20 ސެޕްޓެމްބަރ 2020
މުޅި ހިސާބުގަނޑު ގުގުމައިގަތީ ގޮވުމެއްގެ އަޑުންނެވެ. ވާނުވާ ބަލަން އަވަސްވެގަތް މީހުންނަށް ގޭތެރެއިން ފެނުނީ ދުމެވެ. ބޭރުގައި އަލިފާނެވެ. ސިހުމުގައި އެތައް ބަޔަކު ރޮމުން ހަޅޭއްލަވަމުން ގެއިން ނުކުންނަން ދުއްވައިގަތެވެ. ކުޑަކުދިން ސަލާމަތަށް ގެންދިޔަ މައިންބަފައިންނެވެ. މުސްކުޅި މައިންބަފައިން ސިޑިން ބޭލި ދަރިންނެވެ. އެއީ ނަސީބު ގަދަ މީހުންނެވެ. އެހެން މީހުން، ކުޑަ ވަގުތުކޮޅެއް ތެރޭ ދުމާއި އަލިފާނުގެ ހޫނާއި ވިހައިގައި ތާށިވީ އެވެ. ދެމަފިރިއެކެވެ. ކުޑަކުއްޖަކާއި އޭނާގެ މަންމަ އެވެ. އެކަނި ދިރިއުޅުނު މަޔަކާއި އޭނާގެ ފުރާވަރު ދަރިފުޅެވެ. ގުރުއާން ޓީޗަރެކެވެ. އެ އެންމެންހެން އެންމެ ފަހުން ސަލާމަތްވި އެވެ. ގުރުއާން ޓީޗަރު ފިޔަވަ އެވެ.
މުޅި ހިސާބުގަނޑު ގުގުމައިގަތީ ގޮވުމެއްގެ އަޑުންނެވެ. ވާނުވާ ބަލަން އަވަސްވެގަތް މީހުންނަށް ގޭތެރެއިން ފެނުނީ ދުމެވެ. ބޭރުގައި އަލިފާނެވެ. ސިހުމުގައި އެތައް ބަޔަކު ރޮމުން ހަޅޭއްލަވަމުން ގެއިން ނުކުންނަން ދުއްވައިގަތެވެ. ކުޑަކުދިން ސަލާމަތަށް ގެންދިޔަ މައިންބަފައިންނެވެ. މުސްކުޅި މައިންބަފައިން ސިޑިން ބޭލި ދަރިންނެވެ. އެއީ ނަސީބު ގަދަ މީހުންނެވެ. އެހެން މީހުން، ކުޑަ ވަގުތުކޮޅެއް ތެރޭ ދުމާއި އަލިފާނުގެ ހޫނާއި ވިހައިގައި ތާށިވީ އެވެ. ދެމަފިރިއެކެވެ. ކުޑަކުއްޖަކާއި އޭނާގެ މަންމަ އެވެ. އެކަނި ދިރިއުޅުނު މަޔަކާއި އޭނާގެ ފުރާވަރު ދަރިފުޅެވެ. ގުރުއާން ޓީޗަރެކެވެ. އެ އެންމެންހެން އެންމެ ފަހުން ސަލާމަތްވި އެވެ. ގުރުއާން ޓީޗަރު ފިޔަވަ އެވެ.
ދެ ކުދިންގެ މަންމަ އައިޝަތު ޝައުނާ، 46، މަރުވީ އެވެ. ހާލުގައި ޖެހިގެން ފުރަތަމަ ހަތަރު ދުވަހު 786 މީހަކު އެހީ އަށް އެދުނެވެ. ހަތަރު ސަތޭކަ އަށް ވުރެ ގިނަ މީހުންގެ ގެދޮރު ގެއްލުނެވެ. ހަ ގުދަނާއި 14 ގެ އަނދައިގެން ދިޔަ އެވެ. އިތުރު 11 ގެއަކުން މީހުން ނުކުންނަން ޖެހުނެވެ. އަހަރުވީ އިރު ސަރުކާރުގެ ވަގުތީ ހިޔަލުގައި އަދިވެސް ފަންސަވީހަކަށް މީހުން އެބަ ތިއްބެވެ.
ހާލުގައި ޖެހުނު މީހުންނަށް ސަރުކާރުން އެހީވި އެވެ. ގެއްލުމުގެ ބަދަލަށް ކޮންމެވެސް ވަރަކަށް ފައިސާ ދިނެވެ. އިންސާފުގެ އުއްމީދެއް ނުދެ އެވެ.
"ހާދިސާއެއް ހިނގައިފިއްޔާ ދެން ވަރަށް އަވަހަށް ހަނދާން ނެތޭ. އެއީ ވަރަށް ދެރަ ކަމެއް ދިވެހިރާއްޖޭގައި. އެހެން ވެގެން ނުވާނެ. އެކަމުން ކޮންމެވެސް ކަހަލަ ފިލާވަޅެއް ދަސްކުރަން ޖެހޭނެ."
ހެންވޭރު ތިލަފުށި ގޭގައި ހުރި ކެމިކަލް ގުދަނެއްގައި ސެޕްޓެމްބަރު 20، 2019ގައި އަލިފާން ރޯވީ "ފަރުވާތެރި ނުވުމުގެ ސަބަބުން" ކަމަށް އެ ހާދިސާ ހިނގިތާ ހަވަނަ ދުވަހު ކްރިމިނަލް ކޯޓަށް ހުށަހެޅި ޑޮކިއުމެންޓެއްގައި ފުލުހުން ބުނެފައިވާކަން ހައި ކޯޓުގެ ޑޮކިއުމެންޓަކުން އެނގެ އެވެ. އަދި ފުލުހުން "މިހާރު"އަށް ދިން އިންޓަވިއުއެއްގައި ބުނިގޮތުގައި މި ހާދިސާގައި އިހުމާލު އޮތް ކަމަށް ބެލެވެ އެވެ. ސުވާލުކުރުމުން ފުލުހުން ނުސީދާކޮށް ދިން ޖަވާބުން އެނގެނީ ފުލުހުން އެ ތުހުމަތު ކުރަނީ އެ ތަނުގައި ކެމިކަލް ގެންގުޅުނު ކުންފުނި ގްރީން ޕާތަށް ކަމެވެ.
ހާދިސާ އަށް އަހަރެއް ފަހުން، ފުލުހުންގެ ތަހުގީގު ކުރިއަށްދާ އިރު ގްރީން ޕާތު ކެމިކަލް ވިޔަފާރީގައި ކުރިއަށެވެ. އެނދި ގުދަން ހުރީ އިންޝުއަކޮށްފަ އެވެ. ހާލުގައި ޖެހުނު ބައެއް މީހުން އަދިވެސް އެ ހާދިސާގެ ބިރުވެރިކަމާއި ފޫނުބެއްދުނު ގެއްލުންތަކުން އަރައިނުގަނެވި އެވެ.
ސިހުމުގައި ސަރުކާރުގެ ފިޔަވަޅުއެޅުން އައީ ފިސާރި ބާރުމިނުގަ އެވެ. ނުރައްކާތެރި ކެމިކަލް ގުދަންކުރުމާ ބެހޭ ގަވާއިދެއް ތިން ދުވަސް ތެރޭ ތައާރަފްކޮށް ތިލަފުށީގައި ގުދަންތަކެއް އަޅައި މާލެ އިން ކެމިކަލް ބޭރުކުރި އެވެ. އެކަމަކު 36 މިލިއަން ރުފިޔާގެ ގެއްލުންވި އެ ހާދިސާ އަށް އަހަރެއްވީ އިރު އެކަމާ ގުޅޭގޮތުން އިތުރު މާ ބޮޑު ޚަބަރެއް ނުވި އެވެ. އަލިފާނުގެ ގެއްލުމުގައި ގެއިން ނުކުންނަން ޖެހުނު އެކަކުގެ ބަހުން ނަމަ "ދެން ވަރަށް އާދައިގެ ކަމަކަށް ވެ، ހުރިހާ ކަމެއް ނިންމާލީ" އެވެ.
އަލިފާނުގެ ހާދިސާގައި އެނދި ގެއެއްގެ އެތެރެ އަޅި އަށް ވެފައި.
ވަށައިގެން އަނދަމުންދިޔަ ބިޔަ އަލިފާންގަނޑު ތެރޭ ހުރި އިމާރާތެއްގައި ދަރިފުޅާ އެކު ތާށިވެ ދެ ގަޑި އިރާއި ބައި ހޭދަކުރަން ޖެހުނު ގޮތް ކިޔައިދޭން އަސްމާ ސައީދު އަށް އަދިވެސް އުނދަގުލެވެ. ދުމާ ހެދި ރަނގަޅަށް ނޭވާނުލެވި ހެއަށް ގޮތްވަމުން ދަނިކޮށް ސިފައިން ގޮސް ސަލާމަތްކުރިތާ ފުރަތަމަ ތިން މަސް އަސްމާ ހޭދަކުރީ ޝޮކާއި ބިރުވެރި ހުވަފެންތަކާއި ސިކުނޑީގައި ހަރުލާފައި ހުރި މަންޒަރުތަކުގެ ނުތަނަވަސްކަމުގަ އެވެ.
"އެއީ ހަޔާތުގެ އެންމެ ދިގު ދެ ގަޑި އިރާއި ބައި،" އަސްމާ ބުންޏެވެ.
"އަޅުގަނޑު މާލޭގައި އުޅެ ބޮޑުވެ 50 އަހަރު ވެފައި މިހިރީ. އެހާ ގަދަ އަށް އެނދި އަލިފާނެއް ނުދެކެން މާލެއަކުންނެއް. އެއަށް އެއްވެސް ބަޔަކު ޒިންމާ ނެގި ތަނެއް ނުފެނޭ. އެކަމަކު ގުދަނެއް ގޮވީ. ގުދަނެއް ގޮވައިގެން މިހާ ވަރުގެ ގެއްލުމެއް މިވީ. އެކަމާ ވަރަށް ދެރަވޭ."
އަސްމާ (ކ) އާއި ދަރިފުޅު ޔައިޝް: އަލިފާނުގެ ހާދިސާގައި ގޭތެރޭގައި ތާށިވެ ދެ ގަޑި އިރާއި ބައި ހޭދަކުރަން ޖެހުނު.
ގްރީން ޕާތު ގުދަނުގެ އަލިފާނަކީ މާލޭގައި މީހުން ދިރިއުޅޭ ތަންތަނުގައި އަލިފާނުގެ ރައްކާތެރިކަން ނެތުމުގެ ގެއްލުމާއި އަލިފާން ނިއްވައި މީހުން ސަލާމަތްކުރަން ހުރި ހުރަސްތައް ވަރަށް ހިތިކޮށް ތަޖުރިބާކުރަން ޖެހުނު ހާދިސާއެކެވެ. އެކަމަކު އެ އަށް ފަހު ވެސް، ކުރަން ޖެހޭ މުހިއްމު ބައެއް ކަންކަން ސަރުކާރުން ހުރީ ނުކޮށެވެ. އޭރު ނުނިންމާ އޮތް ފަޔަ ހައިޑްރެންޓް ނިޒާމް އަދިވެސް ނުނިމެ އެވެ. އިމާރާތްތަކުގައި އަލިފާނުގެ ރައްކާތެރިކަމަށް މިންގަނޑުތަކެއް ތައާރަފްކުރަން ބިލްޑިން ކޯޑުގައި ކަނޑައަޅާފައި އޮތް މުއްދަތު ފާއިތުވިތާ އަހަރެއް ވަނީ އެވެ.
"ހާދިސާއެއް ހިނގައިފިއްޔާ ދެން ވަރަށް އަވަހަށް ހަނދާން ނެތޭ. އެއީ ވަރަށް ދެރަ ކަމެއް ދިވެހިރާއްޖޭގައި. އެހެން ވެގެން ނުވާނެ. އެ ކަމުން ކޮންމެވެސް ކަހަލަ ފިލާވަޅެއް ދަސްކުރަން ޖެހޭނެ އަސްލު،" އަސްމާ ބުންޏެވެ.
ދިރިއުޅުން ބީވެ ސުމަކުން ފަށަން ޖެހުނު މީހުންނަށް ކުރެވެނީ، އަމިއްލަ ކުށެއް ނެތި ކުއްލިއަކަށް މި ވަރު ކަމެއް ދިމާވުމަކީ ބޮޑު ބޭއިންސާފެއް ކަމުގެ އިހުސާސެވެ. ގުދަނުގެ ބިތްދޮށަށް ހުރި ކަޅުހުރާގައި ދިރިއުޅުނު ޚަދީޖާ (އަސްލު ނަމެއް ނޫން) ހުންނަނީ ކިތަންމެ ބަލައިގެން އުޅުނަސް އަނެއްކާވެސް އެކަހަލަ ކަމެއް ކުރިމަތިވެދާނެތީ ބިރުހީވެފަ އެވެ.
"ކުރިންސުރެ ވެސް އަޅުގަނޑަކީ ނިދަން އޮށޯންނަ ފަހުން ވެސް ތެދުވެގެން ގޮސް އުނދުން ނިވިފައި ހުރިތޯ ބަލައި އެ ގޮތަށް އަބަދުވެސް އުޅުނު މީހެއް. ގިނަ މީހުން ހަމަ ބަލައިގެން ކަންނޭނގެ އުޅޭނީ،" އަލިފާނުން އަވަހަށް ސަލާމަތްވެވުނު މީހުންގެ ތެރޭގައި ހިމެނުނު ޚަދީޖާ ބުންޏެވެ.
"އަމިއްލަ އަށް ކުރި ކަމަކުން ނުވަތަ އަމިއްލަ އަށް ފަރުވާކުޑަވެގެނެއް ނޫން އެކަން ހިނގީ."
"މިހާރު"އާ ވާހަކަދެއްކި، މި ހާދިސާގައި ގެއްލުން ލިބުނު މީހުން ބުނީ ގްރީން ޕާތުން ޒިންމާ ނަގަން ޖެހޭނެ ކަމަށެވެ. އަދި ސަރުކާރުން އެ ކުންފުނި ޒިންމާދާރުކުރުވަން ވެސް ޖެހޭނެ ކަމަށް އެ މީހުން ދެކެ އެވެ.
"ކޮންމެވެސް ކަމެއް ވެގެން ދޯ އެކަން ހިނގާނީ؟ ހަމަ ހުރެފައެއް ތަނެއްގައި ރޮލެއް ނުވާނެ،" އަލިފާނުގެ ގެއްލުމުގައި އަމިއްލަ ގެއިން ނުކުންނަން ޖެހުނު މަރިޔަމް (އަސްލު ނަމެއް ނޫން) ބުންޏެވެ.
"ކީއްވެގެން ހެއްޔޭ އެ މީހުން ޒިންމާދާރު ނުކުރެވިގެން ތިއުޅެނީ؟ ބައެއްގެ ދިރިއުޅުމޭ ދިޔައީ."
ތިލަފުށިގޭގައި ހުރި ކެމިކަލް ގުދަނުގައި ރޯވެ އަނދައި ހުލިވުމުން އެ ސަރަހައްދު ސާފުކޮށްފައި. ފައިލް ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
މި ރިޕޯޓަށް ގްރީން ޕާތުގެ އިންޓަވިއުއަކަށް އެދުމުން އެ ތަނުގެ އޮޕަރޭޝަންސް މެނޭޖަރު އިބްރާހީމް ނަޝީދު ވިދާޅުވީ މި މައްސަލައިގައި އިތުރަށް ވާހަކަދައްކަން އެ ކުންފުނިން ބޭނުން ނުވާ ކަމަށެވެ. ނަޝީދު ކުރިން ވަނީ އެ ގުދަނުގައި ގަވާއިދާ ޚިލާފަށް ކަމެއް ކޮށްފައި ނޯންނާނެ ކަމަށް ވިދާޅުވެފަ އެވެ.
މި ހާދިސާގެ ކުރިން އެ ހިސާބުގަނޑުގެ ބައެއް މީހުން ގުދަނާ ބެހޭގޮތުން މާލޭ ސިޓީ ކައުންސިލްގައި ޝަކުވާކޮށްފައިވެ އެވެ. ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފު އެކަން ކަށަވަރުކޮށްދެއްވި އެވެ. އެކަމަކު އޭނާ ވިދާޅުވީ އޭރު ހުށަހަޅާފައި އޮތީ ކެމިކަލްއާ ގުޅުން ހުރި ޝަކުވާއެއް ނޫން ކަމަށެވެ.
