Roadha Mihaaru
ސުޕްރީމް ކޯޓަށް ފާއިޒް އައްޔަންކުރަން ލަފައަކަށް އެދެފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް ފާއިޒް އައްޔަން ކުރަން ޖޭއެސްސީގެ ލަފައަކަށް ރައީސް އެދިވަޑައިގެންފި

17 ޑިސެމްބަރ 2019

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒް ހުސައިން އައްޔަން ކުރުމާ މެދު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ލަފައަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެދިވަޑައިގެންފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒް ހުސައިން އައްޔަން ކުރުމާ މެދު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ލަފައަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެދިވަޑައިގެންފި އެވެ.

އުއްތަމަ ފަނޑިޔާރަކަށް އެންމެ ފަހުން ހުންނެވި ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ސުޕްރީމް ކޯޓު ފަނޑިޔާރުންގެ ގޮތުގައި ތިއްބެވި އާދަމް މުހައްމަދާއި އަބްދުލްޣަނީ މުހައްމަދު ފަނޑިޔާރު ކަމުން ވަކިކޮށް، އަދި އެ ކޯޓުގެ ފަނޑިޔާރަކަށް ހުންނެވި އަބްދުﷲ އަރީފް ރިޓަޔާ ކުރެއްވުމުން އެ ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ބައެއް މަގާމުތައް މިހާރު އޮތީ ހުސްކޮށެވެ.

އޭގެ ތެރެއިން އެއް މަގާމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ފާއިޒް އައްޔަން ކުރުމާ މެދު ޖޭއެސްސީގެ ލަފައަކަށް އެދިވަޑައިގެންފައިވާ ކަމަށް ރައީސް މިއަދު ކުރެއްވި ޓްވީޓެއްގައިވެ އެވެ.

ރައީސް ކުރެއްވި ޓްވީޓް

ގާނޫނު އަސާސީ ބުނާގޮތުން ސުޕްރީމް ކޯޓަށް ފަނޑިޔާރުން އައްޔަން ކުރާނީ ޖޭއެސްސީގެ ލަފާގެ މަތިން ރައްޔިތުންގެ މަޖިލީހަށް ރައީސް ފޮނުއްވާ ނަންފުޅުތަކަކަށް ބިނާކޮށް މަޖިލީހުން ފާސްކޮށްގެންނެވެ.

ކުރިން އިންތިގާލީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަން ކުރެއްވުމަށް ފަހު ދާއިމީ ސުޕްރީމް ކޯޓު އެކުލަވާލިއިރު އެ ކޯޓުގެ ފުރަތަމަ އުއްތަމަ ފަނޑިޔާރަކީ ފާއިޒެވެ. އެކަމަކު ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗް ކުޑަ ކުރުމުގެ ގޮތުން ކަމަށް ބުނެ ކޯޓުތަކުގެ ގާނޫނަށް 2014 ގައި ގެނައި އިސްލާހެއްގެ ދަށުން ފާއިޒް އާއި އޭރު ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް ހުންނެވި އަހުމަދު މުއުތަސިމް އަދުނާން މަގާމުން ވަކި ކުރި އެވެ.

ފާއިޒް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރުމާ މެދު ޖޭއެސްސީގެ ލަފައަކަށް ރައީސް އެދިވަޑައިގަތްއިރު، އޭނާއާ އެކު އޭރު މަގާމުން ވަކި ކުރެއްވި މުއުތަސިމް އަދުނާން އުއްތަމަ ފަނޑިޔާރުގެ މަގާމަށް ދާދިފަހުން ވަނީ އައްޔަން ކުރައްވައިފަ އެވެ.

ހަތް ފަނޑިޔާރުންގެ ބެންޗެއް މައްޗަށް އެކުލެވޭ ސުޕްރީމް ކޯޓުގައި މިހާރު ތިއްބެވީ އުއްތަމަ ފަނޑިޔާރު މުއުތަސިމާއި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު ހުސްނުއްސުއޫދާއި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދުގެ އިތުރުން ފަނޑިޔާރު މަހާޒް އަލީ ޒާހިރެވެ.