28 ޖޫން 2020
ގިނަ ފަހަރު ރީތި ޗާލު އެއްޗެހި ހުއްޓައި ވިދާ އެއްޗެއްސަށް ލޯދަމާ ފަދައިން އިންސާނާއަކީ އޭނާގެ ދިރިއުޅުމުގެ މަގުސަދުތަކުގައި އޮޅުންއަރުވާ މީހެކެވެ. ދިރިއުޅުމުގެ ކަންކަން ތަރުތީބުކުރުމުގައްޔާއި އިސްފަސްކުރުމުގައި އިންސާނާއަކީ މުހިއްމު ކަންކަން ދޫކޮށް ބޭކާރު ކަންކަން އިޚްތިޔާރުކުރާ މީހެކެވެ. ސަބަބަކީ އޭނާއަށް ކަންކަން ވިސްނޭ ގޮތާއި އޭނާ ކަންކަން ދެކޭ ގޮތް ތަފާތުވުމެވެ. ކުރުކޮށް ދަންނަވާ ނަމަ ރާއްޖޭގެ އިގްތިސޯދީ ހަރަކާތްތަކުގައި ބޮޑެތި ވިޔަފާރިތަކާއި ކުދި ވިޔަފާރިތަކަށް އިސްކަންދިނުމުގައި ވެސް ދިމާވެފައި މިވަނީ މިފަދަ މައްސަލައެކެވެ. ކުށްހީއެކެވެ.
ގިނަ ފަހަރު ރީތި ޗާލު އެއްޗެހި ހުއްޓައި ވިދާ އެއްޗެއްސަށް ލޯދަމާ ފަދައިން އިންސާނާއަކީ އޭނާގެ ދިރިއުޅުމުގެ މަގުސަދުތަކުގައި އޮޅުންއަރުވާ މީހެކެވެ. ދިރިއުޅުމުގެ ކަންކަން ތަރުތީބުކުރުމުގައްޔާއި އިސްފަސްކުރުމުގައި އިންސާނާއަކީ މުހިއްމު ކަންކަން ދޫކޮށް ބޭކާރު ކަންކަން އިޚްތިޔާރުކުރާ މީހެކެވެ. ސަބަބަކީ އޭނާއަށް ކަންކަން ވިސްނޭ ގޮތާއި އޭނާ ކަންކަން ދެކޭ ގޮތް ތަފާތުވުމެވެ. ކުރުކޮށް ދަންނަވާ ނަމަ ރާއްޖޭގެ އިގްތިސޯދީ ހަރަކާތްތަކުގައި ބޮޑެތި ވިޔަފާރިތަކާއި ކުދި ވިޔަފާރިތަކަށް އިސްކަންދިނުމުގައި ވެސް ދިމާވެފައި މިވަނީ މިފަދަ މައްސަލައެކެވެ. ކުށްހީއެކެވެ.
ޝައްކެއް ވެސް ނެތެވެ. ރާއްޖޭގެ މަޝްހޫރު ރަން ބިސް އަޅާ ކުކުޅު، ފަތުރުވެރިކަމަކީ ވަރަށް މުހިއްމު ކަމެކެވެ. ފަތުރުވެރިކަން ތައާރަފްވުމާ އެކު ދިވެހިން އިގްތިސޯދީ ހަރަކާތްތައް ދެކޭ ގޮތް ބަދަލުވެ ރާއްޖޭގެ އިގްތިސޯދުގެ މައި ނާރަކީ ފަތުރުވެރިކަމުގެ (ބޮޑެތި ވިޔަފާރިތައް) ކަމަށް ދެކި ގަބޫލުކުރެވެން ފެށި އެވެ. ނަތީޖާއަކަށް ވީ ރާއްޖޭގެ އިގްތިސޯދާއި ވިޔާފާރީގެ އަމާޒު އޮލަނބަށް ފަތުރުވެރިކަމާ ދިމާލަށް އެނބުރިގެން ދިއުމެވެ. އޭގެ ސަބަބުން ކުދި މެދު ވިޔަފާރިތައް ހަވާސާވެގެން ދިއުމެވެ. އެކަމަކު އެއީ ކުށްހީއެކެވެ. ހަގީގަތެއް ނޫނެވެ. އޮޅުމެކެވެ! މިހާރު މި ކުށްހީ ރަނގަޅުކޮށް ވިސްނުން ބަދަލުކުރަން ޖެހިއްޖެ އެވެ. ސަބަބުތައް ކުރުކޮށް ދަންނަވާލާނަމެވެ.
