02 އޯގަސްޓް 2020
ހައި ރިސްކް މީހަކު ދިރިއުޅޭ ގެއިން ބަޔަކު ކޮވިޑް-19އަށް ޕޮޒިޓިވްވުމުން ވެސް އެމީހުން ނުގެންގޮސް ގޭގައި ދުވަސްތަކެއް ވަންދެން ބައިތިއްބަން ޖެހުމުގެ ޝަކުވާ، އެ އާއިލާއިން މިއަދު ކޮށްފި އެވެ.
ހައި ރިސްކް މީހަކު ދިރިއުޅޭ ގެއިން ބަޔަކު ކޮވިޑް-19އަށް ޕޮޒިޓިވްވުމުން ވެސް އެމީހުން ނުގެންގޮސް ގޭގައި ދުވަސްތަކެއް ވަންދެން ބައިތިއްބަން ޖެހުމުގެ ޝަކުވާ، އެ އާއިލާއިން މިއަދު ކޮށްފި އެވެ.
ޖުމްލަ 12 މީހުންގެ ބޮޑު އާއިލާއެއް އުޅެމުން އަންނަ ގެއިން މިހާތަނަށް ފަސް އަހަރާއި ނުވަ އަހަރުގެ ފިރިހެން ދެ ކުއްޖެއްގެ އިތުރުން ހަތަރު މީހަކު ވަނީ ބައްޔަށް ޕޮޒިޓިވްވެފަ އެވެ. ކެންސަރު ބައްޔަށް ފަރުވާ ހޯދަމުން އަންނަ އެގޭ އަންހެނަކު، ނަން ނުޖަހަން ޝަތުރުކޮށް، ބުނީ ބަލިމީހުން ގެންދިއުމުގައި ލަސްވުމަކީ އޭނާއަށާއި ގޭ އެހެން މީހުންނަށް ވެސް އޮތް ނުރައްކަލެއް ކަމަށެވެ.
އޭނާ ކިޔައިދިން ގޮތުގައި ގެއިން އެންމެ ފުރަތަމަ ޕޮޒިޓިވްވީ އޭނާގެ ބޭބެ އެވެ. އޭގެ ފަހުން އުމުރުން 73 އަހަރުގެ މަންމަ އާއި އެއްބަނޑު އެއްބަފާ އަންހެން ކޮއްކޮއެކެވެ.
"ބޭބެ މަސައްކަތްކުރަނީ އެއާޕޯޓުގައި. ޑިއުޓީ ނިންމާފައި ހުން ފާޑު ވީމާ ގެއަށް ނައިސް އަވަހަށް ފްލޫ ކްލިނިކަށް ގޮސް ޓެސްޓު ހަދާފައި ދެން އެހެން ގެއެއްގައި ވަކިން ކޮޓަރިއެއްގައި އޭނާ ހުރީ ގެންދަން ދެން ވެސް،" އަންހެންމީހާ ބުންޏެވެ.
އޭނާ ބުނީ މިދިއަ މަހު 24 ގައި ބޭބެ ގެންދިއުމާ ހަމައަށް ކަމާ ބެހޭ ފަރާތްތަކުން ރަނގަޅަށް ކަންކަން ކުރި ކަމަށެވެ. އޭގެ ފަހުން މިދިއަ މަހު 26 ގައި ދެން ތިބި އެންމެންގެ ސާމްޕަލް ނެގި އެވެ. އަނެއް ދުވަހު ނަތީޖާ ލިބުނު އިރު މަންމަ އާއި އަންހެން ކޮއްކޮ ޕޮޒިޓިވް އެވެ.
އެހާ ހިސާބުން ދެން ރަސްމީ ފަރާތްތަކުން ކަން ކުރަމުން އައީ ރަނގަޅަށް ނޫން ކަމަށް، އޭނާ ބުންޏެވެ. ބަލާ އަންނަންދެން މަންމަ އާއި ކޮއްކޮ އެކަހެރިކޮށްގެން ކޮޓަރިއެއްގައި ދެ ދުވަހު ގެންގުޅުނެވެ.
