Roadha Mihaaru
ކުޑަކުދިން ރުއްސަން ސްމާޓް ފޯނު ކުޅެން ނުދީ

ކުޑަކުދިން ރުއްސަން ސްމާޓް ފޯނު ކުޅެން ނުދީ

25 އޮކްޓޯބަރ 2016

ކުޑަކުދިން ރޯލާއިރަށް ނުވަތަ ބޮޑާ ހާކާލާއިރަށް އެކުދިން އަތަށް ސްމާޓް ފޯނު ދިނުމަކީ ވަރަށް ގިނަ މައިންބަފައިންގެ ކުރާ ކަމެކެވެ. ނަމަވެސް އެމެރިކަން އެކަޑަމީ އޮފް ޕީޑިއެޓްރިކްސް އިން މިދިޔަ ހުކުރު ދުވަހު ނެރުނު ގައިޑްލައިންގައިވާ ގޮތުން ކުދިން އަތަށް އެއްވެސް ހާލެއްގައި ސްމާޓް ފޯނު ދިނުމަކީ ކޮށްގެން ވާނެ ކަމެއް ނޫނެވެ.

ފާތުމަތު އަނީސާ ފާތުމަތު އަނީސާ

ކުޑަކުދިން ރޯލާއިރަށް ނުވަތަ ބޮޑާ ހާކާލާއިރަށް އެކުދިން އަތަށް ސްމާޓް ފޯނު ދިނުމަކީ ވަރަށް ގިނަ މައިންބަފައިންގެ ކުރާ ކަމެކެވެ. ނަމަވެސް އެމެރިކަން އެކަޑަމީ އޮފް ޕީޑިއެޓްރިކްސް އިން މިދިޔަ ހުކުރު ދުވަހު ނެރުނު ގައިޑްލައިންގައިވާ ގޮތުން ކުދިން އަތަށް އެއްވެސް ހާލެއްގައި ސްމާޓް ފޯނު ދިނުމަކީ ކޮށްގެން ވާނެ ކަމެއް ނޫނެވެ.

ބައެއް ހާލަތުގައި، މަތިންދާބޯޓު ފަދަ އުޅަނދެއްގައި ކުދިން ހުއްޓުވަން ނުވަތަ ބަލިވެގެން ފަރުވާއެއް ދޭ ވަގުތު ކުއްޖާގެ ސަމާލުކަން ގެއްލުވާލުން ފަދަ ހާލަތްތަކުގައި ނޫނީ ކުދިންނަށް ސްމާޓް ފޯނާ ކުޅެން ނުދިނުމަށް މި އާ ގައިޑްލައިންގައި އިރުޝާދު ދީފައިވެ އެވެ.

ކުދިން މައިތިރިކުރަން އެކި ވައްތަރުގެ ޑިވައިސްތައް ދިނުމަކީ އެކަމަށް އޮތް ހައްލެއް ނޫނެވެ. އޭގެ ސަބަބުން އެކުދިންގެ އަމިއްލަ ޖަޒުބާތުތައް ހާމަކުރުމުގެ ގާބިލްކަން އެކުދިންނަށް ގެއްލެ އެވެ.

ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި ތުއްތުކުދިންނާއި ކުޑަކުދިންގެ ހަޔާތުގެ ވެސް މުހިއްމު ބަޔަކަށް ޑިޖިޓަލް މީޑިއާ މިހާރު ވަނީ ވެފަ އެވެ. ނަމަވެސް ކުދިންގެ އުފެދުމަށް މިކަމުން ނޭދެވޭ އަސަރުތަކެއް ކުރާކަން ވަރަށް ގިނަ ދިރާސާތަކުން ސާބިތުވަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މާ ކުޑަކުދިންނަށް ސްމާޓް ފޯނު ދިނުން އެއްގޮތަކަށް ވެސް ރަނގަޅުނޫން ކަމަށް ތަޖުރިބާކާރުން ބުނޭ

މާ ކުޑަކުދިންނަށް ސްމާޓް ފޯނު ދިނުން އެއްގޮތަކަށް ވެސް ރަނގަޅުނޫން ކަމަށް ތަޖުރިބާކާރުން ބުނޭ

"އަހަރެމެން ވިސްނާލަން ޖެހޭ އެއް ކަމަކީ ތުއްތުއިރުގެ ހަޔާތަކީ ކުޑަކުދިންގެ ސިކުނޑިތައް ވަރަށް ބާރު ސްޕީޑްގައި ތަރައްގީވަމުންދާ ދުވަސްވަރެއްކަން. ކުދިން ކުޅުމަށާއި ނިދަން އަދި އެނޫން ވެސް ކަންތައްތަކަށް ބޭނުންވުމުން އެ ހާމަކުރާ ޖަޒުބާތުތަކަކީ އެކުދިންގެ ހެދިބޮޑުވުމަށް މުހިއްމު ކަންތައްތައް. އަދި އެކި ގުޅުންތައް ގާއިމްކުރުމަށް ވެސް އެކުދިން އެހެން މީހުންނާ ގިނަގިނައިން މުއާމަލާތްކޮށް ހެދުން މުހިއްމު،" ޔުނިވަސިޓީ އޮފް މިޗިގަންގެ ޑރ. ޖެނީ ރެޑެސްކި ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މާގިނައިން އެކި ކަހަލަ މީޑިއާތަކުގެ ބޭނުން ކުޑަކުދިން ކުރާ ނަމަ އެމީހުންނަށް މުހިއްމު ކަންތައްތަކެއް ކުރުން އެކުދިން މަހްރޫމުވެ އެވެ.

އޭނާ އިރުޝާދު ދެއްވަނީ އުމުރުން ދެ އަހަރާއި ފަސް އަހަރާ ދެމެދުގެ ކުދިންނަށް އެއްވެސް ކަހަލަ ޑިޖިޓަލް މީޑިއާއެއް ރެއަކާ ދުވާލު އެއް ގަޑިއިރަށް ވުރެ ގިނައިރަށް ނުދިނުމަށެވެ. އޭގެ ބަދަލުގައި މައިންބަފައިންނާއި ކުދިން ޝާމިލުވާ އެހެން ޕްރޮގްރާމްތަކެއް ރާވާ ކުދިން އެފަދަ ކަންތައްތަކުގައި ބައިވެރިކުރަން ޖެހޭ ކަމަށް ވެސް ތަޖުރިބާކާރު ވަނީ ވިދާޅުވެފަ އެވެ.

ވީޑިއޯ ޗެޓިން ފިޔަވައި ޑިޖިޓަލް މީޑިއާގެ އެއްވެސް ވަސީލަތެއް 18 މަހުން ދަށުގެ ކުދިންނަށް އެއްގޮތަކަށް ވެސް ނުދިނުމަށް ޑޮކްޓަރު ނަސޭހަތްތެރިވެ އެވެ.

ޑިޖިޓަލް މީޑިއާ މާގިނަ ވަގުތު ބޭނުންކުރާ ކުޑަކުދިންނަށް އެކަށީގެންވާ މިންވަރަށް ނިދި ނުލިބުމާއި އެކުދިންގެ ހެދިބޮޑުވުމަށް ހުރަސް އެޅުމާއި ކުދިންގެ ހަށިގަނޑުގެ ސިއްހަތާއި ސިކުނޑީގެ ދުޅަހެޔޮކަމަށް ވެސް ނުރަނގަޅު އަސަރުތައް ކުރާކަމަށް މިފަހަރު މި ނެރުނު ގައިޑްލައިންގައި ފާހަގަ ކޮށްފައިވެ އެވެ.