ފުރަތަމަ ކަމަކީ ރާއްޖޭގެ އިގްތިސޯދީ ޙަރަކާތްތަކަށް ވިސްނާލާއިރު، އިގްތިސާދީ ގިނަ ޙަރަކާތްތައް ހިންގަނީ ކުދި މެދު ވިޔަފާރިތަކުންނެވެ. އިހުޒަމާނުގައި ފަތުރުވެރިކަމުގެ ބޮޑެތި ކުންފުނިތަކެއް ނެތެވެ. އޭރު އޮތީ ހަމައެކަނި ކުދި މެދު ވިޔަފާރިތަކެވެ. މުޅި ގައުމު ހިންގީ އެމީހުންގެ ހިތްވަރުން ލިބުނު އެއްޗަކުންނެވެ. މިއަދުގެ ހާލަތަށް ބަލާއިރު ރެޖިސްޓްރީކޮށްފައިވާ ވިޔަފާރިތަކުގެ ތެރެއިން 80 ޕަސެންޓަކީ ކުދި މެދު ވިޔަފާރިތަކެވެ. ފަތުރުވެރިކަމުގެ ބޮޑެތި ވިޔަފާރިތައް ނިސްބަތުން މަދެވެ. އެހެންވީމާ އަދިވެސް ރާއްޖޭގެ އިގްތިސޯދާއި ވިޔަފާރީގެ ނާރެހަކީ ހަމަ ނިސްބަތުން ކުދި މެދު ވިޔަފާރިތަކެވެ. މިއީ ހަގީގަތެކެވެ. މިއަށް، ކިޔަނީ ވޮލިއުމް އޮފް އިކޮނޮމިކް އެކްޓިވިޓީ އެވެ.
ދެވަނަ ސަބަބަކީ ގިނަ މީހުންނަށް ވަޒީފާ ދެނީ ކުދި މެދު ވިޔަފާރިތަކުންނެވެ. ތަފާސްހިސާބުތަކަށް ބަލާއިރު ރާއްޖޭގެ ވަޒީފާގެ ބާޒާރުގައި މިހާރުވެސް ގިނަ މީހުން ވަޒީފާ އަދާކުރަނީ (ގިނަ މީހުން މަސައްކަތްކުރަނީ) ކުދި މެދު ވިޔަފާރިތަކުގަ އެވެ. ފަތުރުވެރި ބޮޑެތި ވިޔަފާރިތަކުގައި ވަޒީފާ އަދާކުރަނީ ނިސްބަތުން މަދު ދިވެހި ފަރުދުންނެވެ. އެހެންވީމާ ވަޒީފާ ލިބޭ ނިސްބަތުން ބަލާއިރު ރާއްޖޭގެ އިގްތިސޯދުގައި ގިނަ ދިވެހިންނަށް ވަޒީފާގެ ފުރުސަތު ދެނީ ކުދި މެދު ވިޔަފާރިތަކުންނެވެ. ފަތުރުވެރި ބޮޑެތި ވިޔަފާރިތަކަކުން ނޫނެވެ. މިއީ ހަގީގަތެކެވެ. މިއަށް ކިޔަނީ ކޮންޓްރިބިއުޝަން އޮފް އެމްޕްލޯއިމެންޓް އެވެ.
