Roadha Mihaaru

ރައްޔިތުންގެ އެކުވެރިންގެ ގޮތުގައި މެމްބަރުން ތިއްބަވާ: ނަޝީދު

ރާއްޖެ އިން ވެސް ކޮވިޑް ބަލީގެ 17 މީހަކު ފެނިފައިވާއިރު، ރައްޔިތުން ތިބީ ހާސްކަމާއި ހިތާމައިގައި ކަމަށާއި މިފަދަ ހާލަތުގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ތިއްބަވަން ވާނީ ރައްޔިތުންގެ އެކުވެރިންގެ ގޮތުގައި ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

މެމްބަރުން ވާންވީ ރައްޔިތުންގެ އެކުވެރިންނަށް: ނަޝީދު
މުހައްމަދު ނަސީމް
މުހައްމަދު ނަސީމް

30 މާޗް 2020

ރާއްޖެ އިން ވެސް ކޮވިޑް ބަލީގެ 17 މީހަކު ފެނިފައިވާއިރު، ރައްޔިތުން ތިބީ ހާސްކަމާއި ހިތާމައިގައި ކަމަށާއި މިފަދަ ހާލަތުގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ތިއްބަވަން ވާނީ ރައްޔިތުންގެ އެކުވެރިންގެ ގޮތުގައި ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

އެ މަނިކުފާނު މިހެން ވިދާޅުވީ، ކޮރޯނާވައިރަސް ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ގިނަ ބަޔަކު އެއްތަނަކަށް އެއްވުން ހުއްޓުވުމަށް ސަރުުކާރާއި ސިއްހީ އޮފިޝަލުން ބާރު އަޅުއްވާތީ، މަޖިލީހުގެ ތަޅުމުން ބޭރުން، އޮންލައިންކޮށް މިއަދު ބޭއްވި ފުރަތަމަ ޖަލްސާގަ އެވެ. މިއަދު ހެނދުނު 11:00 ގައި ފެށި މި ޖަލްސާ، މަޖިލީހުގެ ތަޅުމުގައި ނަޝީދު އިންނަވައިގެން ކުރިއަށް ގެންދެވީ ވީޑިއޯ ކޮންފަރެންސެއްގެ ގޮތުގަ އެވެ.

"ވާޗުއަލް ޖަލްސާ" ފައްޓަވަމުން ނަޝީދުު ވިދާޅުވީ، ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ރާއްޖޭގައި ފުޅާ ދާއިރާއެއްގައި މަަސައްކަތްކުރާ މި ދަނޑިވަޅުގައި، މަޖިލީހުގެ ޖަލްސާތައް ބޭއްވުން ވަރަށް މުހިއްމު ކަމަށެވެ. ރައްޔިތުންނަށް ބޮޑު ކަމެއް ކުރިމަތިވާ ކޮންމެ ފަހަރަކު އެ މީހުން އެންމެ ފުރަތަމަ ގުޅާނީ މެންބަރުންނަށް ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

މިއަދުގެ ޖަލްސާގައި މެމްބަރު އާދަމް ޝަރީފް އޮންލައިންކޮށް ވާހަކަ ދައްކަވަނީ.

މިއަދުގެ ޖަލްސާގައި މެމްބަރު އާދަމް ޝަރީފް އޮންލައިންކޮށް ވާހަކަ ދައްކަވަނީ.

"އަޅުގަނޑު ދެކޭގޮތުގައި ތިޔަ އިއްޒަތްތެރި މެމްބަރުން މި ވަގުތުގައި ތިއްބަވަން ޖެހޭނީ އެ ރައްޔިތުންނަށް ފަސޭހައިން ގުޅޭ ގޮތުގައި. އަބަދުވެސް ރައްޔިތުންގެ ޝަކުވާ އަޑު އަހަން ތައްޔާރަށް. އަޅުގަނޑަށް ވެސް އެނގޭ އަޅުގަނޑުމެންނަށް މިއަދު ރައްޔިތުންގެ ހުރިހާ ޝަކުވާތަކުގެ ޖަވާބެެއް ނުދެވިދާނެ،" ނަޝީދު ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވި ގޮތުގައި، ރައްޔިތުން އެދޭ ހުރިހާ ކަމެއް ނުކޮށްދެވުނަސް އަދި ރައްޔިތުންގެ ފަރާތުން މެމްބަރުން އެދިވަޑައިގަންނަވާ ހުރިހާ ކަމެއް (ސަރުކާރަށް) ނުކޮށްދެވުނަސް މެމްބަރުން ތިއްބަވަން ވާނީ ގުޅިފަ އެވެ.

"އަޅުގަނޑުމެންގެ ރާއްޖޭގެ ރައްޔިތުންގެ ހަގީގީ ރަހުމަތްތެރިންނަށް ތިޔަ އިއްޒަތްތެރި މެމްބަރުން ވުމަކީ އަޅުގަނޑު ދެކޭ ގޮތުގައި ވަރަށް މުހިއްމު ކަމެއް،" ނަޝީދު ވިދާޅުވި އެވެ.

ކޮވިޑް-19 ގެ ސަބަބުން ކުރިމަތިވާ އިގުތިސާދީ ދަތިކަމުން އަރައިގަތުމަށް ކުރަމުުން އަންނަ ކަންކަން ކާމިޔާބުވާނެ ކަަމަށް ވިދާޅުވެ، ސަަރުކާރުގެ މަސައްކަތަށް ނަޝީދު ތައުރީފު ކުރެއްވި އެވެ. ކޮވިޑް-19 ފެތުރުނަ ނުދިނުމަށް އަޅަން ޖެހޭ ފިޔަވަޅުތައް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އަޅުއްވަމުން ގެންދަވާ ކަމަށާއި ސިއްހީ މާހިރުންގެ ލަފާ އައްސަަވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

"އަޅުގަނޑު ދަންނަވާނީ އަޅުގަނޑުމެންގެ ރާއްޖޭގެ ރައްޔިތުން، އާދެ އަޅުގަނޑުމެން އެންމެން ވެސް ކަންބޮޑުވޭ، އެހެން ނަމަވެސް އިތުބާރު ކުރައްވާ. އަޅުގަނޑުމެން މި ތިބީ މި ރާއްްޖޭގެ ރައްޔިތުންނާ އެކީގައި. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް މި ދުވަހުން އަރައިގަނެވޭނެ" ނަޝީދު ވިދާޅުވި އެވެ.

ރާއްޖެ އިން ކޮވިޑް-19 ޖެހުނު 17 މީހުންގެ ތެރެއިން 13 މީހަކު ރަނގަޅު ވެފައިވާ ކަމަށް ސަރުކާރުން ރޭ އިއުލާން ކުރި އެވެ. ރާއްޖެ އިން އެ ބަލި މިހާތަނަށް ޖެހިފައި ވަނީ ދެ ދިވެއްސެކެވެ. އެ ދެ މީހުންގެ ތެރެއިން ފުރަތަމަ މީހާ ޕޮޒިޓިވްވީ މިދިޔަ ހުކުރު ދުވަހު އެވެ. ދެވަނަ މީހާ ޕޮޒިޓިވްވިކަން އިއުލާން ކުރީ އިއްޔެ އެވެ. އެއީ، ވެސް އިނގިރޭސި ވިލާތުން ރާއްޖެ އައިސް ކަރަންޓީން ފެސިލިޓީތަކުގައި ތިބި ދެ ދެ މީހެކެވެ.