Roadha Mihaaru
ބޯޓުން ސަލާމަތްވީ "އެންމެ 5 މިނިޓުގެ ސަބަބުން"

ވެއްޓުނު ބޯޓުން ސަލާމަތްވީ "އެންމެ 5 މިނިޓުގެ ސަބަބުން"

09 އޯގަސްޓް 2020

ދުބާއީ (އޮގަސްޓް 9) - ދުބާއީން އިންޑިއާގެ ކޮޒިކޯޑުގެ އެއާޕޯޓަށް ހުކުރު ދުވަހު ދަތުރުކުރަން ހަމަޖެހިފައިވާ ބޯޓުން އަފްޒަލް ކޭޕީ އަށް ދަތުރު ނުކުރެވުނީ ދުބާއީގައި ގިނަ ދުވަހު ހުރުމުގެ ސަބަބުން ދައްކަން ޖެހުނު ޖޫރިމަނާއެއްގެ ސަބަބުން ކަމަށް އޭނާ ބުނެފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ދުބާއީ (އޮގަސްޓް 9) - ދުބާއީން އިންޑިއާގެ ކޮޒިކޯޑުގެ އެއާޕޯޓަށް ހުކުރު ދުވަހު ދަތުރުކުރަން ހަމަޖެހިފައިވާ ބޯޓުން އަފްޒަލް ކޭޕީ އަށް ދަތުރު ނުކުރެވުނީ ދުބާއީގައި ގިނަ ދުވަހު ހުރުމުގެ ސަބަބުން ދައްކަން ޖެހުނު ޖޫރިމަނާއެއްގެ ސަބަބުން ކަމަށް އޭނާ ބުނެފި އެވެ.

އެ ޖޫރިމަނާ ދެއްކުމާއި ބޯޓު ފުރުމާ ދެމެދު އޭނާ އަށް ގެއްލުނީ އެންމެ ފަސް މިނިޓެވެ. އެކަމަކު އެ ޖޫރިމަނާ ދައްކަން ނެގި ވަގުތަކީ ލިބުނު އުފަލެއް ކަމަށް އަފްޒަލް މިހާރު ބުނެ އެވެ.

މިދިޔަ ހުކުރު ދުވަހު 1:35 ގައި އަފްޒަލް ހުރީ ދުބާއީ އިންޓަނޭޝަނަލް އެއާޕޯޓުގަ އެވެ. ފްލައިޓް މިސްވުމުން އެކަމުގެ ހިތާމައިގަ އެވެ. ބޯޓު ފުރީ 1:30 ގަ އެވެ. ލަސްވި ފަސް މިނިޓަކީ ޖޫރިމަނާ ދައްކަން ނެގި ވަގުތެވެ.

އަބޫދާބީގައި ދިރިއުޅޭ އަފްޒަލް ބުނީ ވޯކް ވިސާ ހަމަވުމުން، ޖުލައި 10 ގައި އޭނާ ދުބާއީން ފުރަން ޖެހޭ ކަމަށެވެ.

"ކޮވިޑް-19 ގެ ސަބަބުން އަހަންނަށް އެނބުރި ގައުމެއް ދެވޭނެ ގޮތެއް ވެސް ނެތިފައި ހުރީ. އަހަރެން ދެން ނިންމީ ވިސާގެ މުއްދަތު އިތުރުކޮށް ޑިސެމްބަރުގެ ނިޔަލަށް ޔޫއޭއީގައި މަޑުކުރަން. ނަމަވެސް ރިޕާޓްރިއޭޝަން ފްލައިޓްތައް ބާއްވަން ފެށުމުން ގައުމަށް ދާން އަހަރެން ވެސް ހުށަހެޅިން،" އަފްޒަލް ބުންޏެވެ.

އެތައް ދުވަހެއްގެ އިންތިޒާރަށް ފަހު އޮގަސްޓް 7 ގައި ދަތުރު ކުރަން އޭނާ އަށް ޓިކެޓް ލިބުނެވެ.

"އަހަރަކަށް ވުރެ ގިނަ ދުވަހަށް ފަހު އެނބުރި އިންޑިއާ އަށް ދެވޭތީ އަހަރެން ހުރީ ވަރަށް އުފަލުން. އަހަރެންގެ އާއިލާ އިން ނިންމާފައި ވަނީ ކަރަންޓީނުގެ މުއްދަތު ނިމުމުން އަހަރެން ކައިވެނި ކުރާނެ ތާރީޚު ވެސް ހަމަޖައްސަން،" އަފްޒަލް ކިޔައިދިނެވެ.

