Roadha Mihaaru
ކޮވިޑްގެ 4،000 ވަރަކަށް ކޮންޓެކްޓުން އެބަތިބި

ކޮވިޑް-19 ގެ 4،000 ވަރަަކަށް ކޮންޓެކްޓުން އެބަތިބި: އެޗްޕީއޭ

03 އޯގަސްޓް 2020

ރާއްޖެ އިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ކޮންޓެކްޓުންގެ ގޮތުގައި މި ވަގުތު ވެސް 4،000 ވަރަކަށް މީހުން އެބަ ތިބި ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ބުނެފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ރާއްޖެ އިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ކޮންޓެކްޓުންގެ ގޮތުގައި މި ވަގުތު ވެސް 4،000 ވަރަކަށް މީހުން އެބަ ތިބި ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ބުނެފި އެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިރޭ ބޭއްވި މީޑިއާ ބްރީފިންގައި އެ ސެންޓަރުގެ ތަރުޖަމާނު އަދި އެޗްޕީއޭގެ މެޑިކަލް އޮފިސަރު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ މި ވަގުތު ވެސް ގާތްގަނޑަކަށް 4،000 ކޮންޓެކްޓުން އެބަތިބި ކަމަށާއި އެހާ ގިނަ އަދަދެއްގެ މީހުންގެ ކަންތައް ވަކިވަކިން މޮނިޓާ ކުރުުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އެހާ ގިނަ އަދަދެއްގެ މީހުން ތިބި އިރު އެ މީހުން، މީހުންގެ ތެރެއަށް ނުނިކުމެ ތިބިތޯ ވަކިވަކިން ނުބެލެހެއްޓޭނެ ކަމަށާއި އެހެން ނަމަވެސް މީހަކު ނުކުމެގެން އުޅޭ ކަމުގެ މައުލޫމާތު ލިބިއްޖެ ނަމަ ގާނޫނު ތަންފީޒުކުރާ ފަރާތްތަކަށް އަންގަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ފުދޭވަރެއްގެ ގިނަ މީހުންގެ ވާހަކަ މި ދައްކަނީ އިނގޭތޯ،" ނަޒްލާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް އަމަލުކުރުމަކީ މީހުން ސަމާލުވާން ޖެހޭނެ ކަމެއް ކަމަށާއި އުސޫލުތަކާ ހިލާފުވެގެން މީހަކަށް ފިޔަވަޅު އެޅި ނަމަވެސް އެ ހިސާބަށް ދާއިރު އެ މީހާގެ ފަރާތުން އޮންނާނީ ބަލި ފެތުރިފައި ކަަމަށެވެ. މާލެ ސަރަހައްދުގައި މިހާރު އަންގާފައިވާ އެއް ކަމަކީ އާއްމު ތަންތަނުގައި އުޅޭ އިރު މާސްކް އަޅައިގެން އުޅުމެވެ. އެ އުސޫލަށް މީހުން އަމަލުކުރޭތޯ ފުލުހުން ބަލަމުން އަންނަ ކަމަށް ނަޒްލާ ވިދާޅުވި އެވެ.

ރާއްޖޭގައި ފާއިތުވި ތިން ދުވަހު ވެސް ކޮވިޑް-19 އަށް އަލަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ އޭގެ ކުރީ ދުވަސްތަކަށް ވުރެ އިތުރު ވެފަ އެވެ. އެގޮތުން އިއްޔެ ހަވީރު 6:00 އިން ފެށިގެން މިއަދު ހަވީރު 6:00 އާ ހަމައަށް 129 މީހަކު އެ ބައްޔަށް ޕޮޒިޓިވްވި އެވެ. އެހެންވެ އާ ފިޔަވަޅުތައް އަޅަން ތައްޔާރުވަމުން އަންނަ ކަމަށް ނަޒްލާ މިރޭ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެގޮތުން އަޅާނެ ފިޔަވަޅުތަކާ ބެހޭ ގޮތުން މިހާރު ވެސް މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.

"އިތުރު ފިޔަވަޅުތައް އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް އިއުލާނު ކުރެވޭނެ،" ނަޒްލާ ވިދާޅުވި އެވެ.

އެހެން ނަމަވެސްް އާ ފިޔަވަޅުތަކަކާ ބެހޭ ތަފްސީލެއް އޭނާ ނުދެއްވަ އެވެ.

ރާއްޖެ އިން މިހާތަނަށް ކޮވިޑް ޖެހުނު މީހުންގެ އަދަދަކީ 4،164 އެވެ. އޭގެ ތެރެއިން 2،643 މީހަކު ރަނގަޅުވި އިރު 18 މީހަކު ވަނީ މަރުވެފަ އެވެ. އެކްޓިވް ކޭސްގެ މިހާރުގެ އަަދަދަކީ 1،488 އެވެ.