21 ސެޕްޓެމްބަރ 2020
އެމެރިކާގެ ސުޕްރީމް ކޯޓުގެ އަންހެން އަދި ހައިބަތު ބޮޑު ފަނޑިޔާރު ރުތު ބޭޑާ ގިންސްބާގު އަވަހާރަވުމުން، އެ ގޮނޑި ފުރުމުގެ ވާދަވެރިކަން، ރިޔާސީ އިންތިހާބުގެ ކުރިން، ރިޕަބްލިކަން ޕާޓީ އާއި ޑިމޮކްރެޓިކް ޕާޓީގެ ތަޅާފޮޅުމަކަށް ބަދަލުވެއްޖެ އެވެ.
އެމެރިކާގެ ސުޕްރީމް ކޯޓުގެ އަންހެން އަދި ހައިބަތު ބޮޑު ފަނޑިޔާރު ރުތު ބޭޑާ ގިންސްބާގު އަވަހާރަވުމުން، އެ ގޮނޑި ފުރުމުގެ ވާދަވެރިކަން، ރިޔާސީ އިންތިހާބުގެ ކުރިން، ރިޕަބްލިކަން ޕާޓީ އާއި ޑިމޮކްރެޓިކް ޕާޓީގެ ތަޅާފޮޅުމަކަށް ބަދަލުވެއްޖެ އެވެ.
އެމެރިކާގެ ސުޕްރީމް ކޯޓަށް ފަނޑިޔާރުން އައްޔަންކުރަނީ ރައީސް ނަން ފޮނުވުމުން، ކޮންގްރެސްގެ މަތިގެ، ސެނެޓުން ފާސްކޮށްގެންނެވެ. ރައީސް ޑޮނަލްޑް ޓްރަމްޕަކީ ރިޕަބްލިކަން ޕާޓީގެ ބޭފުޅަކަށް ވާއިރު، އޭނާ ބޭނުން ގޮތަކަށް ގިނަ ފަހަރަށް ކަންކަން ނިންމާ ސެނެޓުގެ އަގުލަބިއްޔަތު އޮތީ ވެސް، އެ ޕާޓީއަށެވެ.
އެކަމަކު ރިޕަބްލިކަން ޕާޓީގެ ސެނެޓަރުންނަށް، އެ ބޭފުޅުންގެ ބަހާއި އަމަލު ދިމާނުވާ މައްސަލައެއް މިފަހަރު އެބަ ނުކުމެ އެވެ. ކުރީގެ ރައީސް ބަރަކް އޮބާމާގެ ވެރިކަމުގެ ފަހު އަހަރު، 2016 ގައި، ސުޕްރީމް ކޯޓުގެ ފަނޑިޔާރަކު އަވަހާރަވުމުން އެ ގޮނޑިފުރަން އޮބާމާ އެ އަހަރުގެ މާޗު މަހު ސެނެޓަށް ނަމެއް ފޮނުވުމުން، އޭރު ވެސް އަދި މިހާރު ވެސް ސެނެޓުގެ މެޖޯރިޓީ ލީޑަރު މިޗް މެކޮނެލް ވިދާޅުވީ އެ ފުރުސަތު ދޭން ޖެހޭނީ ރިޔާސީ އިންތިހާބު ކާމިޔާބުކުރައްވާ ބޭފުޅަކަށް ކަމަށެވެ.
އެކަމަކު މި އަހަރުގެ ރިޔާސީ އިންތިހާބަށް އެންމެ ދޮޅު މަހަށް ވެފައި އޮތަސް، މެކޮނެލް މިހާރު ވިދާޅުވަނީ، ރައީސް ޓްރަމްޕް ފޮނުއްވާ ނަމަކަށް ސެނެޓްގައި ވޯޓަށް އަހާނެ ކަމަށެވެ.
ޑިމޮކްރެޓިކް ޕާޓީން ބުނާ ގޮތުގައި ރިޔާސީ އަހަރު ސުޕްރީމް ކޯޓުގެ ގޮނޑިއެއް ހުސްވެއްޖެ ނަމަ، އިންތިހާބު ކާމިޔާބުކުރައްވާ ބޭފުޅަކަށް ނަން ފޮނުއްވުމުގެ ފުރުސަތު ދިނުމުގެ އުސޫލު ކަނޑައެޅީ ރިޕަބްލިކަން ޕާޓީގެ މެމްބަރުން ކަމަށް ވުމުން، މިފަހަރު ވެސް އެގޮތަށް އެކަން ދާން ޖެހޭނެ އެވެ.
ނަމަވެސް މެކޮނެލް ވިދާޅުވި ގޮތުގައި އެމެރިކާގެ ރައްޔިތުން ސެނެޓުގެ މެޖޯރިޓީ ރިޕަބްލިކަން ޕާޓީއަށް 2018 ގައި ދިނީ ރައީސް ޓްރަމްޕާ އެކު މަސައްކަތްކުރުމަށެވެ.