އޮގަސްޓް 6 ގައި ޝާރްޖާ އަށް ގޮސް ޖެހިގެން އައި ދުވަހުގެ 8:30 އަށް ދުބާއީ އެއާޕޯޓަށް ދާން އޭނާ ނިންމި އެވެ. ލޭގެ ޓެސްޓް ހަދައި ބޯޑިން ޕާސް ވެސް އޭނާ އަށް ލިބުނެވެ. ސީޓް ނަމްބަރަކީ 18ސީ އެވެ.

"އަހަރެން ހުރީ އިމިގްރޭޝަން ކައުންޓަރުގައި. އަހަރެންގެ ކުރީގައި ހުރި މީހާ ބޯޑިން އަށް ފޮނުވި އިރު، އަހަރެން ހިފެހެއްޓީ. އޮފިޝަލުން ބުނީ އޯވަސްޓޭވުމުގެ ސަބަބުން 1،000 ދިރުހަމް ދަންޖެހޭ ކަމަށް. ފުރޭނީ އެ ފައިސާ ކްލިއާކޮށްގެން ކަމަށް އަހަރެންނަށް އެންގި،" އަފްޒަލް ބުންޏެވެ.

ޖޫރިމަނާ ދެއްކޭ ވަރަށް އަފްޒަލް އަތުގައި ފައިސާއެއް ނެތެވެ. އޭނާގެ އަތުގައި އޮތީ 500 ދިރުހަމް އެވެ. ހެނދުނު 10 އިން މެންދުރު 12 އަށް ޕާސްޕޯޓް ކޮންޓްރޯލްގައި ހުރެގެން ޖޫރިމަނާގެ ކަންތައް ހައްލު ކުރެވޭތޯ އޭނާ މަސައްކަތް ކުރި އެވެ.

"އެންމެ ފަހުން އެ މީހުން އެއްބަސްވި ޖޫރިމަނާ ނުދައްކާ ފުރިދާނެ ކަމަށް. އެކަމަކު އެނބުރި އަންނަ އިރު އެ މައްސަލަ ދިމާވާނެ ކަމަށް ބުނި. އެކަމަކު އެ ގޮތަށް އަހަރެންނަކަށް އެއްބަހެއް ނުވެވުނު. އެހެން ވަޒީފާއެއް ލިބިފައިވާތީ ދެ މަސްތެރޭ އެނބުރި އަންނަން އަހަރެން ބޭނުންވޭ،" އަފްޒަލް ބުންޏެވެ.

އަފްޒަލްގެ ރައްޓެއްސަކަށް ގުޅީ 1:15 ގަ އެވެ. އޭނާގެ ރަހުމަތްތެރިޔާ ވަނީ ކުޑަ އިރުކޮޅެއްގެ ތެރޭގައި އެއާޕޯޓަށް ފައިސާ ފޮނުވައިދޭނެ ކަމަށް ބުނެފަ އެވެ. އެކަމަކު އަފްޒަލްގެ ރަހުމަތެރިއާ އަށް ފައިސާ ހިފައިގެން އެއާޕޯޓަށް ދެވުނީ 1:30 ގަ އެވެ. ޖޫރިމަނާ ދައްކާ ނިމުނީ 1:35 ގަ އެވެ. އެކަމަކު އޭރު ލަސްވެއްޖެ އެވެ.

އެއާޕޯޓް އޮފިޝަލުން ބުނީ ބޯޓު ނައްޓާލަނީ ކަމަށެވެ. އެހެން ފްލައިޓަކުން ޓިކެޓް ބުކް ކުރުމަށް އޮފިޝަލުން ބުންޏެވެ.

ދުބާއީގައި ދިރިއުޅޭ އަފްޒަލްގެ ތިމާގެ މީހެއްގެ ގެއަށް ގޮސް މެންދުރު ކައިގެން އޭނާ އޮށޯތީ ނިދާށެވެ. އިރުއޮއްސުނު ފަހުން އޭނާ އަށް ހޭލެވުނީ ފޯނު ރިންގުވާ އަޑަށެވެ. އެއީ އަފްޒަލްގެ ރަހުމަތްތެރިޔާގެ ކޯލެކެވެ. އޭނާ ގުޅާފައި ބުނީ އަފްޒަލް އަށް މިސްވި ބޯޓު ކޮޒިކޯޑުގައި ޖައްސަނިކޮށް ރަންވޭ މަތިން ކަހާލައިގެން ގޮސް ވެއްޓިފައިވާ ކަމަށެވެ. އެ ހާދިސާގައި ވަނީ 18 މީހުން މަރުވެފަ އެވެ.