"ކޮންމެވެސް އެހެން އިޝޫއެއް އެ ހިސާބުގެ މީހުންނަށް ފާހަގަކުރެވިގެން އޮތީ އަޅުގަނޑުމެންނަށް ލޮޖްކޮށްފައި،" ޝަމާއު ވިދާޅުވި އެވެ.
ޝަކުވާ "ލިބިގެން އަޅުގަނޑުމެން ޗެކްކޮށްގެން ހުރިހާ ތަނަކަށް ސިޓީ ވެސް ފޮނުވާފައި ހުންނާނީ."
ހުށަހެޅީ ކޮން ބާވަތެއްގެ ޝަކުވާއެއްތޯ އާއި އެކަން ބަލައި ފިޔަވަޅުއެޅީ ކޮން ގޮތަކަށްތޯ ބައްލަވައިދެއްވަން "މިހާރު"ން ޝަމާއު އަރިހު އެދުނު ނަމަވެސް ފަހުން އޭނާއާ ނުގުޅޭތީ އެ ކަންކަން ސާފެއް ނުވި އެވެ.
ފުލުހުން ކުރާ ތަހުގީގުގެ އިތުރުން މި ވަރުގެ ބޮޑު ހާދިސާއެއް މިނިވަން އިންކުއަރީއެއްގެ ފެންވަރުގައި ބަލައި ރިޕޯޓެއް ނެރެން ޖެހޭނެ ކަމަށް "މިހާރު"އާ ވާހަކަދެއްކި މީހުން ދެކެ އެވެ. އިންކުއަރީއެއް މުހިއްމުވަނީ ހާދިސާގެ ވަށައިގެން ހުރި މައްސަލަތަކާއި އަލިފާނުގެ ހާދިސާތަކުން އާއްމުން ރައްކާތެރިކުރަން އަޅަން ޖެހިފައި ހުރި ފިޔަވަޅުތަކަކީ ކޮބައިތޯ ބަލައި ކަންކަން އިސްލާހުކުރުވަން ޖެހޭތީ އެވެ. އެކަމަކު މި ހާދިސާގެ އެފަދަ އިންކުއަރީއެއް ނުހިންގަ އެވެ. މި ހާދިސާއާ އަޅާބަލާ އިރު ނިސްބަތުން މާ ކުދި ވަކިވަކި މައްސަލަތައް ބަލަން އަވަސްވެގަންނަ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކުގެ ތެރެއިން ކޮމިޓީއަކުން ވެސް މި ހާދިސާ ހިނގި ގޮތް ބަލައިފައެއް ނެތެވެ.
ކެމިކަލް އަލިފާނުގެ ތަހުގީގު ނުނިމުނަސް މުހިއްމު ދެ ކަމެއް މިހާރު ވެސް ޔަގީން ކަމަށް ފުލުހުން ބުނެ އެވެ. އެއީ ފުރަތަމަ ވެސް އަލިފާން ރޯވީ ތިލަފުށި ގޭގައި ހުރި ގުދަނުގައި ކަމާއި އެއީ ގަސްދުގައި ރޯކުރި އަލިފާނެއް ކަމަށް ނުބެލެވޭ ކަމެވެ. ފުލުހުން ބުނިގޮތުގައި މި ހާދިސާގައި އިހުމާލު އޮތް ކަމަށް ބެލެވޭތީ ތަހުގީގު ބައްޓަންކޮށްފައިވަނީ އެ ނަޒަރުންނެވެ.
އިހުމާލުވި ކަމަށް ތުހުމަތުކުރަނީ ކޮން ފަރާތަކަށްތޯ ސުވާލުކުރުމުން ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމެންޓުގެ ޓެރަރިޒަމް އިންވެސްޓިގޭޝަން ޔުނިޓުގެ ހެޑް، ސަބް އިންސްޕެކްޓަ އޮފް ޕޮލިސް އުސްވަތު އަހުމަދު ވިދާޅުވީ މައްސަލައިގެ ތަފްސީލްތައް އަދި ހާމަކުރެއްވެން ނެތް ކަމަށާއި "އެކަމަކު ހެންވޭރު ތިލަފުށި ގޭގައި އެ ހުރި ގުދަނަކީ ކުންފުންޏެއްގެ ބެލުމުގެ ދަށުގައި ހުރި ގުދަނެއް" ކަމަށެވެ. އަދި އެ ތަނާ އިންވެގެން މާޓިން ގޭގައި ހުރި ގުދަނަކީ ވެސް އެ ކުންފުނީގެ މެނޭޖްމެންޓްގެ ދަށުން ހިންގި ތަނެއްކަން އުސްވަތު ފާހަގަކުރެއްވި އެވެ. އެ ކުންފުންޏަކީ ފީނޯ އެވެ. ރާއްޖެ އަށް ކާބޯތަކެތި އެތެރެކޮށް ސަޕްލައިކުރާ ފީނޯގެ އެ ގުދަނަކީ ފިނިކުރި ކުކުޅާއި ތަރުކާރީ ކަހަލަ އެއްޗެހި ރައްކާކުރި ކޯލްޑް ސްޓޯރޭޖެކެވެ.
ގްރީން ޕާތާއި ފީނޯގެ ވެސް މެނޭޖިން ޑިރެކްޓަރަކީ މއ. ފްރީޕާކު މުހައްމަދު އާމިރެވެ. އިކޮނޮމިކް މިނިސްޓްރީގެ ބިޒްނަސް ޕޯޓަލް އިން އެނގޭ ގޮތުގައި އާމިރަކީ މި ދެ ކުންފުނީގެ ވެސް ހިއްސާދާރެކެވެ. އާމިރުގެ ބަހެއް ހޯދަން "މިހާރު"ން ގުޅައި މެސެޖުކުރި ނަމަވެސް ޖަވާބެއް ނުދެއްވަ އެވެ.
ކެމިކަލް ކުންފުނީގެ ވެރިފަރާތާ ސުވާލުކޮށްފިންތޯ އެހުމުން ފުލުހުން ހަމައެކަނި ބުނީ ތަހުގީގަށް ސުވާލުކުރަން ޖެހޭ ފަރާތްތަކާ ވާނީ ސުވާލުކޮށްފައި ކަމަށެވެ.
ކެމިކަލް ގުދަނުގައި ރޯވި ހާދިސާ އަށް ފަހު ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވަނީ. ފައިލް ފޮޓޯ: ހުސައިން ވަހީދު/މިހާރު
މަރުވި ޝައުނާގެ ފޯނު ރެކޯޑުތައް ހޯދަން ކޯޓު އަމުރެއް ނެރެދޭން ފުލުހުން ސެޕްޓެމްބަރު 26ގައި ކްރިމިނަލް ކޯޓުގައި އެދުނެވެ. ހައި ކޯޓުން އެ މައްސަލައިގެ އިސްތިއުނާފު ނިންމި ގޮތުގެ ޚުލާސާގައިވާ ގޮތުން، ކްރިމިނަލް ކޯޓަށް މައްސަލަ ހުށަހެޅި އިރު، މި ހާދިސާ ހިނގީ "ނުރައްކާތެރި ކެމިކަލް ބޭނުން ކުރުމުގައްޔާއި ގެންގުޅުމުގަޔާއި، ގުދަން ކުރުމުގައި ބަލަން ޖެހޭ މިންގަނޑަށް ފަރުވާތެރި ނުވުމުގެ ސަބަބުން" ކަމަށް ފުލުހުން ބުނެފައިވެ އެވެ.
މިހާތަނަށް ތަހުގީގު ނުނިމި އޮތީ ކީއްވެގެންތޯ އެހުމުން ފުލުހުން ބުނީ ސީދާ ފުލުހުންގެ ތަހުގީގުގެ ތެރެއިން ކުރަން ޖެހޭ މަސައްކަތްތައް ހުރީ ނިމިފައި ކަމަށާއި ރޯވި ސަބަބަކާ މެދު އެކްސްޕާޓް ރިޕޯޓެއް ހޯދަން މަސައްކަތްކުރަމުންދާތީ ތަހުގީގު އަދި ފުރިހަމަ ނުވަނީ ކަމަށެވެ.
އަލިފާނުގެ ހާދިސާތައް ތަހުގީގުކުރުމުގެ "ސީދާ އެކްސްޕަޓީސް" ފުލުހުންގެ ތެރޭގައި ނެތް ކަމަށާއި އެއީ ގޮންޖެހުމެއް ކަމަށް އުސްވަތު ވިދާޅުވި އެވެ. އެކަމަކު އޭނާ ވިދާޅުވިގޮތުގައި މިފަދަ މައްސަލަތައް ތަހުގީގުކުރަނީ އެމްއެންޑީއެފާ ގުޅިގެންނެވެ. އަދި ފަޔަ އެންޑް ރެސްކިއު ސާވިސް އިން ތައްޔާރުކުރާ ރިޕޯޓުގައި އޮންނަ، އަލިފާން ރޯވުމުގެ ސަބަބަށް ފުލުހުން ބަލަ އެވެ.
އެމްއެންޑީއެފުން ބުނީ މި ހާދިސާގެ ރިޕޯޓު ފުލުހުންނަށް ފޮނުވާފައިވާ ކަމަށެވެ. އެކަމަކު، ސްޕޯސްޕާސަން މޭޖާ އިބްރާހީމް އާޒިމް ވިދާޅުވިގޮތުގައި، އެ ރިޕޯޓް އާއްމެއް ނުކުރާނެ އެވެ.
"އިދާރީ ބޭނުންތަކާއި އަދި އަޅުގަނޑުމެންގެ އޮޕަރޭޝަންސް އަށް އެ ބޭނުންކުރާނީ،" އާޒިމް ވިދާޅުވި އެވެ.
ތަހުގީގު ލަސްވުމާ ބެހޭގޮތުން ސުވާލުކުރުމުން ފުލުހުންގެ ޖަވާބަކީ ހުރިހާ ތަހުގީގުތަކަކީ ވަކި މުއްދަތެއް ކަނޑައަޅައިގެން ނިންމޭނެ މައްސަލަތަކެއް ނޫން ކަމެވެ.
"ދުނިޔޭގައި ކުރިއަރާފައި ހުރި ހުރިހާ ގައުމުތަކެއްގައި ވެސް އެނގިލައްވާނެ، ބައެއް މައްސަލަތަކަކީ ހަމަ ވަރަށް ގިނަ އަހަރުތަކަށް ވެސް ދެމިގެންދާ މައްސަލަތައް. އެކަމަކު އަޅުގަނޑު މި ދަންނަވަނީ މި މައްސަލަ މި ގޮތަށް ދެމިގެންދާނެ ވާހަކައެއް ނޫން. އެކަމަކު އެއީ ހަމަ ގަބޫލުކުރަން ޖެހޭ ހަގީގަތެކޭ،" އުސްވަތު ވިދާޅުވި އެވެ. "ދެން މި މައްސަލައިގައި މި ދެންނެވިހެން ތަންކޮޅެއް ޓެކްނިކަލް އެކްސްޕަޓީސް ބޭނުންވާ ބާވަތުގެ މައްސަލައަކަށް ވީމަ މި މައްސަލައިގެ ތަހުގީގު އަދި މުޅިން ފުރިހަމަކުރެވިފައި ނުވަނީ."
ގްރީން ޕާތުގެ ކެމިކަލް ގުދަނެއް މާފަންނުގައި ވެސް ހުއްޓެވެ. އެކަމަކު މިހާރު އެ ކުންފުނިން ކެމިކަލް ރައްކާކުރަނީ، އެމްއެންޑީއެފުން ބުނިގޮތުގައި، ކ. ތިލަފުށީގައި ސަރުކާރުން ހެދި ގުދަންތަކުގެ ތެރެއިން ތަނެއްގަ އެވެ. ތިން މަސް ތެރޭ މާލެ އިން ކެމިކަލް ގުދަން ބޭރުކުރަން ސިފައިން އެންގި "ހައި ރިސްކު" 20 ކުންފުނީގެ ތެރޭގައި ގްރީން ޕާތު ހިމެނޭ ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.
އާދިލް ނައީމް ސިފައިންގޭގައި ހޭދަކުރެއްވި 23 އަހަރުގެ ތެރެއިން 12 އަހަރު އުޅުއްވީ ފަޔާ ސާވިސްގަ އެވެ. ފުރަތަމަ ތިން އަހަރު އޮޕަރޭޝަނަލް ކޮމާންޑަރެއްގެ ގޮތުގައި އަދި ފަހުން ޕްރިވެންޝަން، ޕްރޮޓެކްޝަން އެންޑް ލިއޭޒަން އޮފިސަރަކަށެވެ. ރިޓަޔަކުރެއްވުމަށް ފަހު އަމިއްލަ ފަޔަ ސޭފްޓީ ކުންފުންޏެއް އުފައްދަވައި މިހާރު ކުރައްވަނީ އެ މަސައްކަތެވެ. މުސްތަފާ ސަމީރު 1981 އިން ފެށިގެން އެއާޕޯޓުގެ ފަޔަ ސާވިސްގައި އަދާކުރެއްވި ވަޒީފާ ދޫކޮށްލައްވައި ސިފައިންގެއާ ގުޅިވަޑައިގަތީ ނޮވެމްބަރު 3، 1988ގެ ޓެރަރިސްޓް ހަމަލާގައި ދިވެހިން "ނިކަތިވެގެންދިޔަ" ތަން ފެނިވަޑައިގެން ގައުމީ ދިފާއަށް ނުކުންނެވުމުގެ ޖޯޝުގަ އެވެ. ފަޔަފައިޓަރެއްގެ ގޮތުގައި އަށެއްކަ އަހަރު މަސައްކަތްކުރެއްވުމަށް ފަހު ސިފައިންގެއިން ވަކިވެވަޑައިގެން މުސްތަފާ ވެސް ޕްރައިވެޓް ފަޔަ ސޭފްޓީ ކުންފުންޏެއް އުފެއްދެވީ އެވެ. މިހާރު ވަނީ މަސައްކަތާ ދުރަށް ވަޑައިގެންފަ އެވެ.
ޒުވާން ބައެއް ފަޔަފައިޓަރުން "ލެޖެންޑުން"ގެ ގޮތުގައި ސިފަކުރާ މި ދެ ތަޖުރިބާކާރުން ވިދާޅުވަނީ އަލިފާނުގެ ހާދިސާއެއް ހިނގަން މެދުވެރިވާ ސަބަބު ކަނޑައެޅޭނީ ތަހުގީގަކުން އެކަނި ނަމަވެސް، ގަސްދުގައި ހުޅު ނުޖަހާ ނަމަ ކެމިކަލް ގުދަނެއްގައި ރޯވާން އޮންނާނެ ކަމަށް ބެލެވެނީ މައިގަނޑު ދެ ގޮތެއް ކަމަށެވެ. އެއީ ކަރަންޓު ޝޯޓަކުން ސްޕާކެއް ވުން ނުވަތަ ކެމިކަލް ބަހައްޓައިގެން ނުވާނެ ގޮތަކަށް ހުރެގެން ލީކުވުން ނުވަތަ އެކުވުމެވެ. އެކަމަކު ގުދަނަށް ވަދެ ނުކުމެ އުޅޭ މީހުންގެ ތެރޭގައި ސިނގިރޭޓް ބޯ މީހަކު ހުރެ، އެއްލާލެވޭ ފިލްޓަރަކުން ވެސް ރޯވުމުގެ ފުރުސަތު އޮވެދާނެކަން މުސްތަފާ ފާހަގަކުރެއްވި އެވެ.