ޓްރަމްޕް ވިދާޅުވީ ގިންސްބާގުގެ ގޮނޑި ފުރުއްވާނީ އަންހެން ފަނޑިޔާރެއް ކަމަށާއި މި ހަފުތާގައި ސެނެޓަށް ނަމެއް ފޮނުއްވާނެ ކަމަށެވެ.
އެމެރިކާގެ ސުޕްރީމް ކޯޓުގެ ކޮންޓްރޯލް ހޯދަން ކޮންޒަވޭޓިވް ސިޔާސަތުގެ ރިޕަބްލިކަން ޕާޓީ އާއި ލިބަރަލް ވިސްނުމުގެ ޑިމޮކްރެޓިކް ޕާޓީ މަސައްކަތްކުރަނީ ވަރަށް މުހިންމު ސަބަބުތަކަކަށެވެ. މިސާލަކަށް އެބޯޝަން އާއި އެއް ޖިންސުގެ މީހުންގެ ކައިވެންޏަށް، ރިޕަބްލިކަން ޕާޓީގެ ހިިޔާލު ތަފާތެވެ. ސުޕްރީމް ކޯޓުގެ މެޖޯރިޓީ، އެ ވިސްނުމުގެ ފަނޑިޔާރުންނަށް ލިބިއްޖެ ނަމަ، ބައެއް ކަންކަން އަދިވެސް ބާތިލްކުރެވޭނެ ކަމަށް، ރިޕަބްލިކަން ޕާޓީގެ ސަޕޯޓަރުން ދެކެ އެވެ. މި ދެ މައްސަލައިގެ އިތުރުން، އެންމެންނަށް މެޑިކަލް އިންޝުއަރެންސް ދިނުމަކީ ވެސް، ރިޕަބްލިކަން ޕާޓީން ބޭނުންވާ ގޮތެއް ނޫނެވެ. އޮބާމާގެ ވެރިކަމުގައި އަމަލްކުރަން ފެށި "އޮބާމާކެއާ" ގާނޫނުގެ ބައިތައް ބާތިލްކުރަން މިހާރު ވެސް ކޯޓުގައި ދަނީ ބަހުސްކުރަމުންނެވެ.
ފަނޑިޔާރު ރުތު ބޭޑާ ގިންސްބާގުގެ ހަނދާނުގައި އެމެރިކާގެ ސުޕްރީމް ކޯޓުގެ ބޭރުގައި ދެ މީހަކު މަޑުކޮށްލައިގެން: ގިންސްބާގުއަކީ އަންހެނުންގެ ހައްގުތަކުގައި ގޮތްދޫނުކުރެއްވި ފަނޑިޔާރެއް
އިންތިހާބު އޮންނަ ދުވަސް ކަމަށް ވާ ނޮވެމްބަރު 3 ގެ ކުރިން ސުޕްރީމް ކޯޓުގެ ގޮނޑިއަށް ފަނޑިޔާރަކު އައްޔަންކުރުމަކީ، ރިޕަބްލިކަން ޕާޓީގެ ބައެއް ސެނެޓަރުން ވެސް ދެކޮޅު ކަމެކެވެ. މިހާރު ވެސް ދެ މެމްބަރަކު ފާޅުގައި ވަނީ އެހެން ވިދާޅުވެފަ އެވެ. އަލަސްކާގެ ސެނެޓަރު ލީސާ މަރްކޮވޮސްކީ ވިދާޅުވީ އިންތިހާބުގެ ކުރިން ސުޕްރީމް ކޯޓަށް ފަނޑިޔާރަކު ހޮވަން އޭނާ ދެކޮޅު ކަމަށެވެ.
"އަހަރެން ވާނީ 2016 ގައި އިންތިހާބުގެ އަށް މަސް ކުރިން ސުޕްރީމް ކޯޓަށް މީހަކު އައްޔަންކުރަން ދެކޮޅު ހަދާފައި، މިހާރު މި އޮތީ އެއަށް ވުރެ ވެސް ކުރު މުއްދަތެއް. އަހަރެން ގަބޫލުކުރަނީ ހަމަ އެ އުސޫލު ގެންގުޅެން ޖެހޭނެ ކަމަށް،" ލީސާ ވިދާޅުވި އެވެ.
އިންތިހާބުގައި ޓްރަމްޕްގެ ވާދަވެރިޔާ އަދި ކުރީގެ ނައިބު ރައީސް ޑިމޮކްރެޓިކް ޕާޓީގެ ޖޯ ބައިޑެން ވިދާޅުވީ އިންތިހާބު ޖެހިފައި އޮއްވާ ޓްރަމްޕް އެގޮތަށް ކަންތައްކުރެއްވުމަކީ ބާރުގެ ބޭނުން ނަހަމަ ގޮތުގައި ބޭނުންކުރެއްވުން ކަމަށެވެ.
"އަހަރެން ގަބޫލެއްނުކުރަން މި ގައުމުގެ ރައްޔިތުން އެގޮތް ބޭނުންވާނެއެކޭ،" ބައިޑަން ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ރައީސް ޓްރަމްޕް ނަމެއް ފޮނުއްވިޔަސް، އިންތިހާބު ކާމިޔާބުކުރެއްވިއްޖެ ނަމަ، އޭނާ އެ ނަން އަނބުރާ ގެންނަވާނެ އެވެ. އަދި ބޭނުންވަނީ ކަޅު ނަސްލުގެ އަންހެން ފަނޑިޔާރަކަށް ފުރުސަތު ދެއްވަން ކަމަށް ވިދާޅުވި އެވެ.
ހިޔާލު ހޯދުމުގެ ވޯޓުތަކުން ދައްކާ ގޮތުގައި އެމެރިކާގެ 62 ޕަސެންޓް މީހުން ބޭނުންވަނީ ރިޔާސީ އިންތިހާބު ކާމިޔާބުކުރައްވާ ބޭފުޅަކަށް، ސުޕްރީމް ކޯޓުގެ ގޮނޑިއަށް ނަން ފޮނުއްވުމުގެ ފުރުސަތު ދޭށެވެ. ރިޕަބްލިކަން ޕާޓީގެ ސަޕޯޓަރުންގެ ދެ ބައިކުޅަ އެއްބައި މީހުން ވެސް ތާއީދު ކުރަނީ އެގޮތަށެވެ.
ޓްރަމްޕް ފޮނުއްވާ ނަމަށް ވޯޓަށް އަހާނެ ކަމަށް މެކޮނެލް ވިދާޅުވިޔަސް، އެއީ އިންތިހާބުގެ ކުރިން ކަމަކަށް ވިދާޅެއްނުވެ އެވެ. އެކަމަކު ރިޕަބްލިކަން ޕާޓީގެ މެމްބަރުންގެ ރޫހު ހުރި ގޮތުން އިންތިހާބުގެ ކުރިން ވެސް ވޯޓު ނަގާފާނެ އެވެ.
ހިޔާލު ހޯދުމުގެ ވޯޓުތަކުގައި ކުރީގައި އުޅުއްވަނީ ބައިޑެން އެވެ. އެގޮތުން އެންމެ ފަހުން އެންބީސީ ނިއުސް އާއި ވޯލް ސްޓްރީޓް ޖާނަލް ގުޅިގެން ނެގި ހިޔާލު ހޯދުމުގައި ބައިޑަން އަށް 51 ޕަސެންޓް އަދި ޓްރަމްޕް އުޅުއްވަނީ 43 ޕަސެންޓްގަ އެވެ. ވައިޓް ހައުސް އިން ދެކޭ ގޮތުގައި ކޮންޒަވޭޓިވް ވިސްނުމުގެ ފަނޑިޔާރަކު އައްޔަންކޮށް، މިހާރަށް ވުރެ ސުޕްރީމް ކޯޓުގެ މެޖޯރިޓީ ބޮޑުކުރެއްވިއްޖެ ނަމަ، ބައެއް އާންމުންގެ ސަޕޯޓް ލިބިދާނެ އެވެ.
ގިންސްބާގު އަވަހާރަވުމުން ޝަރުއީ ވާދަވެރިކަމަކަށް
ބަދަލުހިފުމެއް ނެތި ޓްރަމްޕަށް ބައިޑެން ދެއްކެވީ ނަމޫނާ
"އިންތިހާބުން ވަކިވީ ޒުވާން ޖީލަށް ފުރުސަތު ދޭން"
ބާރުތައް ބަދަލުކުރަން ހުރަސް، ދެން ވާނީި ކިހިނެއްް؟!
އެމެރިކާގެ ބޮޑު އިންތިހާބުގެ ދުވަސް: ކިއޫ ދަމާލައިފި
"މިހާރު"ން އެމެރިކާ އިންތިހާބުގެ ނަތީޖާ ވަގުތުން
ޓްރަމްޕާއި ބައިޑަންގެ ބަހުސްގައި ޒުވާބާއި މަލާމާތްކުރުން
ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް ބަރެޓްގެ ނަން
ބައިޑަން ކެމްޕޭނަށް ބްލޫމްބާގު 100 މިލިއަން ޑޮލަރު
ޓްރަމްޕް ވަކިކުރަން އެއްބާރުލުން ނުދޭނެކަން އަންގައިފި