Roadha Mihaaru
ޗައިނާގެ އުފެއްދުންތައް ޕްރޮމޯޓްނުކުރަން ގޮވާލައިފި

އިންޑިއާގެ ތަރިން ޗައިނާގެ އުފެއްދުންތައް ޕްރޮމޯޓް ނުކުރަން ގޮވާލައިފި

03 ޖުލައި 2020

ޗައިނާގެ އުފެއްދުންތަކާއި ބްރޭންޑްތައް އިންޑިއާގެ ފިލްމީ ތަރިން އެންޑޯޒްކޮށް، ޕްރޮމޯޓްނުކުރަން ފެޑެރޭޝަން އޮފް ވެސްޓަން އިންޑިއާ ސިނެ އެމްޕޮޔީޒް (އެފްޑަބްލިއުއައިސީއީ) އިން ގޮވާލައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޗައިނާގެ އުފެއްދުންތަކާއި ބްރޭންޑްތައް އިންޑިއާގެ ފިލްމީ ތަރިން އެންޑޯޒްކޮށް، ޕްރޮމޯޓްނުކުރަން ފެޑެރޭޝަން އޮފް ވެސްޓަން އިންޑިއާ ސިނެ އެމްޕޮޔީޒް (އެފްޑަބްލިއުއައިސީއީ) އިން ގޮވާލައިފި އެވެ.

އެތަނުން މިކަމަށް ގޮވާލާފައި ވަނީ އިންޑިއާގެ ސަލާމަތާއި އިސްތިގުލާލަށާއި ރައްޔިތުންގެ ރައްކާތެރިކަމަށް ޗައިނާގެ މޮބައިލް އެޕްލިކޭޝަންތަކުގެ ސަބަބުން ބުރޫއަރަމުންދާ ކަމަށް ބުނެ 59 އެޕެއް ސަރުކާރުން މަނާކޮށްފައި ވަނިކޮށެވެ. މަނާކުރި އެޕްތަކުގެ ތެރޭގައި އިންޑިއާގެ ފިލްމީ ތަރިންގެ ތެރޭގައި މަޝްހޫރު ޓިކްޓޮކް ހިމެނެ އެވެ.

އެފްޑަބްލިއުއައިސީއީ އިން ބުނީ ޗައިނާ ދަނީ އިންޑިއާގެ ހައްގުތަކަށް އަރައިގަނެ، ދެ ގައުމުގެ މެދުގައި އޮތް ގުޅުމަށް ބުރޫއަރުވަމުންނެވެ. އެހެންވެ މިފަދަ ހާލަތެއްގައި ޗައިނާގެ ވިޔަފާރިތައް ކުރިއަރުވަން އިންޑިއާގެ ފަންނާނުން އެހީވެގެން ނުވާނެ ކަމަށާއި މިއީ ގައުމު އިސްކުރަންވީ ވަގުތު ކަމަށް ބުނެފައިވެ އެވެ.

"އެހެންވެ އަހަރެމެން އެދެން އިންޑިއާގެ އެއްވެސް ފިލްމީ ތަރިއެއް މި ދަނޑިވަޅުގައި ޗައިނާގެ އެއްވެސް އުފެއްދުމެއް، ބްރޭންޑެއް އެންޑޯޒްކޮށް، ޕްރޮމޯޓްނުކުރަން،" އެފްޑަބްލިއުއައިސީއީ އިން ބުންޏެވެ. "މި ވަގުތަކީ އަހަރެމެންގެ ގައުމުގެ ރައްކާތެރިކަމާއި ސަލަމަތްތެރިކަމަށް އިސްކަންދޭންވީ ވަގުތެއް."

ބޮލީވުޑްގެ ވަރަށް ގިނަ ތަރިންނަކީ ޗައިނާގެ އެކި ކަހަލަ އުފެއްދުންތައް އިޝްތިހާރުކޮށްދޭ ބައެކެވެ. އޭގެ ތެރޭގައި ޗައިނާގެ ނޫޑްލްސް އާއި ސޯސް އާއި ފޯނު ފަދަ އެއްޗެހި ހިމެނެ އެވެ. އަދި އުފެއްދުންތައް އިޝްތިހާރުކޮށްދޭ ބައެއް ތަރިންގެ ތެރޭގައި އާމިރު ޚާނާއި ރަންވީރު ސިންގް އާއި އޭނާގެ އަންހެނުން އަަދި މަޝްހޫރު ބަތަލާ ދީޕިކާ ޕަދްކޯނާއި ވިކީ ކޯޝަލާއި ކެޓްރީނާ ކެއިފް ފަދަ ތަރިން ހިމެނެ އެވެ.

ޗައިނާއާ ދެކޮޅަށް އިގުތިސާދީ ގޮތުން އިންޑިއާގައި ކެމްޕޭންތައް ކުރަމުންދާ އިރު، އޭގެ ތެރެއިން އެންމެ ބޮޑަށް ފޯކަސްކޮށްފައި ވަނީ އެ ގައުމުގެ އުދެއްފުންތައް އިންޑިއާގައި ބޭނުންކުރުން ހުއްޓައިލުމެވެ. އެގޮތުން boycottChineseproducts# ގެ ނަމުގައި ކެމްޕޭން ކުރަމުންދާތާ މިހާރު ދެ މަހެއްހާ ދުވަސްވެއްޖެ އެވެ.

ޗައިނާ އަކީ އިންޑިއާގެ ފިލްމުތަކަށް ބޮޑު މާކެޓެއް ވެސް އޮންނަ ގައުމެކެވެ. ނަމަވެސް ދެ ގައުމުގެ މެދުގައި އުފެދިފައިވާ ކޯޅުންތަކާ ހެދި، އެ މާކެޓް މި ވަގުތަށް އިންޑިއާ އަށް މުހިއްމެއް ނުވާނެ އެވެ.

ދެކުނު އޭޝިއާގެ އެންމެ ވަރުގަދަ ދެ ގައުމު އަދި ދުނިޔޭގެ އެންމެ އާބާދީ ވެސް ބޮޑު ދެ ގައުމުގެ މެދުގައި މިހާރު މައްސަލަތައް ހޫނުވެގެން އުޅެނީ ދެ ގައުމުގެ ބޯޑަރު ހިއްސާކުރާ ލަޑާކް ސަރަހައްދުގައި ޗައިނާ އިން އަސްކަރީ މަރުކަޒުތަކެއް ގާއިމުކުރާ އިރު، ގަވްލާން ސަރަހައްދުން އިންޑިއާގެ ބިމުގެ ތެރެއަށް ޗައިނާ އިން ވަދެފައިވާ ކަމަށް އިންޑިއާ އިން ކުރާ ތުހުމަތުތަކާ އެކީގަ އެވެ.

މިކަމާ ގުޅިގެން ދެ ގައުމުގެ ސިފައިންގެ މެދުގައި ކުރިމަތިލުންތަކެއް ހިނގައި، ދެ ގައުމުގެ ސިފައިންގެ އޮފިސަރުންތަކެއް ވެސް މަރުވެފައިވެ އެވެ.