ކެމިކަލް ގުދަނެއްގެ ގޮތުގައި ބޭނުންކުރަން ގްރީން ޕާތަށް 2016ގައި ހުއްދަ ދިން ތަނުގެ އިންސްޕެކްޝަނެއް މޭ 16، 2019ގައި ހެދި އިރު ކަންކަން ހުރީ، އެމްއެންޑީއެފުން ބުނެފައިވާ ގޮތުގައި، ފަޔާ ސާވިސްގެ މިންގަނޑުތަކާ އެއްގޮތަށެވެ. އެ ތަނުން ބުނެފައިވަނީ ހުއްދަ ދޫކޮށްފައިވާ ގޮތަށް، ގުދަނުގައި ހުރީ ވެސް ސާފުކުރަން ބޭނުންކުރާ ކެމިކަލް ކަމަށެވެ. މިފަދަ ގުދަންތައް ޗެކްކުރާ އިރު ރަނގަޅަށް ހުއްޓަސް ފަހުން ގަވާއިދާ ހިލާފުވުން އެކަށީގެންވާ ކަމަށް އޭރު ރަސްމީ ފަރާތްތަކުން ބުނެފައިވާ އިރު، ގުދަނުގައި ކެމިކަލް ގެންގުޅުނީ ނުރައްކާތެރި ގޮތްގޮތަށް ކަމަށް، ހާދިސާގެ ފަހުން ސޯޝަލް މީޑިއާގައި ބައެއް މީހުން ތުހުމަތުކޮށްފައިވެ އެވެ.
"ހުއްދަ ކަރުދާހުގެ ބަޔާނުގައި ވާނެ އެ ރައްކާތެރިކަމާ އެކު ބަލަހައްޓައި ރައްކާކުރަން ޖެހޭނެ ވާހަކަ. ތި ގުދަން ހުރަސްކޮށް ދުވާލަކު އެތައް ފަހަރަކު ދަމު، އެތާނގެ ހާލަތު، އަދި އުޅޭ މީހުންގެ ފަރުވާ ކުޑަކަން ސާފު[ކޮށް] ފެންނަމުންދޭ،" އެއީ ތިމަންނަ ދިރިއުޅޭ ހިސާބުގަނޑު ކަމަށް ބުނި މީހަކު ޓްވީޓެއްގައި އޭރު ލިޔެފައިވެ އެވެ.
އެކަމަކު ގްރީން ޕާތުން ބުނެފައި ވަނީ ކެމިކަލް ގުދަންކުރުމުގައި ޑިފެންސް މިނިސްޓްރީގެ މިންގަނޑުތަކާ ހިލާފުވެފައި ނޯންނާނެ ކަމަށެވެ.
"ދުންތައް އިންހޭލްވެގެން އެންމެ ފަހު ވަގުތުކޮޅު ހުރީ ނޭވާލާން ވަރަށް ބޮޑަށް އުނދަގޫވެފައި. ދަރިއެއް ކައިރީގައި ހުރީމަ ކަންނޭނގެ އެ ހިފަހައްޓާލެވުނީ."
ގްރީން ޕާތުން އޭރު ދިން އިންޓަވިއުތަކުގައި ބުނިގޮތުގައި، ސަލާމަތީ ފިޔަވަޅެއްގެ ގޮތުން، ގުދަނުގައި ކަރަންޓެއް ނުހުންނާނެ އެވެ؛ ކަރަންޓު ބޭނުންވެއްޖެ ނަމަ ޖެހިގެން ހުރި ގުދަނުން ވާގަނޑެއް ގެންނަނީ އެވެ. މިއީ، ކަރަންޓު ޝޯޓަކުން އަލިފާން ރޯވުމުގެ ފުރުސަތެއް ނޯންނާނެ ސަބަބެއްގެ ގޮތުގައި އެ ކުންފުނިން ވާހަކަ ދައްކާފައިވެ އެވެ. އެކަމަކު މުސްތަފާ ވިދާޅުވިގޮތުގައި ގްރީން ޕާތުން އެހެން ބުންޏަސް، ކަރަންޓުގެ މައްސަލައަކުން ރޯ ނުވާނެ ކަމަކަށް ނުނިންމޭނެ އެވެ.
"މިސާލަކަށް، ބޭނުންކޮށްފައި އެ ވާގަނޑު އޮޅާލައިގެން އަނބުރާ ގެންގޮސް ލާނީ ބާ؟ ނުވަތަ ވަގުތީ ވާގަނޑެއްގެ ގޮތުގައި އޭތި ބޭނުންކުރަން އެ ތަނުގައި ބާއްވާނީކީ ނޫން ބާ؟ މިއަދު ބޭނުންކޮށްފައި މާދަމާ ބޭނުންކޮށްލަން ބާއްވާ ވެސް ފާނެ،" އޭނާ ވިދާޅުވި އެވެ.
މުސްތަފާ ވިދާޅުވީ ގުދަން އެއްކޮށް އަނދައިގެން ދިޔަޔަސް "ބައިވަރު" ހެކި ހުންނާނެ ކަމަށާއި ރޯވީ ކަރަންޓު ވާގަނޑެއްގެ ކަމަކުންތޯ ވެސް، ދެނެގަނެވޭނެ ކަމަށެވެ.
"އަލިފާނުގައި އަނދާފައި އޮންނަ ނަރެއް ބަލާފައި ފަޔަފައިޓަރުންނަށް ނުވަތަ އެކަމުގެ ނޮލެޖު ހުރި މީހަކަށް އެނގޭނެ، މި ނަރު މި އޮތީ އަލިފާނުގައި އަނދާފައި ބާއޭ ނުވަތަ ނަރުން ރޯވީ ބާއޭ،" މުސްތަފާ ވިދާޅުވި އެވެ.
އެކަމަކު ކެމިކަލް ގުދަނަކަށް ވުމުން އެންމެ ބޮޑަށް ބަލަން ޖެހޭ އެއް ކަމަކީ އަލިފާން ރޯވީ ކެމިކަލް ލީކުވެގެންތޯ އެވެ. އާދިލް ވިދާޅުވިގޮތުގައި ބައެއް ކެމިކަލްތަކަކީ ހޫނުމިން މައްޗަށް ގޮސްގެން އަމިއްލަ އަށް ރޯވާ ޒާތުގެ އެއްޗެހި ކަމަށް ވިޔަސް ސާފުކުރާ ކެމިކަލްތަކުގައި އެ ގޮތަކަށް ރޮލެއް ނުވާނެ އެވެ. އޭނާ އާއި މުސްތަފާ ދެއްވި މައުލޫމާތުން އެނގޭގޮތުގައި ކެމިކަލުން ރޯވި ނަމަ ރޯވާނީ ކެމިކަލް ލީކުވެގެން ގޮސް ވަކި ކަހަލަ ތަނަކަށް އެޅުމުގެ ސަބަބުން ނުވަތަ ދެ ކެމިކަލެއް އެކުވެގެންނެވެ.
ގްރީން ޕާތުން ބުނެފައިވާ ގޮތުގައި ގުދަނުގައި ހުރީ ސްވިމިން ޕޫލަށް އަޅާ ކެމިކަލާއި ލޯންޑްރީތަކުގައި ބޭނުންކުރާ ޑިޓަޖެންޓާއި ތަޅުން ސާފުކުރާ ކެމިކަލާއި ފެން ޕްލާންޓުތަކުގައި ބޭނުންކުރާ ކެމިކަލްގެ ބާވަތްތަކެވެ. މުސްތަފާ ވިދާޅުވީ ސާފުކުރާ ކެމިކަލަކީ ވެސް "ވަރަށް ބާރުގަދަ، ވަރަށް ގަދަޔަށް ރިއެކްޓްކުރާނެ" އެއްޗެހި ކަމަށެވެ. އޭގެ ތެރޭގައި، ދެ ކެމިކަލް އެއް ތަނެއްގައި ބަހައްޓައިގެން ނުވާނެ އެއްޗެހި ހުންނާނެ ކަމަށާއި އެ ކަމަށް ފަރުވާ ކުޑަވިޔަސް އަލިފާން ރޯވާން ދިމާވެދާނެ ކަމަށް އޭނާ ވިދާޅުވި އެވެ. ހާދިސާއެއް ހިނގަން މެދުވެރިވެދާނެ ގޮތުގެ އެހެން މިސާލެއް ދައްކަވަމުން މުސްތަފާ ވިދާޅުވީ އެއްޗަކުން ލީކުވާ އެއްޗެހި ލަކުޑި ފިލާތަކަކަށް އެޅިގެން އެ ފިލާތައް "ރިއެކްޓް ކުރަމުން ކުރަމުން ގޮސް ވެސް ރޯވެދާނެ" ކަމަށެވެ.
"ކެމިކަލް ސްޓޯކުރުމަކީ ވަރަށް ތަރުތީބަކުން، ވަރަށް އެނގިގެން، ވަރަށް ގަވާއިދަކުން ކުރަން ޖެހޭ ކަމެއް،" މުސްތަފާ ވިދާޅުވި އެވެ.
"ގަތް މީހާ ނާންނާނެ އެތާ އެ އެއްޗެހި ބަހައްޓާކަށް. އޭނާގެ މަސައްކަތު މީހުން އެ އެއްޗެހި ގެންގުޅެނީ ކިހިނެއްތޯ، ކިހާ ވަރަކަށްތޯ މަތިމައްޗަށް ޖަހާފައި ހުރީ، އޭގައި ލީކުވާ އެއްޗެއް ހުރިތޯ، މިއިން އެއްވެސް ކަމެއް ނުބަލާނެ. އެހެންވީމާ އެ އެއްޗެހި އެކަތި އަނެކައްޗާ އެކުވެގެން ރިއެކްޝަނެއް ހިނގައިގެން އެ ތަނުގައި ރޯވުމުގެ ފުރުސަތު ވެސް ހަމަ އެބައޮތް."
މި ހާދިސާގައި މީހަކު މަރުވެ އާއްމުންގެ ގެދޮރާއި މުދަލަށް ބޮޑެތި ގެއްލުންތައް ލިބުމުގެ ހިތާމަގައި ބައިވެރިވާ ކަމަށް ގްރީން ޕާތުގެ ނަޝީދު އޭރު އިންޓަވިއުތަކުގައި ވިދާޅުވެފައިވެ އެވެ. އެކަމަކު އެ ވާހަކަކޮޅު، ގެއްލުން ލިބުނު ބައެއް މީހުންނާ ހަމައަކަށް ނުފޯރަ އެވެ. ނުވަތަ އެ މީހުންނަށް އެ ވަރަކުން ނުފުދެ އެވެ.
ގެއްލުންތަކާ މެދު ހަމްދަރުދީ ފާޅުކޮށް ގްރީން ޕާތުން ބަޔާނެއް ނުނެރޭތީ އާއި ވާހަކަދައްކަން އޭނާގެ އާއިލާ އިން ގުޅަން މަސައްކަތްކުރުމުން ގްރީން ޕާތުން އިޖާބަ ނުދޭތީ މަރިޔަމް ބުނަނީ އެ ހާދިސާ އަށް ފަހު ގްރީން ޕާތު "ގެއްލުނީ" ކަމަށެވެ. އަސްމާ ވެސް އެންމެ ބޮޑަށް ދެއްކި އެއް ވާހަކައަކީ ކުންފުނީގެ ފަރާތުން ހަމްދަރުދީގެ ބަހެއް އޭނާ އަށް އަޑުނީވޭ ކަމެވެ. ދެ މީހުން ވެސް ބުނީ ބޭނުންވަނީ އެނދި ހުރިހާ ގެތަކެއް ގްރީން ޕާތުން ހަދައިދޭށޭ ނުވަތަ ހުރިހާ ގެއްލުމެއްގެ ބަދަލަށް އެ ކުންފުނިން ފައިސާ ދޭށޭ ބުނަން ނޫން ކަމަށާއި ކޮންމެވެސް މިންވަރަކަށް ޒިންމާ ނަގަން ޖެހޭނެކަން ފާހަގަކުރަން ކަމަށެވެ.
މާލޭގައި ކުރިން ހިނގާފައި ހުރި އަލިފާނުގެ ބައެއް ހާދިސާތަކަށް ފަހު، ރޯވި ތަނުގެ ވެރިފަރާތުން ސަރުކާރާ ވާހަކަދައްކައި ހާލުގައި ޖެހުނު މީހުންނަށް އެހީ ދީފައި އެބަހުއްޓެވެ. އޭގެ ތެރޭގައި ލިލީ އާއި ކޯސްޓްލައިން ހިމެނެ އެވެ. އެ ދެ ކުންފުނިން އަމިއްލަ އިސްނެގުމަށް، ގެއްލުން ލިބުނު މީހުންގެ ހާލަތު ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން އޮޅުންފިލުވައި އެހީ ދީފައިވާ އިރު ގްރީން ޕާތުން އެ އޮތޯރިޓީއާ އެއްވެސް ވަރަކަށް ވާހަކަދައްކާފައި ނެތް ކަން އެންޑީއެމްއޭ އިން ކަށަވަރުކޮށްދިނެވެ. އެ ތަނުގެ ޗީފް އެގްޒެކެޓިވް ހިސާން ހަސަން ވިދާޅުވިގޮތުގައި ކެމިކަލް ކުންފުނީގެ ޚަބަރެއް ނުވާ ކަމުގެ ޝަކުވާ ގެއްލުން ލިބުނު މީހުން ކޮށްފައި ވެސް ވެ އެވެ. އެކަމަކު އޭނާ ވިދާޅުވީ މިއީ އެފަދަ ކުންފުނިތަކުގެ އަމިއްލަ ކަމަކަށް ވާތީ އެންޑީއެމްއޭގެ ދައުރެއް މި ކަމުގައި ނެތް ކަމަށެވެ.
ކެމިކަލް ގުދަން ހުރީ އިންޝުއަކޮށްފައިކަން ފުލުހުން ކަށަވަރުކޮށްދިނެވެ. އިންޝުއަރެންސް ޚިދުމަތް ދޭ ކުންފުންޏެއްގެ އިސް ބޭފުޅަކު ވިދާޅުވިގޮތުގައި އިންޝުއަކޮށްފައި ހުރި ނަމަ ކުންފުންޏަށް ލިބޭ ގެއްލުން އިންޝުއަރެންސުން އެއްކޮށް ފޫބައްދައިދޭނެ އެވެ. ގްރީން ޕާތުގެ އިންޝުއަރެންސް ކަންކަން ދިޔަ ގޮތެއް ނޭނގެ އެވެ.
ހަތް ބުރީގެ ރަދުވާނިއާ ގޭގައި އަސްމާ އިނީ 15 އަހަރުގެ ފިރިހެން ދަރިފުޅު އަބްދުﷲ ޔައިޝްގެ އިންތިޒާރުގަ އެވެ. އެ ދުވަސްކޮޅު އޯލެވެލް އިމްތިހާނަށް ތައްޔާރުވަމުންދިޔަ ޔައިޝް އައިސް ގެ އަށް ވަނުމުން އަސްމާ ވަނީ ކޮޓަރިއަށެވެ. ރޭގަނޑު 7:20 އެހާ އިރެވެ.
ބާރު އަޑެއް އިވުނު ފުރަތަމަ ފަހަރު އަސްމާ ހީކުރީ އެ ގޭ ކުރިމަތީގައި ހުރި ތިލަފުށި ގޭގެ ކެމިކަލް ގުދަނުގައި އެއްޗެހި އަރުވާ ބާލަނީ ކަމަށެވެ. އެ ތަނުގައި މަސައްކަތްކުރާ އިރު އަޑުގަދަވުމަކީ އާއްމު ކަމެކެވެ. އެކަމަކު ދެވަނަ ފަހަރަށް ގޮވުމެއްގެ އަޑު އިވުމާ އެކު އަސްމާ އަށް ފުންމައިގެން ގޮސް ކޮޓަރީގެ ދޮރު ހުޅުވާލެވުނެވެ. ދެމައިން ބޭރު ބަލައިލި އިރު ފެނުނީ އެ މީހުން ތިބި ހަތަރުވަނަ ބުރިއާ ހިސާބަށް އަލިފާން ރޯވެފައި ހުރި ތަނެވެ. ތިރިއަށް ދާން ސިޑިއާ ދިމާއަށް ދުއްވައިގަތެވެ. އެކަމަކު ގަދަ ހޫނާއި ބޯ ދުމާ ހެދި އާއި ތިރީގައި އަލިފާން ރޯވެފައިހުރި ކަން އެނގޭތީ އެ ޚިޔާލު ދޫކޮށްލީ އެވެ. އަސްމާ އާއި ޔައިޝް ދުވެފައި ގޮސް ވަނީ ފާޚާނާ ތެރެއަށެވެ. ޔައިޝްގެ ފޯނުން ޕޮލިސް ހޮޓްލައިނަށް ގުޅި އެވެ.
