Roadha Mihaaru
"ޝަރީއަތް ފަށާފައި ދައުވާ އިސްލާހުކުރަން ނުގެންދެވޭނެ"

ޝަރީއަތް ފެށުމަށް ފަހު ދައުވާ އިސްލާހު ކުރަން މައްސަލަ އަނބުރާ ނުގެންދެވޭނެ: ހައި ކޯޓް

19 ޖޫން 2020

މަދަނީ މައްސަލަތަކުގެ އަޑުއެހުންތައް ފެށުމަށް ފަހު ދައުވާ އިސްލާހުކުރަން ކަމަށް ބުނެ ދައުވާ އަނބުރާ ނުގެންދެވޭނެ ކަމަށާއި އަދި އަނބުރާ ގެންދާ މައްސަލަތައް އަލުން ހުށަހެޅުމުގެ ފުރުސަތު ދިނުމުގައި ބައެއް ކަންތައްތައް ކޯޓުތަކުން ބަލަންޖެހޭ ކަމަށް ހައި ކޯޓުން އިއްޔެ ކަނޑައަޅައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މަދަނީ މައްސަލަތަކުގެ އަޑުއެހުންތައް ފެށުމަށް ފަހު ދައުވާ އިސްލާހުކުރަން ކަމަށް ބުނެ ދައުވާ އަނބުރާ ނުގެންދެވޭނެ ކަމަށާއި އަދި އަނބުރާ ގެންދާ މައްސަލަތައް އަލުން ހުށަހެޅުމުގެ ފުރުސަތު ދިނުމުގައި ބައެއް ކަންތައްތައް ކޯޓުތަކުން ބަލަންޖެހޭ ކަމަށް ހައި ކޯޓުން އިއްޔެ ކަނޑައަޅައިފި އެވެ.

މަދަނީ މައްސަލަތަކުގައި އާންމުކޮށް ތިން ގޮތަކަށް ދައުވާ އަނބުރާ ގެންދެވެ އެވެ. އެއީ ދައުވާ ދޫކޮށްލުމުގެ ގޮތުން އަނބުރާ ގެންދާ ގެންދިއުމާއި ދައުވާ އިސްލާހުކުރަން އަނބުރާ ގެންދިއުމުގެ އިތުރުން ސަބަބެއް ބަޔާން ކުރުމެއް ނެތި އަނބުރާ ގެންދިއުމެވެ. ބައެއް މައްސަލަތަކުގައި އަޑުއެހުންތައް ނިމުމަކާ ގާތުގައި އޮއްވައި ދައުވާ އިސްލާހުކުރަން ކަމަށް ބުނެ ނުވަތަ އެއްވެސް ސަބަބެއް ބަޔާން ކުރުމެއް ނެތި ވެސް ދައުވާ އަނބުރާ ގެންދިއުމަށް ފަހު އަނެއްކާވެސް އަލުން ހުށަހަޅަ އެވެ.

ޝަރޫ ލޯންޗް ސާވިސް އިން މޮރިޝަސް ކޮމާޝަލް ބޭންކް (އެމްސީބީ) އާ ދެކޮޅަށް ދައުވާކުރި މައްސަލައެއް ޝަރޫ އިން އަނބުރާ ގެންދަން ބޭނުންވުމުން އެ ދައުވާ ފަހުން ކުރެވޭ ގޮތަށް އެ މައްސަލަ ސިވިލް ކޯޓުން ބާތިލްކުރި މައްސަލަ އެމްސީބީން އިސްތިއުނާފް ކުރުމުން ހައި ކޯޓުން ކުރި ހުކުމުގައިވަނީ ދައުވާ އިސްލާހުކުރަން ކަމަށް ބުނެ ދައުވާއެއް އަނބުރާ ގެންދެވޭނީ އަޑުއެހުންތައް ފެށުމުގެ ކުރިން ކަމަށެވެ. އަދި ވަރަށް ޚާއްސަ އިސްތިސްނާ ހާލަތްތަކެއްގައި މެނުވީ އަޑުއެހުންތައް ފެށުމަށް ފަހު ދައުވާ އިސްލާހުކުރަން ކަމަށް ބުނެ ފަހުން ދައުވާ ކުރެވޭ ގޮތަށް އެ މައްސަލަ އަނބުރާ ގެންދިއުމުގެ ފުރުސަތު ނުދެވޭނެ ކަމަށާއި އޭގެ ބޭނުމަކީ އިންސާފުގެ ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ފުރުސަތު ނުދިނުން ކަމަށް އެ ހުކުމުގައިވެ އެވެ.

"ދައުވާއެއްގެ ޝަރީއަތް ހިންގަން ފެށުމަށް ފަހު ދައުވާ ބަދަލު ކުރުމަށް ނުވަތަ ދައުވާ ފޯމަށް އިސްލާހުތައް ގެނައުމަށް ފުރުސަތު ދެވެނީ ނަމަ، ނިކުމެދާނެ އެއް ނަތީޖާއަކީ މައްސަލައެއްގައި ދެކެވުނު ވާހަކަތަކާއި ހުށަހެޅުނު ހެކި ގަރީނާތަކުގެ މައްޗަށް ބިނާކޮށް ދައުވާ ބަދަލު ކުރަމުން ގެންދިއުން ކަމާއި." ހުކުމުގައިވެ އެވެ.

