Roadha Mihaaru
ރާއްޖޭގައި ވަކާލާތު ކުރުމުގެ ހުއްދަ ބިދޭސީ ވަކީލުންނަށް

ރާއްޖޭގައި ވަކާލާތު ކުރުމުގެ ހުއްދަ ބިދޭސީ ވަކީލުންނަށް ދެނީ

02 ސެޕްޓެމްބަރ 2020

ރާއްޖޭގެ ކޯޓުތަކުގައި ހިނގާ މައްސަލަތަކުގައި ވަކާލާތު ކުރުމުގެ ހުއްދަ ރާއްޖެއިން ބޭރުގެ ވަކީލުންނަށް ފުރަތަމަ ފަހަރަށް ދޭން ނިންމައި، އެކަމާ ބެހޭ ގަވާއިދެއް ބާ ކައުންސިލުން އެކުލަވާލައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ރާއްޖޭގެ ކޯޓުތަކުގައި ހިނގާ މައްސަލަތަކުގައި ވަކާލާތު ކުރުމުގެ ހުއްދަ ރާއްޖެއިން ބޭރުގެ ވަކީލުންނަށް ފުރަތަމަ ފަހަރަށް ދޭން ނިންމައި، އެކަމާ ބެހޭ ގަވާއިދެއް ބާ ކައުންސިލުން އެކުލަވާލައިފި އެވެ.

ބާ ކައުންސިލުން އެކުލަވާލައި، މިއަދު އަމަލު ކުރަން ފެށި އެ ގަވާއިދު ބުނާގޮތުން ރާއްޖޭގެ ބިދޭސީ ވަކީލުންނަށް ވަކާލާތު ކުރެވޭނީ ކޯޓެއްގައި ހިނގަމުންދާ މައްސަލަތަކުގައި ވަކި ޝަރުތުތަކެއް ފުރިހަމަވާ ނަމަ އަދި ވަކި މުއްދަތެއް ވަންދެނެވެ. އަދި ބިދޭސީ ވަކީލަކަށް ވަކާލާތު ކުރުމުގެ ހުއްދަ ދިނުމަށް އެދި ބާ ކައުންސިލަށް ހުށަހެޅޭނީ އެޓާނީ ޖެނެރަލްގެ އޮފީހާއި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ އިތުރުން ރަޖިސްޓްރީ ކޮށްފައިވާ ލޯ ފޯމްތަކަށް ކަމަށް އެ ގަވާއިދުގައިވެ އެވެ.

އެ ގަވާއިދުގައިވާ ގޮތުން ބިދޭސީ ވަކީލަކަށް ވަކާލާތު ކުރަން ހުއްދަ ދޭނީ އޭނާ ވާހަކަ ދައްކާ ބަހަކުން ކޯޓުގައި ވާހަކަ ދެއްކުމަށް އެ މައްސަލަ ބައްލަވާ ފަނޑިޔާރުގެ އިއުތިރާޒެއް ނެތް ނަމަ ނުވަތަ އޭނާ ދައްކާ ވާހަކަ ދިވެހި ބަހަށް ތަރުޖަމާ ކޮށްދޭނެ މީހަކު ހުރެގެންނެވެ. އަދިި ހައި ކޯޓުގައި ހިނގާ މައްސަލަތަކުގައި ވަކާލާތު ކުރުމުގެ ހުއްދަ ދިނުމުގައި ތިން އަހަރުގެ ތަޖްރިބާއާ އެކު އެ ވަކީލަކު ނިސްބަތްވާ ގައުމެއްގެ އިސްތިއުނާފީ ކޯޓުގައި ވަކާލާތު ކުރުމުގެ ހުއްދަ އޮތުމާއި ސުޕްރީމް ކޯޓުގައި ހިނގާ މައްސަލަތަކުގައި ނަމަ ފަސް އަހަރުގެ ތަޖްރިބާއާ އެކު އެ ވަކީލަކު ނިސްބަތްވާ ގައުމުގެ އެންމެ މަތީ ކޯޓުގައި ވަކާލާތު ކުރުމުގެ ހުއްދަ އޮތުމަަކީ ވެސް ބިދޭސީ ވަކީލުންނަށް ހުއްދަ ދިނުމުގެ ޝަރުތެއް ކަމަށް އެ ގަވާއިދުގައިވެ އެވެ.

