Roadha Mihaaru
އައިއޭއެސްގެ އެލަވަންސާ ބެހޭ ގޮތުން ކޮމިޓީގެ އެންގުމެއް

ކޮމިޓީން ނިންމީ އުސޫލުން ބޭރުން އެލަވަންސް ނުނަގަން އައިއޭއެސް އަށް އެންގުމަށް

19 އޮކްޓޯބަރ 2020

ރާއްޖޭގެ ގައުމީ އެއާލައިން ހިންގާ ކުންފުނި، އައިލެންޑް އޭވިއޭޝަން ސާވިސަސް (އައިއޭއެސް)ގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރި މައްސަލަ ބެލިއިރު، ފިނޭންސް މިނިސްޓްރީން އެކުލަވާލާފައިވާ އުސޫލްތަކާއި ފާސްކޮށްފައިވާ މުސާރަ އާއި އިނާޔަތްތަކުގެ ބޭރުން އިތުރު އެލަވަންސެއް ސީނިއަ މެނޭޖްމަންޓުގެ ބޭފުޅުންނަށް ހަމަޖައްސާފައިވާ ކަމަށާއި އެކަން އެގޮތަށް ނުކުރަން އައިއޭއެސްއަށް އަންގަން ރައްޔިތުންގެ މަޖިލިހުގެ ކޮމިޓީން ފާސްކޮށްފި އެވެ.

ރާއްޖޭގެ ގައުމީ އެއާލައިން ހިންގާ ކުންފުނި، އައިލެންޑް އޭވިއޭޝަން ސާވިސަސް (އައިއޭއެސް)ގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރި މައްސަލަ ބެލިއިރު، ފިނޭންސް މިނިސްޓްރީން އެކުލަވާލާފައިވާ އުސޫލްތަކާއި ފާސްކޮށްފައިވާ މުސާރަ އާއި އިނާޔަތްތަކުގެ ބޭރުން އިތުރު އެލަވަންސެއް ސީނިއަ މެނޭޖްމަންޓުގެ ބޭފުޅުންނަށް ހަމަޖައްސާފައިވާ ކަމަށާއި އެކަން އެގޮތަށް ނުކުރަން އައިއޭއެސްއަށް އަންގަން ރައްޔިތުންގެ މަޖިލިހުގެ ކޮމިޓީން ފާސްކޮށްފި އެވެ.

ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް ކޮމިޓީ (އެސްއޯއީ) އިން އައިއޭއެސްގެ މުސާރައިގެ މައްސަލަ ބަލައި ރިޕޯޓް މަޖިލީހަށް ހުށަހަޅަން ނިންމީ، އިތުރު ޑޮމެސްޓިކް އެއާލައިންތައް މާކެޓަށް ނުކުމެ އައިއޭއެސް އިން އޮޕަރޭޓްކުރާ ފްލައިޓްތައް ވަރަށް މަދުވެ ކުންފުންޏަށް ގެއްލުންވާ ދަނޑިވަޅެއްގައި ވެރިންގެ މުސާރަ ބޮޑުކުރުމުގެ ޝަކުވާތަކުގެ މައްސަލަ ބެލުމަށް ފަހު އެވެ. ކޮމިޓީން މައްސަލަ ބަލަނިކޮށް، އައިއޭއެސްގެ ޚާއްސަ ރިވިއުއެއް ހަދަން ރައީސް އޮފީހުން އޮޑިޓް އޮފީހުގައި އެދުމުން ކުރި އޮޑިޓަށް ވެސް ކޮމިޓީން ބެލި އެވެ.

އައިއޭއެސްގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރި މައްސަލައިގައި، ކުންފުނީގެ އިސްވެރިން ވެސް ކޮމިޓީއަށް ހާޒިރުކުރި އެވެ. އެއް ބައްދަލުވުމުގައި، މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒްވީ ވިދާޅުވެފައި ވަނީ، މުސާރަ ބޮޑުކުރީ ވާދަވެރި ކުންފުނިތަކުގެ ހުށަހެޅުންތަކާ ހެދި، މުވައްޒަފުން ވަކިވާތީ ކަމަށެވެ. މި ފަހުން، ކޮވިޑާ ގުޅިގެން މުވައްޒަފުންގެ މުސާރަ އިން 20 ޕަސެންޓް އުނިކުރަން ނިންމިކަން އެ ކުންފުނިން އޮތީ އިއުލާންކޮށްފަ އެވެ.

އައިއޭއެސް އާއި އޮޑިޓް އޮފީހާއި ފިނޭންސް މިނިސްޓްރީ ވެސް ކޮމިޓީއަށް ހާޒިރުކުރުމަށް ފަހު އެސްއޯއީ ކޮމިޓީން އެކުލަވާލި 40 ސޮފްހާގެ ރިޕޯޓުގައި، ބައެއް ކަންކަން އިސްލާހުކުރަން އެ ކުންފުންޏަށް އަންގަން އޮތީ ނިންމައިފަ އެވެ. އެކަމަކު މި ރިޕޯޓް އަދި މަޖިލީހަކުން ފާހެއް ނުކުރެ އެވެ.

އެސްއޯއީގެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ފިނޭންސް މިނިސްޓްރީން ޖޫން، 2019ގައި މުސާރައާ ގުޅޭ ގޮތުން އައިއޭއެސް އަށް ފޮނުވި ސިޓީގައި ކަނޑައަޅާފައިވާ މުސާރަ އާއި އިނާޔަތްތަކުގެ ބޭރުން އިތުރު އެލަވަންސްތަކެއް ސީނިއަ މެނޭޖްމަންޓުގެ ބޭފުޅުންނަށް ލިބިވަޑައިގަނެ އެވެ. އުސޫލްތަކުގެ ބޭރުން އިތުރަށް ނަގާފައިވާ ފައިސާއާ މެދު އަމަލުކުރާނެ ގޮތެއް ކަނޑައަޅައި އެކަމާ ގުޅޭ ގޮތުން ނިންމި ގޮތް ވެސް އެސްއޯއީ ކޮމިޓީ އަށް ފޮނުވަން އައިއޭއެސް އަށް އަންގަން ވެސް ކޮމިޓީން ވަނީ ފާސްކޮށްފަ އެވެ.

ޕްރޮމޯޝަން ދީފައިވާ ބައެއް މުވައްޒަފުންގެ މުސާރަ 10،000ރ. އިން 25،000ރ. ދެމެދުގެ މިންވަރަކަށް ބޮޑުކޮށްފައިވެ އެވެ. މިއީ، މާކެޓުގައި މުސާރަ ބޮޑުކުރާ ނިސްބަތަށް ވުރެން ވަރަށް ބޮޑު އަދަދެއް ކަމަށް ވެސް ރިޕޯޓުގައިވެ އެވެ.

ރިޕޯޓުގައި ބުނީ ކުންފުނީގެ ބައެއް ޑިޕާޓްމެންޓްތަކުގެ ވެރިންގެ މުސާރަ ބޮޑުކުރީ ފިނޭންސް މިނިސްޓްރީގެ ހުއްދަ ހޯދުމަކާ ނުލައި ކަމަށެވެ. މުސާރަ ބޮޑުކުރި ފަހުން ކުންފުންޏާއި ފިނޭންސް އިން މަޝްވަރާކޮށް، ބައެއް މުސާރަތަކަށް ބަދަލު ގެނައުމުގެ ހުއްދަ ދީ، ބޮޑުކުރި މުސާރަ ހޯދަން ކުންފުންޏަށް އެންގި ކަމަށް ވެސް ރިޕޯޓުގައިވެ އެވެ.