ފަނޑިޔާރު އަލީ ސަމީރު ރިޔާސަތު ބެލެހެއްޓެވި ބެންޗަކުން އިއްވެވި އެ ހުކުމުގައިވާ ގޮތުން ދައުވާއެއް އިސްލާހުކުރަން ނުވަތަ ސަބަބެއް ބަޔާން ކުރުމެއް ނެތި ދައުވާ އަނބުރާ ގެންދާ ހާލަތުގައި، އެ ދައުވާ އަލުން ހުށަހެޅިދާނެ ކަމަށް ކޯޓުން ކަނޑައެޅުމުގެ ކުރިން ބައެއް ކަންކަން ކޯޓުތަކުން ބަލަން ޖެހޭނެ އެވެ. އެގޮތުން ދައުވާ އަނބުރާ ގެންދަން އެދެނީ މަގްބޫލު ސަބަބެއް އޮވެގެންތޯ އާއި އެކަން ކުރަނީ ދައުވާ ކުރުމުގެ ބާރު ނަހަމަ ގޮތުގައި ކުރުމަށް ތޯ ބަލަން ޖެހޭނެ ކަމަށް އެ ހުކުމުގައިވެ އެވެ.

"މައްސަލައެއް ހުށަހެޅުމަށް އޮންނަ ހައްގުގެ ބޭނުން ކުރަނީ މީހަކަށް ޖެއްސުންކޮށް، އުނދަގޫ ކުރުމުގެ ގޮތުން ނުވަތަ އުފެދިފައިވާ ހުސޫމަތަކާ މެދު ވަކި ގޮތެއް ނުނިންމާ ދިގު ދެންމުމުގެ ގޮތުން ނުވަތަ ގެއްލުމެއް ދިނުމުގެ ގޮތުން ނުވަތަ އެ ބާވަތުގެ އެފަދަ ކަމެއް ކުރުމުގެ ގަސްދުގައި ކަމަށްވަނީ ނަމަ، އެއީ އެކަމެއް ރައްދުވާ ފަރާތެއްގެ ހައްގުގައި އަދުލުވެރި އަދި އިންސާފުވެރި ގޮތެއް ކަމަށް ބެލެވެން ނޯންނާނެ..." ތިން ފަނޑިޔާރުންގެ އިއްތިފާގުން އިއްވެވި އެ ހުކުމުގައި ބުނެފައިވެ އެވެ.

ހުކުމުގައިވަނީ އިންސާފުގެ ބޭނުން ނަހަމަ ގޮތުގައި ބޭނުންކުރާ ކަން ކޯޓުތަކުން ދެނެގަންނަން ޖެހޭނީ ކޮންމެ މައްސަލައެއް ވެސް ވަކިން ހުށަހެޅިފައިވާ ކަންކަމާއި ދެކެވޭ ވާހަކަތަކަށް ބިނާކޮށްގެން ކަމަށެވެ. އަދި އަދުލު އިންސާފުގެ ބޭނުން ނަހަމަ ގޮތުގައި ހިފުމުގެ ފުރުސަތު ނުދިނުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަކީ ކޯޓުގެ މަސްއޫލިއްޔަތެއް ކަމަށާއި އަދި ސުޕްރީމް ކޯޓުން ބައެއް ނިންމުންތައް އެގޮތަށް ނިންމާފައި ހުރި ކަން ހުކުމުގައި ފާހަގަކޮޮށްފައިވެ އެވެ.

އެ މައްސަލާގައި، ޝަރޫ އިން އެމްސީބީއާ ދެކޮޅަށް ދައުވާކުރި މައްސަލަ އެ ކުންފުނިން އަނބުރާ ގެންދިިޔައީ ދައުވާ އިސްލާހު ކުރަން ކަމަށް ބުނެ ކަމަށް ވިޔަސް އެގޮތަށް އެދުނީ ކީއްވެގެން ކަން އެ ކުންފުނިން ބަޔާން ކޮށްދީފައި ނެތް ކަމަށް އެ ހުކުމުގައިވެ އެވެ. އަދި އެ މައްސަލާގައި ކަން ހިނގި ގޮތަށް ބަލާއިރު އެ ދައުވާ އިސްލާހުކޮށް، އަލުން ހުށަހެޅުމުގެ ފުރުސަތު ދިނުމަކީ ކޯޓުތަކުގެ ބޭނުން ނަހަމަ ގޮތުގައި ކުރުމުގެ ފުރުސަތު ދިނުން ކަމަށް އެ ހުކުމުގައިވެ އެވެ.

އެހެންވެ، ދައުވާ އިސްލާހުކޮށް އަލުން ހުށަހެޅުމުގެ ފުރުސަތު ޝަރޫއަށް ލިބޭ ގޮތަށް ސިވިލް ކޯޓުން މައްސަލަ ބާތިލްކުރި ކުރުން ބާތިލްކުރާ ކަމަށް އެ ހުކުމުގައިވެ އެވެ.

ފަނޑިޔާރު ސަމީރު ރިޔާސަތު ބެލެހެއްޓެވި ބެންޗުގައި ދެން ތިއްބެވީ ފަނޑިޔާރު މުހައްމަދު ނިޔާޒްގެ އިތުރުން ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމެވެ.