Roadha Mihaaru
ދޮޅު މަސްތެރޭ ރާއްޖެ އައީ 9،329 ޓޫރިސްޓުން

ދޮޅު މަސްތެރޭ ރާއްޖެ އައީ 9،329 ޓޫރިސްޓުން

02 ސެޕްޓެމްބަރ 2020

ބޯޑަރު އަލުން ހުޅުވިތާ ދޮޅު މަސް ދުވަސްތެރޭ ރާއްޖެ އައީ 9،329 ޓޫރިސްޓުން ކަމަށް އިމިގްރޭޝަނުން ބުނެފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ބޯޑަރު އަލުން ހުޅުވިތާ ދޮޅު މަސް ދުވަސްތެރޭ ރާއްޖެ އައީ 9،329 ޓޫރިސްޓުން ކަމަށް އިމިގްރޭޝަނުން ބުނެފި އެވެ.

އިމިގްރޭޝަނުން މިއަދު ނެރުނު ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ މަހު ރާއްޖެ އައިސްފައި ވަނީ 7،628 ޓޫރިސްޓުންނެވެ. އަދި ޖުލައި 15 އިން ޖުލައި 31 އަށް ރާއްޖެ އައީ 1،701 ޓޫރިސްޓުންނެވެ.ޖުލައި މަހު ރާއްޖެ އައިސްފައި ވަނީ އެވްރެޖްކޮށް ދުވާލަކު 100 ޓޫރިސްޓުންނެވެ. ނަމަވެސް އޮގަސްޓު މަހު ދުވާލަކު އެވްރެޖްކޮށް 218 ޓޫރިސްޓުން އައިސްފައިވެ އެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން މިހާތަނަށް އެންމެ ގިނަ ޓޫރިސްޓުން އައިސްފައި ވަނީ ޔުއޭއީންނެވެ. އެއީ 1،627 ޓޫރިސްޓުންނެވެ. އެއީ ރާއްޖެ އަށް އެންމެ ފުރަތަމަ ޕެސެންޖާ ދަތުރުތައް އަލުން ފެށި ގައުމު ވެސް މެ އެވެ. އެމިރޭޓްސްގެ ދަތުރުތައް ފަށާފައި ވަނީ ކޮވިޑް-19 އަށް ފަހު ބޯޑަރު ހުޅުވުމާ އެކު ޖުލައި 15 ގަ އެވެ.

ދެވަނަ އަށް އެންމެ ގިނަ ޓޫރިސްޓުން އައީ ޔޫކޭއިންނެވެ. އެއީ 715 ޓޫރިސްޓުންނެވެ. ޔޫކޭ އިން އަންނަ ޓޫރިސްޓުންގެ އަދަދު ދަށްވެފައި ވަނީ އެ ގައުމުން ދަތުރުފަތުރުގެ ލުއި ދޭ ލިސްޓުގައި ރާއްޖެ ނުހިމެނުމުގެ ސަބަބުން ކަމަށް ކަމާ ބެހޭ ފަރާތްތަކުން ވަނީ ބުނެފަ އެވެ. އަދި އެކަން ހައްލުކޮށް އެ ގައުމުން ހޫނު މޫސުމުގައި ރާއްޖެ އަންނަ ޓޫރިސްޓުން އިތުރު ކުރުމަށް އެމްއެމްޕީއާރުސީން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ރާއްޖެ އަށް ޓޫރިސްޓުން އައި އެހެން ގައުމުތަކުގެ ތެރޭގައި އެމެރިކާ، ސްޕެއިން. ރަޝިއާ އަދި ޖަރުމަން ހިމެނެ އެވެ.

ރާއްޖެއަކީ ޓޫރިސްޓުންނަށް ރައްކާތެރި ގައުމެއްކަން ޔަގީން ކޮށްދިނުމުގެ ގޮތުން ރާއްޖެ އަންނަ ކޮންމެ ޓޫރިސްޓެއްގެ ވެސް ނެގެޓިވް ޕީސީއާރު ޓެސްޓެއް އޮތުން މިހާރު ވަނީ މަޖުބޫރު ކޮށްފަ އެވެ. އަދި ލޯކަލް ޓޫރިޒަމް ހުޅުވާލުމުގެ ގޮތުން އަންނަ މަހުގެ 15 ގައި މާލެ ސަރަހައްދު ފިޔަވައި އެހެން ހިސާބުތަކުގެ ގެސްޓް ހައުސްތައް ވެސް ހުޅުވަން ސަރުކާރުން ވަނީ ނިންމައިފަ އެވެ.