Roadha Mihaaru
ޕޯސްޓްމޯޓަމަށް ނުފޮނުވި ސިދުރަތުﷲ އަދިވެސް މޯޗަރީގައި

ޕޯސްޓްމޯޓަމް ހަދަން ނުފޮނުވި ސިދުރަތުﷲ އަދިވެސް މޯޗަރީގައި

30 އޮކްޓޯބަރ 2020

މިދިޔަ ހުކުރު ދުވަހު އައިޖީއެމްއެޗު ކައިރިން މޫދުގައި މަރުވެފައި އޮއްވައި ފެނުނު މުހައްމަދު ސިދުރަތުﷲގެ ޕޯސްޓްމޯޓަމް ހެދުމަށް އަދިވެސް ނުފޮނުވޭ ކަމަށާއި އޭނާ އޮތީ މޯޗަރީގައި ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ޝުރުފާ މުހައްމަދު ޝުރުފާ މުހައްމަދު

މިދިޔަ ހުކުރު ދުވަހު އައިޖީއެމްއެޗު ކައިރިން މޫދުގައި މަރުވެފައި އޮއްވައި ފެނުނު މުހައްމަދު ސިދުރަތުﷲގެ ޕޯސްޓްމޯޓަމް ހެދުމަށް އަދިވެސް ނުފޮނުވޭ ކަމަށާއި އޭނާ އޮތީ މޯޗަރީގައި ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ގދ. ވާދޫ ސިދުރަތުﷲ، 31 މަރުގައި ތުހުމަތު ކުރެވޭ ކަންތައްތަކެއް ހުރުމުން ފުލުހުން ވަނީ އޭނާގެ ޕޯސްޓްމޯޓަމް ހަދަން ނިންމައިފަ އެވެ.

ފުލުހުން "މިހާރު" އަށް ބުނީ ޕޯސްޓްމޯޓަމް ހަދަން ރާއްޖެ އިން ބޭރަށް ފޮނުވުމަކީ ގިނަ ޕްރޮސީޖާތަކެއް ހަދަން ޖެހޭ ކަމަށެވެ. އެކަމަކު، ކޮވިޑް-19ގެ ސަބަބުން އެކަން ދިގުލައިގެން ދަނީ ކަމަށް ބުންޏެވެ.

ސިދުރަތުﷲގެ ޕޯސްޓްމޯޓަމް ހަދައި، މަރު ތަހުގީގު ކުރުމަށް އޭނާގެ އާއިލާ ދެކޮޅެވެ. އޭނާގެ ހަށިގަނޑު އާއިލާއާ ހަވާލުކުރުމަށް އެދި ފުލުހުންނަށް ސިޓީއެއް ހުށަހަޅާފައިވާ ކަން ފުލުހުން ކަށަވަރުކޮށްދީފައި ވެ އެވެ.

ފުލުހުން ބުނީ އާއިލާ އިން އެހެން އެދުނަސް ފުލުހުންގެ ނިންމުމަށް ބަދަލެއް ނާންނަ ކަމަށާއި ޕޯސްޓްމޯޓަމަށް ހަށިގަނޑު ބާއްވާފައި އޮތީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ފުލުހުންނަށް ލިބިދީފައިވާ ބާރުގެ ދަށުން ކަމަށެވެ.

ސިދުރަތުﷲގެ މަރުގެ ތަހުގީގުގައި އޭނާ އެންމެ ފަހުން ފެނިފައިވާ ތަނެއް ބެލުމަށް ފަހު، ފުލުހުން މިދިޔަ އަންގާރަ ދުވަހު އާންމުކުރި ސީސީޓީވީ ފުޓެޖުން ފެންނަ ގޮތުގައި އޭނާ އެންމެ ފަހުން ފެނިފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު ހެނދުނު 9:00 އާއި 12:00 އާ ދެމެދު ރަސްފަންނު ދިމާލުން މޫދަށް ދަނިކޮށެވެ.

އެ ވީޑިއޯ އިން ފެންނަނީ ބްލޫކިޔާ މަގުން ސިދްރަތު ހިނގަމުން ގޮސް، ކަނބާ އައިސާ ރަނި ހިނގުމުން ލާފައި އައިޖީއެމްއެޗްގެ ކަންމައްޗަށް އޮންނަ މުރަނގަ މަގުން ރަސްފަންނަށް ދާ މަންޒަރެވެ. އެ ވީޑިއޯ ނިމެނީ އޭނާ މޫދަށް އެރޭ ހިސާބުންނެވެ.

މަރުގެ ތަހުުގީގަށް ފުލުހުން ވަނީ ބުރާސްފަތި ދުވަހު ރަސްފަންނަށް ދިޔަ މީހުން، އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ ފުލުހުންނާ އެ މައުލޫމާތު ހިއްސާކުރަން އެދިފަ އެވެ.

މި މައްސަލަ މިހާރު ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް އިން ވެސް ވަނީ ބަލަން ފަށާފަ އެވެ.