Roadha Mihaaru
އެސްޓީއޯ ފްލެޓުތައް އަޅައިދޭ ކުންފުނީގެ އެހީ ރާއްޖެއަށް

އެސްޓީއޯގެ ފްލެޓުތައް އިމާރާތްކުރާ ޗައިނާގެ ކުންފުނިން ސިއްހީ ސާމާނު ހަދިޔާކޮށްފި

13 ޖޫން 2020

ހުޅުމާލޭގައި އެސްޓީއޯގެ ފްލެޓުތައް އިމާރާތް ކޮށްދޭ ޗައިނާގެ ކުންފުނިން ރާއްޖެ އަށް ބޭނުންވާ ސިއްހީ ސާމާނުތަކެއް މިއަދު ހަދިޔާކޮށްފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ހުޅުމާލޭގައި އެސްޓީއޯގެ ފްލެޓުތައް އިމާރާތް ކޮށްދޭ ޗައިނާގެ ކުންފުނިން ރާއްޖެ އަށް ބޭނުންވާ ސިއްހީ ސާމާނުތަކެއް މިއަދު ހަދިޔާކޮށްފި އެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އެސްޓީއޯގެ ފްލެޓްތައް އިމާރާތް ކޮށްދޭ "ދަ 23 އެމްސީސީ އޮފް މިންމެޓަލްސް" އިން އެ ތަކެތި ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އާ ހަވާލުކުރީ އެސްޓީއޯއާ ގުޅިގެންނެވެ.

އެންއީއޯސީގެ ފަރާތުން އެ ސާމާނުތަކާ ހަވާލުވެވަޑައިގަތީ ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންް އޮތޯރިޓީ (އެންޑީއެމްއޭ) ގެ ސީއީއޯ ހިސާން ހަސަން އެވެ.

ޗައިނާގެ ކުންފުނިން ހަދިޔާކުރި ތަކެތީގެ ތެރޭގައި 4،800 ފޭސް މާސްކާއި ޕީޕީއީ ކިޓުތަކުގެ އިތުރުން ދެ މީހުންގެ ދޭތެރޭގައި ދުރުމިން ބަހައްޓައިގެން ހުން ބަލާ ތާމޯމީޓަރުތަކާއި އަންގި އާއި ސެނިޓައިޒާ އަދި ގޮގަލްސް ފަދަ ސާމާނު ހިމެނޭ ކަމަށް އެސްޓީއޯ އިން ބުންޏެވެ.

އެސްޓީއޯއިން ކުރި ޓްވީޓު-

މި ތަކެއްޗަކީ ކޮވިޑް-19އާ ދެކޮޅަށް މަސައްކަތް ކުރާ މީހުންނަށް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމުގެ ގޮތުން ފޯރުކޮށްދޭ އިތުރު އެހީއަކަށް ވާނެ ކަމަށް އެސްޓީއޯ އިން ބުނެ އެވެ.

ޗައިނާ ސަރުކާރުންނާއި އެ ގައުމުގެ އެހެން ބައެއް ކުންފުނިތަކުން މީގެ ކުރިން ވެސް ރާއްޖެ އަށް ވަނީ ކޮވިޑް-19 އާ ގުޅިގެން ސިއްހީ ސާމާނު ހަދިޔާކޮށްފަ އެވެ.

ރާއްޖޭގައި ކޮވިޑް-19 ފެތުރެމުން އައި ނަމަވެސް މިހާރު ދުވާލެއްގެ މައްޗަށް ޕޮޒިޓިވްވާ މީހުން ފެންނަ މިންވަރު ވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ. އެހެންވެ، ދެ މަސް ދުވަހަށް ފަހު، މާލެ ސަރަހައްދުގެ ލޮކްޑައުން އަށް އަންނަ ހޯމަ ދުވަހުން ފެށިގެން ބޮޑު ލުޔެއް ދިނުމަށް ސަރުކާރުން ވަނީ ނިންމައިފަ އެވެ. އެ އުސޫލުގެ ދަށުން ހޯމަ ދުވަހުން ފެށިގެން ކޮންމެ ދުވަހެއްގެ ފަތިހު 5 ން ރޭގަނޑު 10 އަށް ހުއްދައަކާ ނުލައި ބޭރުތެރޭގައި އުޅެވޭނެ އެވެ. މީގެ އިތުރުން އެ ދުވަހުން ފެށިގެން މާލެ ސަރަހައްދުގެ ފިހާރަތައް ވެސް އާންމުކޮށް ހުޅުވުމުގެ ހުއްދަ އޮނާނެ އެވެ.

މި ބަދަލާ އެކު، ރާއްޖޭގައި ބަލި ފެތުރުން މަދުވެއްޖެ ނަމަ އަންނަ މަހުން ފެށިގެން އިތުރު ލުއިތަކެއް ވެސް ދޭނެ އެވެ. މީގެ ތެރޭގައި ބޯޑަރާއި ރިސޯޓުތަކާއި ގެސްޓް ހައުސްތައް ހުޅުވައިލުން ހިމެނެ އެވެ.