މި މައްސަލައިގައި އައިއޭއެސް އިން ބުނެފައި ވަނީ ކުންފުނީގެ މުސާރަ އާއި އިނާޔަތްތަކަށް ބަދަލު ގެނައުމުގެ މަސައްކަތް ކުރަމުން އަންނަނީ، ފިނޭންސުން ހުއްދަ ހޯދައިގެން ކަމަށެވެ. މުވައްޒަފުން އަތުން އަނބުރާ ހޯދަން އެންގި ފައިސާ ގިނަ މުވައްޒަފުން ދައްކައި ނިންމާފައިވާ ކަމަށް އައިއޭސް އިން ބުނާ ކަމަށް ވެސް ރިޕޯޓުގައިވެ އެވެ.

މެނޭޖިން ޑިރެކްޓަރު ރިޒްވީ އާއި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އާއިޝަތު ޖެނިފާގެ މުސާރަ އަށް ބަދަލު ގެނައީ، ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، ފިނޭންސް މިނިސްޓްރީން އެކުލަވާލާފައިވާ އުސޫލާ އެއްގޮތަށެވެ. އެގޮތުން މެނޭޖިން ޑިރެކްޓަރަކަށް ކަނޑައަޅާފައި ވަނީ އަސާސީ މުސާރަ އަށް 53،000ރ. އާއި ފައިނޭންޝަލް ޕާފޯމަސް އެލަވަންސާއި މެނޭޖްމަންޓް ޕަފޯމަންސް އެލަވަންސްގެ އިތުރުން ބޯޑު އެލަވަންސާ އެކު ޖުމްލަ 81،950ރ. އެވެ.

ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޖެނިފާގެ އަސާސީ މުސާރަ އަށް 42،880ރ. ހަމަޖައްސައި ފައިނޭންޝަލް ޕަފޯމަސް އެލަވަންސާއި މެނޭޖްމަންޓް ޕަފޯމަންސް އެލަވަންސްގެ އިތުރުން ބޯޑު އެލަވަންސާ އެކު ޖުމްލަ 67،630ރ. ލިބިވަޑައިގަންނަވާ ގޮތަށް ބަދަލު ގެނައި ކަމަށް ރިޕޯޓުގައިވެ އެވެ.

ރިޕޯޓުގައި ބުނިގޮތުގައި މުވައްޒަފުންނަށް މަގާމުގެ ކުރިއެރުމާއި މުސާރައިގެ ކުރިއެރުން ދޭން އެޕްރޫވްކޮށްފައިވާ ޕޮލިސީއެއް ނެތެވެ. އަދި ޓެކްނިކަލް މަސައްކަތްކުރާ މުވައްޒަފުން ފިޔަވައި އެހެން މުވައްޒަފުންނަށް ޕްރޮމޯޝަން ދިނުމުގައި އަމަލުކުރާނެ އުސޫލެއް އެކުލަވާލާ އާއްމުކޮށްފައި ނުވާ ކަމާއި މިހާރު އަމަލުކުރާ އުސޫލަކީ މަގާމަށް މުވައްޒަފަކު ޕްރޮމޯޓްކުރަން ބޭނުންވެއްޖެ ނަމަ، އެ މަގާމާ ގުޅޭ ޑިޕާޓްމެންޓުގެ އިސްވެރިޔާ އެ މަގާމަށް ގެނައުމަށް ބޭނުންވާ މީހެއް ކަނޑައެޅިދާނެ ފަދަ ހާލަތެއް ކަމަށް ރިޕޯޓުގައިވެ އެވެ. އެކަމަކު މިފަދަ އުސޫލެއް މި އަހަރުގެ އެޕްރީލް މަސް ނިމުގެ ކުރިން ބޯޑުން ފާސްކޮށް އަމަލުކުރަން ފަށާނެ ކަމަށް އައިއޭސްއިން ކޮމިޓީގައި ބުނެފައިވާ ކަން ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