މިއީ އަލިފާނެއްގެ ނުރައްކާތެރިކަން ބޮޑުވެގެންދާ ގޮތަށް މާލޭގައި ހުރި ބޮޑެތި މައްސަލަތަކާ ހެދި އިންތިހާ ދަރަޖައިގެ އުނދަގޫތަކާ ކުރިމަތިލާން ޖެހުނު ހާދިސާއެކެވެ. އެތެރޭގައި ބަޔަކު ތާށިވެ، ބޭރުގައި އެ މީހުންގެ ގާތް މީހުންނާއި އާއްމުން ނޭވާ ހިފަހައްޓާލައިގެން ތިބި އިރު ފަޔަފައިޓަރުންގެ ކުރިމަތީގައި ހުރީ ސީރިއަސް ގޮންޖެހުންތަކެވެ. މާލޭގެ ތޮއްޖެހުމެވެ. ގޯތިތައް ފޮތިފޮތިކޮށްގެން ފިތިބާރުކޮށް ހަދާފައިހުރި އުސް އިމާރާތްތަކަކަށް ވަންނާނެ ގޮތް ހޯދުމެވެ. އަލިފާނަށް ސަލާމަތީ ފިޔަވަޅުތަކެއް ނެތް އެ އިމާރާތްތަކުން ނެރެން ޖެހޭ މީހުން ތިބި ތަންތަން ދެނެގަތުމެވެ. އަލިފާން ނިއްވަން ފަސޭހަ އިން ފެން ލިބެން ނެތުމުގެ ހުރަހެވެ.
ގޮވުންތަކަކާ އެކު ކުއްލިއަކަށް ފާޅުވި ހުޅުގަނޑު އެންމެ ފުރަތަމަ ވެސް މިސްރާބު ޖެހީ ގުދަނާ ވިއްސަކަށް ފޫޓު ދުރުގައި ހުރި ރަދުވާނިއާ އަށެވެ. އެއަށް ފަހު މާޓިންގައި ހުރި ފީނޯގެ ކޯލްޑް ސްޓޯރޭޖަށާއި އެ ގުދަނުގެ ބިތްދޮށުގައި ހުރި އެހެން ގުދަންތަކަށާއި ކައިރީގައި ހުރި އިތުރު ގެތަކަށް ދުމާއި އަލިފާން ރާސްލާފައި ފެތުރިގަތީ އެވެ.
އަލިފާން ރޯވީ ތިލަފުށި ގޭގައި ހުރި ކެމިކަލް ގުދަނުގައި. ވަށައިގެން ހުރި އެތައް އިމާރާތެއް އަނދައި ބޮޑެތި ގެއްލުންތައް ލިބުނު.
ފުލުހުންނަށް އަލިފާނުގެ ޚަބަރު ލިބުނުތާ މިނިޓެއް ފަހުން 7:26ގައި ސިފައިންނަށް ރިޕޯޓްކުރި އެވެ. ފަޔާ ސާވިސްގެ ފުރަތަމަ ވެހިކަލް ހަ މިނިޓް ތެރޭ އެ ތަނަށް ދިޔަ އެވެ. އޭގެ ހަތަރު މިނިޓް ފަހުން ދެވަނަ ވެހިކަލް ދިޔަ އެވެ. އެކަމަކު ރޯވެފައި އޮތް ހަނި ގޯޅި އަށް ނުވަދެވިގެން ފަޔަފައިޓަރުން ފުރަތަމަ ކުރަން ޖެހުނު މަސައްކަތަކީ ދެ ފަރާތުގައި ޕާކުކޮށްފައި ހުރި ސައިކަލްތައް ނެގުމެވެ. އަލިފާން ނިއްވަން ފެށުނީ އޭގެ ފަހުންނެވެ. އަލިފާންގަނޑު ބާރަށް ފެތުރެމުންދިޔަ އިރު، ގޯޅީގައި ސައިކަލްތައް ހުރުމުން، އެކަށީގެންވާ ގޮތަކަށް މަސައްކަތް ނުފެށި "ވަރަށް ގިނަ ވަގުތު ހޭދަވި" ކަމަށް ފަޔަ ސާވިސްގެ ކޮމަޑާންޓު ކާނަލް އަބްދުﷲ އިބްރާހީމް އެ ރޭ ނޫސްވެރިންނަށް ވިދާޅުވި އެވެ.
އާދިލް ވިދާޅުވިގޮތުގައި މައްސަލައަކީ މާލެހާ ތޮއްޖެހިފައި އޮތް ތަނެއްގައި އަލިފާން ނިއްވަން ފެން ނަގާނެ ހައިޑްރެންޓްތަކެއް ނެތުމެވެ. ގުދަނުގައި ރޯވެގެން ފުރަތަމަ ދިޔަ ވެހިކަލްތަކުން ފެން ޖަހައި އިތުރަށް ބޭނުންވި ފެން ނަގަން ޖެހުނީ މާ ދުރުންނެވެ. އެއީ ސޯސަންމަގު އަގޯރާ ކައިރީގައި ހުރި ޕޮއިންޓަކުންނާއި މަސްވެރިންގެ ޕާކާ ދިމާލު މޫދަށް ޕަމްޕު ގުޅައިގެންނެވެ.
"މާލެ މިހާ ވަރަށް ތޮއްޖެހިފައި އޮތް ތަނެއްގައި ފަޔަ ވެހިކަލަކަށް ކޮންމެ ކޮންމެ ތަނަކަށް ނުވަދެވޭނެ. ކިހިނެއް، މާލޭ މެދުގައި ހުންނަ ތަނަކަށް ބޮޑެތި ލޮރީތައް ވައްދާނީ؟" އާދިލް ވިދާޅުވި އެވެ.
"މާލެ އަށް ވާ ވަރަށް މިހާރު ވެހިކަލް އެބަހުރި. ވާ ގޮތަކީ ފަޔަ ޓެންޑަރުތަކުގައި ފެން ހުސްވީމަ ފެނަށް ޖެހެނީ ގިނަ ފަހަރު. ފެނަށް ޖެހުނީމަ އަލިފާން ބޮޑުވާނެ. އެހެންވެ އަޅުގަނޑު މި ދަންނަވަނީ މާލޭގައި ރަނގަޅު ހައިޑްރެންޓް ސިސްޓަމެއް އެޅުނީމަ މި ވެހިކަލްތައް މާ މުހިއްމެއް ނުވެސް ވާނެއޭ."
ކެމިކަލް ގުދަނުގެ ހާދިސާ ހިނގި ތަނަށް އެ ރޭ މެދުނުކެނޑި ފެން ފޯރުކޮށްދެމުން ދިޔަ ކަމަށާއި ބޮޑު ގޮންޖެހުމަކަށްވީ އެ ގޯޅީގެ ހަނިކަމާއި ތޮއްޖެހުން ކަމަށް އެމްއެންޑީއެފުން ބުނެފައިވެ އެވެ.
އާދިލް ވިދާޅުވީ އަލިފާން ނިއްވާ ވެހިކަލްތަކަށް ބިމުއަޑީގެ ޓޭންކުތަކަކުން ފެން އެޅޭ ގޮތަށް މާލޭގެ ސައްބީހަކަށް ތަނުގައި ކުރިންސުރެ ހަދާފައި ހުރި ޕޮއިންޓްތަކަކީ ހަގީގަތުގައި ހައިޑްރެންޓްތަކެއް ނޫން ކަމަށެވެ. ސަރުކާރުން އެންމެ އިސްކަންދޭން ޖެހޭ ކަމަކީ، އޭނާ ވިދާޅުވިގޮތުގައި، އަލިފާން ނިއްވަން ބޭނުންވާހާ ބާރު ޕްރެޝަރުގައި ވަކި ހޮޅިއަކުން މާލޭގެ ހުރިހާ ހިސާބަކަށް ފެން ލިބޭ ނިޒާމެއް ގާއިމްކުރުމެވެ.
ޝަމާއު ވެސް ވިދާޅުވިގޮތުގައި ކެމިކަލް ގުދަނުގެ ހާދިސާ އިން އެންމެ ބޮޑަށް އެނގުނު އެއް ކަމަކީ ފަޔަ ހައިޑްރެންޓް ނިޒާމެއްގެ މުހިއްމުކަމެވެ.
މިދިޔަ ސަރުކާރުން މަޖީދީމަގު ހެދި އިރު ފަޔަ ހައިޑްރެންޓް ނިޒާމެއް ގާއިމްކުރަން އޮތީ ހޮޅި އަޅައިފަ އެވެ. އެކަމަކު ކެމިކަލް ގުދަނުގައި ރޯވި އިރު ވެސް އަދި މިހާތަނަށް ވެސް އެ ނިޒާމެއް ނުނިމެ އެވެ. އެމްއެންޑީއެފުން މޯލްޑިވްސް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްއާރުޑީސީ) އާއި އެމްޑަބްލިޔުއެސްސީއާ ހަވާލުކުރި އެ މަސައްކަތް މިހާރު އޮތީ، ޝަމާއު ވިދާޅުވިގޮތުގައި، "ކަނެކްޝަން ގުޅާ ހިސާބަށް ގާތްގަނޑަކަށް ގޮސް" އެވެ.
އެކަމަކު ހައިޑްރެންޓް ނިޒާމު ނިމޭނެ ތާރީޚެއް ސާފެއް ނުވި އެވެ. އެކަމާ ބެހޭގޮތުން ސުވާލުކުރުމުން އެމްއެންޑީއެފްގެ ސްޕޯކްސްޕާސަން އާޒިމް ހަމައެކަނި ވިދާޅުވީ އެމްއާރުޑީސީ އުވާލުމުން "އެ މަސައްކަތް މަޑުޖެހިފައިވީ ނަމަވެސް އަލުން ފަޔަ ހައިޑްރެންޓް ސިސްޓަމް އޮޕަރޭޝަނަލް ކުރުމުގެ މަސައްކަތްތައް ޕްލޭންކުރެވިގެން ދަނީ ފެށުމަށް ތައްޔާރުވަމުން" ކަމަށެވެ.
ކެމިކަލް އަލިފާނުގެ ހާދިސާގައި ރޯވި ތަނަކަށް ފަޔަފައިޓަރުން ފެން ޖަހަނީ. ފައިލް ފޮޓޯ: ހުސައިން ވަހީދު/މިހާރު
ރަދުވާނިއާގެ ހަތަރުވަނަ ބުރީގައި އަސްމާ އާއި ޔައިޝް ފާޚާނާ ތެރެއަށް ވަތް ގޮތަށް ޕޮލިހަށް ގުޅި ނަމަވެސް ފަޔަފައިޓަރުން އައުން ދިޔައީ ދިގުލައިގެންނެވެ. އަސްމާ ބުނިގޮތުގައި އެ މީހުން ތިބީ ސީދާ ކޮންތާކުކަން ދެނެގަންނަން ސިފައިންނަށް ވަރަށް އުނދަގޫވި އެވެ. ދެމައިން އެހީގެ އިންތިޒާރުގައި ތިބި އިރު ޔައިޝް ކުރި ކޯލް، ގަޑިއެއްހާ އިރު ފަހުން ފޯނުން ޗާޖު ދަންދެން ވެސް، ކަނޑައެއް ނުލަ އެވެ. ރައްކާތެރިވާނެ ގޮތްތައް އެކޮޅުން ދިޔައީ ކިޔައިދެމުންނެވެ. ފާޚާނާގެ ހުރިހާ އިސްކުރުތަކެއް ދޫކޮށްލުމަށާއި ދެމައިން ލައިގެން ތިބި އަންނައުނު ތެންމާފައި ބެހެއްޓުމަށެވެ. އަސްމާގެ ފޯނުން ގާތް މީހުންނަށް ގުޅައިގެން ވާހަކަދައްކަމުން ގެންދިޔަ އެވެ. ތިބި ތަން ހޯދަން އުނދަގޫވާނެކަން އަމިއްލަ އަށް ވެސް އިހުސާސްކުރެވި އަސްމާގެ ހާސްކަން ހައްތަހާ ދިޔައީ ބޮޑުވަމުންނެވެ.
"ފަހުން ޕޮލިސްއާ އެ ސުވާލުކުރިން. ކީއްވެގެންތޯ ލޮކޭޓްކުރަން، ޓެކްނޮލޮޖީގެ މި ޒަމާނުގައި، އެހާ އުނދަގޫވީ. އެ މީހުން ބުނީ ތޮއްޖެހުމުގެ ވާހަކަ. އެހާ ކައިރިކައިރީގައި ބިލްޑިންތައް ހުރީމައާ އެކީގައޭ. އޭރު ވެސް އަޅުގަނޑުގެ ބޮލުގައި އިން އެހެން ވެދާނެކަން. މާލޭގައި މި ކަހަލަ ޑިޒާސްޓާތަކުގައި ކަން ހިނގާ ގޮތް އެނގޭ،" އޭނާ ބުންޏެވެ.
ރަދުވާނިއާގެ ފުރަތަމަ ފްލޯގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަހުމަދު ރަޝީދު އިބްރާހީމް (ގާރީ) އާއި އޭނާގެ އަނބިކަނބަލުން އައިޝަތު ރަޝީދު ވެސް ގަޑިއެއްހާ އިރު ތާށިވެފައި ތިއްބެވި އެވެ. އެހެން ތަނެއްގައި ވެސް އަންހެނަކާއި ކުޑަކުއްޖަކު ނުނުކުމެވި ތިއްބެވެ. އެ ކުއްޖާގެ ބައްޕަ ބޭރުގައި ހުރެގެން އަސަރާ އެކު ދަރިފުޅާ ފޯނުން ވާހަކަދައްކަމުން، އެ މީހުން ސަލާމަތްކުރަން ދާން އެދި ސިފައިން ގާތު ޝަކުވާކުރަމުން ގެންދިޔަ އެވެ.
މީހުން ސަލާމަތްކުރަން އިމާރާތެއްގެ ތެރެއަށް ވަންނަން ފަޔަފައިޓަރުން މަސައްކަތްކުރަނީ ފައިލް ފޮޓޯ: ހުސައިން ވަހީދު/މިހާރު
ގިނަ އިރުތަކެއް ފަހުން ނަމަވެސް ސިފައިން އެ އެންމެން ނެރެދިނެވެ. ސަލާމަތް ނުކުރެވުނީ އަސްމާގެ ފްލޯއާ ޖެހިގެން ތިރީގައި އުޅެމުންދިޔަ ޝައުނާ އެވެ. އަސްމާ ފާޚާނާ ތެރޭގައި ހުރި އިރު، އިމާރާތްތައް ވެއްޓޭހެން ހީވާ އަޑުއަޑާ އެކު އަންހެނަކު ދުއާކޮށް އާދޭސްކުރާ އަޑު ވެސް އިވެމުންދިޔަ އެވެ. އެއް އިމާރާތެއްގައި އުޅުނަސް އަސްމާ ޝައުނާއެއް ނުދަނެ އެވެ. އެކަމަކު އޭނާ ލަފާކުރަނީ އެ އިވުނީ ޝައުނާގެ އަޑު ކަމަށެވެ.
"މިހާރު ވެސް ވަރަށް އުނދަގޫވޭ އޭނާ މަތިން ހަނދާންވީމަ. އެ ގޮތަށް އަޑު އިވެން ފެށީމަ ބޭނުންވީ އަހަރެމެން ވެސް މިތާ އެބަތިބީމޭ ބުނަން،" އަސްމާ ބުންޏެވެ.
އަލިފާނުގެ ހާދިސާގައި މަރުވި ޝައުނާ
ޝައުނާ މަރުވުމާއި މި ހާދިސާގައި ސިފައިން މަސައްކަތްކުރި ގޮތާ މެދު މުސްތަފާ އާއި އާދިލްގެ ޚިޔާލު ތަފާތެވެ. މުސްތަފާ ދެކެވަޑައިގަންނަވަނީ އެމްއެންޑީއެފުން ބޮޑެތި ގޯސްތަކެއް ހެދި ކަމަށެވެ. އެކަމަކު އާދިލް ފާހަގަކުރެއްވީ ފަޔަފައިޓަރުންނަށް ބޮޑެތި ގޮންޖެހުންތަކެއް ހުރި ކަމެވެ.
"މަޖިލީހުން ހިންގިޔަސް، ސަރުކާރުން ހިންގިޔަސް، ވަކިކޮޅަކަށް ނުޖެހޭ އިންކުއަރީއެއް އިޚުލާސްތެރިކަމާ އެކު ހިންގުން މުހިއްމީ."
ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެފައިވާ ގޮތުގައި ސިފައިން އެ ރޭ ކޮށްފައި ވަނީ ދުނިޔޭގެ ފެންވަރުގެ މަސައްކަތެކެވެ. ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް އަބްދުﷲ ޝަމާލް ވެސް ސިފައިންގެ މަސައްކަތަށް ތައުރީފްކުރައްވައި ޚާއްސަކޮށް މީހުން ސަލާމަތްކުރަން އުޅުނު ފަޔަފައިޓަރުންގެ ހިތްވަރު ފާހަގަކުރައްވާފައިވެ އެވެ. އެކަމަކު އޭނާ ވިދާޅުވެފައިވާ ގޮތުގައި މި ހާދިސާގައި އެމްއެންޑީއެފުން ހަރަކާތްތެރިވި ގޮތުގެ އޮޕަރޭޝަނަލް އެސެސްމެންޓެއް ހަދައި ރަނގަޅުކުރަން ޖެހޭ ކަންކަމާއި އިތުރަށް ބޭނުންވާ ވަސީލަތްތަކަކީ ކޮބައިތޯ ބަލާނެ އެވެ.
"އަޅުގަނޑުމެން ވެސް މިފަދަ މާހައުލެއްގައި މަސައްކަތްކުރާ އިރު ހުންނާނެ ބައެއް ރަނގަޅުކޮށްލަން ޖެހޭ ކަންކަން. އެ ކަންކަން ރަނގަޅުކުރާނެ ކަމުގެ ޔަގީންކަން އަޅުގަނޑު ސިފައިންނަށް ވެސް، ހަމަ ރައްޔިތުންނަށް ވެސް މި ފުރުސަތުގައި އަރުވަން،" އެ ހާދިސާ އަށް ފަހު ސިފައިން ނެރުނު ވީޑިއޯއެއްގައި ޝަމާލް ވިދާޅުވެ އެވެ.
އެމްއެންޑީއެފުން ބުނީ އެކަން ކުރިއަށްދާ ކަމަށެވެ.
އެސެސްމެންޓްގެ "މަސައްކަތްތައް ބަރާބަރަށް ކުރިއަށް ދޭ. ގެންނަން ބޭނުންވާ އިސްލާހުތަކާ އެއްޗެހި ގެންނަމުން މި ދަނީ،" އާޒިމް ވިދާޅުވި އެވެ.
މުސްތަފާ ވިދާޅުވަނީ އަލިފާން ނިއްވުމުގެ އޮޕަރޭޝަންތަކުގައި ސިފައިން އެންމެ ރަނގަޅު ސްޓްރެޓެޖީތަކާއި އުކުޅުތައް ބޭނުންކުރާ ތަން ނުފެންނަ ކަމަށެވެ. އެހެންވެ، އެފަދަ އޮޕަރޭޝަންތައް ހިންގުމުގެ ފެންވަރު ރަނގަޅު ތަމްރީންތައް ސިފައިންނަށް ބޭނުންވާ ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ.
އަލިފާންގަނޑު ކުއްލިއަކަށް އެހާ ބޮޑަށް ފެތުރިގެން ދިޔުމުގެ އަސްލަކީ، އެމްއެންޑީއެފުން ބުނިގޮތުގައި، ރޯވީ ކެމިކަލްތަކެއްގައި ކަމަށް ވުމެވެ.
މުސްތަފާ ވިދާޅުވީ އެހެން ވިޔަސް އަދި ހާދިސާގެ އެހެން ކަންކަމަށް ބެލިޔަސް، އަލިފާންގަނޑު އެ ވަރަށް ފެތުރުނަ ނުދީ ކޮންޓްރޯ ކުރެވުނީސް ކަމަށެވެ. އޭނާ ވިދާޅުވިގޮތުގައި ވިސްނުމަކަށް ވާން ޖެހޭނީ ރޯވި ތަނުގައި ހުންނަ އަލިފާން ނިއްވަން މަސައްކަތްކުރުމަށް ވުރެ ބޮޑަށް ވަށައިގެން ހުރި ތަންތަން ސަލާމަތްކުރަން އިސްކަންދިނުމެވެ. ސިފައިން އެ ރޭ މަސައްކަތްކުރީ އެ ގޮތަށް ކަމަކަށް އޭނާ ގަބޫލެއް ނުކުރައްވަ އެވެ. މުސްތަފާ ވިދާޅުވީ "އެތައް ބައިވަރު އިރެއް ވަންދެން އެތައް ބައިވަރު ފަޔަފައިޓިން އޭޖެންޓެއް އެ މީހުން ބޭކާރުކުރީ ކެމިކަލްތަކަށް ޖަހަން" ކަމަށާއި އެއީ ބޮޑު ގޯހެއް ކަމަށެވެ.
"އެ ގުދަން އެ ދުވަހު އަނދަން ދޫކޮށްލާފައި ދެން ހުރި ތަންތަން ސަލާމަތްކުރަން އެ މީހުން ދުއްވައިގަތް ނަމަ މާ ރަނގަޅު ނަތީޖާ ނެރެވުނީސް. މިހާރު މިވީ ގޮތަކީ އެހެން ނެހެދުމުގެ ސަބަބުން އިތުރު އެތައް ބައިވަރު ބިލްޑިންއެއްގައި ރޯވެ، މާ ބޮޑުވީ ގެއްލުން،" އޭނާ ވިދާޅުވި އެވެ.
"ހުރި އެއްޗެއްސާއި މީހުންގެ އަދަދަށް ބަލާފައި އަޅުގަނޑުގެ ހިތް ބުނަނީ އެއަށް ވުރެ ރަނގަޅު ނަތީޖާ ނެރެވުނީހޭ."
އެމްއެންޑީއެފުން ބުނީ މި ހާދިސާގައި މީހުން ސަލާމަތްކޮށް އަލިފާން ނިއްވުމުގެ މަސައްކަތް ސިފައިން ކުރަމުން ގެންދިޔައީ ގާބިލްކަމާ އެކު ބަރާބަރަށް ކަމަށެވެ.
"އަލިފާންގަނޑު ކޮންޓްރޯލްކުރުމަށްޓަކައި ކުރަން ޖެހޭ ހުރިހާ ކަމެއް ވެސް ހަމަ އަޅުގަނޑުމެންގެ އޮންނަ ޕްރޮސީޖާ ތެރެއިން، ޕްރޮޓޮކޯލް ތެރެއިން ކުރަމުން ދިޔައީ،" އާޒިމް ވިދާޅުވި އެވެ.
އާދިލް ވިދާޅުވިގޮތުގައި ކެމިކަލްތައް ގޮވައިގެން ދާ ބުރައިގައި ކުޑަދޮރުތައް ތަޅައިގެން ގޮސް އަދި ހޫނުން ގުދަނުގެ ޓިނުތައް ވިރި ހޫނާއި އަލިފާނާއި ދުން ރާސްލާފައި ފެތުރިގަންނާނެ އެވެ. އަދި ކުޑަދޮރުތައް ހުޅުވާފައި ހުރި ނަމަ ގޭގޭގެ އެތެރެ އަށް ވަދެގެންދާނީ ވެސް ހަމަ އެހާ ބާރުމިނުގަ އެވެ. އަލިފާން އެހާ ބޮޑަށް ފެތުރި އެތައް އިމާރާތެއްގައި ރޯވި މައިގަނޑު ސަބަބަކީ އެއީ ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ.
މީހުން ސަލާމަތްކުރަން އެހާ ގިނައިރު ނެގުމާއި ޝައުނާ ސަލާމަތް ނުކުރެވުމުން މުސްތަފާ ސުވާލު އުފައްދަވަ އެވެ.
"އަޅުގަނޑު ވެސް ގަބޫލުކުރަން، އެ ވަރުގެ ހާދިސާއެއްގައި އަދި އެކަކަށް ވުރެ ގިނަ މީހުންގެ ފުރާނަ ވެސް ގެއްލިދާނެ. އެހެން ނަމަވެސް ފަހުން އަޅުގަނޑަށް އެނގުނު ގޮތުގައި އޭނާގެ އާއިލާގެ މީހުން ހާމަކޮށްފައި އެބަވޭ، މިވެނި އިރަކުން ފެށިގެން އޭނާ އަށް އެބަ ގުޅެއޭ، އޭނާ އެތާ ހުރި ވާހަކަ ތިމަންނަމެން ބުނަމުންނޭ ދިޔައީ. އެހެންވީމާ އަޅުގަނޑުގެ ވާހަކައަކީ އެ ހިސާބަށް ނުދަނީސް އޭނާ ސަލާމަތްކުރުމުގެ މަސައްކަތް ނުފެށުނީ ކީއްވެގެންބާވައޭ؟" އޭނާ ވިދާޅުވި އެވެ.
ފުލުހުން އަސްމާ ގާތު ބުނި ގޮތަށް، އާދިލް ވެސް ވިދާޅުވީ އޮޅުންބޮޅުން ބޮޑު ގޮތްގޮތަށް އިމާރާތްކޮށްފައި ހުންނަ މާލޭގެ ތަންތަނުން މީހުން ސަލާމަތްކުރުން ފަޔަފައިޓަރުންނަށް ވަރަށް އުނދަގޫވާނެ ކަމަށެވެ. އެއް ސަބަބަކީ، އޭނާ ވިދާޅުވީ، ފަޔާ ސޭފްޓީ ސިސްޓަމްތައް ނާޅާ ހުންނަ އާއްމު ގޭގޭގެ ކުރެހުން ފަޔާ ސާވިސްގައި ނުހުންނާތީ އެވެ.
ހާދިސާ އަށް ފަހު، އެ ސަރަހައްދު ސާފުކުރުމުގެ މަސައްކަތް ކުރަނީ. ފޮޓޯ: ހުސައިން ވަހީދު/މިހާރު
އެހީ ލިބެންދެން ސަލާމަތުން ހުންނަން ކުރާނެ ކަންތައްތަކަށް އާއްމުން ހޭލުންތެރިވެފައި ނެތުމުން ވެސް މިފަދަ ހާދިސާއެއްގައި ފުރާނަ އަށް ނުރައްކާވުމުގެ ފުރުސަތު ބޮޑު ކަމަށް އާދިލް ވިދާޅުވި އެވެ. އަދި ފަޔަފައިޓަރުން އަމިއްލަ ރައްކާތެރިކަމަށް ވެސް ފަރުވާތެރިވާން ޖެހޭނެކަން އޭނާ ފާހަގަކުރެއްވި އެވެ.
"ފަޔަ ސޫޓް އަދި ލިޔަސް، ޓޮމް އެންޑް ޖެރީ އިން ފެންނަހެން، ރާސްލާފައި ގޮސް އަލިފާންގަނޑު ތެރެއަކަށް ނުވަދެވޭނެ،" އޭނާ ވިދާޅުވި އެވެ.
ތ. ބުރުނީ ޝައުނާ ރަދުވާނިއާގައި ދިރިއުޅުނީ އޭނާގެ އެއްބަނޑު އެއްބަފާ ބޭބެ އަހުމަދު ސިރާޖުއާ އެކުގަ އެވެ. މައިންބަފައިން މަރުވެފައިވާ އިރު އާއިލާގައި ތިބީ އެ ދެބެއިން އެކަންޏެވެ. އަލިފާނުގެ ހާދިސާ ހިނގި އިރު ސިރާޖު ގެއަކު ނެތެވެ. އެކަމަކު ޚަބަރު ލިބުމުން އެ ތަނަށް ގޮސް، ކޮއްކޮ ސަލާމަތްކުރަން، ރޯވެފައި ހުރި އިމާރާތުގެ ތެރެއަށް ވަދެގެންދާން ވެސް އޭނާ އުޅުނެވެ. ޝައުނާގެ ބަސް ހުއްޓުނީ ބޭބެ އަށް ގުޅައިގެން ހުއްޓާ ކަމަށް ގާތް ބައެއް މީހުން މީޑިއާ އަށް ކިޔައިދީފައިވެ އެވެ. ދުމާ ހެދި ނޭވާ ހާސްވެގެން އެ ވަގުތު ޝައުނާ ހޭނެތުނީ ކަމަށް ބެލެވެ އެވެ. ފަހު ބަހެއްގެ ގޮތުން އޭނާ އެދުނީ ހެޔޮ ދުއާކޮށްދޭށެވެ.
އެމްއެންޑީއެފުން ބުނިގޮތުގައި ޝައުނާ ހުރީ ސީދާ ކޮން ފްލޯއެއްގައިކަން ޔަގީން ނުވާ ކަމަށް އޭނާގެ އާއިލާ އިން ބުނެފައިވެ އެވެ. އަދި އެހެންވެ، ރޯވެފައި ހުރި ހުރިހާ ފްލޯތަކެއް ސިފައިން ފާސްކުރި ކަމަށާއި އެކަމަކު އިތުރު މީހަކު ރަދުވާނިއާގައި ހުރި ކަމެއް ފާހަގަ ނުކުރެވުނު ކަމަށް އާޒިމް ވިދާޅުވި އެވެ. އެކަމަކު ވެސް ރެސްކިއު ޓީމްތައް ޝައުނާ ހޯދަން ފަސް ފަހަރު ވަދެ މަސައްކަތްކުރި އެވެ. އަދި އާއިލާގެ ފަރާތުން ތަކުރާރުކޮށް އެދެމުން ދިޔުމުން ހަވަނަ ފަހަރަށް ވަތް ޓީމަށް، ތިންވަނަ ފްލޯގެ ސިޓިން ރޫމްގައި ހަދާފައި ހުރި ބަދިގެ ތެރެއިން ފެނުނީ ޝައުނާގެ ފިހިފައިވާ ހަށިގަނޑެވެ.
ޝައުނާގެ ހަށިގަނޑު ރަދުވާނިއާ އިން ނެރެގެން އެމްބިއުލާންސަށް އަރުވަނީ.
ޝައުނާގެ ފޯނު ކޯލުތަކާއި މެސެޖުތަކާއި ސެލް ލޮކޭޝަންތަކާއި ސިމްގެ ވެރިފަރާތުގެ މައުލޫމާތު ދޭން ކޮމިއުނިކޭޝަންސް އޮތޯރިޓީގެ މައްޗަށް އަމުރެއް ނެރެދޭން ފުލުހުން ކޯޓުގައި އެދިފައިވެ އެވެ. އެކަމަކު ކްރިމިނަލް ކޯޓާއި ހައި ކޯޓުން ވެސް ނިންމާފައި ވަނީ ޝައުނާއަކީ ކުށެއްގެ ތުހުމަތުކުރެވޭ މީހަކަށް ނުވާތީ އެފަދަ ޒާތީ މުއާމަލާތް ބެލުމުގެ އަމުރެއް ނުދެވޭނެ ކަމަށެވެ. އެ ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފެއް ނުކުރެ އެވެ. ފުލުހުން ޝައުނާގެ ފޯނު ރެކޯޑުތައް ބަލަން ބޭނުންވަނީ އޭނާ މަރުވި މައްސަލައިގައި ހެއްކާއި ގަރީނާ ހޯދަންކަން، ޖުލައި 1ގައި ހައި ކޯޓުން ގަޒިއްޔާ ނިންމި ގޮތުގެ ޚުލާސާ އިން އެނގެ އެވެ. އެކަމަކު އެއީ ސީދާ ކޮން ކަމެއްގެ ހެކި ހޯދަން ފުލުހުން ބޭނުންވާ މައުލޫމާތެއް ކަމެއް އެނގޭކަށް ނެތެވެ.
