Roadha Mihaaru
މަޝްވަރާކުރަނީ ޖުލައި 16 ގައި ބޯޑަރު ހުޅުވާލަން

މަޝްވަރާކުރަނީ ޖުލައި 16 ގައި ބޯޑަރު ހުޅުވާލަން: ނަޝީދު

22 ޖޫން 2020

ކޮވިޑް-19 އަށް ފަހު އިގްތިސާދީ ހަރަކާތްތައް ފެށުމުގެ ގޮތުން ރާއްޖޭގެ ބޯޑަރުތައް އަންނަ މަހު 16 ގައި ހުޅުވާލަން މަޝްވަރާ ކޮށްފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ކޮވިޑް-19 އަށް ފަހު އިގްތިސާދީ ހަރަކާތްތައް ފެށުމުގެ ގޮތުން ރާއްޖޭގެ ބޯޑަރުތައް އަންނަ މަހު 16 ގައި ހުޅުވާލަން މަޝްވަރާ ކޮށްފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

އެކަމަކު ކޮވިޑް-19އާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅުތަކާ އެކު އިގްތިސާދީ ހަރަކާތްތައް ހުޅުވާލަން ގޮވާލައި ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު ރަޝީދު ހުށަހެޅުއްވި ގަރާރުގެ ބަހުސްގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ ބޯޑަރު ހުޅުވާލަން ވަކި ތާރީޚެއް ކަނޑައެޅިފައި އަދި ނެތް ކަމަށެވެ.

"އަޅުގަނޑުމެންނަށް ކަނޑައެޅިގެން ތާރީޚެއް ނުހޯދި މިވަނީ ރާއްޖޭގެ ބޯޑަރުތަައް ހުޅުވާލާނެ. އަޅުގަނޑަށް މައުލޫމާތު ލިބިފައި އޮތް ދުވަހަކީ 16 ޖުލައި،" ނަޝީދު ވިދާޅުވި އެވެ.

"ދެން އެހެން ނަމަވެސް އެކަން ކަނޑައެޅިގެން ނިންމާ ގޮތަކާއި ވަގުތުތަކެއް އެއީ ސަރުކާރުން ނިންމާނެ ނިންމުންތަކެއް."

ސަރުކާރުން އިއުލާންކޮށްފައި ވަނީ ޖުލައި މަހު ބޯޑަރުތައް ހުޅުވާލާނެ ކަމަށެވެ. އެގޮތުން ރާއްޖެއަށް ދަތުރުތައް ފަށަން އެއާލައިންތަކާ އެކު ވެސް ގެންދަނީ މަޝްވަރާކުރަމުންނެވެ. އެކަމަކު ބޯޑަރުތައް ހުޅުވާލާނެ ސީދާ ވަކި ތާރީހެއް ސަރުކާރުން އަދި އިއުލާނެއް ނުކުރެ އެވެ.

އެ ގަރާރަށް ބަހުސް ކުރައްވަމުން، ހަނިމާދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އަބްދުލްޣަފޫރު މޫސާ ވިދާޅުވީ އިގްތިސާދީ ހަރަކާތްތައް ހުޅުވާލުމުގައި މަޖިލީހުގެ ބަހެއް އޮންނަން ޖެހޭ ކަމަށެވެ. އަދި ބައިނަލްއަގުވާމީ ދަތުރުތަކަށް އިތުރު އެއާޕޯޓްތައް ހުޅުވާލަން ސަރުުކާރުން ކުރާ މަސައްކަތަށް ތާއީދު ކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޭނާ ވަނީ އިގްތިސާދީ ހުރިހާ ހަރަކާތެއް މާލޭގައި އެކަނި އޮތް އޮތުން ބަދަލުކޮށް، އެކި ސަރަހައްދުތަކަށް ބަހާލަން ޖެހޭ ކަމަށް ވެސް ވިދާޅުވެފަ އެވެ.

"ހަމައެކަނި މާލެ ބަންދުކޮށްލީމަ ރާއްޖެ ހުއްޓޭ އުސޫލު، އެއް ބަޓަން އިން މުޅި އެތި އޮޕަރޭޓްކުރެވޭ އުސޫލު ނިމުމަކަށް އަންނާނެ. ދުނިޔޭގެ އެހެން ގައުމުތަކުން ވެސް މައްސަލަ އުޅޭ ސަރަހައްދުތައް ބަންދުކޮށްލައިގެން އެހެން ހިސާބުތަކުން އިގްތިސާދީ ފައިދާ ހޯދާ މަންޒަރު އެބަ ފެނޭ،" ޣަފޫރު ވިދާޅުވި އެވެ.

ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވީ އިގްތިސާދީ ހަރަކާތްތައް އަލުން ފަށާއިރު ބައެއް ސަރަހައްދުތަކުގައި ވިޔަފާރިތަކަށް ލުއިތަކެއް ދޭން ޖެހޭ ކަމަށެވެ. ރާއްޖެއިން އަބަދުވެސް ޓޫރިޒަމަށް އިގްތިސާދު ބިނާވުމުގެ ބަދަލުގައި މަސްވެރިކަމާއި އެހެން ދާއިރާތަކަށް މަސައްކަތް ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އެކަމަކު ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައި މަސްވެރިކަން ކުރާ މިންވަރާ ގާތަށް ވެސް ރާއްޖޭގައި މަސްވެރިކަން ނުކުރެވޭކަން، މައްސަލައެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވި އެވެ. އަދި ދައުލަތުގެ ބަޖެޓުން މަސްވެރިކަމަށް ކުރާ ހޭދަ ވެސް ވަރަށް ކުޑަކަމަށް ވިދާޅުވި އެވެ.

"ހަމައެކަނި ބަޖެޓަށް ބަލައިލެވޭއިރު މަސްވެރިކަމަށް ވޭތުވެދިޔަ ތަނުގައި [ސަރުކާރުތަކުން] ވެސް އަޅާނުލެވި އޮތީ. ބައެއް އަހަރުތަކުގައި ބަޖެޓުގެ ފަސް ޕަސެންޓް މި އޮންނަނީ މަަސްވެރިކަމަށް ކަނޑައެޅިފައި،" އަސްލަމް ވިދާޅުވި އެވެ.

އެ ގަރާރަށް ބަހުސް ކުރެއްވި އެހެން ގިނަ މެމްބަރުން ވެސް ގަރާރަށް ތާއީދުކުރެއްވި އެވެ. ދައުލަތުން އެންމެ ބޮޑު އިސްކަމެއް ދޭން ޖެހޭނީ އާންމު ރައްޔިތުންގެ ސިއްހީ ރައްކާތެރިކަމަށް ކަމަށާއި އެކަމަކު އޭގެ ސަބަބުން އިގްތިސާދީ ހަރަކާތްތައް ހުއްޓި، ދައުލަތުގެ އާމްދަނީ ދަށްވެގެން ދާތަން ބަލަން އަބަދު ނުތިބެވޭނެ ކަމަށް މެމްބަރުން ވިދާޅުވި އެވެ. އެތައް ބައެއްގެ ވަޒީފާ ގެއްލި އަދި ދިރިއުޅުމަށް ހުރަސް އެޅެމުންދާ ކަން ފާހަގަކުރައްވައި، ބައެއް މެމްބަރުން ވަނީ ހުރިހާ މުއައްސަސާތަކެއް ގުޅިގެން އިގްތިސާދީ ހަރަކާތްތަކަށް ޚާއްސަ މަސައްކަތްތަކެއް ފަށަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ.