Roadha Mihaaru
ޖީމެއިލަށް އާ ލޯގޯއެއް

ޖީމެއިލަށް އާ ލޯގޯއެއް

08 އޮކްޓޯބަރ 2020

ސިޓީއުރައެއް ސިފަވާ ގޮތަށް ރަތް ކުލައިގެ "އެމް" އަކުރު އިން ޖީމެއިލްގެ ލޯގޯ އަހަރުތަކެއް ފަހުން ބަދަލުކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ސިޓީއުރައެއް ސިފަވާ ގޮތަށް ރަތް ކުލައިގެ "އެމް" އަކުރު އިން ޖީމެއިލްގެ ލޯގޯ އަހަރުތަކެއް ފަހުން ބަދަލުކޮށްފި އެވެ.

އާ ލޯގޯ އިނީ ޖީމެއިލްގެ ސިފަ ވަރަށް ބޮޑަށް ދައްކުވައިދޭ ގޮތަށް ކުރިން އިން ސިޓީ އުރަ އެއްލާލައި ހަމައެކަނި "އެމް" އަކުރެއްގެ ގޮތުގަ އެވެ. އަދި ގޫގުލްގެ މައިގަނޑު ކުލަތައް ކަމަށްވާ ރަތާއި ނުލާއި ފެއްސާއި ރީނދޫ ކުލަ ހިމަނާފައިވެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ޖމެއިލްގެ ލޯގޯ އަށް ގޫގުލް އިން ބަދަލު ގެންނަން ނިންމީ ކުރީގެ ޑިޒައިނާ މެދު ގިނަ ބަޔަކު ހިތްހަމަނުޖެހޭތީ އެވެ.

"އެމް" އަކުރު ގޫގުލްގެ ކުލަތަކާ އެކު އާ ލޯގޯ ގެނެސްދިނުމުން މިހާރު އެއީ ސީދާ ގޫގުލްގެ ކުޑައިގެ ދަށުގައި ހިމެނޭ އެއްޗެއްކަން ވެސް މާ ބޮޑަށް ދައްކުވައިދޭނެ އެވެ.

އެހެންވެ ލޯގޯ އަށް މި ގެނައި ބަދަލާ އެކު މިހާރު ޖީމެއިލަށް ވަނީ ގޫގުލް އާއި ގޫގުލް ކްރޯމާއި ގޫގުލް މެޕްސް އާއި ގޫގުލް ފޮޓޯސް ފަދަ ޕްރޮޑަކްޓްތަކުގެ ވައްތަރުކަން ގެނެސްދީފަ އެވެ. މި ބަދަލު ގެނެސްފައި މި ވަނީ ގޫގުލްގެ "ޖީ ސޫޓްސް" ސޮފްޓްވެއާ ވެސް "ގޫގުލް ވޯކްޕްލޭސް" އަށް ރިބްރެންޑްކުރުމާ ދިމާކޮށެވެ.

ޖީމެއިލްގެ ލޯގޯ އަށް އެންމެ ފަހުން ބަދަލު ގެނައީ 2013 ގަ އެވެ. އަދި 2004 ގެ ފަހުން 2013 އާ ހަމައަށް ހަތަރު ފަހަރެއްގެ މަތިން ލޯގޯ އަށް ބަދަލު ގެނެސްފައިވެ އެވެ.