Roadha Mihaaru
މިފްކޯއަށް މަސް ކިލޯއަކުން 3ރ. ގެއްލުންވޭ: ޒަހާ

މިފްކޯއަށް މަސް ކިލޯއަކުން 3ރ. ގެއްލުންވޭ: މިނިސްޓަރު

31 އޯގަސްޓް 2020

ވޭތުވެދިޔަ އަހަރެއްގެ ތެރޭގައި މިފްކޯއިން މަސް ގަތް އަގާއި އެކްސްޕޯޓް ކޮށްގެން ލިބުނު އާމްދަނީ އަށް ބަލާއިރު އެވެރެޖްކޮށް ކިލޯއަކުން ތިން ރުފިޔާ އާއި ހަތަރު ރުފިޔާއާ ދެމެދުގެ ގެއްލުމެއް ވެފައިވާ ކަމަށް، ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު މިއަދު ވިދާޅުވެއްޖެ އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ވޭތުވެދިޔަ އަހަރެއްގެ ތެރޭގައި މިފްކޯއިން މަސް ގަތް އަގާއި އެކްސްޕޯޓް ކޮށްގެން ލިބުނު އާމްދަނީ އަށް ބަލާއިރު އެވެރެޖްކޮށް ކިލޯއަކުން ތިން ރުފިޔާ އާއި ހަތަރު ރުފިޔާއާ ދެމެދުގެ ގެއްލުމެއް ވެފައިވާ ކަމަށް، ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު މިއަދު ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ މިއަދު ޖަލްސާގައި ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބު އަބްދުﷲ ވަނީ މިފްކޯއިން މަސްވެރިންނަށް ފައިސާ ދިނުން ލަސްވުމާ ގުޅިގެން މިނިސްޓަރު ޒަހާއާ ސުވާލު ކުރައްވައިފަ އެވެ.

އެ ސުވާލާއި މެމްބަރުންގެ އެހެން ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ މިފްކޯއަކީ ދަރަންޏަށް ޒިންމާވާ ދައުލަތުގެ ކުންފުންޏެއް ނަމަވެސް އެ ކުންފުންޏާ ގުޅޭގޮތުން މަސްވެރިންގެ ގިނަ ކަންބޮޑުވުންތަކެއް އެބަހުރި ކަމަށެވެ. ވިއްކާ މަހަށް ފައިސާ ނުލިބޭ މައްސަލަ ހައްލު ކުރަން ގިނަ މަސައްކަތްތަކެއް ސަރުކާރުން ކުރަމުން އަންނަ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"މިފްކޯއިން މަސްވެރިންނަށް ދޭން ޖެހޭ ފައިސާ ނުދެވި ލަސްވުމުގައި ގިނަ މައްސަލަތަކެއް އެބަހުރި. މި މައްސަލައިގެ އަސްލު ގުޅިފައިވަނީ މިފްކޯއިން މަސް ގަންނަމުންދާ އަގު. މިހާރު މިފްކޯއިން މަސްވެރިންގެ އަތުން މަސް ގަންނަމުން ދަނީ އެކްސްޕޯޓް ބާޒާރުގައި ލިބޭ އަގަށް ބަލާއިރު ގެއްލުމުގައި،" ޒަހާ ވިދާޅުވި އެވެ.

މިފްކޯ އަށް ލިބޭ ގެއްލުން މިހާރު ފޫބައްދަމުން ދަނީ ސަރުކާރުން ދޭ ލޯނުންނާއި އެސްޓީއޯއިން ދޭ ފައިސާއިން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މަސްވެރިންނަށް ފައިސާ ނުދެވި ލަސްވާ އެހެން ސަބަބުތަކުގެ ތެރޭގައި މިފްކޯގެ ހިންގުމުގެ މައްސަލަތައް ވެސް ހިމެނޭ ކަމަށެވެ. އަދި އިހުމާލުތަކުގެ ސަބަބުން މިފްކޯގެ މާލީ ހާލަތު ދަށްވެފައިވާތާ ދުވަސްތަކެއް ވެފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މިފްކޯއިން ފައިދާ އިތުރު ކުރުމަށްޓަކައި ގަނޑުކުރި މަސް އެކްސްޕޯޓް ކުރުމުގެ ބަދަލުގައި ވެލިއުއެޑް ކޮށްގެން އެކްސްޕޯޓް ކުރުން އިތުރު ކުރަން ޖެހޭ ކަމަށެވެ.

"އަގު އެއްކޮށްގެން ދިވެހި ރާއްޖޭން މަސް އެކްސްޕޯޓް ކުރަން ފެށިއްޖެނަމަ މިފްކޯއަކީ ފައިދާވާ ކުންފުންޏަކަށް ބަދަލު ކުރެވޭނެ،" ޒަހާ ވިދާޅުވި އެވެ.

މިފްކޯއިން އިތުރު ޕްރޮޑަކްޓްތައް އުފެއްދުމަށް ވާން ޖެހޭ ތައްޔާރީތައް ވަމުން އަންނަ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެކަންކަން ތަންފީޒު ވުމުން ކުރިއަށް އޮތްތަނުގައި މިފްކޯއަކީ ފައިދާގައި ހިންގާ ކުންފުންޏަކަށް ވާނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ސައުދީގެ އެހީގައި ގއ. ކޫއްޑޫ ތަރައްގީ ކުރުމަށް 11.76 މިލިއަން ޑޮލަރުގެ ޕްރޮޖެކްޓެއް ފަށަން ނިންމާފައިވާއިރު ފެލިވަރު ތަރައްގީ ކުރުމަށް 12.9 މިލިއަން ޑޮލަރު ލިބިފައިވާ ކަމަށެވެ.

މިފްކޯ ޕްރަވަޓައިޒް ކުރުމުގެ ވިސްނުން ސަރުކާރުން ގެންގުޅުއްވާތޯ ސުވާލު ކުރެއްވުމުން މިނިސްޓަރު ވިދާޅުވީ ރައްޔިތުންނާ އެހާ ގުޅުން ހުރި ކުންފުންޏެއް ޕްރަވަޓައިޒް ކުރުމުގެ ވިސްނުން ސަރުކާރުން ނުގެންގުޅޭ ކަމަށެވެ.