"ކޮޓަރިން ނުނިކުމެ ދެ ދުވަސް ވަންދެން އެ މީހުން ގެންގުޅުނީ. ކާ އެއްޗެހި ދިނީ ކޮޓަރީގެ ބޭރުގައި ބަހައްޓައިގެން،" އޭނާ ކިޔައިދިނެވެ.
ދެ ދުވަސް ފަހުން މަންމަ އާއި ކޮއްކޮ ބަލާ އައީ، އޭނާ ބުނި ގޮތުގައި، "އަޅުގަނޑުމެން އެތައް ފަހަރަކު ގުޅި ފަހުން"ނެވެ.
އެ ހިސާބުން ވެސް ބިރު ފިލައިގެން ނުދެ އެވެ. ބޭބެ ޕޮޒިޓިވްވުމުން ގޭގެ ބޮޑެތި މީހުންގެ ސާމްޕަލްތައް ނެގި އިރު، މަންމައާ އެކު ޕޮޒިޓިވް ވި އަންހެން ކޮއްކޮގެ ފިރިމީހާގެ ސާމްޕަލް ވެސް ނެގި އެވެ. އެކަމަކު އެ މީހުންގެ ފަސް އަހަރުގެ ފިރިހެން ދަރިފުޅުގެ ސާމްޕަލެއް ނުނަގަ އެވެ.
އޭނާ ބުނި ގޮތުގައި ޅިޔަނުގެ ސާމްޕަލަށް ވީ ގޮތެއް ނޭނގުނެވެ. އެހެންކަމުން ދަރިފުޅު ގޮވައިގެން ބޭރަށް ނުކުމެ މަގުމަތިން ސާމްޕަލް ނަގާ ބަޔަކާ ބައްދަލުކޮށް އަނެއްކާ ދެބަފައިން އެކުގައި ސާމްޕަލް ދިނެވެ. ނަތީޖާ ލިބުނު އިރު، ދެބަފައިން ވެސް ޕޮޒިިޓިވް އެވެ.
"ކޮއްކޮގެ ފިރިމީހާ ފުރަތަމަ ދިން ސާމްޕަލަށް ވީ ގޮތް ނޭނގުމަކީ ވެސް މައްސަލައެއް،" އަންހެންމީހާ ބުންޏެވެ.
އަނެއްކާ ދެބަފައިން ވަކި ކޮޓަރިއެއްގައި ގެންގުޅެނިކޮށް އެ މީހުން ގެންދިޔައީ މިދިއަ ބުރާސްފަތިދުވަހު އެވެ.
އެ އާއިލާ އިން ހަ ވަނައަށް ޕޮޒިޓިވްވީ، ނުވަ އަހަރުގެ ފިރިހެން ކުއްޖެކެވެ. އެ ކުއްޖާ ހުންއައުމުން އައިޖީއެމްއެޗަށް އެމަޖެންސީގައި ގެންގޮސް ޓެސްޓް ހެއްދުވީ އެވެ. މިހާރު ކޮޓަރިއެއްގައި ވަކިން ބަލަހައްޓަނީ އެ ކުއްޖާ އާއި އޭނާގެ މަންމަ އެވެ. މަންމަ ކުރިން ހެދި ޓެސްޓުން ދައްކަނީ ނެގެޓިވް ކަމަށެވެ.
"ބަލިމީހުން ނުގެންދާތީ ގުޅީމާ ކޮންމެ ފަހަރަކު ވެސް ފުރަތަމަ އަހަނީ ތިގޭގައި ހުރީ ކިތައް އަކަފޫޓުތޯ،" ހިތްހަމަނުޖެހުންތަކާ އެކު އަންހެންމީހާ ބުންޏެވެ.
