Roadha Mihaaru
ކޮންމެ ޕޮޒިޓިވް އަކީ އެކްޓިވް ކޭސްއެއް ނޫން: ދިރާސާ

ކޮވިޑަށް ޕޮޒިޓިވް ވިޔަސް އެކްޓިވް ކޭސްއަކަށް ނުވެދާނެ: ސައިންސްވެރިން

06 ސެޕްޓެމްބަރ 2020

ކޮވިޑް-19 ޖެހިފައި ހުރިތޯ ބަލަން އާންމުކޮށް މިހާރު ހަދަމުން އަންނަ ޓެސްޓުގެ "ސެންސިޓިވް"ކަން ވަރަށް ބޮޑު ކަމަށާއި އެހެންވެ ހަށިގަނޑުގައި މަރުވެފައި ހުންނަ ވައިރަސްގެ ސަބަބުން ވެސް ކޮވިޑަށް ޕޮޒިޓިވް ކަމަށް ދައްކާ ކަމަށް ސައިންސްވެރިން ބުނެފި އެވެ.

ނިއުމަތުﷲ އިދުރީސް ނިއުމަތުﷲ އިދުރީސް

ކޮވިޑް-19 ޖެހިފައި ހުރިތޯ ބަލަން އާންމުކޮށް މިހާރު ހަދަމުން އަންނަ ޓެސްޓުގެ "ސެންސިޓިވް"ކަން ވަރަށް ބޮޑު ކަމަށާއި އެހެންވެ ހަށިގަނޑުގައި މަރުވެފައި ހުންނަ ވައިރަސްގެ ސަބަބުން ވެސް ކޮވިޑަށް ޕޮޒިޓިވް ކަމަށް ދައްކާ ކަމަށް ސައިންސްވެރިން ބުނެފި އެވެ.

ސައިންސްވެރިން ބުނީ ކޮވިޑް ޖެހޭ މީހުންގެ ހަށިގަނޑުގައި އާންމު ގޮތެއްގައި އިންފެކްޝަން ހުންނަނީ ހަފުތާއެއްހާ ދުވަހަށް ކަމަށާއި އެކަމަކު މިހާރު ހަދާ ޓެސްޓްތަކުން އެތައް ހަފުތާއެއް ފަހުން ވެސް މީހުން ޕޮޒިޓިވް ކަމަށް ދައްކާ ކަމަށެވެ.

މި ސަބަބާ ހެދި މިހާރު މި އޮތް ބަލިމަޑުކަމުގެ ހާލަތަކީ މިނަށްވުރެ މާބޮޑަށް ލަފާކުރެވިފައި އޮތް ހާލަތަކަށް ވެދާނެ ކަމަށް ވެސް ސައިންސްވެރިން ވަނީ މި ދިރާސާ އަށް ފަހު ބުނެފަ އެވެ.

ދިރާސާ އިން މިގޮތަށް ދެއްކި ނަމަވެސް ބައެއް ސައިންސްވެރިން ބުނަނީ ޕޮޒިޓިވް ކަމަށް ދައްކާ ކޭސްތަކުގެ ތެރެއިން ނުރައްކަލެއް ނެތް ކަމަށް ބަލައި ދޫކޮށްލެވޭނެ މީހުން ކަނޑައެޅުމަކީ ވަރަށް ބޮޑު ރިސްކެއް ކަމަށެވެ.

ދިރާސާގައި އިސްކޮށް މަސައްކަތްކުރެއްވި ޕްރޮފެސަ ކާލް ހެނެގަން ވިދާޅުވީ ކޮވިޑަށް ޕޮޒިޓިވްތޯ ނުވަތަ ނޫންތޯ ކަނޑައެޅުމުގެ ބަދަލުގައި، ޕޮޒިޓިވް ކަމަށް ދެއްކިޔަސް ވައިރަސްގެ މިންވަރު ހުރީ ނުރައްކަލެއް ކުރިމަތިނުވާ މިންވަރަށްކަން ކަނޑައެޅޭ ގޮތަށް ޓެސްޓުގެ ނަތީޖާ ކަނޑައަޅަންޖެހޭ ކަމަށެވެ.

