Roadha Mihaaru
އޮޕަރޭޝަން ރަނގަޅުކުރަން މަސައްކަތް ކުރަން: ނަޒްލާ

އޮޕަރޭޝަން ފުޅާކޮށް، ރަނގަޅުކުރަން މަސައްކަތް އެބަ ކުރަން: ޑރ. ނަޒްލާ

13 އޯގަސްޓް 2020

ކޮވިޑްގެ ކޭސްތައް އިތުރުވަމުންދާތީ އޮޕަރޭޝަން ފުޅާކޮށް ރަނގަޅުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް، ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ރޭ ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ކޮވިޑްގެ ކޭސްތައް އިތުރުވަމުންދާތީ އޮޕަރޭޝަން ފުޅާކޮށް ރަނގަޅުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް، ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ރޭ ބުނެފި އެވެ.

އެ ސެންޓަރުން ބޭއްވި މީޑިއާ ބްރީފިންގައި، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) މެޑިކަލް އޮފިސަރު އަދި ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ކުއްލިއަކަށް އެގޮތަށް ގިނަ ކޭސްތައް ފެނުމުން، ތަންތަނަށް ދިއުމުގައި ލަސްވުން ފަދަ މައްސަލަތައް ދިމާވާނެ ކަމަށެވެ. އެކަމަކު އެ ލަސްކަން ކުރިމަތިވީ ކޮވިޑް-19އާ ދެކޮޅަށް ސަރުކާރުގެ ގިނަ އިދާރާތަކެއް ގުޅިގެން ހިންގި މަސައްކަތް ހަމައެކަނި އެޗްއީއޯސީއަށް ބަދަލުކުރުމުން ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

ބަލިން ރައްކާތެރިވާން އެޅި ފިޔަވަޅުތަކަށް މިދިޔަ މަހު ބޮޑެތި ލުއިތަކެއް ދިނުމުން ގިނަ އަދަދެއްގެ ބަޔަކު ކޮވިޑް-19 އަށް މިހާރު އަންނަނީ ޕޮޒިޓިވްވަމުންނެވެ. އެއާ އެކު ޕޮޒިޓިވް ވާ މީހުން އައިސޮލޭޝަނަށް ގެންދިއުމާއި ޓެސްޓުކުރުމުގައި ވެސް ބޮޑެތި މައްސަލަތަކެއް އުޅޭކަމުގެ ޝަކުވާ ބޮޑެވެ.

ޑރ. ނަޒްލާ ވިދާޅުވި ގޮތުގައި ދުރުގައި ހުންނަ ފެސިލިޓީއަކަށް މީހުން ގެންދެވެނީ ފަހަރަކު ވަކި އަދަދަކަށެވެ. މޫސުން ގޯސްވެއްޖެ ނަމަ އެ އަދަދު ވެސް ވަރަށް މަދުކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި މޫސުމް ގޯސްވުމުން ދަތުރުކުރަން ބައެއް މީހުން ދެކޮޅު ހެދުމުގެ އިތުރުން އާއިލާގެ އެހެން މީހުންގެ ނަތީޖާ ލިބެންދެން ފެސިލިޓީއަށް ނުގޮސް މަޑުކުރަން ބޭނުން މީހުން ވެސް އުޅޭ ކަމަށް، އޭނާ ވިދާޅުވި އެވެ.

މިހާރު ވެސް ފެސިލިޓީއަށް ނުގެންދެވި 300 އަށް ވުރެ ގިނަ މީހުން އެބަ ތިއްބެވެ.

އިތުރު ވެހިކަލް އަޅުގަނޑުމެން ބޭނުންވޭ. ބައެއް ދުވަސް ދުވަހު އެބަހުރި އަޅުގަނޑުމެން އެއާ ޓެކްސީ އެއްޗެހި ނުވަ ދަތުރު ވެސް އަޅާފައި ފެސިލިޓީތަކަށް އިތުރަށް ކޮންމެ ދުވަހަކު ވެސް މީހުން ގެންދަން.

"ކޭސްތައް ގިނަވުމާ އެކު ޕޮޒިޓިވް މީހުން ވެސް ގެންދަން ޖެހޭ ގެއިން ހަމަ ޓްރާންސްޕޯޓުކޮށްގެން ހަމަ ޖެޓީއާ ހަމައަށް ނުވަތަ އެއާޕޯޓާ މި ގެންދަން ޖެހެނީ....މި މޫވްމަންޓުގައި އިތުރު މީހުން އެބަ ބޭނުންވޭ، އިތުރު ރެޕިޑް ރެސްޕޮންސް ޓީމް ވެސް އެބަ ބޭނުންވޭ ކުރިއަށް ވުރެ މާ ގިނައިން،" ޑރ. ނަޒްލާ ތަފުސީލު ދެއްވި އެވެ.

"އިތުރު ވެހިކަލް އަޅުގަނޑުމެން ބޭނުންވޭ. ބައެއް ދުވަސް ދުވަހު އެބަހުރި އަޅުގަނޑުމެން އެއާ ޓެކްސީ އެއްޗެހި ނުވަ ދަތުރު ވެސް އަޅާފައި ފެސިލިޓީތަކަށް އިތުރަށް ކޮންމެ ދުވަހަކު ވެސް މީހުން ގެންދަން."

އޭނާ ވިދާޅުވި ގޮތުގައި އެ މައްސަލަތައް ދިމާވަނީ ކުއްލިއަށް އެހާ ބައިވަރު މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވަމުން ދާތީ އެވެ.

ޑރ. ނަޒްލާ ވިދާޅުވީ ރެޕިޑް ރެސްޕޮންސް ޓީމް (އާރުއާރުޓީ) އަށް މީހުންނާއި ވެހިކަލް އިތުރުކުރުމުގެ ކަންކަން ކުރަމުން އަންނަ ކަމަށެވެ.

"ރަނގަޅުކުރަން އަޅުގަނޑުމެންގެ ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތްތައް ކުރިއަށް އެބަ ދޭ،" ޑރ. ނަޒްލާ ވިދާޅުވި އެވެ.

ރާއްޖޭގައި ކޮވިޑް ޖެހުނު މީހުންގެ އަދަދު 5،366 އަށް އަރައި 21 މީހަކު މިހާތަނަށް ވަނީ މަރުވެފަ އެވެ. މިވަގުތު ފަރުވާ ދެމުން އަންނަނީ 2،461 މީހުންނަށެވެ.