"އެހެން އަހާތީ ރުޅިވެސް އާދޭ، ހިނި ވެސް އާދޭ. އަކަފޫޓެއް ނޫން ދޯ މައްސަލައަކީ. މާލޭގައި އެންމެން ވެސް މި އުޅެނީ ތޮއްޖެހިގެން."
އޭނާ ބުނީ ކެންސަރުގެ ބައްޔަށް ފަރުވާ ހޯދާތީ އޭނާއަކީ ހައި ރިސްކް މީހެއް ކަމުން، އުޅެނީ ވަރަށް ބޮޑަށް ބަލައިގެން ކަމަށެވެ. މަންމަ އާއި ކޮއްކޮ ގެންދިއުމުން ބޭރުން ބަޔަކު ގެނެސް ކޮޓަރި ޑިސްއިންފެކްޓްކުރި ކަމަށާއި "މިހާރު ވެސް މި އުޅެނީ އަބަދު ތަންތަން ޑިސްއިންފެކްޓްކުރަމުން" ކަމަށް އޭނާ ބުންޏެވެ.
"ވަރަށް އުނދަގުލުން، ވަރަށް ހާސްކަމުގައި މި އުޅެނީ ޕޮޒިޓިވް ބަޔަކު ގޮވައިގެން،" އަންހެންމީހާ ބުންޏެވެ.
"އަޅުގަނޑުމެން އެދެފިން އަލުން ގޭ އެންމެން ޓެސްޓު ކުރަން ވެސް. ހާއްސަކޮށް އަޅުގަނޑު. ގުޅާ ކޮންމެ ފަހަރަކު ބުނާނެ އާނ އެނގެޔޭ، ހައި ރިސްކް ވީމަ ހާއްސަ ސަމާލުކަން ދެމޭ. އެކަމަކު އެބުނާ ސަމާލުކަމެއް ދެވޭ ނަމަ ޕޮޒިޓިވް މީހުން ދެ ދުވަސް ވަންދެން ގޭގައި ނުބައިތިއްބާނެ ނޫންތޯ؟"
ކޮވިޑް-19 އަށް ޓެސްޓްކުރަން ނެގި ސާމްޕަލެއް އާރްއާރްޓީމްގެ މެމްބަރަކު ބަންދުކުރަނީ: ބަލި ޖެހޭ މީހުންގެ އަދަދު ދަނީ މައްޗަށް
ނަގާ ބައެއް ސާމްޕަލްތަކަށް ވާނުވާ ނޭނގުމުގެ މައްސަލަ ދިމާވީ، އެ އަންހެންމީހާގެ އާއިލާއަށް އެކަންޏެއް ނޫނެވެ. "މިހާރު"އާ ވާހަކަ ދެއްކި އެހެން އާއިލާއެއްގެ މީހަކު ވެސް ބުނީ އެމީހުންގެ ސާމްޕަލްތަކަށް ވީ ގޮތް އެޗްޕީއޭއަށް ވެސް އަދި ނޭނގޭ ކަމަށެވެ.
އެ އާއިިލާ ނިސްބަތްވާ ދައްތައެއްގެ ގެއިން އެންމެން ޕޮޒިޓިވްވި އެވެ. ދައްތަ ޕޮޒިޓިވްވުމުގެ ކުރިން އޭނާގެ އާއިލާއާ ބައްދަލުވެފައި އޮތުމުން، މުޅި އާއިލާ އައިސޮލޭޓްކޮށް ފުރަތަމަ ހެދި ޓެސްޓް ނެގެޓިވް އެވެ. އަދި 14 ދުވަހުގެ ކަރަންޓީނަށް ފަހު ދެވަނަ ސާމްޕަލް ނެގީ މިދިޔަ ބުދަދުވަހު އެވެ.
"އެ ދުވަހު ހެނދުނު އަށެއް ޖެހި އިރު ގުޅައިފި ސާމްޕަލް ނަގަން. ދެން 11 ޖެހި ފަހުން އައިސް ސާމްޕަލް ނަގައިގެން ދިޔަ އިރު ހިސާބުގަނޑު މީހުން ވެސް ތިބި ބަލަން،" އޭނާ ބުންޏެވެ.
