގެ ކެންސަރުން ރައްކާތެރިވެވޭނެ ވަކި ގޮތެއް ނޯންނަ ކަމަށެވެ. އެކަމަކު ބަލި ޖެހުން ދުރުކުރުމަށް ދިރިއުޅުމުގެ އާދަކާދައާ ގުޅިފައިވާ ކަންކަން ބަދަލުކުރެވިދާނެ ކަމަށް ވިދާޅުވި އެވެ. އޭގެ ތެރޭގައި ބަނގުރާ ބުއިން ހުއްޓާލުމާއި ކަސްރަތު ކުރުން ހިމެނެ އެވެ.

އުމުރުން 40-44 އަހަރާ ދެމެދުގެ އަންހެނުން އަހަރަކު އެއްފަހަރު މެމޯގްރާމް ހެދުން އިހުތިޔާރުވެ އެވެ. ބަލިން ރައްކާތެރިވުމަށް 45-54 އަހަރާ ދެމެދުގެ އަންހެނުން އަހަރަކު އެއްފަހަރު މެމޯގްރާމް ހެދުމަށް ބާރު އަޅައި 55 އަހަރާއި އެއަށްވުރެ ދޮށީ އުމުރުގެ އަންހެނުން މެމޯގްރާމް ބޭނުންކޮށްގެން ދެ އަހަރުން ދެ އަހަރުން އެއް އަހަރު ނޫނީ އަހަރަކު އެއްފަހަރަކު ސްކްރީންކުރުން ރަނގަޅު ކަމަށް ވިދާޅުވި އެވެ.

މުޅި ދުނިޔޭގައި ވެސް އޮކްޓޯބަރު މަސް ފާހަގަކުރަނީ އުރަމަތީގެ ކެންސަރަށް ހޭލުންތެރިކުރުމުގެ މަހުގެ ގޮތުގަ އެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯއިން ބުނިގޮތުގައި އުރަމަތީގެ ކެންސަރަކީ އަންހެނުންގެ މެދުގައި އެންމެ އާއްމު ކެންސަރު ބައްޔެވެ. އަދި ކެންސަރު ބައްޔެއްގައި އެންމެ ގިނަ އަންހެނުން މަރުވަނީ ވެސް އުރަމަތީގެ ކެންސަރުގައި ކަމަށް ޑަބްލިއުއެޗްއޯއިން ބުންޏެވެ. އެގޮތުން، 2018 ވަނަ އަހަރު ވެސް 627،000 އަންހެނުން އުރަމަތީގެ ކެންސަރުގައި މަރުވެފައިވާ ކަމަށް ލަފާކުރެވޭ ކަމަށް ބުނެ އެވެ.