04 އޮކްޓޯބަރ 2020
ރައްޔިތުންގެ މަޖިލީހުގައި ސިޔާސީ ޕާޓީތައް ވަކިން ތިބޭ ގޮތަށް ތަރުތީބު ބަދަލުކުރުމާ މެދު އާއްމު ކޮމިޓީން މަޝްވަރާކޮށް ތަޅުމަށް ހުށަހަޅަން މިއަދު ނިންމައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގައި ސިޔާސީ ޕާޓީތައް ވަކިން ތިބޭ ގޮތަށް ތަރުތީބު ބަދަލުކުރުމާ މެދު އާއްމު ކޮމިޓީން މަޝްވަރާކޮށް ތަޅުމަށް ހުށަހަޅަން މިއަދު ނިންމައިފި އެވެ.
ތަޅުމުގައި މެމްބަރުން ތިއްބަވާ ތަރުތީބު ބަދަލުކުރުމާ މެދު އާއްމު ކޮމިޓީގައި މަޝްވަރާކޮށް ރިޕޯޓެއް އެކުލަވައިލަން އެދިވަޑައިގެން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހުށަހަޅުއްވާފައިވާ މައްސަލައިގައި އާއްމު ކޮމިޓީގެ މެމްބަރުން މިއަދު ދެ ގޮތަކަށް ޚިޔާލު ފާޅުކުރެއްވި އެވެ. އެއީ ނަޝީދުގެ ހުށަހެޅުއްވުމާ އެކު މަޖިލީހުގެ އިދާރައިން ކޮމިޓީއަށް ފޮނުވާފައިވާ ދިރާސާ ރިޕޯޓްގައި ބުރަވެފައިވާ ގޮތަށް ސިޔާސީ ޕާޓީތައް ވަކިން ތިބުމާއި ހ،ށގެ ތަރުތީބުން ތިއްބެވުމަށެވެ.
އާއްމު ކޮމިޓީއަށް ނަޝީދު ހުށަހެޅުއްވި މައްސަލައިގައިި އެދިވަޑައިގެންފައި ވަނީ ތަރުތީބު ބަދަލުކުރުމާ ބެހޭ ގޮތުން ކޮމިޓީން ރިޕޯޓެއް އެކުލަވައިލާ ތަޅުމަށް ހުށަހެޅުމަށެވެ. އެގޮތުން ފޮނުވި ދިރާސާގައި ބުނެފައި އޮތީ ކުރިއަރާފައިވާ ގިނަ ގައުމުތަކުގެ ޕާލަމެންޓްތަކުގައި މެމްބަރުން ތިއްބަވަނީ ސިޔާސީ ޕާޓީތައް ވަކިވާ ތަރުތީބަކުން ކަމަށެވެ. އެ ދިރާސާގައި ބަލާފައި ވަނީ ރާއްޖޭގައި އޮތް ނިޒާމާ އެންމެ ގާތްކުރާ ގޮތަކަށް ރިޔާސީ ނިޒާމު އޮތް ގައުމުތަކަށް ކަމަށް ވެސް ދިރާސާ ރިޕޯޓްގައި ބުނެފައި ވެ އެވެ.
މަޖިލީހުގެ ތިން ވަނަ ދައުރުގެ ޖަލްސާތައް މާދަމާ ފަށަންވާ އިރަށް ކޮމިޓީ ރިޕޯޓް ނިންމަން އާއްމު ކޮމިޓީގެ މުގައްރިރު ހެންވޭރު ހުޅަނގު ދާއިރާގެ އެމްޑީޕީ މެމްބަރު ހަސަން ލަތީފު މިއަދު ބާރު އެޅުއްވި އެވެ. އެކަމުގައި ދިރާސާ ރިޕޯޓާ އެއްގޮތް ނިންމުމެއް ނިންމަވަން ވެސް އޭނާ ކޮންމެވެސް ވަރަކަށް ބާރު އެޅުއްވި އެވެ.
ހަސަން ވިދާޅުވީ މަޖިލީހުގައި އަތޮޅުތަކުގެ ތަރުތީބުން ތިއްބެވި ނަމަވެސް ރާއްޖޭގައި ނިންމުންތައް ނިންމަނީ ޕާޓީތަކުގެ ޕާލަަމެންޓްރީ ގްރޫޕްތަކުގައި މަޝްވަރާކޮށްގެން ކަމަށާއި އެކި އެކި ބޭފުޅުން އެގޮތަށް ޚިޔާލުފާޅުކުރައްވައި ލިއުއްވުންތައް ލިއުއްވާފައި އެބަހުރި ކަމަށެވެ.
"މިސާލަކަށް އަޅުގަނޑުމެން ކަމެއްގައި ވޯޓަކަށް ދާއިރު ވެސް މި އަހަނީ، މިސާލަކަށް ށ.އަތޮޅު ނުވަތަ މިސާލަކަށް މާލެ، އަޅުގަނޑުމެން އެންމެންގެ ވިސްނުން ހުރި ގޮތް ބަލާފައި ވޯޓް ދެނީއެއް ނޫނޭ. އެހެން ނަމަވެސް އެމްޑީޕީ ނުވަތަ ޕީޕީއެމް، އެޕާޓީގެ ޕާލަމެންޓްރީ ގްރޫޕޭ އިށީންނަނީ. އިށީނދެފައި ގޮތެއް ނިންމަނީ. ނިންމާފައި އެއަށް ވޯޓް ދެނީ ވެސް،" ހަސަން ވިދާޅުވި އެވެ.
ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން ހުށަހެޅުއްވީ މަޖިލީހުގެ ތަޅުމުގެ ދެފަރާތް ޕާޓީތަކަށް އަދި ފަހަތު ގޮނޑިބަރިތައް އަމިއްލަ މެމްބަރުންނަށް ހާއްސަ ކުރުމާއި އެކުގައި ވެސް އަތޮޅުތައް ހ. އިން ފެށިގެން ސ. އަށް ތަރުތީބު ކުރުމަށެވެ.
އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ވިދާޅުވީ ދެ ގޮތުގައި ވެސް ފައިދާ އާއި ގެެެއްލުން އެބަހުރި ކަމަށާއި މާޒީގެ ތަޖުރިބާއިން ފެންނަނީ ޕާޓީތައް ވަކިވެފައި ނެތުމުން ތަޅުމުގައި މެމްބަރުން އެކަނިވެރިކަން އިހުސާސްކުރައްވަން ޖެހިވަޑައިގަންނަވާ ކަމަށެވެ. އެކަމަކު ތަރުތީބު ބަދަލުކުރުމާއި މެދުގައި އޭނާ ވަކި ގޮތެއް ނުނަންގަވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ހުރިހާ ޕާޓީއެއްގެ ބޭފުޅުން އެއް ތަނެއްގައި ތިބޭ ކަމަށް ވަންޏާ އެއީ ލިބޭ ވަރަށް ބޮޑު ހިތްވަރެއް ކޮންމެ ޕާޓީއަކަށް ވެސް،" އޭނާ ވިދާޅުވި އެވެ.
މިއަދުގެ ބައްދަލުވުމުގައި ތަފާތު ޚިޔާލެއް ފާޅުކުރެއްވީ ށ.ފުނަދޫ ދާއިރާގެ މެމްބަރުު ޝާހިދެވެ. އޭނާ ވިދާޅުވީ މަޖިލީހުގައި ކުރިން މެމްބަރުން ޚިޔާލުފާޅުކުރައްވާފައި ވަނީ ހއ. އިން ސ. އަށް ނުވަތަ ސ. އިން ހއ. އަށް ތަރުތީބު ކުރަން ކަމަށާއި އެއް ތަރުތީބަކުން އެތުރޭނީ ވެސް އެގޮތަށް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
އޭނާ ވިދާޅުވީ އުތުރުން ދެކުނަށް އަތޮޅުތަކުގެ ތަރުތީބުން އެތުރޭ ނަމަ އެއް ހަމައެއްގައި ހިފަހައްޓަން ފަސޭހަވާނެ ކަމަށާއި މިހާރު ޕާޓީތައް ހުރި ގޮތުން ޕާޓީ ތަރުތީބުން އަތުރަން ފަސޭހަ ނުވާނެ ކަމަށެވެ.
އާއްްމު ކޮމިޓީގެ މިއަދުވެ ބައްދަލުވުމުގައި މިއަދު ބައިވެރިވެވަޑައިގަތީ މުޅިން ވެސް އެމްޑީޕީގެ މެމްބަރުންނެވެ. މިއަދުގެ ބައްދަލުވުން ނިންމައިލީ ދެ ގޮތް ވެސް ހިމަނައިގެން ރިޕޯޓް ޑްރާފްޓްކުރުމަށް ފަހު އަލުން އިށީންނަން ނިންމައިގެންނެވެ.
މަޖިލީހުގައި މެމްބަރުން ތިއްބަވާ ތަރުތީބު ބަދަލުކުރުމާ މެދު ގޮތެއް ނިންމޭނީ ތަޅުމުގައި ބަހުސްކޮށް ވަކި ގޮތެއް ފާސްކޮށްގެންނެވެ. އަދި މަޖިލީހުގެ ގަވައިދަށް ގެންނަން ޖެހޭ ބަދަލެއް ގެންނަން ޖެހޭ ނަމަ އެ ބަދަލެއް ވެސް ގެނެސްގެންނެވެ.
47 ޖަލްސާގެ ރިކޯޑެއް، މަޖިލިސް ޗުއްޓީއަށް!
ފައިސާއާ ގުޅޭ ބިލްތައް ހުށަހެޅޭނީ ސަރުކާރަށް އެކަނި
މަޖިލިހުގެ ދައުރުތައް ކުރިން އޮތް ގޮތަށް ބާއްވަނީ
މެމްބަރުންގެ މުސާރަ އިން ކެނޑުން، ހެޔޮ ބަދަލެއް!
މެމްބަރުން ތިބޭ ތަރުތީބު ބަދަލުކުރަން ފެނޭ: ނަޝީދު
ކޮމިޓީތަކުގައި މެމްބަރުން ތިއްބަވާ އަދަދަށް ބަދަލުތަކެއް
މަޖިލީހުގެ ކޮމިޓީތަކުގެ ކޮންޓްރޯލް ލިބެނީ އެމްޑީޕީ އަށް
މަޖިލިސް މިހާރު އޮތީ ހާމަކަން ބޮޑު ގޮތަކަށް: ގާސިމް
18 ވަނަ މަޖިލިހުގެ ފަހު ޖަލްސާ ހޯމަ ދުވަހު
ޔާމީން ވެސް މަސައްކަތް ކުރެއްވީ ޖޭޕީއާ ދެކޮޅަށް:ރިޔާޒް