ތިންވަނަ ސަބަބަކީ ސަރަހައްދީ ގޮތުން ބޮޑަށް ފުޅާވެފައިވަނީ ކުދި މެދު ވިޔަފާރިތަކެވެ. މާނައަކީ މުޅި ރާއްޖެއަށް ވިޔަފާރި ފެތުރިފަވާ މިންވަރަށް ބަލާއިރު، މުޅި ރާއްޖޭގައި އިގްތިސޯދާއި ވިޔަފާރީގެ ހަރަކާތްތަކުގައި ގިނައިން އުޅެނީ ކުދި މެދު ވިޔަފާރިތަކެވެ. ފަތުރުވެރި ބޮޑެތި ވިޔަފާރިތައް ހުރީ ވަކި ސަރަހައްދުތަކެއްގައި މަރުކަޒުވެފަ އެވެ. މުޅި ރާއްޖެއަށް ފުޅާވެފައެއް ނެތެވެ. މިއީ ވެސް ހަގީގަތެކެވެ. މިއަށް ކިޔަނީ އިކޮނޮމިކް އެކްޓިވިޓީ ސްޕްރެޑް އެވެ.
ހަތަރު ވަނަ ސަބަބަކީ އިގްތިސޯދަށް ހިއްސާކުރާ މިންވަރު ބޮޑީ ވެސް ކުދި މެދު ވިޔަފާރިތަކެވެ. މާނައަކީ ރާއްޖެއަށް (ދިވެހިންނަށް) ލިބޭ އާމްދަނީގެ ނިސްބަތުން ހިއްސާ ބޮޑީ ކުދި މެދު ވިޔަފާރިތަކެވެ. ފަތުރުވެރިކަމުގެ ބޮޑެތި ވިޔަފާރިތަކުން ގިނަ ލާރި ރިސޯޓު ކުންފުނިތަކަށް ވަންކަމުގައި ވިޔަސް ވަންނަ ލާރީގެ ބޮޑު ބައި ދަނީ ބޭރަށެވެ. ފަތުރުވެރިކަމުގެ ބޮޑެތި ވިޔަފާރިތަކުގައި ވަޒީފާ އަދާކުރާ ދިވެހިންގެ އަދަދު ނިސްބަތުން މަދުވީމާ އެމީހުންނަށް ލިބޭ އާމްދަނީ މަދެވެ. ފަތުރުވެރިކަމުގެ ބޮޑެތި ވިޔަފާރިތަކުގެ މިލްކުވެރިންނަކީ ގިނައިން ބޭރުމީހުނަށް ވާތީ ތޮބީއީ ގޮތުން ފަތުރުވެރިކަމުގެ ނަފާގެ ބޮޑު ބައި ދަނީ ބޭރަށެވެ. މިއީ ވެސް ހަގީގަތެކެވެ. މިއަށް ކިޔަނީ ކޮންޓްރިބިއުޝަން އޮފް އިންކަމްސް އެވެ.
މާލޭގެ ފިހާރައަކުން މީހަކު ގަމީހެއް ޗެކްކޮށްލަނީ: ކުދި، އަދި މެދު ފަންތީގެ ވިޔަފާރިތަކަކީ އިގުތިސާދުގެ މައި ހަރަކާތް --ފޮޓޯ/މުހައްމަދު ޝަރުހާން/މިހާރު
މަތީގައި ދެންނެވި ހަގީގަތްތައް މިހެން ސާފުކޮށް ފެންނަން ހުއްޓައި ވެސް ރާއްޖެއަށް ގިނަ ލާރި ލިބެނީ ފަތުރުވެރިކަމުގެ ބޮޑަތި ވިޔަފާރިންނޭ، ގިނަ މީހުންނަށް ވަޒީފާ ދެނީ ފަތުރުވެރިކަމުގެ ބޮޑެތި ވިޔަފާރިންނޭ މިފަދަ ވާހަކަތައް ދެކެވި ގިނަ މީހުންނަށް މިހެން ހީވެ، ގަބޫލުކުރެވެނީ ކީއްވެގެންތޯ ބަލައިލަމާ ހިންގަވާށެވެ. ސަބަބުތައް ކުރުކޮށް ދަންނަވާލާނަމެވެ.
ފުރަތަމަ ކަމަކީ ފަތުރުވެރިކަމުގެ ވިދުވަރެވެ! ވިދާ އެއްޗެހި ބޮޑަށް މީހުންގެ ލޮލުގައި އަޅައިގަނެޔޭ ބުނާހެން ފަތުރުވެރިކަމުގެ ހޭދަތައް (އިންވެސްޓްމެންޓްތައް) ބޮޑުވެ، ބިޔަވެފައި ޗާލުނަލަވީމާ މީހުންނަށް ހީވާން ފެށީ އަދި ކިޔެން ފެށީ ވެސް ދިވެހި ވިޔަފާރީގެ ބޮޑު ހިއްސާ އޮތީ ފަތުރުވެރިކަމުގެ ބޮޑެތި ވިޔަފާރީގައި ކަމަށެވެ. އެކަމަކު އެއީ ކުށްހީއެކެވެ. އޮޅުވާނުލައްވައްޗެވެ! ފަހަރެއްގައި ވެސް މިދަންނަވަނީ ފަތުރުވެރިކަން މުހިއްމު ނޫނެކޭ ނޫނެވެ. އަދި ފަތުރުވެރިކަން ގޯސްކުރަނީކީ ވެސް ނޫނެވެ. އަޅުގަނޑު މިދަންނަވާ އެއްޗަކީ ރާއްޖޭގެ އިގްތިސޯދީ ހަރަކާތުގައި ނިސްބަތުން ގިނައީ، ދިވެހިންނަށް ގިނަ ވަޒީފާ އާއި ގިނަ އާމްދަނީ ލިބެނީ ކުދި، މެދު ވިޔަފާރިތަކުންނެވެ. ފަތުރުވެރި ބޮޑެތި ވިޔަފާރިތަކުންނެއް ނޫނެވެ.
އަޅުގަނޑަކީ މިގައުމުގެ އަމުރުމައުރޫފު ހިނގާ މީހެއް ނަމަ، ކުރިމަގުގެ ފޯކަސް ބަދަލުކޮށްލާނީ ކުދި، މެދު ވިޔަފާރިތައް ކުރިއަރުވާށެވެ. މައިގަނޑު ސިޔާސަތުތައް އަމާޒުކުރާނީ ކުދި، މެދު ވިޔަފާރިތަކަށް ބޭނުންވާ ނިޒާމުތައް އެކުލަވާލުމާއި، ތައުލީމާއި ތަމްރީނު ދިނުމާއި، ފައިސާ ހޯދައިދިނުމުގެ ކަންކަމުގަ އެވެ.
ދެވަނަ ކަމަކީ ފަތުރުވެރި ރަށްތަކުގެ ވަތްގަނޑުތަކަށް ގިނަ ލާރި ވަންނާތީ މީހުނަށް ހީވެފައި އޮތީ ރާއްޖެއަށް ގިނަ ލާރި ލިބެނީ ފަތުރުވެރި ބޮޑެތި ވިޔަފާރިން ކަމަށެވެ. ރާއްޖޭގެ އިގްތިސޯދުގައި ފަތުރުވެރިކަމުގެ ހިއްސާ ބޮޑުވަނީ (ހަމައެކަނި) އެ މިންގަނޑުން ބެލީމަ އެވެ. އެކަމަކު އެއީވެސް ބިލާހެކެވެ. ފަތުރުވެރިކަމުގެ ބޮޑެތި ވިޔަފާރިތަކުން އެ އުފައްދާ ގިނަ ލާރީގެ 80 ޕަސެންޓް ދަނީ ބޭރަށެވެ. ބޭރުމީހުންގެ ޖީބަށެވެ. އެކަމަކު ކުދި، މެދު ވިޔަފާރިތަކުން ލިބޭ ހުރިހައި ލާރިއެއްހެން ގާތްގަނޑަކަށް ވަންނަނީ، ހަރުލަނީ އަދި އަލުން ހޭދަވަނީ (ރިއިންވެސްޓްކުރަނީ) ހަމަ ރާއްޖޭގަ އެވެ. އެހެންވީމާ އިގްތިސޯދުގައި ފަތުރުވެރިކަމުގެ ހިއްސާ އަސްލު ބޮޑެއް ނޫނެވެ. ޙިއްސާ ބޮޑީ ކުދި، މެދު ވިޔަފާރިތަކުގަ އެވެ.