އޭނާ ވިދާޅުވީ ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މައްޗަށް ދާއިރު ވެސް ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާދޭން މީހުންގެ އަދަދު އެއްވަރެއްގައި ހިފެހެއްޓިފައި ހުރުމަކީ، މިހާރު ހަދާ ޓެސްޓާ ބެހޭ ގޮތުން މި ހޯދުނު ކަންތަކަށް ބާރު ލިބޭ ކަމަކަށް ވެދާނެ އެވެ.

މިހާތަށް ހަދާފައިވާ 25 ދިރާސާއަކުން ހެކި ހޯދައިގެން ކޮށްފައިވާ މި ދިރާސާ ވަނީ ޔުނިވަސިޓީ އޮފް އޮކްސްފޯޑްގެ ސެންޓަ ފޯ އެވިޑެންސް-ބޭސްޑް މެޑިސިން އިން ރިވިއުކޮށްފަ އެވެ. މި ދިރާސާގައި، ޕޮޒިޓިވް ކަމަށް ދައްކާފައިވާ ސާމްޕަލްތަކުން ވައިރަސް އިތުރަށް އުފެދޭތޯ ބެލި އެވެ. މިއީ "ވައިރަލް ކަލްޗަރިން" އެވެ. މިގޮތަށް ހެދުމުން އެ ވައިރަހަކީ އެކްޓިވް އަދި އޭގެ ޒާތުގައި އިތުރުވާ ވައިރަހެއްކަން ހޯދޭނެ އެވެ. އަދި އިންސާނެއްގެ ހަށިގަނޑުގައި ނުވަތަ ލެބްގައި އާލާ ނުވެވޭ ވަރަށް މަރުވެފައިވާ ވައިރަހެއްތޯ ވެސް ދެނެގަނެވޭނެ އެވެ.

ޕީސީއާރް ޓެސްޓާއި "ފޯލްސް ޕޮޒިޓިވް"

ކޮވިޑަށް ޓެސްޓްކުރުމަށް މިހާރު ހަދާ ޕީސީއާރް ޓެސްޓަށް ސްވޮބެއް ބޭނުންކޮށްގެން ސާމްޕަލް ނެގުމަށް ފަހު ވައިރަސްގެ ޖެނެޓިކް މެޓީރިއަލް ކެމިކަލް ބޭނުންކޮށްގެން ދެނެގަންނަނީ އެވެ. ސާމްޕަލުން ވައިރަސް ދެނެގަތުމަށް ލެބްގައި އެތައް މަރުހަލާއެއް ފުރިހަމަކުރެ އެވެ. އެކަމަކު މިއީ ވައިރަސް ހުރި މިންވަރެއް ކަނޑައަޅާ ޓެސްޓެއް ނޫނެވެ. ކިތަންމެ ކުޑަ މިންވަރަކަށް ހުއްޓަސް ނުވަތަ ގިނައިން ހުއްޓަސް އެއީ ޕޮޒިޓިވް ކޭސްއެއް ކަމަށް ނިންމަނީ އެވެ.

މިގޮތަށް ބެލުމުން ޕޮޒިޓިވް ކޮންމެ ކޭސްއަކީ އެކްޓިވް ކޭސްއެއްތޯ ނުވަތަ ނޫންތޯ ކަނޑައެއް ނޭޅެ އެވެ. ހަށިގަނޑުގައި ގިނަ އަދަދެއްގެ އެކްޓިވް ވައިރަސް ހުރެ އަދި އެހެން މީހުންނަށް ބަލި ފެތުރުމުގެ މެދުވެރިއަކަށް ވެދާނެ މީހަކާއި މަރުވެފައިވާ ވައިރަހެއްގެ ޒައްރެއްގެ މިންވަރު ހަށިގަނޑުގައި ހުރި މީހާ އަށް ވެސް ލިބޭނީ "ޕޮޒިޓިވް" ވެފައިވާ ކަމުގެ ނަތީޖާ އެވެ.

