Roadha Mihaaru
ރޫމީގެ ފިލްމުން ރިއާގެ ރޯލް އުންޏެއްނުކުރާނެ!

ރޫމީ ޖެފްރީގެ "ޗެހެރޭ" އިން ރިއާ ޗަކްރަބަތީގެ ރޯލް އުންޏެއްނުކުރާނެ!

10 އޯގަސްޓް 2020

އަމީތާބް ބައްޗަން އާއި އިމްރާން ހާޝިމީ ވެސް މުހިއްމު ރޯލްތަކުން ފެންނަ ފިލްމު "ޗެހެރޭ" ގައި ހިމެނޭ ބަތަލާ ރިއާ ޗަކްރަބަތީގެ ރޯލު ފިލްމުން ކަނޑާލާނެ ކަމަށް ބުނާ ވާހަކަ ޑައިރެކްޓަރު ރޫމީ ޖެފްރީ ދޮގުކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އަމީތާބް ބައްޗަން އާއި އިމްރާން ހާޝިމީ ވެސް މުހިއްމު ރޯލްތަކުން ފެންނަ ފިލްމު "ޗެހެރޭ" ގައި ހިމެނޭ ބަތަލާ ރިއާ ޗަކްރަބަތީގެ ރޯލު ފިލްމުން ކަނޑާލާނެ ކަމަށް ބުނާ ވާހަކަ ޑައިރެކްޓަރު ރޫމީ ޖެފްރީ ދޮގުކޮށްފި އެވެ.

ޖޫން މަހު މަރުވި އެކްޓަރު ސުޝާންތު ސިންގް ރާޖްޕޫތުގެ މަރުގެ މައްސަލާގައި މިހާރު އެންމެ ބޮޑަށް ތުހުމަތުގެ އިނގިލި ދިއްކުރެވި ތަހުގީގު ކުރިއަށްދާ މައްސަލަގަނޑުގެ ތެރޭގައި އުޅޭ ރިއާ އަކީ ރޫމީގެ އެކުވެރިއެކެވެ. އަދި ސުޝާންތުގެ މަރާ އެކު ރިއާ އަށް އަމާޒުވި ފާޑުކިޔުންތަކަށް ރައްދުދީ، ރިއާގެ ދިފާއުގައި އެންމެ ފުރަތަމަ ވާހަކަ ވެސް ދެއްކި މީހަކީ ވެސް ރޫމީ އެވެ. އޭނާ އަކީ ސުޝާންތުގެ ވެސް ވަރަށް ގާތް އެކުވެރިއެކެވެ. ބައެއް ރިޕޯޓްތައް ބުނާގޮތުން "ޗެހެރޭ" އިން ރިއާ އަށް ރޫމީ ފުރުސަތު ދިނީ ވެސް ސުޝާންތުގެ އެދުމަކަށެވެ.

ސުޝާންތުގެ މަރުގެ މައްސަލައިގެ ފޯކަސް މިހާރު ލޯބިވެރިޔާ ރިއާ އަށް ހުއްޓިފައިވާތީ ބައެއް މީޑިއާތަކުން ބުނީ އިތުރު މައްސަލަގަނޑެއްގެ ތެރެއަށް ނުދާން "ޗެހެރޭ" އިން ރިއާގެ ރޯލް އުނިކުރަން ނިންމާފައިވާ ކަމަށެވެ. އަދި އެ ރޯލަކީ މާ ބޮޑު ރޯލެއް ނޫން ކަމަށް ވެސް ބުނެފައިވެ އެވެ.

މި ވާހަކަތަކާ ގުޅިގެން ރޫމީ ބުނެފައި ވަނީ އޭނާގެ ފިލްމު ބެލުންތެރިންނަށް ގެނެސްދޭނީ ކުރިން ވެސް ނިންމާފައި އޮތް ގޮތަށް ކަމަށެވެ. އަދި އެއަށް އެއްވެސް ބަދަލެއް ނުގެންނާނެ ކަމަށް ބުންޏެވެ. މިސްޓްރީ ތުރިލާއެއްގެ ގޮތުގައި ހަދާފައިވާ "ޗެހެރޭ" ކުރިން އެޕްރީލް 24 ގައި ރިލީޒްކުރަން ނިންމުމަށް ފަހު ކޮވިޑް-19 ގެ ސަބަބުން ފަހުން މިދިޔަ މަހުގެ 17 އަށް ފަސްކުރުމަށް ފަހު، މިހާރު ރިލީޒްކުރާނެ ތާރީހެއް ނުނިންމައި އޮތް ފިލްމެކެވެ.

"ޗެހެރޭ" އިން މަޝްހޫރު ޓީވީ ބަތަލާ ކްރިސްޓަން ޑި ސޫޒާ ވެސް ބޮލީވުޑަށް ތައާރަފުކުރާ އިރު، މީގެ އިތުރު ކާސްޓުންގެ ތެރޭގައި އައްނޫ ކަޕޫރާއި ސިދާންތު ކަޕޫރާއި ރަގްބީރް ޔާދަވް އަދި ދުރިތިމާން ޗެޓަޖީ ވެސް ހިމެނެ އެވެ.

ރޫމީ ބުނީ ރިއާ އަށް މިހާރު ކުރިމަތިވެފައިވާ މައްސަލަތަކާ ހެދި ދެން ބޮލީވުޑްގެ ގިނަ ޑައިރެކްޓަރުންނާއި ޕްރޮޑިއުސަރުން އޭނާއާ އެކު މަސައްކަތްނުކުރުމުގެ ފުރުސަތު ބޮޑު ކަމަށެވެ. ނަމަވެސް ފިލްމީ ދާއިރާ އިން 28 އަހަރުގެ ބަތަލާ ބޭރުކޮށްލުމުގެ އެއްވެސް ހައްގެއް އެއްވެސް މީހަކަށް ނޯންނާނެ ކަމަށާއި އޭނާ އަށް އިންސާފު ލިބޭނެ ކަމަށް ގަބޫލުކުރާ ކަމަށް ރޫމީ ބުންޏެވެ.

ރިއާ އަކީ ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އިން 2013 ގައި ގެނެސްދިން "މެރޭ ޑޭޑް ކީ މަރޫޓީ" އިން ބޮލީވުޑަށް ނުކުތް ބަތަލާއެކެވެ.

އޭނާ އެންމެ ފަހުން ފެނިފައި ވަނީ 2018 ގައި ރިލީޒްކުރި "ޖަލޭބީ" އިންނެވެ. ރިއާ ކުޅުނު ފިލްމުތަކުގެ ތެރޭގައި "ސޮނާލީ ކޭބަލް" އާއި "ހާފް ގާލްފްރެންޑް" އާއި "ބޭންކް ޗޯރް" އަދި "ދުބާރާ: ސީ ޔޫ އީވިލް" ހިމެނެ އެވެ.