Roadha Mihaaru
ކުއްތާ ބޭނުންކޮށްގެން ހުޅުމާލޭގައި ޑްރަގުގެ އޮޕަރޭޝަނެއް

ކުއްތާ ބޭނުންކޮށްގެން ހުޅުމާލޭގައި މަސްތުވާތަކެތީގެ ބޮޑު އޮޕަރޭޝަނެއް

04 އޮކްޓޯބަރ 2020

ހުޅުމާލޭގައި މިއަދު މަސްތުވާތަކެތީގެ ބޮޑު އޮޕަރޭޝަނެއް ހިންގައިފި އެވެ.

ޝުރުފާ މުހައްމަދު ޝުރުފާ މުހައްމަދު

ހުޅުމާލޭގައި މިއަދު މަސްތުވާތަކެތީގެ ބޮޑު އޮޕަރޭޝަނެއް ހިންގައިފި އެވެ.

ފަތިހުން ފެށިގެން ކުރިއަށް ގެންދިޔަ މި އޮޕަރޭޝަނުގައި ފުލުހުންގެ ތިން ވެހިކަލުގައި ގިނަ އަދަދެއްގެ ފުލުހުން ހަރަކާތްތެރިވެފައިވާއިރު ކުއްތާ ވެސް ބޭނުންކޮށްފައިވެ އެވެ. މި އޮޕަރޭޝަނުގައި ކުލަ ހެދުމުގައި ތިބި ފުލުހުންނާއި ސްޓާ ފޯސް ފުލުހުން ވެސް ހަރަކާތްތެރިވެފައިވެ އެވެ.

ހުޅުމާލޭގެ އެކި ސަރަހައްދުތައް ފާސްކުރި އިރު ރެޑް ވޭވް މެގަ މޯލް ސަރަހައްދުން "މިހާރު" އަށް މައުލޫމާތު ދިން މީހަކު ބުނީ އެ ސަރަހައްދުން ދެ ތަނެއް ބަލާފައިވާ ކަމަށެވެ. އަދި އަންހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ވެސް ބުންޏެވެ.

ނަމަވެސް ފުލުހުން އަދި މިކަން ކަށަވަރުކޮށްދީފައެއް ނުވެ އެވެ.

މިއަދު ހުޅުމާލޭގައި މަސްތުވާތަކެތީގެ ބޮޑު އޮޕަރޭޝަނެއް ކުރިއަށްގެންގޮސްފައިވާއިރު ރޭ އައްޑޫގައި ވެސް މިފަދަ ބޮޑު އޮޕަރޭޝަނެއް ކުރިއަށް ގެންގޮސް ގިނަ ބަޔަކު ވަނީ ހައްޔަރުކޮށްފަ އެވެ. ކަނޑުމަތީގައި ކުރިއަށްގެންދިޔަ މި އޮޕަރޭޝަނުގައި ގާތްގަނޑަކަށް 80 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ޕާކިސްތާނުގެ އެންޓި ނާކޮޓިކްސް ފޯސް (އޭއެންއެފް) އާ ހަވާލާދީ އެ ގައުމުގެ ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި މީހުން އަތުލައިގަތީ އެރެބިއަން ސީގައި ރާއްޖޭގެ ސަރަހައްދުގެ ތެރެއިންނެވެ. ރިޕޯޓްތައް ބުނާގޮތުން އަތުލައިގަތް މީހުންނަކީ އެކި ގައުމުތަކަށް މިގޮތަށް މަސްތުވާތަކެތި ގެންދާ ބައެކެވެ.