ދެން މިހާ ހިސާބުން، މަތީގައި ދެކެވުނު ވާހަތަކުގެ މާނަޔަކީ ކޮބައިތޯ، ވިސްނަންވީ ކަންކަމަކީ ކޮބައިތޯ، އިމްޕްލިކޭޝަނަކީ (އިގްތިސޯދީ ސިޔާސަތާ ހުރި ގުޅުމަކީ) ކޮބައިތޯ ބަލާލަމާހިނގާށެވެ. ޕޮއިންޓްފޯމަށް ވަކިވަކި ނުގުތާތަކަށް ކުރުކޮށް ދަންނަވާލީމާ ފަހުމުވާން ފަސޭހަވާނެ އެވެ.
އައްވަލު ބިސްމިއްލާހިއަށް ދަންނަވާލަން އޮތީ ދިވެހިން ކުދި، މެދު ވިޔަފާރިތަކާ މެދުގައި ދެކޭ ގޮތް އަދި ވިސްނާ ގޮތް ބަދަލުކުރަން ވެއްޖެ އެވެ. މުޅި ގައުމަށް ފެތުރިފައި އޮތުމާއި އުފެއްދުންތެރިކަމާއި ވަޒީފާ ލިބުމާ އަދި އާމްދަނީ ލިބުމުގެ މިންގަނޑުތަކުން ބަލާއިރު، ރާއްޖެއަށް (ވަކިން ޚާއްސަކޮށް މިއަދު) އެންމެ މުހިއްމީ ކުދި، މެދު ވިޔަފާރިތަކެވެ. ފަތުރުވެރިކަމުގެ ބޮޑެތި ވިޔަފާރިތައް ވެސް މުހިއްމެވެ. އެކަމަކު ފަތުރުވެރިކަމުގެ ބޮޑެތި ވިޔަފާރިތައް މުހިއްމުވަނީ އިންވެސްޓްމެންޓާއި ބޭރު ފައިސާ އަދި އިގްތިސޯދީ ހަރަކާތުގެ ދާއިރާ ފުޅާކުރުމާ މި މޭރުމުންނެވެ. އެއާ ޚިލާފަށް ރާއްޖޭގެ އިގްތިސާދުގެ ބިނާ ފުޅާކުރުމަށާއި އިގްތިސޯދީ ސަރަކަ ހަލުވިކުރުމަށާއި ފަގީރުކަމުން އަރައިގަނެ އަމިއްލަ ފައިމައްޗަށް ތެދުވުމަށް ކުދި، މެދު ވިޔަފާރިތައް މާ މުހިއްމެވެ. މިގޮތަށް ވިސްނައި މިގޮތަށް ދެކެމާ ހިނގާށެވެ.
ދެވަނަ ކަމަކީ ވިޔަފާރި ފުޅާކުރުމުގައި ނިސްބަތުން އިސްކަންދޭންވީ ކުދި، މެދު ވިޔަފާރިތަކަށެވެ. ލޯނު ދިނުމުގައި ވެސް ނިސްބަތުން ގިނަ ލޯނު ދޭންވީ ކުދި، މެދު ވިޔަފާރިތަކަށެވެ. ތައުލީމާއި ތަމްރީނުދިނުމުގައި ވެސް އިސްކަންދޭންވީ ކުދި، މެދު ވިޔަފާރިތަކަށެވެ. ރާއްޖެއަށް މުހިއްމީ އަދި ބޮޑަށް ފައިދާ ހުރީ ކުދި، މެދު ވިޔަފާރިތައް ފުޅާކުރުމުންނެވެ. އެސަބަބުތައް ޖުމްލަކޮށް ކުރިން ހާމަކޮށްފީމެވެ.
އަޅުގަނޑަކީ މިގައުމުގެ އަމުރުމައުރޫފު ހިނގާ މީހެއް ނަމަ، ކުރިމަގުގެ ފޯކަސް ބަދަލުކޮށްލާނީ ކުދި، މެދު ވިޔަފާރިތައް ކުރިއަރުވާށެވެ. މައިގަނޑު ސިޔާސަތުތައް އަމާޒުކުރާނީ ކުދި، މެދު ވިޔަފާރިތަކަށް ބޭނުންވާ ނިޒާމުތައް އެކުލަވާލުމާއި، ތައުލީމާއި ތަމްރީނު ދިނުމާއި، ފައިސާ ހޯދައިދިނުމުގެ ކަންކަމުގަ އެވެ. ސަބަބަކީ މި ގައުމުގެ އިގްތިސޯދީ ބިނާ އުފުލި ފެތުރޭނީ އޭރުންނެވެ. މިގައުމުގެ ގިނަ މީހުންނަށް ވަޒީފާ އާއި އާމްދަނީ ލިބޭނީ އޭރުންނެވެ. މި ގައުމުގެ މީހުންގެ ދުޅަހެޔޮކަން އިތުރުވާނީ އޭރުންނެވެ. މި ގައުމުގެ އިގްތިސޯދީ ސަރަކަ ހަލުވިވެ ގައުމުގެ އިގްތިސޯދު އަރަފޯދޭނީ އޭރުންނެވެ!
ނިންމާލުމުގެ ކުރިން މިދެންނެވި ކަންކަމަށް ބާރުދޭ މިސާލަކަށް ވެސް ބަލާމާ ހިންގަވާށެވެ. ދުނިޔޭގެ ފަތުރުވެރިކަމުގެ ލާމަސީލު އެއް ގައުމަކީ ތައިލެންޑެވެ. ނިސްބަތުން ހުރިހާ ވައްތަރެއްގެ ފަތުރުވެރިކަން އޮންނަ ގައުމެކެވެ. ނަމަވެސް ތައިލެންޑުގެ އިގްތިސޯދުގެ މައި ނާރެހަކީ ކުދި، މެދު ވިޔަފާރިތަކުގެ އުފެއްދުންތެރިކަމެވެ. ތައިލެންޑުގެ އުފެއްދުންތެރިކަމުގެ ސިޔާސަތު ތަފާތެވެ. މިސާލަކަށް އަންނައުނު އުފައްދާ ބޮޑެތި ކާރުޚާނާތަކުގެ 25 ޕަސެންޓް އުފައްދަން ޖެހެނީ ކުދި، މެދު ވިޔަފާރިތަކަށް އޯޑަރުދީގެންނެވެ. ބެންކޮކް މެދުތެރޭގައި ހެދުން ފަހާ ކުދި، ވިޔަފާރިތައް ބައިވަރެވެ. އެއީ ފެކްޓަރީތަކުގެ އޯޑަރަށް ހެދުމުގައި ގޮށްލައި، ގިރުވާންލައި، ޒިބް ހަރުކުރާ މީހުނެވެ. އެއީ ކުދި، މެދު ވިޔަފާރިތަކަށް ފުރުސަތުދިނުމުގެ ސިޔާސަތުގެ ދަށުން ހިންގާ ހަރަކާތެކެވެ. މަނިކުފާނުމެން ބޭނުންފުޅިއްޔާ ވަޑައިގެން ތައިލެންޑުގެ މޮޑެލް ދިރާސާކުރައްވާށެވެ.
މިރާއްޖޭގައި އެކަން ވެސް ތަފާތެވެ. ގިނަ ފަހަރު ރިސޯޓު ހަދަނީ ރިސޯޓު އޯނަރެވެ. ރިސޯޓު ހިންގަނީ، ރިސޯޓަށް ސަޕްލައިކުރަނީ، ޓްރާންސްޕޯޓް ފޯރުކޮށްދެނީ އަދި ޓްރެވަލް އެޖެންސީ ހިންގަނީ ވެސް ރިސޯޓު އޯނަރެވެ. މަލާމަތްކުރަނީކީ ނޫނެވެ. ފަހަރުގައި އެބޭފުޅުން އެކަން އެގޮތަށް އެކުރައްވަނީ އެހެން ގޮތެއް ނެތީމާ ކަމަށް ވެސް ވެދާނެ އެވެ. އެއީ ފަހަރުގައި ރިސޯޓު އޯނަރުން ބޭނުންފުޅުވާ އެންމެ ރަނގަޅު ގޮތް ނޫން ކަމަށް ވެސް ވެދާނެ އެވެ.
