Roadha Mihaaru
އައިޖީއެމްއެޗުން ކޮވިޑް ޖެހުނު ދިވެއްސަކު މަރުވެއްޖެ

އައިޖީއެމްއެޗުން ކޮވިޑް-19 ޖެހުނު ދިވެއްސަކު މަރުވެއްޖެ

14 ޖުލައި 2020

ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗުން ކޮވިޑް-19 ޖެހުނު ދިވެއްސަކު މިއަދު މަރުވެއްޖެ އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗުން ކޮވިޑް-19 ޖެހުނު ދިވެއްސަކު މިއަދު މަރުވެއްޖެ އެވެ.

އެޗްޕީއޭ އިން ބުނީ މިއަދު ހަވީރު 5:05 ގައި މަރުވީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުން އައި އުމުރުން 79 އަހަރުގެ އަންހެނެއް ކަމަށެވެ. މިއީ ކޮވިޑް-19 ގައި ރާއްޖޭން މަރުވި 14 ވަނަ މީހާ އެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި މިއަދު މަރުވި މީހާ ކޮވިޑް-19 އަށް ޕޮޒިޓިވްވީ އައިޖީއެމްއެޗް ކްލަސްޓާ އިން މިމަހުގެ 4 ވަނަ ދުވަހު އެވެ.

އައިޖީއެމްއެޗްގެ ކްލަސްޓާ އިން ޕޮޒިޓިވްވި އިތުރު މީހަކު މި މަހުގެ 6 ވަނަ ދުވަހު ވެސް ވަނީ މަރުވެފަ އެވެ. އުމުރުން 80 އަހަރުގެ އެ މީހާ މަރުވީ ދަރުމަވަންތަ ހޮސްޕިޓަލްގެ ޑީއެޗް11 ގަައި ފަރުވާދެމުން އަންނަނިކޮށެވެ. އެއީ، އައިޖީއެމްއެޗުގެ އައިސީޔޫ އިން ވޯޑަށް ބަދަލުކޮށްފައި ވަނިކޮށް، ޕޮޒިޓިވްވިކަން އެނގުނު މީހުންގެ ތެރެއިން މީހެކެވެ.

ރާއްޖެ އިން މިހާތަނަށް ވަނީ އަށް ދިވެހިންނާއި ހަ ބިދޭސީން ކޮވިޑް-19 ޖެހިގެން މަރުވެފަ އެވެ. ބިދޭސީންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ ފަސް މީހުންނާއި ފިލިޕީންސް މީހެކެވެ.

އައިޖީއެމްއެޗުން މިހާތަނަށް ކޮވިޑަށް ޕޮޒިޓިވްވެފައި ވަނީ ޖުމްލަ 11 މީހުންނެވެ. އެއީ ހަތަރު މުވައްޒަފުންނާއި ފަސް، ބަލި މީހުންގެ އިތުރަށް، ބަލި މީހުންގެ ދެ އެހީތެރިންނެވެ.

އައިޖީމްއެޗްއެޗުގެ އައިސީޔޫގައި ބަލި ފެތުރިފައިވާކަން އެނގުނީ އައިސީޔޫގައި ކެންސަރު ބައްޔަށް ފަރުވާދެމުން ދިޔަ އިންޑޮނީޝިއާ މީހަކު ދެވަނަ ސާޖަރީއަކަށް ތައްޔާރު ކުރުމަށް ހެދި ޓެސްޓުން އޭނާ ކޮވިޑް-19 އަށް ޕޮޒިޓިވް ވުމުންނެވެ. އެކަމަކު ނަތީޖާ ލިބުމުގެ ކުރިން އޭނާ ވަނީ މަރުވެފަ އެވެ.

ރާއްޖެ އިން މިހާތަނަށް ވަނީ ކޮވިޑް-19 އަށް 2،762 މީހުން ޕޮޒިޓިވްވެފަ އެވެ. އޭގެ ތެރޭން 2،290 މީހުން ވަނީ ބަލިން ރަނގަޅުވެފަ އެވެ. ފަރުވާދެމުން މިހާރު ދަނީ 382 މީހުންނަށެވެ.