Roadha Mihaaru
ސިޔާސީ ޕާޓީތަކަށް ފައިސާ ދޫކޮށްފި

ސިޔާސީ ޕާޓީތަކަށް ފައިސާ ދޫކޮށްފި

02 ނޮވެމްބަރ 2016

ސިޔާސީ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ދޭން ޖެހޭ ފައިސާ، ގިނަ ދުވަސްތަކަކަށް ފަހު މިއަދު ދޫކޮށްފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ސިޔާސީ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ދޭން ޖެހޭ ފައިސާ، ގިނަ ދުވަސްތަކަކަށް ފަހު މިއަދު ދޫކޮށްފި އެވެ.

އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި ސިޔާސީ ޕާޓީތަކަށް ފައިސާ ދޫކުރަން ގާނޫނުގައި އޮތް ނަމަވެސް، އިލެކްޝަންސް ކޮމިޝަނުން އެ ފައިސާ ދޫކުރުން ލަސްކުރާތީ ޕާޓީތަކުން ވަނީ ރުޅިގަދަވެފަ އެވެ.

އެގޮތުން ބައެއް ޕާޓީތަކުން ކޯޓުގައި މައްސަލަ ވެސް ވަނީ ޖައްސައިފަ އެވެ.

ދައުލަތުގެ ބަޖެޓުން މި އަހަރު 23 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ސިޔާސީ ޕާޓީތަކަށް ދޫކޮށްފައިވާއިރު، އޭގެ ތެރެއިން އެންމެ ގިނަ ފައިސާ ލިބުނީ، މެމްބަރުން އެންމެ ގިނަ ޕީޕީއެމްއަށެވެ. އެގޮތުން 10 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ސަރުކާރު ހިންގާ ޕާޓީ، ޕީޕީއެމަށް ލިބުނުއިރު އެމްޑީޕީއަށް ލިބުނީ ހަތް މިލިޔަން ރުފިޔާ އެވެ.

ޖުމްހޫރީ ޕާޓީއަށް ލިބުނީ 2.9 މިލިޔަން ރުފިޔާ އެވެ. ސަރުކާރުގެ ކޯލިޝަން ޕާޓްނަރު އެމްޑީއޭއަށް ދިނީ 2.8 މިލިޔަން ރުފިޔާ އެވެ.

މެމްބަރުންގެ އަދަދު 10،000 އަށް ވުރެ ދަށް ވުމުން އަދާލަތު ޕާޓީ އާއި ޑީއާރުޕީ އަށް މި އަހަރު ފައިސާ ދުލެއް ނުކުރެ އެވެ.

އިލެކްޝަންސް ކޮމިޝަނުން ކުރިން ބުނަމުން އައީ ފައިސާ ދޫކުރުން ލަސްކުރީ، ޕާޓީގެ މެމްބަޝިޕް ފޯމުތަކުގައި ފިންގަޕްރިންޓް ޖެހުމާ ގުޅޭ ގޮތުން އުފެދުނު މައްސަލައިގައި ކޯޓުން ގޮތެއް ނުނިންމާތީ ކަމަށެވެ. އެ ސަބަބަކާ ގުޅިގެން ޕާޓީތަކުގެ މެމްބަރުންގެ އަދަދު ކަށަވަރު ނުވާތީ ފައިސާ ދޫނުކުރީ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވެ އެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނު އައުމުގެ ކުރިން ޕާޓީތަކުގައި ރަޖިސްޓްރީ ވެފައިވާ މެމްބަރުންގެ ތެރެއިން މިދިޔަ މަހުގެ 12 ގެ ކުރިން ފިންގަޕްރިންޓް ހުށަހަޅާފައި ނެތް މީހުން އިލެކްޝަންސް ކޮމިޝަނުން ވަކިކޮށް އާ ޕާޓީތަކުގެ އާ ދަފުތަރެއް އެކުލަވާލި އިރު ގިނަ ޕާޓީތަކުގެ މެމްބަރުންގެ އަދަދު ވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ.

އެގޮތުން އެމްޑީޕީން 18،000އަށް ވުރެ ގިނަ މީހުން އުނިކޮށްފައިވާއިރު، ޑީއާރުޕީން ވަނީ 11،000އެއްހާ މީހުން އުނިކޮށްފަ އެވެ. އެކަމަކު ޕީޕީއެމަށް 1،401 މެމްބަރުން އިތުރުވި އިރު 37،633 މީހުންނާއެކު މިހާރު އެއީ ރާއްޖޭގައި އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީ އެވެ.

ޖުމްހޫރީ ޕާޓީން 3،000އަށް ވުރެ ގިނަ މީހުން އުނިކޮށްފައިވާއިރު މިހާރު އެ ޕާޓީގައި ތިބީ 10،989 މެމްބަރުންނެވެ. އަދި އެމްޑީއޭގައި ތިބީ 10،584 މީހުންނެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނުގައިވާ ގޮތުން ކޮންމެ އަހަރެއްގެ ވެސް ދައުލަތުގެ ބަޖެޓުން 0.1 އާއި 0.2 ޕަސެންޓާ ދެމެދުގެ އަދަދެއް ޕާޓީތަކަށް ދޭން ޖެހެ އެވެ.