ފަހު ބަހަކަށް ދަންނަވާލަން އޮތީ ކުދި، މެދު ވިޔަފާރިތަކާ މެދު އަޅުގަނޑުމެންގެ ވިސްނުމާއި ދެކޭ ގޮތާ އެމީހުނާ މެދު އަޅުގަނޑުމެން ކަންކުރަމުން އައި ގޮތް ބަދަލުކުރަންވެއްޖެ އެވެ. ދިވެހި ކުދި، މެދު ވިޔަފާރިތަކަށް ރަނގަޅު އަލި މަގެއް ކޮށަމާ ހިންގަވާށެވެ. އިރާދަކުރެއްވިއްޔާ މިގައުމު ކުރިމަގު އުޖާލާވާނެ އެވެ. ފަތުރުވެރިކަމުގެ ބިޔަ ކުންފުނިތަކުގެ ޚިދްމަތް ވެސް އިތުރަށް ތަރައްގީވާނީ ކުދި، މެދު ވިޔަފާރިތައް ތަރައްގީވެގެންކަން ޔަގީނެވެ. މިދެ ބައި މީހުންނަކީ އެއް ބަޔަކު އަނެއް ބަޔަކަށް ބަރޯސާވާ ދެ ބަ އެވެ. ވަކިވަކި ދެ ބައެއް ނޫނެވެ. ކޮންމެއަކަސް ބުއްދިވެރިން ބުނާހެން އަޅުން ކުރާނީ މަސައްކަތެވެ ތައުފީގު ދެއްވަނީ މާތްރަސްކަލާނގެ އެވެ.
މަޝްހޫރު ނަމުން ނަމަ ނަފާ ނަސީމަކީ އިގުތިސާދީ ދާއިރާ އިން، ލީބިޔާ އާއި މެލޭޝިއާގައި، މަތީ ތައުލީމް ހާސިލްކުރައްވައި، އެކަމާ ގުޅޭ ޓީވީގެ ތަފާތު ޕްރޮގްރާމްތައް ތައްޔާރުކުރެއްވި، އަދި ބައެއް ލިއުންތައް ލިއުއްވަމުން ގެންދަވާ ބޭފުޅެކެވެ.
އިތުރު ވަޒީފާތައް ގެއްލި، ކުދި ވިޔަފާރިތައް ފުނޑިދާނެ
ޑިމާންޑް ނެތުމުން ޓޫރިޒަމްގެ އަގުތައް ދަށަށް
އިގްތިސާދީ ހަރަކާތް އިތުރު ވިޔަސް ޑޮލަރު ތާށި: ސާވޭ
2025 އަކީ ދަރަވަންދުއަށް ޒިޔާރަތްކުރާ އަހަރު
ޗައިނާގެ އިގްތިސާދު މަޑުޖެހި، ޔޫރަޕަށް ކުރިއެރުން
ޓެކްސްތައް ބޮޑުކޮށްގެން 2.7 ބިލިއަންގެ އާމްދަނީއެއް
އެމްއެމްއޭގެ އާ ގަވާއިދު: ތަންފީޒު ކުރެވޭނެ؟
އެމްއެމްއޭގެ ގަވާއިދާ މެދު މަޓީގެ ކަންބޮޑުވުން!
މުހިއްމު ގަވާއިދެއް، ގެސްޓް ހައުސްތަކަށް ގެއްލުންވެދާނެ
ޓޫރިޒަމުން ވަންނަ ޑޮލަރު ބޭންކަށް ޖަމާކުރަންލާޒިމްކޮށްފި