Roadha Mihaaru
އެކްސްޓްރެކްޝަންގެ ޓްރެއިލާ ކުޅެގެން ހޮލީވުޑަށް

އެކްސްޓްރެކްޝަންގެ ޓްރެއިލާ އަމިއްލަ އަށް ކުޅެގެން ހޮލީވުޑަށް

28 ޖޫން 2020

"އިކޮރޯޑޫ ބޮއިޒް" ގެ ނަމުން މަޝްހޫރުވެފައިވާ ތިން ކުދިންގެ ވާހަކަ މިފަހަރު މި އަންނަނީ ވަރަށް ހާއްސަކޮށެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

"އިކޮރޯޑޫ ބޮއިޒް" ގެ ނަމުން މަޝްހޫރުވެފައިވާ ތިން ކުދިންގެ ވާހަކަ މިފަހަރު މި އަންނަނީ ވަރަށް ހާއްސަކޮށެވެ.

މޮޅެތި ވީޑިއޯތައް ހަދައިގެން ގިނަ ބައެއްގެ ސަމާލުކަން ހޯދި މި ގްރޫޕުން މި ފަހަރު ގެނެސްދިނީ މިދިިޔަ އެޕްރީލް މަހު ނެޓްފްލިކްސް ސްޓްރީމްކުރި ކްރިސް ހެމްސްވޯތުގެ ފިލްމު "އެކްސްޓްރެކްޝަން" ގެ ޓްރެއިލާއެކެވެ. އެ ފިލްމުގެ ޓްރެއިލާގެ މަންޒަރުތައް ނަކަލުކޮށްގެން ޓްރެއިލާއެއް ގެނެސްދިންލެއް މޮޅުކަމުން އެތައް ބައެއްގެ ސަމާލުކަން ހުއްޓުނު އިރު، އޭގެ ތެރޭގައި "އެކްސްޓްރެކްޝަން" ދެ ޕްރޮޑިއުސަރުން ކަމަށްވާ އެންތަނީ އާއި ޖޯ ރުޒޯ ވެސް ހިމެނެ އެވެ. އެއާ އެކު މިހާރު ވަނީ ހޮލީވުޑަށް ދާން ދައުވަތު ވެސް ލިބިފަ އެވެ.

މި ޓްރެއިލާ ހެދި ކުދިންގެ ގްރޫޕްގައި ހިމެނެނީ މުއިޒް ސައްނީ، 15، އާއި މާލިކް ސައްނީ، 10، ގެ އިތުރުން އެ މީހުންނާ ދެބެއިންގެ ދެދަރި ފަވާސް އައިނާ، 13، އެވެ.

ތިން ކުދިން ފައްކާކޮށްފައި އޮތް ޓްރެއިލާ އަށް ތައުރީފުކުރަމުން ރުޒޯ ބްރަދާސް އިން ކުރި ޓްވީޓެއްގައި ވަނީ "އެކްސްޓްރެކްޝަން" ގެ ސީކްއެލްގެ ޕްރިމިއާގެ ދައުވަތު އެ ކުދިންނަށް ދީފަ އެވެ.

ހަމަމިއާ އެކު "އިކޮރޯޑޫ ބޮއިޒް" ގެ ޓްރެއިލާ ކަމުގޮސްގެން ނެޓްފްލިކްސް އިން ޓްވީޓްކޮށްފައިވާ އިރު، ހެމްސްވޯތު އެ ޓްރެއިލާ ސިފަކޮށްފައި ވަނީ "އެޕިކެއް" ގެ ގޮތުގަ އެވެ.

"އެކްސްޓްރެކްޝަން" ގެ ޓީމުން ލިބުނު އިޖާބައާ ގުޅިގެން "އިކޮރޯޑަސް ބޮއިޒް" ގެ މަސައްކަތުގެ ފަހަތުގައި އުޅޭ ބަބަޓުންޑޭ ސައްނީ، 23، ބުނީ މިއަށް ވުރެ ބޮޑު އުފަލެއް މިހާތަނަށް ނުލިބޭ ކަމަށެވެ. އަދި މިއީ އެ މީހުން ކުރާ މަސައްކަތަށް ލިބުނު ވަރަށް ބޮޑު ހިތްވަރެއް ކަމަށް ބުންޏެވެ. ބަބަޓުންޑޭ އަކީ މުއިޒާއި މާލިކްގެ ބޭބެ އެވެ.

"މިއީ އަސްލު އަހަރެމެން އިންތިޒާރުކުރި ދުވަހަކީ. ވަރަށް އުފާވެއްޖެ އެކްސްޓްރެކްޝަންގެ ޓީމުން އަހަރެމެންގެ މަސައްކަތް ފާހަގަކުރީމަ،" އޭނާ ބުންޏެވެ.

"އިކޮރޯޑޫ ބޮއިޒް" ގިނަ ބައެއްގެ ސަމާލުކަމަށް އައީ 2017 ގައި އާންމުކުރި އެ މީހުންގެ އިންސްޓަގްރާމް އެކައުންޓާ އެކީގަ އެވެ. އެ މީހުން މިހާތަނަށް ވަނީ "މޮޅެތި އެތައް އުފެއްދުމެއް" ގެނެސްދީފަ އެވެ. އެ މީހުންގެ އިސްޓަގްރާމާއި ޓްވިޓާގައި އިން އެ އެއްޗެހި ބަލައިލެވޭނެ އެވެ. މި ގްރޫޕްގެ އެއް ޝަރަފަކީ އެ މީހުންގެ ވާހަކަ މިހާރު ވިކިޕީޑީއާގައި ވެސް އޮތުމެވެ.

"އެކްސްޓްރެކްޝަން" ގެ ކާމިޔާބީއާ ގުޅިގެން ފިލްމުގެ ދެވަނަ ބައި ހަދާކަން އިއުލާންކުރީ މިދިޔަ މަހުގެ ތެރޭގަ އެވެ. އެކަމަކު އެ ފިލްމު ބެލުންތެރިންނަށް އަންނާނެ އިރެއް އަދި ނޭނގެ އެވެ. އެކަމަކު ޔަގީނުން ވެސް ދެން "އެކްސްޓްރެކްޝަން 2" އަށް ޕްރިމިއާ އަށް "އިކޮރޯޑޫ ބޮއިޒް" ފޭނުން ވަރަށް ބޮޑަށް އިންތިޒާކުރާނެ އެވެ.