އެމްއެންޑީއެފުން ބުނެފައިވާ ގޮތުގައި މި އަލިފާނުގައި މީހުން ތާށިވި ތަންތަނުން މީހުން ސަލާމަތްކުރަން ސިފައިން އެ ތަންތަނަށް 18 ފަހަރު ވަދެފައިވެ އެވެ. އެ ހިތްވަރަށް، ފުރާނަ ސަލާމަތްކުރުމުގެ ރިހި މެޑަލް ސިފައިންގެ ނުވަ މީހަކަށް ނޮވެމްބަރު 3ގެ ރަސްމިއްޔާތުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ދެއްވި އެވެ.
އަސްމާ އާއި ޔައިޝް ސަލާމަތްކުރަން ފަސް ވަރަކަށް ފަޔަފައިޓަރުން ދިޔަ އެވެ. އޭރު އަސްމާގެ ހާލު ދިޔައީ ދެރަވަމުންނެވެ.
"ދުންތައް އިންހޭލްވެގެން އެންމެ ފަހު ވަގުތުކޮޅު ހުރީ ނޭވާލާން ވަރަށް ބޮޑަށް އުނދަގޫވެފައި. ދަރިއެއް ކައިރީގައި ހުރީމަ ކަންނޭނގެ އެ ހިފަހައްޓާލެވުނީ،" އޭނާ ބުންޏެވެ.
ގިނަ ބަޔަކަށް ގަބޫލުކުރެވިފައި އޮންނަ ގޮތުން ނަމަ ބޮޑު ކޮންމެ ހާދިސާއެއްގައި ސިފައިންނަށް ނުވެގެން އަލިފާންގަނޑު ކޮންޓްރޯލްކޮށްދެނީ އެއާޕޯޓުގެ ފަޔަ ލޮރީންނެވެ. ކެމިކަލް ގުދަނުގެ އަލިފާނާއި މިދިޔަ މަހު ބޮޑުތަކުރުފާނުމަގުގައި ހިނގި ބޮޑު ހާދިސާއާ ވިއްދައިގެން ވެސް އެ ވާހަކަ ވަރަށް ބޮޑަށް ދެކެވުނެވެ.
ފަޔާ ސާވިސްގެ ކަންކަން ދެނެވަޑައިގަންނަވާ ބައެއް ބޭފުޅުން ވިދާޅުވަނީ އެމްއެންޑީއެފްގައި ފަޔަފައިޓިން ސާމާނު ވާވަރަށް އެބަހުރި ކަމަށެވެ. ކެމިކަލް އަލިފާނުގައި އެންމެ ބޮޑަށް ދިމާވީ ވެހިކަލް ވައްދަން އުނދަގޫވި އިރު ކައިރިން ފެން ލިބެން ނެތް މައްސަލަ އެވެ.
އާދިލް ދެކެވަޑައިގަންނަވާ ގޮތުގައި މާލޭގައި އަލިފާން ނިއްވަން އެއާޕޯޓުގެ ފަޔަ ލޮރީ ގެންދަން ޖެހޭ ސަބަބެއް ނެތެވެ. އޭނާ ވިދާޅުވަނީ އެއީ "އަޅުގަނޑު ވެސް ވަރަށް ދެކޮޅު ހަދާ ކަމެއް" ކަމަށެވެ.
"އެމްއެންޑީއެފްގައި މިހާރު ހަމަ ކެޕޭސިޓީ އެބަހުރި ހުރިހާ ކަމެއް ކުރެވޭ. ދެން މީހުން ކިޔަނީ އެމްއެންޑީއެފްގައި ފޯމްއެއް ނެތޭ. ހުރިހާ އެއްޗެއް ހުންނާނެ. ހުރިހާ އެއްޗެއް. ދެން މަތިން އެ ނިންމާ ނިންމުން އެ އަންނަނީ،" އާދިލް ވިދާޅުވި އެވެ.
ކެމިކަލް ގުދަނުގެ އަލިފާން ނިއްވާލަން ސިފައިންގެ ވެހިކަލަކުން ވެސް ފޯމު ޖެހި އެވެ. އާޒިމް ވިދާޅުވީ ވެސް "އެ ދުވަހު ފަޔަފައިޓަރުންނަށް އެންމެ ބޮޑަށް ލިބުނު ހިތްވަރަކީ އަޅުގަނޑުމެން ބޭނުންކުރި ސާމާނު" ކަމަށެވެ.
ސިފައިންގެ ފަޔަފައިޓިން ވަސީލަތްތައް ރަނގަޅުވީ މި ފަހުގެ އަހަރުތަކުގައި ޖަޕާނުން ވެދިން ބޮޑެތި އެހީތަކެއްގެ ސަބަބުންނެވެ.
ކެމިކަލް ގުދަނުގައި ރޯވި ހާދިސާގައި އެމްއޭސީއެލްގެ ފަޔަފައިޓިން ޓީމު ކުރި މަސައްކަތުގެ އަގު ވަޒަންކުރަން އެ ކުންފުނިން ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވަމުން ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެފައި ވަނީ އެ ދުވަހު އެއާޕޯޓުގެ ޓީމުން އެހީތެރި ނުވި ނަމަ އަލިފާންގަނޑު އިތުރަށް ފެތުރުމުގެ ބިރު އޮތް ކަމަށެވެ.
ބޮޑެތި ހާދިސާތަކަށް އެއާޕޯޓުގެ ފަޔަ ލޮރީ ނުގެންގޮސް ނުވަނީތޯ ސުވާލުކުރުމުން އެމްއެންޑީއެފުން ވަކި ޖަވާބެއް ނުދެ އެވެ.
އަލިފާން ނިއްވުމުގެ މަސައްކަތް ކުރި އެއާޕޯޓުގެ ޓީމަށް މާރިޔާ ހަދާނީ ފިލާ ދެއްވަނީ. ފައިލް ފޮޓޯ: ހުސައިން ވަހީދު/މިހާރު
މާލޭގައި ކެމިކަލް ގުދަންކުރުމުގެ ނުރައްކާތެރިކަން، އެފަދަ އެއްޗެހި ވިއްކާ މީހުން ވެސް ގަބޫލުކުރާ ކަމަށް މައުލޫމާތު ހުރި މީހުން ބުނެ އެވެ. ބައެއް ވިޔަފާރިވެރިން ކުރިންސުރެ ވެސް ގެންދިޔައީ މާލެ ނޫން ތަނެއްގައި ކެމިކަލް ރައްކާކުރެވޭނެ ގޮތެއް ހޯދަން ސަރުކާރާ ވާހަކަ ވެސް ދައްކަމުންނެވެ. އެކަމަކު މުދާ ބާލާ ގޮތަށް ސީދާ މާލޭގައި ގުދަންކޮށްލަން ފަސޭހަވެފައި ޚަރަދު ކުޑަކަމުން، ރައްކާތެރިކަމާ މެދު އަޅާނުލާ ތިބެން ކުންފުނިތަކަށް އޮތީ ހިތްވަރު ލިބިފަ އެވެ. އެކަމަކު ގްރީން ޕާތުން ބުނެފައިވާ ގޮތުގައި އެ ކުންފުނީގެ ގުދަން މާލެ އިން ބޭރުކުރަން ބޭނުންވެގެން ތިލަފުށިން ބިމެއް ހޯދަން މި ސަރުކާރާ ވެސް ކުރިން ވާހަކަދައްކާފައިވާނެ އެވެ.
މީހުން ދިރިއުޅޭ ހިސާބުތަކުގައި ކެމިކަލް ގުދަންކުރުމަކީ ނުރައްކާތެރި ކަމެއްކަން އެންމެ ކުރިންސުރެ ވެސް ސާފެވެ. މާލެ ފަދަ ތޮއްޖެހިފައިވާ ތަނެއްގައި އެކަމަށް ހުއްދަ ދީފައި އޮތުމަކީ އާއްމުންގެ އަބަދުގެ ޝަކުވާ އެކެވެ. މި ހާދިސާ އިން ހިތި ގޮތަކަށް އެ ތަޖުރިބާކުރެވުނީ ސަރުކާރުތަކުން އެކަމާ އަޅާނުލާ އޮތުމުގެ ނަތީޖާ އެވެ.
އެކަމަކު ކުރިން ވެސް ކެމިކަލް ގުދަންކުރަމުން އައީ ޑިފެންސް މިނިސްޓްރީން ދޫކުރި ހުއްދައަކަށް ކަމަށްވާ އިރު މީހުން ދިރިއުޅޭ ސަރަހައްދުތަކުން އެފަދަ ގުދަންތަކަށް ހުއްދަ ދެމުން ގެންދިޔަ އުސޫލުގެ ހަރުދަނާކަމާ މެދު ސުވާލު އުފެދެ އެވެ.
ހާދިސާ ހިނގި އިރު ތަންފީޒުކުރަމުން އައި މިންގަނޑު ޑިފެންސުން އާއްމުކޮށްފައެއް ނެތެވެ. އެ މިންގަނޑު އެމްއެންޑީއެފުން ލިބޭ ގޮތެއް ވެސް ނުވި އެވެ. އެކަމަކު އެ މިންގަނޑު ދެކެވަޑައިގެންނެވި ގާނޫނީ ވަކީލެއް ކަމަށްވާ ހަމްޒާ ލަތީފު ވިދާޅުވިގޮތުގައި އޭގައި ހުރީ ވަރަށް އާދައިގެ، މަދު ފިޔަވަޅުތަކެކެވެ.
"އެއަކީ ހަގީގަތުގައި، އަސަރުކޮށްފާނެ އެންމެން ރައްކާތެރިވާ ވަރަކަށް ހަދާފައި އޮތް އެއްޗެއް ނޫން،" ހަމްޒާ ވިދާޅުވި އެވެ.
ކެމިކަލް ގެންގުޅެންވީ ގޮތާއި ގުދަން ހަދާފައި ހުންނަން ޖެހޭ ގޮތާއި ގުދަނުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް ހުންނަންވީ ގޮތް ތަފްސީލްކޮށް ކަނޑައަޅައި ގަވާއިދެއް ތައާރަފްކުރުމަށް ފަހު އިސްލާހު ވެސް ވަނީ ގެނެސްފަ އެވެ. އިސްލާހުން ގެނައި ބޮޑު އެއް ބަދަލަކީ ގުދަނުގެ ބޭރު ފާރުތައް ހުންނަން ޖެހޭނީ މަދުވެގެން ދޮޅު ގަޑި އިރުގެ ފަޔަ ރެޒިސްޓެންޓް މެޓީއަރަލަކުން ކަމަށް ކަނޑައެޅުމެވެ.
ކުރީގެ މިންގަނޑުން ހުއްދަ ދިން ގްރީން ޕާތުގެ ތިން ބުރީގެ ގުދަން ހަދާފައި ހުރީ ޓިނުންނެވެ. ޓިނަކީ އަލިފާނުގެ ހާދިސާއެއްގައި ނުލާހިކު އަވަހަށް ވިރިގެންދާނެ އެއްޗަކަށްވާތީ މި ހާދިސާގައި އަލިފާންގަނޑު އެހާ އަވަހަށް ފެތުރިގެންދިޔަ އެއް ސަބަބަކީ ތަން ޓިނުން ހަދާފައި ހުރުން ކަމަށް މި ރިޕޯޓަށް އިންޓަވިއު ދެއްވި ދެ ބޭފުޅަކު ވިދާޅުވި އެވެ.
މިހާރު ތަންފީޒުކުރާ ގަވާއިދުގައި، ގުދަނުގެ ޕާޓިޝަންތަކާއި ދޮރުތައް ވެސް ދޮޅު ގަޑިއިރަށް ފަޔަ ރެޒިސްޓެންޓް ވުން ލާޒިމްކުރެ އެވެ. ސީލިންގު ވެސް ފަޔަ ރެޒިސްޓެންޓް ވާން ޖެހެ އެވެ.
ގްރީން ޕާތުގެ ހާދިސާ އަށް ފަހު، ކެމިކަލް ރައްކާކުރަން 34 ގުދަން ތިލަފުށީގައި ހެދި އެވެ. އަދި ވަގުތުން ބަދަލުކުރަން ޖެހޭ ކަމަށް އެމްއެންޑީއެފުން ނިންމި ގުދަންތަކާ އެކު ނޮވެމްބަރު މަހު ސަރުކާރުން ދިޔައީ އެއްބަސްވުންތައް ހަދަމުންނެވެ. އެމްއެންޑީއެފުން ބުނިގޮތުގައި ކެމިކަލް ރައްކާކުރަން ހުއްދަދީފައި ހުރި ގުދަނެއް މާލެއަކު މިހާރު ނުހުންނާނެ އެވެ.
އެކަމަކު ރަސްމީ ފަރާތްތަކަށް ނޭނގި ވެސް މާލޭގައި ކެމިކަލް ރައްކާކޮށްފައި ހުރެދާނެކަން ޝަމާއު ގަބޫލުކުރައްވަ އެވެ.
ތިލަފުއްޓަށް ގުދަންތައް ބަދަލުކުރި "ފަހުން މިހާ ހިސާބަށް މި އައި މުއްދަތުގައި އަނެއްކާވެސް ހަމަ ނުހުންނާނެއެކޭ ނުބުނެވޭނެ. އެއީ އަބަދުވެސް އާ ކަންކަން އަންނާނެ. އެހެންވީމާ މިހާރު ވެސް ހަމަ ހުރުން އެކަށީގެންވޭ،" އޭނާ ވިދާޅުވި އެވެ.
ބެއިރޫތުގެ ގޮވުމާއި ކެފޭ ޓިއޯލޯގަ އާއި ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) ހުންނަ އިމާރާތުގައި މިދިޔަ މަހު ރޯވި ބޮޑު އަލިފާނާ އެކު، ވޭތުވެދިޔަ ދޮޅުމަސް ތެރޭ މާލޭގެ މައްސަލަތަކަށް ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަން ބޮޑުވެ، އަލިފާނުގެ ރައްކާތެރިކަމާ ބެހޭ ގިނަ މަޝްވަރާތަކެއް ކޮށްފައިވެ އެވެ. އޭގެ އެއް ނަތީޖާއަކީ މީހުން ދިރިއުޅޭ ސަރަހައްދުތަކުގައި ތެޔޮ ރައްކާކުރާ ނަމަ ފިޔަވަޅު އަޅާނެކަން ކައުންސިލުން އެންގުމެވެ. އެލްސިއޯން ބޭކަރީގައި ތެޔޮ ޓޭންކެއް ހުންނަ މައްސަލައިގައި އެ ހިސާބުގަނޑުގައި ދިރިއުޅޭ މީހުންނާއި އާއްމުން ފާޑުކިޔަމުންދަނިކޮށް ކައުންސިލްގެ އިންޒާރު ނެރުމުގެ ކުރިން ވާހަކަދައްކަވަމުން ޝަމާއު ވިދާޅުވިގޮތުގައި ކަރަންޓު ޖެނެރޭޓަރު ބޭނުންކޮށްގެން މަސައްކަތްތައް ކުރާ ތަންތަން މާލޭގައި ބައިވަރެވެ.
ކެމިކަލް ގުދަނުގެ ހާދިސާ އަށް ފަހު ސަރުކާރުން ބުނިގޮތުގައި މާލޭގައި އޭރު ހުރި 124 ގުދަނުގެ ތެރެއިން 82 ތަނެއް ހުރީ މީހުން ދިރިއުޅޭ އިމާރާތްތަކުގަ އެވެ. މާލޭގައި ހުރުން ނުރައްކާ ނުވަތަ އެކަށީގެން ނުވާ ކިތަންމެ ތަނެއް އަދިވެސް ހުރީ އެވެ. ޒަމާންތަކަކުން ވެސް ހައްލު ނުވި މައްސަލައެކެވެ.
"ބޮޑަށް ހަމަ ވިސްނުން ހުރީ މި ހުރިހާ ލަކުޑި ގުދަންތަކާއި ލައިޓް އިންޑަސްޓްރީސް ކޮންމެވެސް ދިމާލަކަށް ބަދަލުކުރަން. އެކަން ކުރަން ދެހާހުގެ އަހަރުތަކުން ފެށިގެން ވެސް މަސައްކަތްކޮށްފައި އެބަހުރި އޭރެއްގައި ތިބޭ ބަޔަކު. އެކަމަކު ނުވެ މި ހިސާބަށް ވެސް މި އައީ،" ޝަމާއު ވިދާޅުވި އެވެ.