"ޕަބްލިކް ހެލްތު އިންގްލެންޑް" ރިފޯމްކުރުމުގައި އިސްކޮށް މަސައްކަތް ކުރެއްވި ޕްރޮފެސަރު ހެނެގަން ވިދާޅުވީ ކޮވިޑް ޖެހިގެން މަރުވި މީހުންގެ މައުލޫމާތަށް ބަލާއިރު ގިނަ މީހުންގެ ހަށިގަނޑުގައި އެކްޓިވް ވައިރަސް ހުންނަނީ ހަފުތާއެއްހާ ދުވަހަށް ކަމަށް ހެކި ލިބިފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ ކޮންމެ ޓެސްޓެއްގައި، އެކްޓިވް ވައިރަސްތޯ ނުވަތަ ނޫންތޯ ބެލުން އެއީ ކުރެވޭނެ ކަމެއް ނޫން ކަމަށާއި އެކަމަކު ނުރައްކަލެއް ނެތް ކޭސްއެއް ކަމަށް ބަލާނެ މިންގަނޑެއް ހޯދަން ސައިންސްވެރިންނަށް މަސައްކަތް ކުރެވިދާނެ ކަމަށެވެ. މިގޮތަށް ހެދުމުން، ކުރިން ބަލި ޖެހި ރަނގަޅުވެފައިވާ މީހުންނަށް "ފޯލްސް ޕޮޒިޓިވް" ނަތީޖާއެއް ދިނުން މަދުކުރެވޭނެ ކަމަށް ޕްރޮފެސަރު ވިދާޅުވި އެވެ. އަދި މިއީ ނުރައްކަލެއް ނެތް މީހުން ކަރަންޓީނުކުރުމާއި ކޮންޓެކްޓް ޓްރޭސިންގެ ބުރަ މަސައްކަތް ވެސް ލުއިކޮށް މިހާރު މި އޮތް ބަލިމަޑުކަމުގެ ހާލަތުން އަރައިގަތުން އަވަސްވާނެ ގޮތެއް ކަމަށް ވެސް ވިދާޅުވި އެވެ.

ޕަބްލިކް ހެލްތު އިންގްލެންޑުން ވަނީ، ޕޮޒިޓިވް ކޭސްތައް ކަނޑައެޅުމަށް ވައިރަސް ކަލްޗާ ކުރުން މުހިންމު ކަމަށް އެއްބަސްވެފަ އެވެ. އަދި މި ފަހުން މިގޮތަށް ބަލަމުން އަންނަ ކަމަށް ވެސް ބުންޏެވެ. ކޮވިޑަށް ޓެސްޓްކުރުމަށް މިހާރު އެތައް ބައިވަރު ޓެސްޓްތަކެއް ގެންގުޅޭ ކަމަށާއި އެއިން ކޮންމެ އެއްޗެއްގައި ބަލަނީ ވަކި މިންގަނޑަކަށް ކަމަށް ވާތީ ނުރައްކަލެއް ނެތް ކޭހެއް ކަމަށް ބަލާނެ މިންގަނޑެއް ކަނޑައެޅުން ވަރަށް އުނދަގޫ ކަމަށް ވެފައިވާ ކަމަށް ވެސް ބުންޏެވެ.

ކޮވިޑްގެ ޕީކް އިނގިރޭސި ވިލާތަށް ވުރެ ކުރިން ތަޖުރިބާކުރި އިޓަލީގައި މަސައްކަތްކުރެއްވި ބައެއް ޕްރޮފެސަރުން ބީބީސީ އަށް ވިދާޅުވެފައިވާ ގޮތުގައި ޕީސީއާރް ޓެސްޓަކީ ވައިރަސްގެ ފެތުރޭކަން ނުވަތަ ނޫންކަން ކަނޑައެޅޭ ޓެސްޓަކަށް ނުވާތީ، އިޓަލީގައި ވެސް މި މައްސަލަ ވަރަށް ބޮޑަށް ދިމާވި އެވެ. ޕީކް ތެރޭގައި މިފަދަ ކޭސްތައް ގިނައިން ފެނުނު ކަމަށާއި އެކަމަކު ޕީކަށް ފަހު މީގެ ކޭސްތައް މަދުވެގެން ދިޔަ ކަމަށް ވަނީ ބުނެފަ އެވެ.