Roadha Mihaaru
އަލީ ރަޝީދާއި ޑރ. މުހައްމަދުގެ ނަން މަޖިލީހަށް

އަލީ ރަޝީދާއި ޑރ. މުހައްމަދު އިބްރާހިމް ސުޕްރީމް ކޯޓަށް އައްޔަން ކުރަން މަޖިލީހަށް ފޮނުއްވައިފި

19 އޯގަސްޓް 2020

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ކްރިމިނަލް ކޯޓުގެ ގާޒީ އަލީ ރަޝީދު ހުސައިނާއި ޑރ. މުހައްމަދު އިބްރާހިމް އައްޔަން ކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ރުހުން ދިނުމުން އެ ދެ ބޭފުޅުންގެ ނަން ރައްޔިތުންގެ މަޖިލީހަށް މިއަދު ފޮނުއްވައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ކްރިމިނަލް ކޯޓުގެ ގާޒީ އަލީ ރަޝީދު ހުސައިނާއި ޑރ. މުހައްމަދު އިބްރާހިމް އައްޔަން ކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ރުހުން ދިނުމުން އެ ދެ ބޭފުޅުންގެ ނަން ރައްޔިތުންގެ މަޖިލީހަށް މިއަދު ފޮނުއްވައިފި އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ހުސްކޮޮށް އޮތް ދެ މަގާމަށް، ކްރިމިނަލް ކޯޓު ހިންގުމާ ހަވާލުވެ ހުންނެވި ގާޒީ އަލީ ރަޝީދާއި ޑރ. މުހައްމަދު އައްޔަން ކުރުމާ މެދު ޖޭއެސްސީގެ ލަފައަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކުރިން އޮތީ އެދިވަޑައިގެންފަ އެވެ. އަދި އެ ދެ މަގާމަށް ޝައުގުވެރިވާ ބޭފުޅުންގެ އެކަމަށް ކުރިމަތިލާން ޖޭއެސްސީން ވެސް ފުރުސަތު ހުޅުވާލި އެވެ.

ރައީސް މިއަދު ކުރެއްވި ޓްވީޓެއްގައިވަނީ އަލީ ރަޝީދާއި ޑރ. މުހައްމަދު އެ މަގާމަށް އައްޔަން ކުރަން ޖޭއެސްސީން ލަފާ ދެއްވާފައިވާ ކަމަށާއި އެހެންވެ، އެ ދެ ބޭފުޅުން އެ މަގާމަށް އައްޔަން ކުރަން މަޖިލީހަށް ފޮނުއްވާފައިވާ ކަމަށެވެ.

ރައީސްގެ ޓްވީޓް

އެކަމަކު ޖޭއެސްސީން ހުޅުވާލި ފުރުސަތު އެ ދެ މަގާމަށް ބޭފުޅުން ކުރިމަތިލެއްވި ކަން ނުވަތަ ނޫންކަން އެ ކޮމިޝަނުން ހާމައެއް ނުކުރެ އެވެ.

ކުރިން ސިވިލް ކޯޓުގެ އިސްގާޒީ ކަމާއި ޑްރަގް ކޯޓުގެ ގާޒީކަން ވެސް ކުރެއްވި އަލީ ރަޝީދަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްސަލަ ކްރިމިނަލް ކޯޓުން ބެއްލެވި ފަސް ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރެވެ. އެ މައްސަލާގައި ޔާމީން ފަސް އަހަރަށް ޖަލަށްލާން ފަސް ފަނޑިޔާރުންގެ އިއްތިފާގުން ވަނީ ހުކުމްކޮށްފަ އެވެ.

މީގެ އިތުރުން ގާޒީ އަލީ ރަޝީދަކީ މި ގާނޫނު އަސާސީއަށް އަމަލުކުރަން ފެށި ފަހުން މީހަކަށް ފުރަތަމަ ފަހަރަށް މަރުގެ އަދަބެއް ކަނޑައެޅުއްވި ފަނޑިޔާރު ވެސް މެ އެވެ. ކުރީގެ ޖިނާއީ ކޯޓުގެ ދުވަސްވަރު، 2010 ވަނަ އަހަރު އޭނާ ކުރެއްވި އެ ހުކުމަށް 2016 ވަނަ އަހަރު ސުޕްރީމް ކޯޓުން ވަނީ ތާއީދު ކޮށްފަ އެވެ.

ގާނޫނީ ދާއިރާގައި 16 އަހަރު މަސައްކަތް ކުރައްވާފައިިވާ ޑރ. މުހައްމަދަކީ މަޝްހޫރު ލޯ ފާމެއް ކަމަށްވާ ޕްރިމިއާ ޗެމްބާސްގެ ހިއްސާދާރެކެވެ.