"ދެން މިހާރު އޮތީ ރީޑިވެލޮޕްކުރާ އިރު މާލެ ޑީކޮންޖެސްޓްކުރުމުގެ ޕްލޭން. އެއީ އެހެން ދިމަދިމާލަށް، ޕްލޭންޑް އޭރިއާސް އަށް މީހުން މޫވްކުރުން."
މާލޭގެ ދިރިއުޅުން، ތޮއްޖެހިފައިވާ އުސް އިމާރާތްތަކެއްގައި އޮތް އިރު، އާއްމުންގެ ގޭގޭގައި އަލިފާނުގެ ރައްކާތެރިކަމުގެ ފިޔަވަޅުތަކެއް ސަރުކާރުން ތަންފީޒެއް ނުކުރެ އެވެ. ދިހަ ބުރި އަށް ވުރެ އުސް އިމާރާތްތައް ހަދަން ފަށާ އިރު ކުރެހުމުގައި ކޮންމެވެސް ކަންތައްތަކެއް ހުންނަން ޖެހެ އެވެ. އެކަމަކު ފަހުން އެ ފިޔަވަޅުތައް ހުންނަ ގޮތެއް ބެލުމުގެ ނިޒާމެއް ނެތެވެ. މާލޭގެ މަދު އިމާރާތެއްގައި މެނުވީ އެއްވެސް ރައްކާތެރިކަމެއް ނެތެވެ.
މިދިޔަ އަހަރު ގެޒެޓްކުރި ބިލްޑިން ކޯޑުގެ ދަށުން ޕްލޭނިން މިނިސްޓްރީން ފަޔާ ސޭފްޓީގެ ހަތަރު މިންގަނޑެއް ތައާރަފްކުރަން ޖެހެ އެވެ. އެކަން އޮތީ ނުކޮށެވެ. ކަނޑައަޅާފައި އޮތް މުއްދަތުގައި އެކަން ނިންމި ނަމަ ކެމިކަލް ގުދަނުގައި ރޯވި ހާދިސާ އަށް 10 ދުވަސްވީ އިރު އެ މިންގަނޑުތައް ހުންނާނީ ނެރެފަ އެވެ. އަދި މި އަހަރު ފެށުނު އިރު އެ ފިޔަވަޅުތަކަށް އަމަލުކުރާނެ އެވެ.
ޕްލޭނިން މިނިސްޓްރީން ބުނީ ބިލްޑިން ކޯޑުގެ ދަށުން ނެރެން ޖެހޭ ކޮމްޕްލަޔަންސް ޑޮކިއުމެންޓްތައް ހެދުން ލަސްވީ އެކަން ކޮށްދޭނެ ބަޔަކު ހޯދަން ތަކުރާރުކޮށް އިއުލާންކޮށްގެން ވެސް އެކަށީގެންވާ އަދަދަކަށް މީހުން ކުރިމަތިލާފައި ނެތުމުން ކަމަށެވެ. ރާއްޖޭގައި މިކަމުގެ މާހިރުން ނެތް ކަމަށާއި އެހެންވެ، ވޯލްޑް ބޭންކުގެ އެހީ ހޯދައިގެން ބޭރު ބަޔަކާ މަސައްކަތް ހަވާލުކުރަން އިއުލާންކޮށް، ހޯދަން މަސައްކަތްކުރަމުން އަންނަ ކަމަށް މިނިސްޓްރީން ބުންޏެވެ.
ކޮމްޕްލަޔަންސް ޑޮކިއުމެންޓްތައް މުއްދަތަށް ނިންމާފައި ނުވާތީ އާކިޓެކްޓްސް އެސޯސިއޭޝަން މޯލްޑިވްސްގެ ރައީސް އަދި ކުރީގެ ކޮންސްޓްރަކްޝަން މިނިސްޓަރު މުހައްމަދު މައުރޫފް ޖަމީލް (މާއީ) ފާޑުވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެކަން ކުރުމުގެ އަޒުމު ނެތީ ކަމަށެވެ. ރާއްޖޭގައި އެ މަސައްކަތް ކުރުމުގެ ގާބިލްކަމެއް ނެތް އިރު ބޭރުން އެހީތެރިކަން ހޯދައިގެން އެކަން ކުރެވެންދެން ބައިނަލްއަގުވާމީ ކޯޑުތަކަށް ބަލައިގެން ވަގުތީ މިންގަނޑުތަކެއް ތައާރަފްކުރެވުނީސް ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ.
"ފަޔާ ރެގިއުލޭޝަންސް ކަހަލަ އެއްޗެއްސަކީ އަޅުގަނޑުމެން އެހާ ބޮޑަކަށް އިންވެންޓްކުރަން ޖެހޭ އެއްޗެއް ވެސް ނޫން. ދުނިޔޭގެ ހުރިހާ ތާކު ވެސް ވަރަށް އެއްގޮތްވާނެ. އެހެންވީމާ އިންޓަނެޝަނަލް ކޯޑްސް އަށް ރިފަރެންސް ދީފައި، ތިމަންނަމެންނަށް އެއްޗެއް ހެދެންދެން މި އެއްޗެހި އެޑަޕްޓްކުރާނީއޭ ބުނީމަ ނިމުނީ،" މާއީ ވިދާޅުވި އެވެ.
ހ. އޯކިޑްގޭގައި 2011 ވަނަ އަހަރު އަލިފާނުގެ ހާދިސާއެއް ހިނގައި ދެމައިން މަރުވުމާ ގުޅިގެން، އޭރުގެ ރައީސް މުހައްމަދު ނަޝީދު އުފެއްދެވި ކޮމިޓީއަކުން މިނިވަން ތަހުގީގެއް ހިންގި އެވެ. ރައީސް އޮފީހުގެ ތިން ބޭފުޅަކާއި ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރުގެ އޮފީހުގެ ބޭފުޅަކު ތިއްބެވި އެ ކޮމިޓީގައި ފަންނީ ބޭފުޅަކަށް ހިމެނިވަޑައިގަތީ ހުޅުލޭ އެއާޕޯޓުގެ ހެޑް އޮފް އިމަޖެންސީ ޕްލޭނިން އެންޑް ސޭފްޓީ އަހުމަދު ފަޔާޒެވެ. ކޮމެޓީ އުފެއްދިތާ މަހަކާއި 10 ދުވަސް ތެރޭ އެ ތަހުގީގުގެ ޑްރާފްޓް ރިޕޯޓެއް އެކުލަވާލި އެވެ. އެ ކޮމިޓީގެ މެމްބަރުކަން ކުރެއްވި ރައީސް އޮފީހުގެ އޭރުގެ ޑެޕިއުޓީ އަންޑަސެކްރެޓަރީ (ފުރަހަނި) ޝުއައިބު އަލީ ވިދާޅުވިގޮތުގައި ނަޝީދުގެ ވެރިކަން ބަދަލުވީ ކޮމިޓީން ރިޕޯޓް ފާސްކުރުމުގެ ކުރިން ކަމަށް ވާތީ ރަސްމީކޮށް ރިޕޯޓް ފައިނަލްކޮށްފައެއް ނުވެ އެވެ. "މިހާރު"އަށް ލިބިފައިވާ ޑްރާފްޓް ރިޕޯޓުގައި، އޯކިޑްގޭގެ ހާދިސާ ހިނގި ގޮތާއި އެ ހާދިސާގައި ސިފައިން ހަރަކާތްތެރިވި ގޮތާއި އަލިފާނުގެ ހާދިސާތަކުގައި މީހުންނާއި މުދާ ރައްކާތެރި ކުރަން ސަރުކާރުން ފިޔަވަޅުތައް އަޅާފައި ހުރި މިންވަރު ބަލައި ގިނަ މައްސަލަތަކެއް ފާހަގަކޮށް ރަނގަޅުކުރަންވީ ކަންކަން ހުށަހަޅާފައިވެ އެވެ.
ގްރީން ޕާތު ގުދަނުގެ ހާދިސާގެ އިންކުއަރީއެއް ނެތެވެ. އާއްމު ރައްކާތެރިކަމާ ގުޅުންހުރި މިހާ ބޮޑު މައްސަލައެއްގައި، ހާދިސާ ހިނގައިދިޔަ ގޮތް ރައްޔިތުންގެ މަޖިލީހަކުން ވެސް ނުބަލަ އެވެ.
"މަޖިލީހުން ހިންގިޔަސް، ސަރުކާރުން ހިންގިޔަސް، ވަކިކޮޅަކަށް ނުޖެހޭ އިންކުއަރީއެއް އިޚުލާސްތެރިކަމާ އެކު ހިންގުން މުހިއްމީ،" ކުރިން އެޓާނީ ޖެނެރަލްގެ އޮފީހުގައި މަސައްކަތްކުރައްވާފައިވާ ގާނޫނީ ވަކީލު މޫސާ އާލިމް ވިދާޅުވި އެވެ.
"އޭގެ ބޭނުމަކީ، ކޮބައިތޯ ސިސްޓަމްގައި ހުރި އުނިކަމަކީ ބެލުން. ކިހިނެއް ވެގެން ހެއްޔޭ މިކަން މިވީ؟ ކާކުގެ އިހުމާލެއް ހެއްޔޭ އޮތީ؟ އެހެންވީމާ މި ކަހަލަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށްޓަކައި ދެން ކުރެވޭނީ ކޮން ކަމެއް ހެއްޔޭ؟ ކޮން ގާނޫނެއް ހެއްޔޭ ބަދަލުކުރަންވީ، ކޮން ނިޒާމެއް ހެއްޔޭ އިސްލާހުކުރަންވީ؟"
ކެމިކަލް އަލިފާނާ ޚިލާފަށް، މިދިޔަ މަހު 28ގައި ބޮޑުތަކުރުފާނުމަގުގައި ހިނގި ހާދިސާ، ގައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކުގެ ކޮމިޓީން އަމިއްލަ އަށް އިސްނަގައިގެން ބަލަން ވަނީ ފަށައިފަ އެވެ. އެކަން ބަލަން ނިންމިކަން، އެ ހާދިސާ ހިނގިތާ ކުޑައިރުކޮޅެއް ތެރޭ ކޮމިޓީގެ މުގައްރިރު، މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފް އިއުލާން ވެސް ކުރެއްވި އެވެ.
މިދިޔަ މަހުގެ ހާދިސާއާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކުގެ ކޮމިޓީން ފުލުހުންނާއި ސިފައިންނާ ބައްދަލުކުރަނީ.
ގްރީން ޕާތުގެ ހާދިސާ ވެސް، މަޖިލީހުގެ ކޮމިޓީއަކުން ބަލާ ނަމަ އެ ޒިންމާ ދާނީ، މަޖިލީހުގެ ބައެއް މެމްބަރުން ވިދާޅުވިގޮތުގައި، އެ ކޮމިޓީއަށެވެ. އެ ކޮމިޓީން އެހާ ބޮޑު ހާދިސާއެއް ނުބެލީ ކީއްވެގެންތޯ ސުވާލުކުރުމުން، ނުބަލާ ކަމަކަށް ޝަރީފް އެއްބަސްވެވަޑައެއް ނުގެންނެވި އެވެ. އެކަމަކު މަޖިލީހުގެ އެއްވެސް ކޮމިޓީއަކުން މި ހާދިސާ ބަލަން ފެށިކަން ހާމަކޮށްފައި ނެތް އިރު، ނުބަލާކަން ދެ މެމްބަރަކު ކަށަވަރުކޮށްދެއްވުމުގެ އިތުރުން އެފަދަ މަސައްކަތެއް ކުރި ކަން މަޖިލީހުގެ ސެކްރެޓޭރިއެޓްގެ ރެކޯޑްތަކުގައި ނެތް ކަން "މިހާރު"ން ބެލިބެލުމުން ވަނީ އެނގިފަ އެވެ.
ޝަރީފް ވިދާޅުވަނީ ސިއްރު ބައްދަލުވުމެއްގައި މައްސަލަ ބަލަން ފެށި ކަމަށެވެ.
"އޭގައި އަހަރެމެން ބެލީ ޓެރަރިޒަމްގެ އަމަލެއް ހިނގާފައި އޮތްތޯ. އެ މައްސަލައިގައި މީޓިން އޮތީ ސިއްރު މީޓިންއެއްގެ ގޮތުގައި. އެ އެއްޗެހީގެ ރެކޯޑްތަކެއް ނުއެއް ހުންނާނެ. ދެން އަހަރެމެން ގާތު ސަރުކާރުންނާއި އެންޓި ޓެރަރިޒަމުން ބުނީ އެ މައްސަލައިގެ ހުރިހާ އެންގަލްތަކުން ބަލަމުންނޭ މި ގެންދަނީ. އެ ކޭސް އޯޕަންކޮށް އޮތީ. އޭތި ކޮންކްލޫޑެއް ނުކުރޭ. އެ ރިޕޯޓް އަންނާނެ އަހަރެމެންނަށް. އައީމަ ދެން، އޭގެ ފައިނަލް ޑިސިޝަނެއް، ކޮމިޓީ ބާއްވާފައި ނަގާނީ،" ޝަރީފް ވިދާޅުވި އެވެ.
އެކަމަކު ގައުމީ ސަލާމަތާ ބެހޭ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ވިދާޅުވިގޮތުން ވެސް މި ހާދިސާ ކޮމިޓީން ބަލައިފައެއް ނެތެވެ. ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު މަޖިލީހަށް ހުށަހެޅުއްވި ކުއްލި މައްސަލައަކަށް ތަޅުމުގައި މެމްބަރުން ބަހުސްކުރި އެވެ. އުޝާމް ވިދާޅުވީ ކުއްލި މައްސަލަގައި ވަކި ކަމެއް ކުރަން ހުށަހަޅާފައި ނެތުމުން އެ މައްސަލަ ކޮމިޓީ އަކަށް ފޮނުވާފައި ނެތުމާއި މުގައްރިރު އިސްނަގައިގެން މައްސަލަ އެޖެންޑާކޮށްފައި ނެތުމާއި އެހެން މެމްބަރަކު ވެސް ކޮމިޓީ އަށް މައްސަލަ ހުށަހަޅާފައި ނެތުމުން ނުބެލި އޮތީ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
"އަޅުގަނޑަށް އެނގިގެންނެއް ކޮމިޓީއަކުން އެ މައްސަލައެއް ނުބަލާ އޭރަކު ވެސް. ހަމައެކަނި މަޖިލީހުގެ ފްލޯގައި ކުއްލި މައްސަލައާ ގުޅޭގޮތުން ބަހުސްކުރީ. އޭގެ އިތުރަކަށް ސްޕެސިފިކަލީ އެ ހާދިސާގެ މައްސަލައެއް ނުބަލާ. އެހެން ނަމަވެސް އަލިފާނުގެ ހާދިސާތަކުގެ އެކި ކަންކަމާ ގުޅޭގޮތުން އަޅުގަނޑުމެން ޑިޒާސްޓާ މެނޭޖްމެންޓާއި އަދި އެމްއެންޑީއެފްގެ ފަޔަ އެންޑް ރެސްކިއުއާ ވާހަކަދެކެވޭ ކޮންމެ ފަހަރަކު ކަހަލަ ގޮތަކަށް އެ ވާހަކަ ވެސް އާދޭ، އެ ކަންކަން ވެފައި އޮތް ގޮތުގެ ވާހަކަތައް،" އުޝާމް ވިދާޅުވި އެވެ.
ޝަރީފް ވިދާޅުވީ ކޮމިޓީން އިތުރަށް އަޅަން ޖެހޭ ފިޔަވަޅެއް އޭރު ނެތް ކަމަށާއި އެކަމަކު މިހާރު، ސަރުކާރުން ދިން އެހީ ކުޑަކަމުން ގެދޮރު އެޅޭނެ ގޮތެއް ނެތިގެން ބައެއް މީހުން ޝަކުވާކޮށްފައި ވާތީ އެ ޝަކުވާތައް ކޮމިޓީން ބަލަމުން އަންނަ ކަމަށެވެ.
ސަރުކާރުން ވަގުތުން ކެމިކަލް ގުދަންތަކުގެ މައްސަލައިގައި ފިޔަވަޅު އަޅައި ހާލުގައި ޖެހުނު މީހުންނަށް އެހީތެރިވެދީފައިވާތީ، އިންކުއަރީއެއް ނުހެދުމަކީ މައްސަލައެއް ކަމަކަށް އުޝާމް ގަބޫލެއް ނުކުރައްވަ އެވެ.
