Roadha Mihaaru
ޑަބްލިއުއެޗްއޯ އިން ސިއްހީ ސާމާނު ހަދިޔާކޮށްފި

ރާއްޖެ އަށް ޑަބްލިއުއެޗުއޯ އިން ސިއްހީ ސާމާނު ހަދިޔާކޮށްފި

26 ސެޕްޓެމްބަރ 2020

ދުނިޔޭގެ ސިްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ރާއްޖެ އަށް މިއަދު ސިއްހީ ސާމާނު ހަދިޔާކޮށްފި އެވެ.

ޝުރުފާ މުހައްމަދު ޝުރުފާ މުހައްމަދު

ދުނިޔޭގެ ސިްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ރާއްޖެ އަށް މިއަދު ސިއްހީ ސާމާނު ހަދިޔާކޮށްފި އެވެ.

ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތެއްގައި މި ތަކެެއްޗާއި ހަވާލުވެވަޑައިގަތީ އެކްޓިން ހެލްތު މިނިސްޓަރު މުހައްމަދު އަސްލަމެވެ. ތަކެތި ހަވާލުކުރެއްވީ ރާއްޖޭގައި ހުންނަވާ ޑަބްލިއުއެޗުއޯގެ މަންދޫބު ޑރ. އަރުވިންދު މާތޫރެވެ.

ހެލްތު މިނިސްޓްރީން ބުނީ ޑަބްލިއުއެޗްއޯ އިން ހަދިޔާކުރީ އައިސީޔޫ ގައި ބޭނުން ކުރާ ތަކެއްޗާއި ލެބޯރެޓަރީ ސާމާނު ކަމަށެވެ. އޭގެ ތެރޭގައި ދެ ލެބޯރެޓަރީ އާއި ދެ އައިސީޔޫ ސެޓަޕް ހަދިޔާ ކޮށްފައިވާ ކަމަށް ހެލްތު އެ މިނިސްޓްރީން ބުންޏެވެ.

ކޮވިޑް ފެސިލިޓީތަކުގައި ބޭނުންކުރާނެ ސާމާނާއި ޕީޕީއީ ކިޓްތައް ވެސް ޑަބްލިއުއެޗުއޯ އިން ،މިއަދު ހަދިޔާކުރި އެވެ. އޭގެ ތެރޭގައި ޖީން އެކްސްޕާޓް ކިޓް ހިމެނެ އެވެ.

ޑަބްލިއުއެޗުއޯ އިން ހަދިޔާކުރި ތަކެތީގެ ތެރޭގައި ހެލްތު ކެއާ ވޭސްޓް މެނޭޖްމަންޓް ސާމާނާއި ހުޅުމާލެ މެޑިކަލް ފެސިލިޓީ އަށް ހާއްސަ ކޮށްގެން ބޭސް ވެސް ހިމެނެ އެވެ.

ޑަބްލިއުއެޗްއޯ އިން މީގެ ކުރިން ވެސް ރާއްޖެ އަށް ތަކެތި ހަދިޔާކޮށްފައިވާއިރު އޭގެ ތެރޭގައި ވެސް ލެބޯރެޓަރީ އާއި އައިސީޔޫގައި ބޭނުންކުރާ ސާމާނު ހިނެމެނެ އެވެ.