އެ ގަވާއިދުގައިވާ ގޮތުން ވަކާލާތު ކުރަން ހުއްދަ ދޭ މައްސަލަ ފިޔަވައި އެހެން މައްސަލައެއްގައި ބިދޭސީ ވަކީލުންނަށް ރާއްޖޭގައި ވަކާލާތެއް ނުކުރެވޭނެ އެވެ. އަދި ބިދޭސީ ވަކީލަކަށް ވިިޔަސް، ވަކާލާތު ކުރުމުގައި ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކާއި ސުލޫކީ މިންގަނޑުތަކަށް އަމަލު ކުރަން ލާޒިމް ވާއިރު އެފަދަ ވަކީލުން އަމަލުކުރާ ގޮތް ބެލުމަކީ އޭނާއަށް ހުއްދަ ދޭން ބާ ކައުންސިލްގައި އެދުނު ފަރާތުގެ ޒިންމާއެއް ކަމަށް އެ ގަވާއިދުގައިވެ އެވެ.

އެ ގަވާއިދުގެ ދަށުން ބިދޭސީ ވަކީލުންނަށް ހުއްދަ ދޭނީ އެއް އަހަރުގެ މުއްދަތަށެވެ. ހުއްދަ އާ ނުކުރާ ނަމަ ނުވަތަ ވަކާލާތު ކުރަން ހުއްދަ ދިން މައްސަލަ ކޯޓުން ނިމުމާ އެކު އެ ހުއްދަ ބާތިލްވާނެ ކަމަށް އެ ގަވާއިދުގައިވެ އެވެ. އަދި ސުލޫކީ މިންގަނޑާ ޚިލާފްވެގެން އެފަދަ ވަކީލަކާ މެދު ބާ ކައުންސިލުން ފިޔަވަޅު އަޅައިފި ނަމަ ވެސް ބިދޭސީ ވަކީލުންގެ ހުއްދަ ބާތިލް ކުރެވިދާނެ ކަމަށް އެ ގަވާއިދުގައިވެ އެވެ.

މީގެ އިތުރުން ބިދޭސީ ވަކީލަކު ވަކާލާތު ކުރަން އެދޭ ބާވަތުގެ މައްސަލައަކީ ރާއްޖޭގައި އެކަމަށް ފަންނީ ވަކީލުން ނެތް ބާވަތުގެ މައްސަލައެއްތޯ އާއި މައްސަލަ ބަލާ ފަނޑިޔާރުގެ އިއުތިރާޒެއް އެކަމަށް އޮތްތޯ ބާ ކައުންސިލުން ބަލަން ޖެހޭނެ ކަމަށް އެ ގަވާއިދުގައިވެ އެވެ. އަދި ހުއްދަ ނުދޭން ނިންމާ ނިންމުންތައް ބާ ކައުންސިލްގެ އިސްތިއުނާފް ކޮމެޓީގައި އިސްތިއުނާފް ކުރެވޭއިރު، ހުއްދަ ދީފި ނަމަ، އެ މައްސަލައެއް ހިނގާ ކޯޓަކަށް ބާ ކައުންސިލުން އެކަން އަންގަން ވެސް ލާޒިމްވެ އެވެ.

ވަކާލާތު ކުރުމުގެ ހުއްދަ ދިނުމަށް ޚާއްސަ ފީއެއް ވެސް އެ ގަވާއިދުގެ ދަށުން ބާ ކައުންސިލުން ނަގާނެ އެވެ. އެއީ ދަށު ކޯޓުތަކުގައި ވަކާލާތު ކުރަން ހުއްދަ ދޭ ނަމަ 2،000ރ. އަދި ހައި ކޯޓުގައި ނަމަ 5،000ރ. ގެ ފީއެއްގެ އިތުރުން ސުޕްރީމް ކޯޓުގައި ނަމަ 100،00ރ. ގެ ފީއެކެވެ.

މީގެކުރިން ވަކީލުންގެ ގަވާއިދު އޮތްގޮތުން ރާއްޖޭގެ ކޯޓުތަކުގައިި ބިދޭސީ ވަކީލުންނަށް ވަކާލާތު ކުރުމުގެ ފުރުސަތެއް ނޯންނާތީ ބިދޭސީ ވަކީލުން ބޭނުމެއް ނުކުރެ އެވެ. އަދި ބިދޭސީ ފަނޑިޔާރުން ރާއްޖޭގެ ކޯޓުތަކަށް އައްޔަން ކުރުމުގެ ފުރުސަތު ގާނޫނު އަސާސީ އާއި ފަނޑިޔާރުންގެ ގާނޫނުން ދިނަސް، އެކަމެއް މިހާތަނަށް ނުކުރެ އެވެ.