"އިންކުއަރީއެއް އަޅުގަނޑުމެންނަށް ހެދުނު ނަމަ ރަނގަޅުވީސް،" އޭނާ ވިދާޅުވި އެވެ.
"އެހެން ނަމަވެސް މަޖިލީހުގެ މެންޑޭޓަކަށް މި ވަނީ ސަރުކާރުން ކުރާ ކަންތައްތަކަށް ސަރުކާރު ޖަވާބުދާރީކުރުވުން. އެކަމާ ގުޅިގެން އޭރުގައި ސަރުކާރުން ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުން ދިޔައީ، އަޅުގަނޑު ގަބޫލުކުރާ ގޮތުގައި. އެހެންވީމާ އެ ދަނޑިވަޅުގައި އަޅުގަނޑުމެން އިންކުއަރީއެއް ވަކި ނުހެދުމަކުން ވީ ގެއްލުމެއް އޮތް ކަމަކަށް އަޅުގަނޑަކަށް އެހާ ބޮޑަކަށް ގަބޫލެއް ނުކުރެވޭ."
"ދުވަހަކު ވެސް އެހެން އެއްވެސް މީހަކަށް މި ވަރުގެ ކަމެއް ދިމާވާކަށް ނޭދެން."
މާލޭގައި ހަދަމުންދިޔަ އިމާރާތަކުން ވެއްޓުނު ސިމެންތި ބަސްތާއަކުން ޖެހި ޑިސެމްބަރު 2018ގައި ހަތް އަހަރުގެ ރައުޝަން ޖިއާން މަރުވި މައްސަލައިގައި، އެ އިމާރާތުގެ މަސައްކަތްކުރި ޑަބްލިއު ކޮންސްޓްރަކްޝަންގެ ހަ މީހެއްގެ މައްޗަށް ޖިނާއީ ދައުވާކުރި އެވެ. ކެމިކަލް ގުދަނުގެ ހާދިސާއަކީ ދާދި އެއްކަހަލަ މައްސަލައެކެވެ.
އަލިފާން ރޯވީ ގްރީން ޕާތުގެ އިހުމާލުން ކަމަށް ފުލުހުން ބަލާ ނަމަ، ޝައުނާގެ މަރުގެ މައްސަލައިގައި ޖިނާއީ ދައުވާކުރަން ހުށަހަޅާނެ ކަމަށް ބެލެވެ އެވެ. ޖިއާންގެ މަރުގެ މައްސަލައިގައި ކުންފުނީގެ މައްޗަށް ދައުވާ ނުކޮށް ވަކިވަކި މީހުންގެ މައްޗަށް ދައުވާކުރި ނަމަވެސް، ވަކީލަކު ވިދާޅުވިގޮތުގައި، އެއް މައްސަލައެއްގައި އެއްފަހަރާ ދެ ގޮތަށް ވެސް ދައުވާކުރެވޭނެ އެވެ. ކުށް ސާބިތުވެއްޖެ ނަމަ މީހުންނަށް ޖަލު ހުކުމާއި ޖޫރިމަނާ އަދި ކުންފުންޏަށް ޖޫރިމަނާގެ އަދަބު ދޭނެ އެވެ.
ކެމިކަލް އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު މީހުންނަށް ވެސް، އިންސާފު ހޯދަން ކޯޓަށް ދެވިދާނެ ކަމަށް "މިހާރު"އާ ވާހަކަދެއްކެވި ތިން ވަކީލަކު އިއްތިފާގުވެ އެވެ.
"ކޮންމެވެސް އިހުމާލެއް އޮވެގެން އެކަހަލަ ހާދިސާއެއް ހިނގަން މެދުވެރިވާނީ،" ޕަބްލިކް އިންޓްރެސްޓް ލޯ ސެންޓަރު (ޕީއައިއެލްސީ)ގެ ރައީސް މަރިޔަމް ޝުނާނާ ވިދާޅުވި އެވެ.
ވަކީލުން ވިދާޅުވިގޮތުގައި ގްރީން ޕާތާއި ސަރުކާރު ވެސް ޒިންމާދާރުކުރުވުމަށާއި ބަދަލު ހޯދަން، މި ހާދިސާގައި ގެއްލުން ލިބުނު މީހުންނަށް، ދައުވާކުރެވެން އެބަ އޮތެވެ.
އެކަން ފެށެނީ ކެމިކަލް ގުދަނަށް ހުއްދަދިން ހިސާބުންނެވެ. އެމްއެންޑީއެފްގެ މިންގަނޑެއް އޮވެފައި އެ މިންގަނޑާ ޚިލާފެއް ނުވަމޭ ގްރީން ޕާތުން ބުންޏަސް، އެ ބުނާ މިންގަނޑު ޝާއިއުކޮށްފައި ނެތުމުން، ވަކީލު ހަމްޒާ އާއި އާލިމް ވިދާޅުވިގޮތުގައި، އާއްމުންނަށް އެއީ ނެތް އެއްޗެކޭ އެއްފަދަ އެވެ. މިންގަނޑު ޝާއިއު ނުކުރުމަކީ އާއްމުންގެ ރައްކާތެރިކަމަށް ސަރުކާރުން އަދާކުރަން ޖެހޭ ވާޖިބެއް އަދާކޮށްފައި ނެތުން ކަމަށް އެ ވަކީލުން ދެކެވަޑައިގަންނަވަ އެވެ.
"އެ މިންގަނޑު އަވައްޓެރިންނަށް ވެސް އެނގިގެން، އެ ގުދަން ގޯސްކޮށް ހުރިކަން އެ މީހުންނަށް އެނގި، ރިޕޯޓެއް ކުރަން އެނގޭނީ ވެސް،" އާލިމް ވިދާޅުވި އެވެ.
ދެން އަންނަނީ މިންގަނޑުގައި ހުރި ޝަރުތުތައް އެކަށީގެންވޭތޯ އުފެދޭ ސުވާލެވެ. އާލިމް ވިދާޅުވީ ސަރުކާރުން އަބަދުވެސް ގަވާއިދުތަކުގައި ކަނޑައަޅާނީ އެންމެ ކުޑަ މިންވަރު ކަމަށް ވިޔަސް، އެ ކުޑަ މިންވަރަކީ މިސާލަކަށް މާލެ ކަހަލަ ތޮއްޖެހިފައިވާ ތަނެއްގައި ކެމިކަލް ގުދަނަކަށް އެކަށީގެންވާ ޝަރުތުތަކެއްކަން ކަށަވަރުކުރަން ޖެހޭނެ ކަމަށެވެ.
ހަމްޒާ ވިދާޅުވިގޮތުގައި ކެމިކަލް ގުދަން އެމްއެންޑީއެފްގެ މިންގަނޑާ އެއްގޮތަށް ހުއްޓަސް، އާއްމުން ކުރާ ދައުވާއެއްގައި، ގްރީން ޕާތަށް އެ ގޮތަށް ބުނެ ނިންމައެއް ނުލެވޭނެ އެވެ. ދައުވާކުރާ ފަރާތަށް، ފުލުހުންގެ ތަހުގީގުން ފެނުނު އިހުމާލެއްގެ މައުލޫމާތު ނުވަތަ ބައިނަލްއަގުވާމީ މިނިމަމް މިންގަނޑުތަކާ ޚިލާފު ކަމުގެ ހެކި ހުށަހެޅޭނެ އެވެ. އޭރުން، އާދައިގެ މީހަކަށް ގަބޫލުކުރެވޭ މިންވަރުން އޮންނަން ޖެހޭ ރައްކާތެރިކަމުގެ މިންގަނޑަކީ ކޮބައިކަން، ކޯޓުން ކަނޑައަޅާނެ ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ.
މި ގޮތަށް އިހުމާލުގެ ބަދަލު ހޯދަން ދައުވާކުރެވޭނީ، ވަކީލުން ވިދާޅުވިގޮތުގައި، ޓޯޓް ލޯގެ ދަށުންނެވެ. ޓޯޓް ލޯ ބުނާގޮތުން މީހަކު ކުރި ކަމަކުން ނުވަތަ ކުރަން ޖެހޭ ކަމެއް ނުކުރުމުގެ ސަބަބުން އެހެން މީހަކަށް ލިބޭ ގެއްލުމަކަށް ޒިންމާވާން ޖެހޭނެ އެވެ.
"އެއްވެސް ގާނޫނެއް ނުވަތަ ގަވާއިދެއްގައި ފެންނަން ނެތް ކަންކަމަށް، ޓޯޓް ލޯ ބުނާގޮތުން ކޯޓުތަކަށް ކަނޑައެޅޭނެ، މަދަނީ ގޮތުން ގޯސް ކަމެއް ކުރާ މީހުންގެ އަމަލުތަކުން ލިބޭ ގެއްލުމަށް ބަދަލުދެވިދާނެކަން. ރާއްޖޭގެ ކޯޓުތަކުން ޓޯޓް ލޯ ބަލައިގެންފައި އޮތީ،" ހަމްޒާ ވިދާޅުވި އެވެ.
އެކަމަކު ފުލުހުންގެ އެއްބާރުލުން ނުލިބި މިފަދަ ދައުވާތަކުގައި ހެކި ހޯދަން އުނދަގޫވާނެ ކަމަށް ޝުނާނާ ވިދާޅުވި އެވެ. ޕީއައިއެލްސީގެ ބައެއް ކޭސްތަކުގެ ތަޖުރިބާ އިން ޝުނާނާ ވިދާޅުވީ އިހުމާލުގެ ސަބަބުން މީހުން މަރުވާ މައްސަލަތަކުގައި ޖިނާއީ ކުށް ހިމެނޭތީ، މަދަނީ ދައުވާކުރާ މީހުންނާ ލިޔެކިޔުން ހިއްސާކުރަން ފުލުހުން ދެކޮޅު ހަދާ ކަމަށެވެ. އޭނާ ވިދާޅުވިގޮތުގައި ފުލުހުން މައުލޫމާތު ނުދޭތީ ދައުވާ ނުކުރެވި ހުރި މައްސަލަތައް އެބަހުއްޓެވެ.
"ވިކްޓިމް އަށް އެ މައުލޫމާތު ދޭން ނުޖެހޭ އެއްވެސް ސަބަބެއް ގާނޫނީގޮތުން ނެތް. މި ކޭސްގައި ވެސް ފުލުހުން އަސްލު އެ މައުލޫމާތުތައް ދޭން ވާނެ. އެކަމަކު ނުދޭނެ. ބުނާނީ ތިމަންނަމެންގެ އުސޫލެއް ނޯވެއޭ ދޭކަށް،" އަލިފާނުގެ ހާދިސާ އަށް އިޝާރާތްކުރައްވައި ޝުނާނާ ވިދާޅުވި އެވެ.
ފުލުހުންގެ ތަހުގީގު ނުނިމޭ ހާލަތްތަކުގައި ވެސް، ގެއްލުން ލިބުނު މީހުން ކޯޓަށް ހުށަހަޅާ މައްސަލައަކަށް މައުލޫމާތު ދޭންވާނެ ކަމަށް އާލިމް ދެކެވަޑައިގަންނަވަ އެވެ. އަދި ވިކްޓިމް އަށް ޕޮލިހުން މައުލޫމާތު ނުދީފި ނަމަ ކޯޓު އަމުރަކަށް އެދެވިދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އިންސާފަކީ ހަމައެކަނި ކޯޓަށް މައްސަލައެއް ވައްދައިގެން ގާޒީ ހުކުމެއް ކުރުމެއް ނޫން. ތަހުގީގާއި އަދި ޖިނާއީ މައްސަލައެއް އޮތް ކަމަށްވާ ނަމަ ޕީޖީގެ ދައުރާއި މި ހުރިހާ ކަމެއް ވެސް މީގެ ތެރެއަށް އެބަ ވަދޭ، އަސްލު މީހަކަށް އިންސާފު ލިބުމަށްޓަކައި،" އާލިމް ވިދާޅުވި އެވެ.
އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު އިމާރާތެއް މިހާރު ހުރި ގޮތް. ފޮޓޯ: ނިޝާން އަލީ/ މިހާރު
އަސްމާ ބުނިގޮތުގައި އޭނާ އަށް އެންމެ ގިނައިން ދެއްކޭ އެއް ވާހަކައަކީ އަހަރު ވެގެންދިޔަ އިރު މި ހާދިސާ އަށް ޒިންމާއެއް ނުނެގި ކަމެވެ. ދެމައިން ވަކިން އުޅުނު ދިރިއުޅުން އަނދައިގެން ދިޔުމުން އޭނާ އާއި ޔައިޝް ތިބީ އާއިލާ މީހުންގެ ހިޔާވަހިކަމުގަ އެވެ. ދުވަސްތައް ދާ ގޮތެއް ނޭނގި "އޮޓޯ ޕައިލެޓް"ގައި ފުރަތަމަ މަސްތައް ހޭދަކުރުމަށް ފަހު އަސްމާ އަށް އަދިވެސް އެ ހާދިސާގެ އަސަރުތަކުން އަރައެއް ނުގަނެވެ އެވެ. ތަނެއްގައި ރޯވާ ކޮންމެ ފަހަރަކު އޭނާ އަށް އެ ރޭގެ ތަޖުރިބާ ތަކުރާރުވާ ކަހަލަ އެވެ. ދުމެއްގެ ވަސް ޖެހޭ އިރަށް އެ ހަނދާންތައް އެނބުރި އާދެ އެވެ.
"ދުވަހަކު ވެސް އެހެން އެއްވެސް މީހަކަށް މި ވަރުގެ ކަމެއް ދިމާވާކަށް ނޭދެން،" އަސްމާ ބުންޏެވެ.
އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު އިމާރާތެއްގެ އެތެރެ މިހާރު ހުރި ގޮތް. ފޮޓޯ: ނިޝާން އަލީ/ މިހާރު
ބައެއް މީހުން މަޑުމަޑުން ދިރިއުޅުން އާރާސްތުކުރަން ފަށައިފި އެވެ. އެހެން މީހުން އަދިވެސް އެ ވެއްޓުނު ވަޅުގަނޑުގަ އެވެ. އަލިފާނުގެ ހާދިސާގެ ނިޝާންތައް އަބަދަށްފެހިމަގުގައި އަދިވެސް ހުރީ އެވެ. ފަޅުވެފައި ހުރި ގެދޮރެވެ. އެތެރެ އަނދައި ހުލިވެ ދެލިން ކަޅުވެފައި ހުރި އިމާރާތްތަކެވެ. ރޯވެގެން ވެއްޓުނު ނުވަތަ ތަޅާލަން ޖެހުނު ތަންތަން ހުރި ހުސް ބިމެވެ.
އަސްމާ މަގުމަތީގައި އުޅެނީ އެ ގޯޅި ނާޅަ އެވެ.
ކަމެއް ވީހެން ވެސް ހީނުވޭ، މާލޭ ފުރެންދެން ކެމިކަލް!
ގުދަންތަކުގެ ސަލާމަތީ ބައެއްކަންކަމަށް އިތުރު ފުރުސަތެއް
އަލިފާނުގެ ހާދިސާ އަކީ ލިބުނު ފިލާވަޅެއް: ފައިސަލް
ގުދަނުގައި އަމިއްލަ އަށް ރޯވެގެން ނުވާނެ: ވެރިފަރާތް
ރައީސް، ޔަގީންކަން ދެއްވިޔަސް މާލޭގައި ކެމިކަލްގުދަން!
އަލިފާނުގެ ހާދިސާގައި މިހާތަނަށް 10 މަރު
މުޅި އިމާރާތް އެނދިއިރު ތިން މިލިއަނުގެ ގެއްލުމެއް
މާލޭގެ ގެއެެއްގައި ގޭސްފުޅިއެއް ގޮވައި ދެމީހަކު ފިހިއްޖެ
މީހުން ދިރިއުޅޭ ހިސާބުގައި ތެޔޮ ރައްކާކުރުން މަނާކޮށްފި
ޖަނަވަރީ މަގު ފިހާރައެއްގައި ރޯވެއްޖެ