Roadha Mihaaru
ވިޔަފާރިތަކަށް 750 މިލިއަން ރުފިޔާގެ މާލީ އެހީ ދީފި

ވިޔަފާރިތަކަށް 750 މިލިއަން ރުފިޔާގެ މާލީ އެހީ ދީފި

20 ޖުލައި 2020

ކޮވިޑް-19 އާ ގުޅިގެން ވިޔަފާރިތަކަށް ލިބުނު ގެއްލުމުން އަރައިގަތުމަށްޓަކައި މިހާތަނަށް 725 މިލިއަން ރުފިޔާ ދީފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ކޮވިޑް-19 އާ ގުޅިގެން ވިޔަފާރިތަކަށް ލިބުނު ގެއްލުމުން އަރައިގަތުމަށްޓަކައި މިހާތަނަށް 725 މިލިއަން ރުފިޔާ ދީފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.

ފިނޭންސް މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުން ބީއެމްއެލް މެދުވެރިކޮށް ބޮޑެތި 322 ވިޔަފާރިއަކަށް ލޯނު ދޫކޮށްފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ 460 މިލިއަން ރުފިޔާ އާއި ހަ މިލިއަން ޑޮލަރެވެ.

ފިނޭންސުން ބުނީ މިހާތަނަށް ބޮޑެތި 360 ވިޔަފާރިއަކަށް ލޯނު ދޭން ނިންމާފައިވާ ކަމަށެވެ.

ބީއެމްއެލުން ލޯނު ދޫކުރަނީ ރިސޯޓުތަކާއި އަހަރެއްގެ މައްޗަށް އާމްދަނީގެ ގޮތުގައި 10 މިލިއަނަށް ވުރެ މަތީ އަދަދެއް ލިބޭ ވިޔަފާރިތަކަށެވެ. ރަހުނަކާ ނުލައި، އަހަރަކު ހަ ޕަސެންޓް އިންޓަރެސްޓް ދައްކާ ގޮތަށް ނަގާ މި ފައިނޭންސިން އަނބުރާ ދައްކަން ހަ މަހުގެ ގްރޭސް ޕީރިއަޑެއް ވެސް ދެ އެވެ. މާލީ މި އެހީ އެއްކޮށް ދައްކަން ތިން އަހަރުގެ މުއްދަތެއް ލިބެ އެވެ. ލޯނު ދެއްކުމުގެ ކުރިން ލިބޭ ގްރޭސް ޕީރިއަޑްގައި އިންޓްރެސްޓް އަދި ޕްރިންސިޕަލް ޕޭމަންޓް ވެސް ދައްކާކަށް ނުޖެހެ އެވެ.

ކުދި ވިޔަފާރިތަކަށް ސަރުކާރުގެ މާލީ އެހީ ދެނީ އެސްޑީއެފްސީ މެދުވެރިކޮށެވެ. އެ ބޭންކުން މިހާތަނަށް 1،303 ވިޔަފާރިއަކަށް 172 މިލިއަން ރުފިޔާ ދޫކޮށްފައިވެ އެވެ. ލޯނަށް އެދި 2،800 އަށް ވުރެ ގިނަ ވިޔަފާރިތަކުން ކުރިމަތިލި އިރު މިހާތަނަށް މާލީ އެހީތެރިކަން ފޯރުކޮށްދޭން ނިންމާފައި ވަނީ 1،640 ވިޔަފާރިއަކަށެވެ.

އެސްޑީއެފްސީ މެދުވެރިކޮށް ލޯނު ދޭނެ އަދަދު ކަނޑައަޅަނީ އެ ވިޔަފާރިއަކަށް ލިބޭ އެވްރެޖް އާމްދަނީ އަށް ބަލައިގެންނެވެ. އެގޮތުން އާމްދަނީ ލިބޭ ވަރު ބަލައި، އޭގެ 20 ޕަސެންޓްގެ ތިން ގުނަ، ކޮންމެ ވިޔަފާރިއަކަށް ވެސް ދޭން ވަނީ ނިންމައިފަ އެވެ.

އެސްޑީއެފްސީން ލޯނު ދިނުމުގައި ބަލަނީ ތިން މަހުގެ ހަރަދުތައް މެނޭޖް ކުރެވޭނެ ވަރެއް ފޯރުކޮށްދޭށެވެ. މި ހާއްސަ ޕެކޭޖުގެ ދަށުން އެސްއެމްއީތަކަށް 400 މިލިއަން ރުފިޔާ ކަނޑައަޅާފައިވެ އެވެ.