Roadha Mihaaru
އިންޓަ އިން ކާންޓޭ ހޯދަން ދެ ކުޅުންތެރިން ހުށަހަޅައިފި

އިންޓަ އިން ކާންޓޭ ހޯދަން ދެ ކުޅުންތެރިން ހުށަހަޅައިފި

11 ސެޕްޓެމްބަރ 2020

މިލާން (ސެޕްޓެމްބަރު 11) - ޗެލްސީގެ ފްރާންސް މިޑްފީލްޑަރު އެންގޯލޯ ކާންޓޭ ގަންނަން އިޓަލީގެ އިންޓަ މިލާނުން އެ ޓީމުގެ ދެ މިޑްފީލްޑަރުން ކަމަށްވާ ކްރިސްޓިއަން އެރިކްސަން އާއި މާސެލޯ ބްރޮޒޮވިޗް ހުށަހަޅާފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

މިލާން (ސެޕްޓެމްބަރު 11) - ޗެލްސީގެ ފްރާންސް މިޑްފީލްޑަރު އެންގޯލޯ ކާންޓޭ ގަންނަން އިޓަލީގެ އިންޓަ މިލާނުން އެ ޓީމުގެ ދެ މިޑްފީލްޑަރުން ކަމަށްވާ ކްރިސްޓިއަން އެރިކްސަން އާއި މާސެލޯ ބްރޮޒޮވިޗް ހުށަހަޅާފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ކާންޓޭ އަކީ ޗެލްސީގެ ކޯޗަކަށް މިހާރު އިންޓަގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ހުރިިއިރު ގެނައި ކުޅުންތެރިއެކެވެ. ޗެލްސީގެ ކޯޗުކަމާ މިދިޔަ ސީޒަނުގައި ފްރޭންކް ލަމްޕާޑް ހަވާލުވި ފަހުން އަނިޔާގެ މައްސަލަތަކުގެ ސަބަބުން ކާންޓޭ އަށް ގިނަ މެޗުތަކެއް ވަނީ ގެއްލިފަ އެވެ. މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ޗެލްސީން އާ ކުޅުންތެރިން ގަންނަން 200 މިލިއަން ޕައުންޑަށް ވުރެން އިތުރަށް ހަރަދުކޮށްފައިވާއިރު، ފަންޑް އިތުރުކުރަން އެ ޓީމުން ބައެއް ކުޅުންތެރިން ވިއްކާލަން އަންނަނީ މަސައްކަތްކުރަމުންނެވެ.

އަންނަ ސީޒަނަށް އިންޓަ ވަރުގަދަ ކުރުމުގެ ގޮތުން އެންމެ ބޮޑަށް ބޭނުންވާ ކުޅުންތެރިއަކީ ކާންޓޭ އެވެ. ކާންޓޭ ވިއްކާލަން ޗެލްސީން ކިޔާ އަގު އުޅެނީ 80 މިލިއަން ޕައުންޑްގަ އެވެ. އެކަމަކު އެ އަދަދު ދެވެން އިންޓަ އަށް ނެތުމުން އެ ޓީމުން ހުށަހަޅާފައިވަނީ ދެ ކުޅުންތެރިންނާ ބަދަލުކުރާށެވެ. އެއީ އެރިކްސަން އާއި ބްރޮޒޮވިޗް އެވެ. ރިޕޯޓްތައް ބުނާގޮތުން މި ހުށަހެޅުމަށް ޗެލްސީން ވަނީ ނޫނެކޭ ބުނެފަ އެވެ.

އެރިކްސަން އަކީ ޖެނުއަރީ މަހު ޓޮޓެންހަމް ދޫކޮށް އިންޓައާ ގުޅުނު ކުޅުންތެރިއެކެވެ. އެކަމަކު އެ ޓީމުގައި އޭނާ އަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކޭގޮތެއް ނުވެ އެވެ. އަދި އިންޓަ އިން މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި އާ ކުޅުންތެރިން ހޯދަން ކުރާ މަސައްކަތުގެ ތެރެއިން ފަންޑް ހޯދަން އެރިކްސަން ދޫކޮށްލަން ވަނީ ނިންމައިފަ އެވެ. އިންޓަ އިން ބާސެލޯނާގެ މިޑްފީލްޑަރު އާޓޫރޯ ވިޑާލް ގެންނަނީ ބްރޮޒޮވިޗް ކުޅޭ މަގާމަށެވެ. ކްރޮއޭޝިއާ ގައުމީ ޓީމަށް ކުޅޭ ބްރޮޒޮވިޗް ހޯދަން އެންމެ މަސައްކަތްކުރަނީ ޗެމްޕިއަންސް ލީގުގެ ތަށި އުފުލާލި ބަޔާން މިއުނިކުންނެވެ. ބަޔާނުން ބްރޮޒޮވިޗް ގެންދަނީ ތިއާގޯ އަލްކަންޓާރާ ކުޅޭ މަގާމަށެވެ. އަލްކަންޓާރާ ގުޅެން މަސައްކަތްކުރަނީ އިންގްލެންޑްގެ ޗެމްޕިއަން ލިވަޕޫލާ އެެވެ.

ލެސްޓާ ސިޓީން އިނގިރޭސި ޕްރިމިއާ ލީގު ކާމިޔާބުކުރި ސީޒަނުގައި ވިދާލި ކާންޓޭ ވަނީ 2016 ވަނަ އަހަރު ޗެލްސީ އަށް ބަދަލުވުމަށް ފަހު އެ ޓީމާ އެކު ވެސް ލީގުގެ ތަށި އުފުލާލައިފަ އެވެ. ރިޕޯޓްތައް ބުނާގޮތުން ބޮޑު އަގެއް ދީފައި ވިޔަސް ކާންޓޭ ގެންދަން ކޮންޓޭ ބޭނުމެވެ. އަދި އަންނަ މަހުގެ ފަސް ވަނަ ދުވަހު ޓްރާންސްފާ މާކެޓް ބަންދުވުމުގެ ކުރިން ކާންޓޭ ހޯދުމުގެ މަސައްކަތް އިންޓަ އިން އިތުރަށް ވަރުގަދަކުރާނެ ކަމަށް ބެލެވެ އެވެ.