Roadha Mihaaru
ބަދަލު ދިނުމުގައި ހަމަހަމަ ކަމެއް ނެތް؟!

ވަޒީފާގެ މައްސަލަތަކުގައި ބަދަލު ދިނުމުގައި ހަމަހަމަ ކަމެއް ނެތް؟!

15 އޮކްޓޯބަރ 2020

ނުހައްގުން ވަޒީފާތަކުން ވަކިކުރާ މީހުންނަށް ބަދަލު ދިނުމުގެ މައްސަލައަކީ ފަހަކަށް އައިސް ފާޑުކިޔުން ބޮޑު މައްސަލަ އެވެ. ސިޔާސީ ގޮތުން ވެސް ފާޑުކިއުން އަމާޒުވަނީ އެކަމަށެވެ. ނަމަވެސް ގާނޫނާ ޚިލާފަށް ވަކިކުރާ މީހުންނަށް ލިބޭ ގެއްލުމުގެ ބަދަލު ދޭން ޖެހޭނެ ކަމާ މެދު ބަހުސް ކުރެވޭކަށް ނެތެވެ. އެކަމަށް ޒިންމާވާން ޖެހޭ ފަރާތްތައް ޒިންމާ ނުކުރެވުމުގެ މައްސަލައަކީ އެހެން ކަމެކެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ނުހައްގުން ވަޒީފާތަކުން ވަކިކުރާ މީހުންނަށް ބަދަލު ދިނުމުގެ މައްސަލައަކީ ފަހަކަށް އައިސް ފާޑުކިޔުން ބޮޑު މައްސަލަ އެވެ. ސިޔާސީ ގޮތުން ވެސް ފާޑުކިއުން އަމާޒުވަނީ އެކަމަށެވެ. ނަމަވެސް ގާނޫނާ ޚިލާފަށް ވަކިކުރާ މީހުންނަށް ލިބޭ ގެއްލުމުގެ ބަދަލު ދޭން ޖެހޭނެ ކަމާ މެދު ބަހުސް ކުރެވޭކަށް ނެތެވެ. އެކަމަށް ޒިންމާވާން ޖެހޭ ފަރާތްތައް ޒިންމާ ނުކުރެވުމުގެ މައްސަލައަކީ އެހެން ކަމެކެވެ.

ގާނޫނާ ޚިލާފަށް ވަޒީފާއިން ވަކިކުރާ މައްސަލަތަކުގައި ގެއްލިގެން ދިޔަ ދުވަސްތަކަށް ބަދަލުގެ ގޮތުގައި ނަގައިދޭ މިންވަރު ވަކި މިންވަރަކަށް ލިމިޓް ކުރަން ދައުލަތުން ސުޕްރީމް ކޯޓުގައި ވަކާލާތުކުރުމުން ފަނޑިޔާރުންގެ ގިނަ ސުވާލުތަކަކާއި އާންމުންގެ ގިނަ ބައެއް ފާޑުކިޔުންތަކެއް އަމާޒުވި އެވެ. ސަބަބެއް ނެތިއެއް ނޫނެވެ.

ކުރީގެ ސަރުކާރުތަކުގައި ވަޒީފާއިން ވަކިކުރި މަޝްހޫރު ބައެއް ބޭފުޅުންނަށް އަލުން ވަޒީފާއާ އެކު ގެއްލުނު މުއްދަތުގެ މުސާރަ އާއި އިނާޔަތްތަކަށް އެތައް މިލިއަން ރުފިޔާ އެއްފަހަރާ ކޯޓުތަކުން ނަގައި ދިނީ ދައުލަތުން އެގޮތަށް ކޯޓުގައި އެއްބަސްވުމުންނެވެ. އޭގެ ތެރެއިން ގިނައީ ފުލުހުންނާއި ސިފައިންގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންނެވެ. މިހާރުގެ ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދާއި ޗީފް އޮފް ޑިފެންސް ފޯސް އަބްދުﷲ ޝަމާލްގެ މައްސަލައަކީ އޭގެ ބައެއް މިސާލުތަކެވެ.

ގިނަ މައްސަލަތަކުގައި ވަޒީފާ އަނބުރާ ދޭން ހުކުމް ކުރުމުން ވެސް އިސްތިއުނާފްގެ މަރުހަލާތަކުގައި ދައުލަތުން މައްސަލަތައް ދިގުދަންމަ އެވެ. އެތައް އަހަރެއް ވަންދެން މައްސަލަ "ހިފަހައްޓައިގެން" ތިބުމަށް ފަހު ސަރުކާރު ބަދަލުވުމުން ނުވަތަ ކޮންމެވެސް ސަބަބުތަކަށްޓަކައި ދައުލަތުގެ ވިސްނުން ބަދަލުވެ، އެ މީހަކު ވަކިކުރީ ގޯސްކޮށް ކަމަށް ދައުލަތުން އެއްބަސްވެ އެވެ. މިހާރު މައްސަލަ ދިމާވެފައި އޮތީ ބަދަލު ދޭން ޖެހޭ މުއްދަތާ މެދު އެވެ.

އާދައިގެ ވަޒީފާތަކުގައި ތިއްބާ ވަކިކުރި މީހުންގެ މައްސަލަތަކުގައި އެންމެ އަހަރެއްގެ މުސާރަ އާއި އިނާޔަތްތައް ދޭން ދައުލަތުން ހުށަހެޅުމުން އެކަން ބަލައިގަންނަން ދަތިވީ އިސް މަގާމުތަކުގައި ތިއްބެވި މަޝްހޫރު ބޭފުޅުންގެ މައްސަލަތަކާ ތަފާތުކޮށް އާދައިގެ މީހުންގެ މައްސަލަތަކުގައި ދައުލަތުން އަމަލު ކުރާތީ އެވެ. ވަޒީފާ ގެއްލުނު މުއްދަތު ކިތަންމެ އިތުރު ވިޔަސް، ބަދަލު ދިނުމުގައި ގިނަވެގެން އެއް އަހަރުގެ މުސާރަ އާއި އިނާޔަތްތައް ދިނުމަށް ދައުލަތުން ވަކާލާތު ކުރަނީ، ދައުލަތުން ގަބޫލުކުރާ ގަބޫލުކުރުމެއްގެ މައްޗަށެވެ. ގާނޫނީ ހަމައެއް ނެތެވެ.

ގާނޫނާ ޚިލާފަށް މީހުން ވަޒީފާތަކުން ވަކިކުރުމާއި އޭގެ ފަހަށް ތަރުތީބު ވެގެން އަންނަ ގެއްލުމުގެ ބަދަލާއި ވަޒީފާ އަނބުރާ ހޯދަން ހަރުދަނާ އުސޫލުތަކެއް ރާއްޖެއަކު ނެތެވެ. ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ އިހްތިސާސް ނުހިނގާ މީހުންގެ މައްސަލަތަކުގައި ވަޒީފާއިން ވަކިކުރުމުން އެއްވެސް ޝަކުވާއެއް ނުވަތަ މައްސަލައެއް ހުށަނާޅައި "ހައްގު މަތީގައި ނިދާފައި ތިބޭތާ" އެތައް އަހަރެއް ފަހުން ވެސް ދައުވާ ކޮށްފާނެ އެވެ. ނަތީޖާއަކަށް ވަނީ ގެއްލުނު ދިގު މުއްދަތުގެ މުސާރަ އާއި އިނާޔަތްތަކުގެ ގޮތުގައި ދޭން ޖެހޭ ބަދަލު މިލިއަނުން މައްޗަށް އެރުމެވެ.

