Roadha Mihaaru
އަކްޝޭއާ އެކު ރީތީގެ ރާނީ މަސައްކަތްކުރަނީ އުފަލުން

އަކްޝޭއާ އެކު ރީތީގެ ރާނީ މަސައްކަތްކުރަނީ އުފަލުން

18 އޮކްޓޯބަރ 2020

އަކްޝޭ ކުމާރާ އެކު ފިލްމު "ޕްރިތުވީރާޖް" އިން ބޮލީވުޑަށް ނުކުންނަން ފުރުސަތު ލިބުމަކީ ނަސީބެއް ކަމަށާއި މަސައްކަތުގެ މާހައުލުގައި އޭނާގެ ފަރާތުން ވަރަށް ގިނަ އެއްޗެހި ދަސްވަމުން އަންނަ ކަމަށް މިސް ވޯލްޑްގެ ތާޖު ހާސިލުކޮށްފައިވާ މަނޫޝީ ޗިލާރް ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އަކްޝޭ ކުމާރާ އެކު ފިލްމު "ޕްރިތުވީރާޖް" އިން ބޮލީވުޑަށް ނުކުންނަން ފުރުސަތު ލިބުމަކީ ނަސީބެއް ކަމަށާއި މަސައްކަތުގެ މާހައުލުގައި އޭނާގެ ފަރާތުން ވަރަށް ގިނަ އެއްޗެހި ދަސްވަމުން އަންނަ ކަމަށް މިސް ވޯލްޑްގެ ތާޖު ހާސިލުކޮށްފައިވާ މަނޫޝީ ޗިލާރް ބުނެފި އެވެ.

އިންޑިއާގެ ލޮކްޑައުން އަށް ހަތް މަސް ފަހުން ފިލްމުގެ ޝޫޓިން އަލުން ފަށައިގެން މިހާރު ކުރިއަށްދާ އިރު 23 އަހަރުގެ ބަތަލާ ބުނީ ސެޓްގައި ހޭދަކުރާ ކޮންމެ ދުވަހަކީ އުފާވެރި ހިތްހަމަޖެހޭ ދުވަހެއް ކަމަށެވެ.

"އަލުން ސެޓަށް އެނބުރި އާދެވުމަކީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް. މަސައްކަތް ވަރަށް ބޮޑަށް މިސްވެފައި ހުއްޓައި އަލުން ސެޓަށް އައިސް ކާސްޓާއި ކްރޫއާ އެކު މަސައްކަތްކުރަން ލިބުމުން ވާ އުފާ ވަރަށް ބޮޑު،" މަނޫޝޫ ބުންޏެވެ. "މި ތަޖުރިބާ އަސްލު ވަރަށް ފުރިހަމަ."

އޭނާ ބުނިގޮތުގައި އެންމެ އުފާވާ އެއް ކަމަކީ އަލަތު ފިލްމު އަކްޝޭ ކުމާރާ އެކު ކުޅެން ލިބި، އެކްޓަރެއްގެ ގޮތުގައި ގިނަ ކަންތައްތަކެއް ދަސްވާން ފުރުސަތު ލިބުމެވެ.

"ވަރަށް ފަސޭހަ އަކްޝޭއާ އެކު މަސައްކަތްކުރަން. ވަރަށް ބުނެދޭ. ސީންއަކަށް އެޕްރޯޗްކުރާ އިރު ކަންކަން ކުރަންވީ ގޮތް އަބަދު ވެސް ވަރަށް ރަނގަޅަށް ކިޔައިދީ، އެހީތެރިވޭ. އެއީ އަސްލު ވަރަށް ބޮޑު ހިތްމަހަމަޖެހުމެއް،" މަނޫޝީ ބުންޏެވެ. "އަހަރެން ކަހަލަ މި ދާއިރާ އަށް އަލަށް ނުކުންނަ މީހަކަށް އަކްޝޭ ކަހަލަ އެކްޓަރެއްގެ ފަރާތުން އެއްޗެހިތަކެއް ދަސްވާން ލިބުމަކީ ނަސީބެކޭ ބުނާނީ. އަދި އެންމެ ހާއްސަ ކަމަކީ މަސައްކަތަށް އޭނަ ބަހައްޓާ ފަރުވާތެރިކަމާއި މަސައްކަތަށް ދޭ ހިތްވަރު."

ޗަންދުރަޕްރަކާޝް ދިވެދީ ޑައިރެކްޓްކުރާ "ޕްރިތުވީރާޖް" އަކީ އިންޑިއާގެ ކުރީގެ ރަސްކަލެއް ކަމަށްވާ ޕްރިތުވީރާޖް ޗޯހަންގެ ވާހަކަ ކިޔައިދޭ ތާރީހީ ހަނގުރާމަ ފިލްމެކެވެ. ފިލްމުގެ ޓައިޓްލް ރޯލު އަކްޝޭ ކުޅޭ އިރު، މަނޫޝީ ފެންނާނީ ސަނިއޮގީތާ ކިޔާ ރާނީއެއްގެ ރޯލުންނެވެ. މީގެ އިތުރު ކާސްޓުންގެ ތެރޭގައި ސަންޖޭ ދަތާއި ސޯނޫ ސޫދާއި އަޝުތޯޝް ރާނާ އާއި ސާކްޝީ ތަންވަރާއި މާނަވް ވިޖް ހިމެނެ އެވެ.

"ޕްރިތުވީރާޖް" އަކީ ކުރިން އަންނަ މަހުގެ 13 ގައި ރިލީޒްކުރަން ނިންމައި މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ޝޫޓިން ފެށި ފިލްމެކެވެ. އެކަމަކު ކޮވިޑް-19 ގެ ބަލިމަޑުކަމާ ހެދި ފިލްމުގެ މަސައްކަތް ހުއްޓި، ދިގުލައިގެން ދިއުމުން ރިލީޒްކުރާނެ އާ ތާރީހެއް އިއުލާނެއް ނުކުރެ އެވެ.

ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އިން ހަދާ "ޕްރިތުވީރާޖް" ގެ އިތުރުން މަނޫޝީގެ އަތުގައި އެ ސްޓޫޑިއޯގެ އެހެން ފިލްމެއް ވެސް އެބައޮތެވެ. އެއީ ވިކީ ކޯޝަލާ އެކު ފެނިގެންދާނެ ކޮމެޑީއެކެވެ. ރަސްމީކޮށް އަދި އިއުލާން ނުކުރާ އެ ފިލްމުގެ ޑައިރެކްޓަރަކީ "ދޫމް 3" އާއި "ތަގްސް އޮފް ހިންދުސްތާން" ގެނެސްދިން ވިޖޭ ކްރިޝްނާ އަޗާރިއާ (ވިކްޓާ) އެވެ.