Roadha Mihaaru
މިސް ވޯލްޑް ތައާރަފުކުރާ ފިލްމު ވެސް ފަސްކޮށްފި

މިސް ވޯލްޑް މަނޫޝީ ތައާރަފުކުރާ ފިލްމު ވެސް ރިލީޒްކުރުން މަޑުޖައްސާލައިފި

05 ޖެނުއަރީ 2022

އިންޑިއާ އަށް އެންމެ ފަހުން މިސް ވޯލްޑްގެ ތާޖު ގެނެސްދިން މަނޫޝީ ޗިލާރް ބޮލީވުޑަށް ތައާރަފުކުރާ ފިލްމު "ޕްރިތުވީރާޖް" ވެސް ރިލީޒްކުރުން މަޑުޖައްސާލައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އިންޑިއާ އަށް އެންމެ ފަހުން މިސް ވޯލްޑްގެ ތާޖު ގެނެސްދިން މަނޫޝީ ޗިލާރް ބޮލީވުޑަށް ތައާރަފުކުރާ ފިލްމު "ޕްރިތުވީރާޖް" ވެސް ރިލީޒްކުރުން މަޑުޖައްސާލައިފި އެވެ.

އިންޑިއާގައި ކޮވިޑްގެ ހާލަތު އަނެއްކާ ވެސް ގޯސްވެ، ސިނަމާތައް ވެސް ބަންދުކުރަމުންދާތީ އަކްޝޭ ކުމާރާ އެކު މަނޫޝީ ކުޅެފައިވާ ފިލްމު ރިލީޒްކުރަން އޮތް ތާރީހު ކަމަށްވާ މި މަހުގެ 21 ގައި އެ ރިލީޒްނުކުރަން، އެ އުފެއްދި އަދިޔިތާ ޗޯޕްޅާގެ ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އިން ނިންމީ އެވެ.

އެހެންވެ ދެން "ޕްރިތުވީރާޖް" އަށް ތާރީހެއް ހަމަޖައްސާނީ ކޮވިޑްގެ ހާލަތަށް އަންނަ ބަދަލުތަކަށް ބެލުމަށް ފަހު އެވެ. މި ފިލްމު ފަސްކުރި އިރު، އިންޑިއާގެ ސިނަމާތަކުގެ އަހަރުގެ ބޮޑު ފެށުމުގެ ގޮތުގައި އަންނަ ހުކުރު ދުވަހު ގެނެސްދޭން ކުރިން އޮތް "އާރްއާރްއާރް" ވެސް ވަނީ ފަސްކޮށްފަ އެވެ.

ބޮޑު ބަޖެޓަކުން ވަރަށް ގްރޭންޑްކޮށް ހަދާފައިވާ "ޕްރިތުވީރާޖް" އަކީ އިންޑިއާގެ ރަސްކަލެއްގެ ވާހަކަ ކިޔައިދޭ ތާރީހީ އެކްޝަން ޑްރާމާއެކެވެ. ޑރ. ޗަންދުރަޕްރަކާޝް ދިވެދީ ޑައިރެކްޓްކޮށްފައިވާ ފިލްމުގެ ކާސްޓްގައި ސަންޖޭ ދަތާއި ސޯނޫ ސޫދާއި އަޝުތޯޝް ރާނާ އާއި ސާކްޝީ ތަންވަރާއި މާނަވް ވިޖް އަދި ލަލިތު ތިވާރީ ވެސް ހިމެނެ އެވެ.

"ޕްރިތުވީރާޖް" އަކީ އެންމެ ފުރަތަމަ ނޮވެމްބަރު 13، 2020 ގައި ސިނަމާތަކަށް ގެންނަން އޮތް ފިލްމެކެވެ. އެކަމަކު އެ ލަސްވެގެން ދިޔައީ ވެސް ކޮވިޑާ ހެދި އެވެ.