މި ފުރުސަތު އޮންނަނީ ވަޒީފާއާ ބެހޭ ގާނޫނު އޮންނަ ގޮތުން ވަކި މުއްދަތެއްގެ ތެރޭގައި ދައުވާ ކުރަން ލާޒިމްވަނީ ޓްރައިބިއުނަލްގެ އިހްތިސާސް ހިނގާ ވަޒީފާގެ މައްސަލަތަކަށް އެކަނި ކަމަށް ވާތީ އެވެ. ފުލުހުންނާއި ސިފައިންނާއި އަދި ހިންގުމުގެ އިސް ވަޒީފާތަކުގައި ތިބޭ މީހުންގެ ވަޒީފާގެ މައްސަލަތައް ބަލަން ޖެހެނީ ކޯޓުތަކުން ކަމަށް ވެފައި، އެފަދަ މައްސަލަތަކުގައި ދައުވާ ކުރަން ޖެހޭ މުއްދަތެއް ގާނޫނަކު ނޯވެ އެވެ.

ދެން އޮތީ ދައުލަތުގެ މުއައްސަސާތަކުން އަމަލުކުރާ ގޮތެވެ. ފާޅުކަން ބޮޑު ބޭއިންސާފުތަކެއް ފެންނަން ހުއްޓަސް، ބައެއް މައްސަލަތަކުގައި ވަޒީފާ އަނބުރާ ނުދިނުމަށް ހުރިހާ ހުއްޖަތުތަކެއް ދައްކަ އެވެ. ނާދިރު ހާލަތެއްގައި ކޯޓަކުން ދައުލަތާ ދެކޮޅަށް ވަޒީފާގެ މައްސަލައެއް ނިންމިޔަސް، އިސްތިއުނާފް މަރުހަލާއިން އެ ނިންމުން ބަދަލު ކުރަން ކުރެވެން ހުރިހާ މަސައްކަތެއް ކުރެ އެވެ. މި މަރުހަލާތައް ނިމި، މުވައްޒަފަށް އޭނާގެ ހައްގު އަނބުރާ ލިބޭއިރު އެތައް އަހަރެއް ހޭދަވެގެން ދެ އެވެ. ދޭން ޖެހޭ ބަދަލު އިންތިހާއަށް ބޮޑުވެގެންދާ އަނެއް ސަބަބަކީ އެއީ އެވެ.

ސުޕްރީމް ކޯޓު: ލިބެނީ ހައްގު ބަދަލެއްތޯ ބަލަން ޖެހޭނެ ކަމަށް ކަނޑައެޅި -- ފޮޓޯ/މިހާރު

ސުޕްރީމް ކޯޓު: ލިބެނީ ހައްގު ބަދަލެއްތޯ ބަލަން ޖެހޭނެ ކަމަށް ކަނޑައެޅި -- ފޮޓޯ/މިހާރު

އިނގިރޭސި ވިލާތާއި އޮސްޓްރޭލިޔާގެ ނަމޫނާ

ވަޒީފާގެ މައްސަލަތަކުގައ ބަދަލު ނަގައި ދިނުމާ ބެހޭ ތަފްސީލީ އުސޫލުތަކެއް ވަޒީފާއާ ބެހޭ ގާނޫނަކު ނެތެވެ. މިހާތަނަށް އޮތީ މަތީ ކޯޓުތަކުން ނިންމާފައިވާ ނިންމުންތަކެވެ. ހައި ކޯޓުން މިދިޔަ އަހަރު ނިންމާފައިވަނީ ގާނޫނާ ޚިލާފަށް ވަޒީފާއިން ވަކިކުރާ މައްސަލަތަކުގައި އެއް އަހަރުގެ މުސާރަ އާއި އިނާޔަތްތަކަކީ އަދުލުވެރި ބަދަލެއް ކަމަށެވެ. އެގޮތަށް ނިންމީ އިިނގިރޭސިވިލާތާއި އޮސްޓްރޭލިއާގެ ގާނޫނުތަކަށް ރިއާޔަތް ކުރުމަށް ފަހު އެވެ. އިނގިރޭސިވިލާތުގެ ގާނޫނު ބުނާ ގޮތުން އެފަދަ މައްސަލަތަކުގައި ނަގައި ދެވޭނީ އެއް އަހަރުގެ މުސާރަ އާއި އިނާޔަތްތައް ނުވަތަ ގާނޫނަކުން ކަނޑައަޅާ އަދަދެކެވެ. އޮސްޓްރޭލިއާގެ ގާނޫނުތަކުގެ ދަށުން ނަގައި ދެވެނީ ހަ މަސް ދުވަހުގެ މުސާރަ އާއި އިނާޔަތްތަކެވެ.

މިކަމާ ބެހޭ ގޮތުން ސުޕްރީމް ކޯޓުން ދާދި ފަހުން ނިންމާފައިވަނީ ގާނޫނާ ޚިލާފަށް ވަޒީފާއިން ވަކިކުރި ކަން ސާބިތުވާ ހާލަތްތަކުގައި (ވަޒީފާ އަނބުރާ ދިނަސް އަދި ނުދިނަސް) އެ މީހަކަށް ގެއްލުނު މުއްދަތުގެ މުސާރަ އާއި އިނާޔަތްތައް އެއްކޮށް ނަގައި ދިނުން ވަޒީފާއާ ބެހޭ ގާނޫނުގެ ދަށުން ލާޒިމްނުވާ ކަމަށެވެ. އަދި ގެއްލުން ކުޑަކުރުމުގެ ޒިންމާ، އެ ވަކިކުރެވޭ މުވައްޒަފުގެ މައްޗަށް ވެސް ގާނޫނީ ގޮތުން އޮންނާތީ އޭނާއަށް ނުހައްގު މުއްސަނދިކަމެއް ލިބޭ ގޮތަށް ބަދަލު ނަގައިދީގެން ނުވާނެ ކަމަށް އެ ހުކުމުގައިވެ އެވެ. އެގޮތުން އެހެން ވަޒީފާއެއް އޭނާ އަދާކުރާ ނަމަ އެކަމަށް އަދި އެހެން ވަޒީފާއެއް ހޯދަން އާންމުކޮށް ހިނގާނެ މުއްދަތަށް ވެސް، ބަދަލު ނަގައި ދިނުމުގައި ރިއާޔަތް ކުރަންވާނެ ކަމަށް ސުޕްރީމް ކޯޓުގެ ހުކުމުގައިވެ އެވެ.

ނަމަވެސް ހުރިހާ މައްސަލައެއްގައި އެއްހަމައަކުން މި އުސޫލު ދެމެހެއްޓުމަކީ ފަސޭހަ ކަމެއް ނޫނެވެ. ވަޒީފާ ގެއްލުމުން، އެ ފެންވަރުގެ އެހެން ވަޒީފާއެއް ހޯދަން ކުރިމަތިވާ ދަތިތަކާއި އޭގެ ސަބަބުން ދިރިއުޅުމަށް އަންނަ ހީނަރު ކަމަކީ ކޮންމެ މައްސަލައެއްގައި އެނގެން ހުންނާނެ މައުލޫމާތުތަކެއް ނޫނެވެ. އަދި ޝަރުއީ އެކި މަރުހަލާތަކުން މައްސަލަ ނިމޭއިރު އެހެން ވަޒީފާއެއް އެ މީހަކަށް އަދާނުކުރެވޭ މިންވަރަށް ހާލަތު ބަދަލުވެފައި އޮތުމަކީ ވެސް ދުރު ކަމެއް ނޫނެވެ.

ގާނޫނީ ވަކީލަކު ވިދާޅުވި ގޮތުގައި ވަޒީފާގެ މައްސަލަތަކުގައި ބަދަލު ނަގައިދޭ މިންވަރު ކޮންމެވެސް މިންވަރަކަށް ލިމިޓް ކުރަން ޖެހެ އެވެ. ދައުލަތަށް އެ މީހެއްގެ ފަރާތުން ޚިދުމަތެއް ނުލިބޭ މުއްދަތަށް އެކީގައި ބަދަލު ދިނުމަކީ އިންސާފުވެރި ގޮތެއް ކަމަކަށް އޭނާ ގަބޫލެއް ނުކުރައްވަ އެވެ. ނަމަވެސް ދައުލަތުން މިހާރު މަސައްކަތް ކުރަނީ އިންސާފުވެރި އުސޫލަކުން ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

