Roadha Mihaaru
ރަންދީރް ކަޕޫރް އަލުން ޑައިރެކްޝަނަށް

ކަރިޝްމާ އާއި ކަރީނާގެ ބައްޕަ ރަންދީރް ކަޕޫރް އަލުން ޑައިރެކްޝަނަށް

12 އޮކްޓޯބަރ 2020

ހިންދީ ސިނަމާގެ އައިކޮނިކް އެތައް ފިލްމެއް ގެނެސްދިން ރާޖް ކަޕޫރްގެ ފިލްމު ކުންފުނި އާރްކޭ އިން އަލުން ފިލްމު ހަދަން ނިންމައި، ރަންދީރް ކަޕޫރް އަހަރުތަކެއް ފަހުން ފިލްމެއް ޑައިރެކްޓްކުރާކަން އިއުލާންކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ހިންދީ ސިނަމާގެ އައިކޮނިކް އެތައް ފިލްމެއް ގެނެސްދިން ރާޖް ކަޕޫރްގެ ފިލްމު ކުންފުނި އާރްކޭ އިން އަލުން ފިލްމު ހަދަން ނިންމައި، ރަންދީރް ކަޕޫރް އަހަރުތަކެއް ފަހުން ފިލްމެއް ޑައިރެކްޓްކުރާކަން އިއުލާންކޮށްފި އެވެ.

ބަތަލާއިން ކަމަށްވާ ކަރީނާ ކަޕޫރާއި ކަރިޝްމާ ކަޕޫރްގެ ބައްޕަ ރަންދީރަކީ ރާޖް ކަޕޫރްގެ ތިން ފިރިހެން ދަރިންގެ ތެރެއިން ދޮށީ ދަރިފުޅެވެ. އޭގެ ތެރެއިން މެދަށް ހުރި ރިޝީ މި އަހަރު މަރުވެފައިވާ އިރު، ހަގަށް ހުންނަނީ ރަޖީވް ކަޕޫރެވެ.

އާރްކޭ އިން އަލުން ފިލްމު ހަދަން ނިންމިކަން އިއުލާންކުރި އިރު، އެ ސްޓޫޑިއޯ ހިންގި ތަން މިދިޔަ އަހަރު ވަނީ ވިއްކާލައިފަ އެވެ.

އީ-ޓައިމްސް އަށް ދިން އިންޓަވިއުއެއްގައި ރަންދީރް، 73، ބުނީ އާރްކޭ އަލުން ކޮޅަށް ޖަހައި ފިލްމު ހަދަން ތައްޔާރީތައް ވަމުން އަންނަ އިރު، ފުރަތަމަ ހަދާނީ ލޯބީގެ ފިލްމެއް ކަމަށެވެ. އަދި އެ ފިލްމު ޑައިރެކްޓްކުރާނީ އޭނާ ކަމަށާއި މާ ލަސްތަކެއް ނުވެ އެ ފިލްމު ރަސްމީކޮށް އިއުލާންކުރާނެ ކަމަށް ބުންޏެވެ.

"އެކަމަކު މި ވަގުތު ނެތް ފިލްމާ ބެހޭ އެއްވެސް ތަފުސީލެއް ދެވޭކަށް. ކާސްޓާ އެއްޗެހި މުޅިން ފައިނަލްވީމަ ވަރަށް ކުލަގަދަކޮށް ފިލްމު އިއުލާންކުރާނަން،" ރަންދީރް ބުންޏެވެ.

އޭނާ މީގެ ކުރިން ވެސް ފިލްމުތަކެއް ޑައިރެކްޓްކުރި އެވެ. އެއީ ހެނާ (1991) އާއި ދަރަމް ކަރަމް (1975) ގެ އިތުރުން ކަލް އާޖް އޯރް ކަލް (1971) އެވެ.

ރަންދީރަކީ އެންމެ ޒުވާން އުމުރުގައި ފިލްމުތައް ކުޅުނު އެކްޓަރެކެވެ. އެކަމަކު އޭނާ އަކީ ބައްޕަ ރާޖާއި ކޮއްކޮ ރިޝީ ހޯދި ވަރުގެ ކާމިޔާބެއް ފިލްމު އިންޑަސްޓްރީން ހޯދުނު އެކްޓަރެއް ނޫނެވެ. ރަޖީވް، 58، އަކީ ވެސް ވަރަށް ކުލަ ފަނޑު އެކްޓަރެކެވެ. "ރާމް ތޭރީ ގަންގާ މެއިލީ" ފަދަ ފިލްމުތައް ކުޅުނު ރަޖީވް ވެސް ފިލްމެއް ޑައިރެޓްކުރި އެވެ. އެއީ 1996 ގެ "ޕްރޭމް ގްރާންތު" އެވެ.

ކާމިޔާބު އެތައް ފިލްމެއް ކުޅުނު ރިޝީ ވެސް އާރްކޭ ބެނާގެ ދަށުން ފިލްމެއް ޑައިރެކްޓްކުރި އެވެ. އެއީ 1999 ގެ "އާ އަބް ލޯޓް ޗަލޭ" އެވެ. އައިޝްވާރިއާ ރާއީ އާއި އަކްޝޭ ކަންނާ ކުޅުނު އެ ފިލްމަކީ އާރްކޭގެ ތައްގަނޑުގައި އެންމެ ފަހުން ގެނެސްދިން ފިލްމެވެ.

އެތަނުން ގެނެސްދިން މަޝްހޫރު ބައެއް ފިލްމުތަކުގެ ތެރޭގައި "ޝްރީ 420" އާއި "ސަންގަމް" އާއި "މޭރާ ނާމް ޖޯކަރް" އާއި "ބޮބީ" ގެ އިތުރުން "ސަތިއަމް ޝިވަމް ސުންދަރަން" ފަދަ ފިލްމުތައް ހިމެނެ އެވެ.