Roadha Mihaaru
ނިންމުންތަކުގައި ޒުވާނުންގެ ހިޔާލު މުހިންމު: ރައީސް

ގައުމުގެ ނިންމުންތަކުގައި ޒުވާނުންގެ ހިޔާލު މުހިންމު: ރައީސް

22 އޮކްޓޯބަރ 2020

ގައުމު ހިންގަން ތިބި ބަޔަކީ ޒުވާނުން ކަމަށާއި ގައުމުގެ ނިންމުންތައް ނިންމާއިރު ޒުވާނުންގެ ބައިވެރިވުން މުހިންމު ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ޝުރުފާ މުހައްމަދު ޝުރުފާ މުހައްމަދު

ގައުމު ހިންގަން ތިބި ބަޔަކީ ޒުވާނުން ކަމަށާއި ގައުމުގެ ނިންމުންތައް ނިންމާއިރު ޒުވާނުންގެ ބައިވެރިވުން މުހިންމު ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ގައުމީ ޒުވާނުންގެ ދުވަހުގެ މުނާސަބަތުގައި ރައީސް ކުރެއްވި ޓުވީޓުގައި ވިދާޅުވީ ޒުވާނުންގެ ގާބިލްކަން އިތުރުކުރުމަށް އެ މީހުންނަށް ފުރުސަތުތައް ފަހިކޮށްދިނުމަކީ އެންމެންގެ ޒިންމާއެއް ކަމަށެވެ. ރައީސް ވިދާޅުވީ ގައުމުގެ ކުރިއެރުމުގައި ޒުވާނުންގެ ދައުރު މިހިންމު ކަމަށާއި ނިންމުންތައް ނިންމުމުގައި ޒުވާނުންގެ ހިޔާލާއި މަޝްވަރާ ހޯދުން މުހިންމު ކަމަށެވެ.

މި އަހަރު ޒުވާނުންގެ ދުވަހުގެ މުނާސަބަތުގައި ޔޫތު މިނިސްޓްރީން ވަނީ ޔޫތު ކޭމްޕެއް ފަށައިފަ އެވެ. ކޭމްޕު ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު ވިދާޅުވީ މި ސަރުކާރުން ހަމަހަމަކޮށް ޒުވާނުންނަށް އިސްކަންދޭ ކަމަށެވެ. އެގޮތުން ޒުވާނުންނަށް ދިމާވާ މައްސަލަތަކާއި ދަތިތައް ހޯދައި އެކަންކަން ހައްލުކުރުމަށް ޒުވާނުންގެ ހިޔާލާއި މަޝްވަރާ ހޯދާ ކަމަށް ވެސް ވިދާޅުވި އެވެ.

މަހުލޫފް ވިދާޅުވީ މިހާތަނަށް ޒުވާނުންގެ ކުރިއެރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައި ވިޔަސް އަދިވެސް ހައްލުކުރަން ޖެހޭ މައްސަލަތަކާއި އިސްލާހުކުރަން ޖެހޭ ކަންކަން ވެސް އެބަހުރި ކަމަށެވެ. އަދި އެކަންކަން ހައްލުކުރުމަށް ޒުވާނުންގެ ހިޔާލާއި މަޝްވަރާ ބަލައިގަންނާނެ ކަމަށް ވެސް ވިދާޅުވި އެވެ.

"މިފަދަ ކަންތަކުގައި ހިޔާލު ފާޅުކޮށް ހަދާއިރު އެފަދަ މައްސަލަތަކަށް ހައްލު ދައްކައިދިނުމަކީ ވެސް ޒުވާނުންގެ ކިބައިން އަޅުގަނޑު މިއަދު އެދޭ އެދުމެއް،" މަހްލޫފް ވިދާޅުވި އެވެ.

މީގެ އިތުރަށް މަހްލޫފް ވަނީ ނުބައި އާދަތައް ދޫކޮށް ޒުވާނުންނަކީ މުޖުތަމައު ބަލައިގަންނަ ބަޔަކަށް ވުމަށް ނަސޭހަތްތެރިވެވަޑައިގެންފަ އެވެ. ކޮންމެ ކަމެއް ކުރާ އިރު ވެސް ގޮންޖެހުންތަކެއް ހުންނާނެ ކަމަށާއި އެކަންކަން ގިރާކޮށް ހިތްވަރާއި އެކު މަސައްކަތްކުރާ ކޮންމެ މީހަކަށް ވެސް ފުރުސަތުތައް ލިބޭނެ ކަމުގެ ޔަގީންކަން އޭނާ ދެއްވި އެވެ.