Roadha Mihaaru
އަންނަ އަހަރަށް ލަފާކުރާ ބަޖެޓް މަޖިލީހަށް ފޮނުވައިފި

އަންނަ އަހަރަށް ލަފާކުރާ ބަޖެޓް މަޖިލީހަށް ފޮނުވައިފި

31 އޮކްޓޯބަރ 2020

އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓް ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް މިއަދު ފޮނުވައިފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓް ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް މިއަދު ފޮނުވައިފި އެވެ.

ފިނޭންސް މިނިސްޓްރީން މިރޭ ބުނީ މަޖިލީހަށް ބަޖެޓް ފޮނުވާފައިވާ ކަމަށާއި ތަފްސީލު ހާމަކުރައްވާނީ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ރައްޔިތުންގެ މަޖިލީހުގައި ދެއްވާ ބަޖެޓް ސްޓޭޓްމަންާޓްގައި ކަމަށެވެ.

އެނގިފައިވާ ގޮތުގައި އަންނަ އަހަރަށް ފިނޭންސުން ކަނޑައެޅީ 35 ބިލިޔަަން ރުފިޔާ އެވެ. މިއީ މިއަހަރަށްް ކަނޑައެޅި ބަޖެޓަށް ވުރެ ގާތްގަނޑަކަށް ތިން ބިލިޔަން ރުފިޔާ މަދު ބަޖެޓެކެވެ.

މި އަހަރަށް ކަނޑައެޅީ 37.8 ބިލިޔަން ރުފިޔާގެ ބަޖެޓެކެވެ. އެކަމަކު ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން އިގުތިސާދަށް ކުރިމަތިވި ބޮޑު ހީނަރުކަމުގެ ސަަބަބުން މި އަހަރަށް ލަފާކުރިވަރާ ގާތަށް ވެސްް އާމްދަނީ ނުލިބުމުން، ބަޖެޓް ރިވައިސްކުރަން ވަނީ ޖެހިފަ އެވެ.

މިއަހަރަށް ކަނޑައެޅިވަރަށް ވުރެ ކުޑަ ބަޖެޓެއް އަންނަ އަަހަރަށް ކަނޑައެޅި އިރު، ވޯލްޑް ބޭންކުން ރާއްޖެއަށް ލަފާ ދީފައި ވަނީ ދައުލަތުގެ ހަރަދު ކުޑަކުރުމަށެވެ. އެއީ ރާއްޖޭގެ ދަރަނި ބޮޑުވެ، ދަރަނި ދައްކަން އުނދަގޫވާ ފަަދަ ހާލަތަކަށް ދިއުމުގެ ނުރައްކާ ބޮޑުވެފައި ވާތީ އެވެ. ދެކުނު އޭޝިއާގެ ގައުމުތަކުގެ އިގުތިސާދީ ހާލަތު ވަޒަންކުރުމަށް ފަހު ވޯލްޑް ބޭންކުން ނެރުނު ރިޕޯޓްގައި ރާއްޖެއަށް ލަފާ ދީފައި ވަނީ ހަރަދު ކުޑަކުރުމުގެ ގޮތުން ބައެއް މަޝްރޫއުތައް މަޑުޖައްސައިލުމަށެވެ.

ރާއްޖޭން ކެޕިޓަލް ސްޕެންޑިންގެ ގޮތުގައި ކުރާ ހޭދަ މިދިޔަ އަހަރަށް ވުރެ 16 ޕަސެންޓް އިތުރުވެފައިވާ ކަމަށާއި އެއީ ބޮޑެތި އިންފްރާސްޓްރަކްޗާ މަޝްރޫއުތަކުގެ ސަބަބުން ކަމަށް ވެސް އެ ބޭންކުން ބުންޏެވެ.

ރައްޔިތުންގެ މަޖިލީހުން ފާސްކުރި ރިޕޯޓެއްގައިވާ ގޮތުން ދައުލަތުގެ ދަރަނި މިހާރު ހުރީ 170 ބިލިޔަން ރުފިޔާއަށް ވުރެ މަތީގަ އެވެ.