Roadha Mihaaru
ހަތް ދަރިވަރަކަށް ރައީސްގެ ސްކޮލަޝިޕް ދީފި

އޭ ލެވެލްގައި އެއް ވަނަ ހޯދި ހަތް ދަރިވަރަކަށް ރައީސްގެ ސްކޮލަޝިޕް ދީފި

19 ޖުލައި 2020

އޭ ލެވެލް އިން މިދިޔަ އަހަރު އެއްވަނަ ހޯދި ހަތް ދަރިވަރަކަށް، ރައިސުލްޖުމްހޫރިއްޔާގެ ސްކޮލަޝިޕްގެ ލިޔުން މިއަދު ދީފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އޭ ލެވެލް އިން މިދިޔަ އަހަރު އެއްވަނަ ހޯދި ހަތް ދަރިވަރަކަށް، ރައިސުލްޖުމްހޫރިއްޔާގެ ސްކޮލަޝިޕްގެ ލިޔުން މިއަދު ދީފި އެވެ.

ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި، މިިދިޔަ މެއި/ޖޫން މަހު ބޭއްވި އިމްތިހާނުގައި، ފަސް މާއްދާ އިން އޭ ސްޓާ ނުވަތަ ޝަހާދާ ސާނަވީ އިމްތިހާނުގައި ހުރިހާ މާއްދާއަކުން އޭ ސްޓާ ހާސިލްކުރި ދަރިވަރުންނަށް، ސްކޮލަޝިޕްގެ ލިޔުން ހަވާލުކުރެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.

ސްކޮލަޝިޕް ލިބުނު ހަތް ދަރިވަރުންގެ ތެރެއިން ފަސް ދަރިވަރުން ނިސްބަތް ވަނީ ސީއެޗްއެސްއަށެވެ. ދެން ތިބީ އަރަބިއްޔާ ސްކޫލުގެ ދެ ދަރިވަރުންނެވެ.

ސްކޮލަޝިޕް ލިބުނު ދަރިވަރުން:

- އައިޝަތު ރިސްލާ އުމަރު، ހދ. ކުޅުދުއްފުށީ، ވިނަމާގެ، ސީއެޗްއެސްއީ.

- މަރިޔަމް ރޫޔާ އިސްމާއިލް، ގ. ހައްދުންމަތީގެއާގެ، ސީއެޗްއެސްއީ.

- މަރިޔަމް ސައިފާ ރަޝީދު، ސ. ހުޅުދޫ، ދެވެލި، ސީއެޗްއެސްއީ.

- މަރިޔަމް ޒައިނާ މުހައްމަދު ސޯލިހު، މއ. ސިސިލްފަރު، ސީއެޗްއެސްއީ.

- ރާއިޝާ އަހުމަދު ފާއިޒު، ހ. ދެވެލިކިނާރާ، ސީއެޗްއެސްއީ.

- ޔޫސުފް އިނާޝް އިނާޒް، ދަފްތަރު ނަމްބަރު 1651، އަރަބިއްޔާ ސްކޫލު.

- އާލާ އަޒްމަތު ޖަމީލް، މއ. ނާރެސް، އަރަބިއްޔާ ސްކޫލު.

މިއަދުގެ ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ، އުފެއްދުންތެރިކަމާއި ޓެކްނޮލޮޖީގެ ގޮތުން ދުނިޔެ އަޅަމުން އަންނަ ހަލުވި ފިޔަވަޅުތަކަށް ބަލާއިރު، މަތީ ސާނަވީ ނިންމުމަކީ އުނގެނުމާއި އިލްމު ހޯދުމުގެ ހަގީގީ ފެށުން ކަމަށެވެ.

ރައީސްގެ ސްކޮލަޝިޕްގައި ހަތް ގައުމެއްގައި މިހާރު ވެސް 54 ދަރިވަރަކު އަންނަނީ ކިޔަވަމުންނެވެ. ހައި އެޗީވާސް ސްކޮލަޝިޕްގައި ތަފާތު ހަތް ގައުމެއްގައި 117 ދަރިވަރަކު ކިޔަވަމުން އަންނަ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

"މީގެ އިތުރުން ވެސް ދިވެހި އެތައް ހާސް ދަރިވަރުންނެއް، ދުނިޔޭގެ އެކި ގައުމުތަކުގައި މަތީ ތައުލީމުގެ ޕްރޮގްރާމްތައް ފުރިހަމަ ކުރަމުން އެބަ ގެންދޭ. އެ ހުރިހާ ދަރިވަރުން ވެސް، ކިޔަވަމުން އެ ދަނީ ރާއްޖެ އަށް ބޭނުންތެރި ވަރަށް މުހިންމު ދާއިރާތަކަކުން. އިރާދަކުރެއްވިއްޔާ އެ ހުރިހާ ދަރިވަރުންނަކީ ވެސް، ގައުމުގެ ތަރައްގީގައި މުހިންމު ހިއްސާއެއް ވާނެ ދަރިވަރުންތަކެއް ކަމުގައި އަޅުގަނޑު އުންމީދުކުރަން،" ރައީސް ވިދާޅުވި އެވެ.

ރާއްޖޭގެ އިގުތިސޯދުގެ މައި ތަނބު ކަމަށްވާ ޓޫރިޒަމް ހުއްޓިފައި އޮންނަތާ ތިން މަހަށް ފަހު މިދިޔަ ހަފުތާގައި އަލުން ހުޅުވާލައި، ގައުމުގެ އިގުތިސޯދު ކޮޅަށް ޖެހުމަށްޓަކައި އެންމެން އެކުގައި ތެދުވާން ޖެހޭ ކަމަށާއި އެކަން އެންމެ ފުރިހަމައަށް ކުރެވޭނީ، ރައީސް ވިދާޅުވި ގޮތުގައި، ގައުމުގެ އިގުތިސޯދީ ހަރަކާތްތަކާއި ވަޒީފާގެ މާހައުލުގައި ހަރަކާތްތެރިވާ ދިވެހިންގެ އަދަދު އިތުރުކޮށްގެންނެވެ. އެހެންވެ، އެ މަނިކުފާނު ވަނީ ރާއްޖޭގައި ހުރި ވަޒީފާގެ ފުރުސަތުތަކުގެ ބޭނުން ހިފުމަށް ޒުވާނުންގެ ކިބައިން އެދިވަޑައިގެންފަ އެވެ.