Roadha Mihaaru
އަދިތިޔާ "ދޯ ވިލަން" ދޫކޮށްލައިފި؟

އަދިތިޔާ ރޯއި ކަޕޫރް "ދޯ ވިލަން" ދޫކޮށްލައިފި؟

03 ޖުލައި 2020

ޑައިރެކްޓަރު މޯހިތު ސޫރީ މީގެ ހަ އަހަރު ކުރިން ގެނެސްދިން ކާމިޔާބު ފިލްމު "އޭކް ވިލަން" ގެ ސީކްއެލް އިން އެކްޓަރު އަދިތިޔާ ރޯއި ކަޕޫރް ވަކިވެފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޑައިރެކްޓަރު މޯހިތު ސޫރީ މީގެ ހަ އަހަރު ކުރިން ގެނެސްދިން ކާމިޔާބު ފިލްމު "އޭކް ވިލަން" ގެ ސީކްއެލް އިން އެކްޓަރު އަދިތިޔާ ރޯއި ކަޕޫރް ވަކިވެފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނި ގޮތުގައި "ދޯ ވިލަން" އިން އަދިތިޔާ ވަކިވީ ޑައިރެކްޓަރާ މެދު އުފެދުނު ހިޔާލު ތަފާވުންތަކާ ގުޅިގެންނެވެ. އަދި އެގޮތަށް ނިންމީ ދެ މީހުން ވާހަކަ ދައްކައި މަޝްވަރާކުރުމަށް ފަހު، ކަމަށް ވެސް ނޫސްތަކުން ބުންޏެވެ.

ނަމަވެސް ބައެއް ނޫސްތަކުން ބުނި ގޮތުގައި އަދިތިޔާ ފިލްމު ދޫކޮށްލި މައިގަނޑު ސަބަބަކީ "ދޯ ވިލަން" އިން އޭނާ އަށް ލިބުނު ކެރެކްޓާ އަށް ވުރެ ޖޯން އަބްރަހަމް އަށް ދިން ކެރެކްޓާ ވަރުގަދަވެފައި، އެ ރޯލް ބޮޑުވުމެވެ.

ބޮލީވުޑް ހަންގާމާ އިން ބުނިގޮތުގައި އަދިތިޔާ ފިލްމުން ވަކިވެފައިވާތީ، މޯހިތު މިހާރު ވަނީ އެހެން އެކްޓަރަކު ހޯދުމުގެ މަސައްކަތް ފަށައިފަ އެވެ. އަދިތިޔާ އަކީ މޯހިތު މިދިޔަ ފެބްރުއަރީ މަހު ގެނެސްދިން ކާމިޔާބު ފިލްމު "މަލަންގް" ގެ ބަތަލެވެ.

މޯހިތާއި އަދިތިޔާ.

މޯހިތާއި އަދިތިޔާ.

އެ ފިލްމުގެ ސީކްއެލްއެއް ވެސް ހަދަން ނިންމާފައިވާ އިރު، އަދިތިޔާ ސީކްއެލްއިން ވެސް ފެންނާނެ އެވެ.

އަދިތިޔާ އަކީ މޯހިތުގެ އެންމެ ކާމިޔާބު ފިލްމު ކަމަށްވާ 2013 ގެ "އާޝިގީ 2" ގެ ވެސް ބަތަލެވެ.

އެލްތާ ކަޕޫރްގެ ބާލާޖީ އާއި ބުޝަން ކުމާރުގެ ޓީ ސީރީޒް ގުޅިގެން ހަދާ "ދޯ ވިލަން" އަކީ އަންނަ އަހަރުގެ ޖެނުއަރީ 8 ގައި ސިނަމާތަކަށް ގެންނަން ތާވަލުކޮށްފައި އޮތް ފިލްމެކެވެ. އެކަމަކު އިންޑިއާގެ ލޮކްޑައުންއާ ހެދި ފިލްމުގެ މަސައްކަތް ކުރިން ރޭވި ގޮތަށް ނުދިއުމާ ގުޅިގެން އެ ތާރީހުގައި ފިލްމު ސިނަމާތަކަށް އައުމުގެ ފުރުސަތު ކުޑަ އެވެ.

"ދޯ ވިލަން" ގެ ބަތަލާއިންނަކީ "މަލަންގް" ގެ ވެސް ބަތަލާ ޑިޝާ ޕަޓާނީ އާއި ތާރާ ސުތާރިއާ އެވެ.

ދެހާސް ސާދައިގައި ގެނެސްދިން "އޭކް ވިލަން" ގެ މުހިއްމު ރޯލްތައް ކުޅުނީ ސިދާތު މަލްއުތުރާ އާއި ޝްރަދާ ކަޕޫރާއި ރިތޭޝް ދޭޝްމުކެވެ.