ރިޕޯޓުގައި ބުނީ ޕްރޮމޯޝަން ދިން ބައެއް މުވައްޒަފުންގެ ޕާފޯމަންސް ވަޒަންކޮށްފައިވާ ކަން އެނގެން ނެތް ކަމަށެވެ. ޖެނުއަރީ 1، 2018، އިން ޖޫން، 30، 2019ގެ ނިޔަލަށް މުވައްޒަފުންނަށް ދީފައިވާ ގިނަ ޕްރޮމޯޝަންތަކަކީ މަގާމެއް ހުސްވުމުން އެ މަގާމަށް މުވައްޒަފަކު ޕްރޮމޯޓްކުރުމުގެ ބަދަލުގައި އެއްފަހަރާ ގިނަ މުވައްޒަފުންތަކެއް ޕްރޮމޯޓްކުރުމުގެ ގޮތުން ދީފައިވާ ޕްރޮމޯޝަންތަކެއް ކަން ފާހަގަކުރެވޭ ކަމަށް ރިޕޯޓުގައިވެ އެވެ.

އަނެއް ކަންބޮޑުވުމެއްގެ ގޮތުގައި ރިޕޯޓުގައި އޮތީ، އޮޕަރޭޝަން ފުޅާވާ މިންވަރަށް ބެލުމެއް ނެތި މުވައްޒަފުން އިތުރުކުރުމެވެ. ޖެނުއަރީ 2018އާ އަޅާބަލާއިރު 2019ގެ ނިޔަލަށް 169 މުވައްޒަފުން އިތުރުވެފައިވާ ކަމަށް ރިޕޯޓުގައިވެ އެވެ. އެކަމަކު 2018 ވަނަ އަހަރުގެ ފުރަތަމަ ހަ މަސް ދުވަހާ އަޅާބަލާއިރު 2019ގެ ފުރަތަމަ ހަ މަހު ކުންފުނީގެ ފްލައިޓް އޮޕަރޭޝަންގެ އަދަދު އިތުރުވެފައި ވަނީ ހަމައެކަނި 19 އޮޕަރޭޝަން ކަމަށާއި ފްލައިޓްތަކުން އިތުރަށް ދަތުރުކުރީ 62 ފަސިންޖަރުން ކަމަށް ރިޕޯޓުގައިވެ އެވެ.

ކުންފުންޏަށް އިތުރު މުވައްޒަފުން ނެގީ، އެކްސްޕޭންޝަން ޕްލޭނާ އެއްގޮތަށް ކަމަށް އައިއޭއެސްއިން ވަނީ ބުނެފަ އެވެ.

އެސްއޯއީ ކޮމިޓީގެ ނިންމުމުގައި ބުނެފައި ވަނީ އައިއޭސް އަށް ލިބެމުން އަންނަ އަދި ކުރިމަގުގައި ލިބޭނެ ކަމަށް އަންދާޒާކުރާ އާމްދަނީއަށް ބަލާއިރު ކުންފުނި ދެމިއޮތުމަށް ހުރަސްއެޅިދާނެ ފަދަ ބޮޑު ގެއްލުމެއް ކުންފުންޏަށް ލިބިދާނެ ކަމަށް ލަފާ ނުކުރެވެ އެވެ. އެކަމަކު ކުންފުނީގެ ކޭޝްފްލޯއަށް ބަލާއިރު ކުންފުނީގެ ދަރަންޏާއި އެހެނިހެން ހިންގުމުގެ ހަރަދުތައް އަދާކުރުމުގައި ދަތިތަކެއް ހުރިކަން ފާހަގަކުރެވޭތީ ކުންފުންޏަށް އާމްދަނީ ލިބޭނެ ކަންކަން އަވަހަށް ފަށައި އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް އެންގުމަށް ކޮމިޓީން ފާސްކޮށްފައިވެ އެވެ. ކުންފުނި ހިންގުން ހަރުދަނާކުރަން މުޅި ކުންފުނީގެ ދިގު މުއްދަތުގެ ތަސައްވުރު އިސްލާހުކޮށް އެކަށައެޅުމަށް އައިލެންޑް އޭވިއޭޝަން ސާވިސް އަށް އެންގުމަށް ވެސް ކޮމިޓީން ވަނީ ނިންމައިފަ އެވެ.