Roadha Mihaaru
ޖޫރިމަނާތައް މާ ބޮޑުވާ ނަމަ ކުޑަކުރަން ޖެހޭނެ:ހައިކޯޓު

ޖޫރިމަނާ މާ ބޮޑުވާ ނަމަ ކޯޓުތަކުން ކުޑަކުރަން ޖެހޭނެ: ހައި ކޯޓު

01 ނޮވެމްބަރ 2020

މަދަނީ މުއާމަލާތްތަކުގައި ފައިސާ ނުދެއްކުމުން ކޯޓުތަކުން ނަގައިދޭ ޖޫރިމަނާ އެކަށީގެންވާ މިންވަރަށް ވުރެ ބޮޑު ނަމަ އެ އަދަދު ކޯޓުތަކުން ކުޑަކުރަން ވާނެ ކަމަށް ހައި ކޯޓުން ކަނޑައަޅައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މަދަނީ މުއާމަލާތްތަކުގައި ފައިސާ ނުދެއްކުމުން ކޯޓުތަކުން ނަގައިދޭ ޖޫރިމަނާ އެކަށީގެންވާ މިންވަރަށް ވުރެ ބޮޑު ނަމަ އެ އަދަދު ކޯޓުތަކުން ކުޑަކުރަން ވާނެ ކަމަށް ހައި ކޯޓުން ކަނޑައަޅައިފި އެވެ.

އެއްބަސްވުމާ އެއްގޮތަށް ފައިސާ ނުދެއްކުމުން ބައެއް މައްސަލަތަކުގައި ބޮޑެތި އަދަދުތަކުން ކޯޓުތަކުން ޖޫރިމަނާ ނަގައިދީފައިވެ އެވެ. އެފަދަ މައްސަލަތަކުގައި ޖޫރިމަނާތައް މާ ބޮޑުވާ ނަމަ އެ އަދަދުތައް ކޯޓުތަކުން ކުޑަކުރަން ޖެހޭނެ ކަމަށް ހައި ކޯޓުން ކަނޑައެޅީ އިމާރާތެއްގެ އެތެރޭގެ މަސައްކަތެއް ކުރުމަށް ފަހު، އެއަށް ފައިސާ ނުދެއްކި މައްސަލަައެއްގަ އެވެ. އެ މަސައްކަތުގެ އަގަކީ 150،000ރ. ކަމަށް ވިޔަސް، ފައިސާ ނުދައްކާ ހޭދަވި މުއްދަތަކަށް ޖޫރިމަނާއާ އެކު 889،000ރ. އަރަ އެވެ.

ފައިިސާ ދައްކަން ޖެހުނު ކުންފުނިން އެ މައްސަލަ އިސްތިއުނާފު ކުރުމުން މިިދިޔަ ހަފުތާގައި ހައި ކޯޓުން ކުރި ހުކުމުގައިވަނީ ފައިސާ ނުދެއްކުމުން ޖޫރިމަނާ ނަގައިދެވޭނެ މިންވަރާ މެދު ރާއްޖޭގެ ކޯޓުތަކުގައި އެކި ގޮތްގޮތަށް ބަހުސް ކުރެވެމުންދާ ކަމަށެވެ. އަދިި ބައެއް ގައުމުތަކުގައި ދައްކަންޖެހޭ އަސްލު ފައިސާ އަށް ވުރެ ޖޫރިމަނާގެ އަދަދު ބޮޑުވާ ނަމަ ނުވަތަ އާދަޔާ ޚިލާފަށް ޖޫރިމަނާ ބޮޑުވާ ނަމަ، ޖޫރިމަނާގެ އަދަދު ބައެއް ގައުމުތަކުގެ ކޯޓުތަކުން ދަށް ކުރަމުންދާ ކަމަށް އެ ހުކުމުގައިވެ އެވެ.

ސުޕްރީމް ކޯޓުން ކުރިން ނިންމި ދެ މައްސަލައެއްގައި ވެސް ޖޫރިމަނާގެ އަދަދު އެކަށީގެންވާ މިންވަރަށް ބޮޑުވެގެން ނުވާނެ ކަމަށް ކަނޑައަޅާފައިވާ ކަމަށާއި އަދި ބޮޑު އަދަދުން ޖޫރިމަނާ ނަގައި ދިނުމަކީ ނާޖާއިޒު ފައިދާ ހޯދައިދޭން ހުޅުވާލެވޭ ދޮރެއް ކަމަށް ވެސް ހައި ކޯޓުގެ ހުކުމުގައިވެ އެވެ. އަދި ޖޫރިމަނާގެ އަދަދުތަކަކީ އެކަށީގެންވާ އަދަދުތަކެއް ތޯ ކޯޓުތަކުން ބަލަން ވާނެ ކަމަށާއި އަދި އެ މައްސަލާގައި ނަގައިދިން ޖޫރިމަނާއަކީ މަސައްކަތުގެ އަގަށް ވުރެ ފަސް ގުނަ ބޮޑު ޖޫރިމަނާއެއް ކަމަށްވާތީ އެ އަދަދު ކުޑަކުރަން ޖެހޭ ކަމަށް އެ ހުކުމުގައިވެ އެވެ.

އެ މައްސަލަ ބެއްލެވި ދެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ކުރެއްވި ހުކުމުގައި ހައި ކޯޓުން ނިންމީ އެ މައްސަލާގައި ނަގައިދޭ ޖޫރިމަނާގެ އަދަދު މަސައްކަތުގެ އަގާ އެއް މިންވަރަށް ދަށްކޮށް، އެ ފައިސާ އެއް މަސް ތެރޭގައި ކޯޓަށް ދެއްކުމަށެވެ.

އެގޮތަށް ހައި ކޯޓުން ހުކުމްކުރީ ފަނޑިޔާރު މުހައްމަދު ފައިސަލް އާއި ފަނޑިޔާރު ހުސައިން ޝަހީދުގެ އަޣުލަބިއްޔަތުންނެވެ. އެ ބެންޗުގައި ދެން ހިމެނިވަޑައިިގަތް ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާގެ ރައުޔަކީ މި މަރުހަލާގައި ހައި ކޯޓަށް ޖޫރިމަނާގެ އަދަދަށް އުނި އިތުރެއް ނުގެނެވޭނެ ކަމަށެވެ.