"އަނެއްކާ އެރޭ ގުޅައިފި ސާމްޕަލް ނަގާށޭ ކިޔާފައި."
އެ ދުވަހު ހެނދުނު ސާމްޕަލް ނެގި ވާހަކަ ބުނުމުން ލިބުނު ޖަވާބަކީ، އޭނާ ބުނި ގޮތުގައި، "އެހެން ހެއްޔޭ" އެވެ.
"އަދިވެސް އެމީހުންނަކަށް އެ ސާމްޕަލްތަކަށް ވީ ގޮތެއް ނޭނގޭ. ތިން ދުވަސް ވެއްޖެ މިހާރު. ގުޅާ ކޮންމެ ފަހަރަކު މި ބުނަނީ ތިކަން އެބަ ބަލަމޭ."
މި ހާދިސާތަކުން އެނގެނީ، ކަމާ ބެހޭ ފަރާތްތަކަށް އޮތް ގޮންޖެހުން ބޮޑުވަމުން ދާ ކަމެވެ. ސިއްހީ އެހީތެރިން ހޭބޯނާރާ މަސައްކަތް ކުރަމުން އަންނަ ނަމަވެސް، ޕޮޒިޓިވްވާ މީހުން އާދަޔާ ހިލާފަށް ގިނަވުމަކީ، ބަލިމީހުން ބައިތިއްބާ ތަންތަން ފުރުމާއި، ސާމްޕަލް ނަގަން ވެސް ކުރިމަތިވާ ހުރަހެއް ކަމަށް ބެލެވެ އެވެ. އެހެންކަމުން އެ މަސައްކަތުގައި ގޯސްތައް ހެދޭކަމުގެ ކަންބޮޑުވުން، އެކި މީހުން ގެންދަނީ ފާޅުކުރަމުންނެވެ.
ތަޖުރިބާކާރުން ލަފާކުރާ ގޮތުގައި ކޮވިޑް-19ގެ ނުރައްކާ ކުރިއަށް އަދި އޮތީ އެވެ. އިއްޔެ އަކީ އެންމެ ގިނަ ދިވެހިން ޕޮޒިޓިވް ވި ދުވަހެވެ. އެގޮތުން އިއްޔެ އެކަނި 134 ދިވެއްސަކަށް ކޮވިޑް-19 ޖެހުނެވެ. އެ ބަލީގައި ރާއްޖެއިން މިހާތަނަށް 17 މީހަކު މަރުވެއްޖެ އެވެ.
ކެންސަރު ދަފްތަރުގައި 1،400 އަށް ވުރެ ގިނަ މީހުން
ކެންސަރު ބަލި މިއަށްވުރެ ސީރިއަސްކޮށް ނަގަންވެއްޖެ
ރާއްޖޭގައި 17 ޕަސެންޓް މީހުން މަރުވަނީ ކެންސަރުގައި
ކެންސަރު ކޮންޓްރޯލް ކުރުމަށް ފަސް އަހަރުގެ ޕްލޭނެއް
ލުއިތަކާ އެކު ވެސް ކޮވިޑް މައިތިރި؛ ސަބަބަކީ ކޮބާ؟
ކެންސަރަށް ފަރުވާ ކުރާ މީހުންގެ ދަފްތަރެއް އެކުލަވާލަނީ
ކޮވިޑްގެ އިތުރު 44 ކޭސް؛ މާލޭ ސަރަހައްދުން 37
ޒަރޫރީ ބޭނުމަކަށް ނޫނަސް ރަށްރަށަށް ދާން ހުއްދަ ދީފި
ކޮވިޑް-19 އަށް މިއަދު ޕޮޒިޓިވްވީ 27 މީހެއް
ކޮވިޑް-19އަށް މިއަދު ޕޮޒިޓިވްވީ 27 މީހެއް