"ބައެއް މައްސަލަތަކުގައި ދައުލަތުން އެބަ އެއްބަސްވޭ ހަތަރު އަހަރެއްހާ ދުވަހުގެ މުސާރަ އެއްފަހަރާ ދޭން ވެސް. އެކަމަކު އެ ބާވަތުގެ މައްސަލައެއްގައި ވަކިކޮށްފައި ހުރި އެހެން މީހެއްގެ މައްސަލައެއްގައި މި ބުނަނީ ގިނަވެގެން އެއް އަހަރަށޭ ބަދަލު ދެވޭނީ. ވަރަށް ބޮޑު ތަފާތު ކުރުމެއް އެ ގެންގުޅެނީ،" މަދަނީ ގިނަ މައްސަލަތަކެއްގައި ދައުލަތުގެ ފަރާތުން ވެސް ކުރިން ވަކާލާތުކުރެއްވި އެ ވަކީލް ވިދާޅުވި އެވެ.

އޭނާ ވެެސް ގަބޫލުކުރައްވާ ގޮތުގައި ބޮޑެތި އަދަދުތަކުން ބަދަލު ދޭން ޖެހުމުގައި ދިގު މުއްދަތެއް ފާއިތުވާ ފަހުން ދައުވާ ކުރުމުގެ އިތުރުން ވަޒީފާ އަނބުރާ ނުދޭން ދައުލަތުން ގާނޫނީ މަރުހަލާތަކުގައި މައްސަލަ ލަސްކުރާ ކުރުން ހިމެނެ އެވެ. މައްސަލަ ނިމޭއިރު ހުރިހާ ބުރައެއް އަންނަނީ ދައުލަތަށް ކަން ފާހަގަކުރައްވައި، އޭނާ ވިދާޅުވީ އެކަމުގައި އޮތް ހައްލަކީ ގާނޫނުތަކުން ފަރުވާއެއް ދިނުން ކަމަށެވެ.

"ހައްގު ހޯދަން ކޯޓަށް ދިއުމަކީ ހައްގު ގެއްލޭ މީހާގެ ޒިންމާއެއް. ދައުވާ ނުކޮށް އަހަރުތަކެއް ތިބެފައި ދެން މައްސަލަ ހުށަހެޅިޔަސް، އެއަށް އޮންނަން ޖެހޭ ކޮންމެވެސް ކެޕެއް. އެކަމަކު އެބަހުރި ހައްގު ހޯދަން މަސައްކަތް ކުރީމަ އިސްތިއުނާފް މަރުހަލާގައި މައްސަލަ ނުނިމި ލަސްވި މައްސަލަތައް. އެ މީހުން ތިބެދާނެ އެހެން ވަޒީފާއެއް ނުލިބިފައި ވެސް ކޮންމެވެސް ސަބަބުތަކަކާ ހެދި. މިކަހަލަ ކަންކަން ވެސް އެބަހުރި،" އެ ވަކީލް ވިދާޅުވި އެވެ.

ނުހައްގުން ވަޒީފާއިން ވަކިކުރުމުން އެކަށީގެންވާ ބަދަލެއް ލިބެން ޖެހެ އެވެ. ނަމަވެސް އެއްވެސް އުސޫލެއް ނެތި އެކި މީހުންނަށް އެކި ގޮތަށް ބަދަލު ނަގައި ދިނުމުގެ ސަގާފަތަށް ކޮންމެވެސް ނިމުމެއް ވެސް އަންނަން އެބަ ޖެހެ އެވެ. އެކަމަށްޓަކައި ގާނޫނުތަކުގައި ހަރުދަނާ އުސޫލުތަކެއް ކަނޑައަޅައިގެން ނޫނީ އިންސާފެއް ނުލިބޭނެ އެވެ. އެހެން ނޫނީ އޮންނާނީ އެކި މީހުންނަށް އެކި ގޮތެވެ.